[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢައުރަ ނިވާކުރުމުގައި ފަރުވާކުޑަކުރުން 4

* ޢައުރަ ނިވާކުރުމުގައި މީސްތަކުން ފަރުވާކުޑަކުރުން

– ޢައުރަ ނިވާކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް މީސްތަކުންވަނީ ފަރުވާކުޑަކޮށްފައެވެ. އެގޮތުން ފިރިހެނުން ފަލަމަސްގަނޑު ކަޝްފުކުރުން ހިމެނެއެވެ. އެހެނީ ބައެއްމީހުންގެ މެދުގައިވާ ޖާހިލިއްޔަ ވިސްނުމެއްގެ ސަބަބުން ބުނެއުޅެއެވެ. “ޢައުރަ ވަނީ އަންހެނުންނަށެވެ. ފިރިހެނުންނަށް ޢައުރައެއް ނުވެއެވެ.” ފަހެ، މިކަމުގެ ސަބަބުން ވަރަށް ގިނަ ފިރިހެނުން މަޖިލިސްތަކުގައި ފަލަމަސްގަޑު ކަޝްފުކޮށްގެން ތިބޭކަން ފާހަގަވެއެވެ. އަދި އެބައިމީހުންނަށް އެކަމަށް ސަމާލު ކުރުމުން ބުނެއެވެ. “ފިރިހެނުންނަށް ޢައުރައެއް ނުވެއެވެ.” އެބައިމީހުން އެބުނި ބަހުގެ ބޮޑުކަމާއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((غَطِّ فَخِذَكَ فَإِنَّ الْفَخِذَ عَوْرَةٌ)) [صححه الالباني في صحيح الجامع]

މާނައީ: “ފަލަ މަސްގަނޑު ނިވާކުރާށެވެ. ފަހެ، ހަމަކަށަވަރުން ފަލަ މަސްގަނޑަކީ ޢައުރައެވެ.”

އެހެނެއްކަމަކު އެބައިމީހުން މިބުނަނީ ފިރިހެނުންނަށް ޢައުރައެއް ނުވެއެވެ.

– ކުޑަކުދިންގެ ކުރިމަތީގައި ޢައުރަ ނިވާކުރުމަށް ގިނަ މީހުންވަނީ ވަރަށް ބޮޑަށް ފަރުވާކުޑަ ކޮށްފައެވެ. ބާލިޣުވާން ގާތްވެފައި ތިބޭ ފިރިހެން ކުދިންގެ ކުރިމަތީ ޢައުރަ ނިވާކުރުމުގައި ފަރުވާކުޑަކުރުން ވަނީ ޢާންމުވެފައެވެ. ބާލިޣުވުމަށްފަހު އެކުދިންނާމެދު ބަލަންވާނީ ފިރިހެނުން ފަދައިންނެވެ. ނަމަވެސް މިއަދުގެ މުޖުތަމަޢުގައި ޢާންމުވެފައިވާ ފިލްމުތަކާއި، މަޖައްލާތަކާއި، އަދި އެނޫންވެސް ފާޙިޝް ކަންތައްތަކުގެ ސަބަބުން ބާލިޣުވާން ގާތްވެފައިވާ ކުދިންނަށް އަންހެނުންގެ ރީތިކަމާ ގުޅުންހުރި ކަންކަން އެނގެއެވެ. އެހެނެއްކަމަކު އަންހެނުންވަނީ އެކުދިންގެ ކުރިމަތީ ފަރުވާކުޑަކޮށްލާފައެވެ. ފިރިހެން ކުދިންނަށް އަންހެނުންގެ ރީތިކަން އެނގޭވަރުވުމުން އެކުދިންގެ މަޙްރަމް ނޫން އަންހެނުންގެ ތެރެއަށް ވައްދައިގެން ނުވާނެއެވެ. އެފަދަ ކުދިން މަޙްރަމް ނޫން އަންހެނުންގެ ތެރެއަށް ވެއްދުން ހުއްދަވެގެން ނުވެއެވެ.

– ކުޑަކުދިން ހެދުން އެޅުވުމުގައި ބެލެނިވެރިން ފަރުވާކުޑަކޮށްލާފައިވާތަން ވެސް ފެނެއެވެ. އެގޮތުން ނުވަ އަހަރު ނުވަތަ ދިހަ އަހަރުގެ އަންހެންކުދިން އެކުއްޖާގެ ބޮޑުބޭބެއިން ނުވަތަ ބޭބެގެ ފިރިހެން ދަރިން ނުވަތަ ދައްތަގެ ފިރިހެން ދަރިންގެ ކުރިމަތީގައި ކަކުލަށްވުރެ މައްޗަށް ހުންނަ ކުރު ހެދުން ލައިގެން އުޅެއެވެ. ނަމަވެސް ދަންނާށެވެ. މިޒަމާނުގައި ފާޙިޝް ކަންތައްތަކާއި ފަސާދަ ވަނީ ޢާންމުވެފައެވެ. އަދި ފިޠުރަތާ ޚިލާފު ޖަރީމާތައްވެސް މިވަނީ ޢާންމުވެފައެވެ. ފިތުނަ މިވަނީ ފެތުރި ޢާންމުވެފައެވެ. ﷲ ތަޢާލާ ރަޙްމަތް ލެއްވިމީހެއްގެ މެނުވީ ޢިއްފަތްތެރިކަމެއް ނެތެވެ. އެހެންކަމުން މިކަމުން ރައްކާތެރިވެވެން އޮތް މަގުން ކުރިއަށް ދިޔުން ހުއްޓެވެ. ފަހެ، މިކަމުގައި ފަރުވާކުޑަކޮށް ނުލާށެވެ. -ﷲ ތަޢާލާ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާށިއެވެ.- އަޅުގަނޑުމެންގެ އަންހެން ދަރިންނާއި ފިރިހެން ދަރިން ތަރުބިއްޔަތުކުރުމުގައި ޢައުރަ ނިވާކުރުމުގެ މުހިންމުކަން ކުޑައިރުއްސުރެ ބުނެދީ އެކަމަށް ހާނުވާށެވެ. އެހެން ނޫންނަމަ އަންހެން ދަރިން ބާލިޣުވެ ޙިޖާބުވުމަށް ވާޖިބުވާއިރު އެކުދިންނަށް އެކަން ވާނީ ނުހަނު އުނދަގޫ ކަމަކަށެވެ. އޭރުން އެކުދިން ބުނާނެއެވެ. “އަހަރެމެންގެ ނަފްސުތަކަށް މިކަމުން އުނދަގޫވެއެވެ. އެއީ އަހަރެމެން މިކަމަށް އާދަވެފައި ނެތުމުންނެވެ.” މިއީ އަންހެން ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައާއި ބައްޕަ ފަރުވާކުޑަވުމުން ވާގޮތެވެ.

=ނުނިމޭ=

_____________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް