[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިޔަޢީ ރާފިޟީންގެ ޢަޤީދާ 1

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމީ އުންމަތުގެ ތެރޭގައި އެކިއެކި ބައިބައިވުންތައް ފެށިފައިވަނީ ޢުޘްމާނުގެފާނުގެ ޚިލާފަތުގައެވެ. އެއަށް ފަހު ކޮންމެ ޒަމާނެއްގައިވެސް ޢަޤީދާގެ އެކި މައްސަލަތަކާއި އެނޫންވެސް ޚިލާފުތައް ފާޅުވެފައިވެއެވެ. އެގޮތުން ޢަލީގެފާނުގެ ޚިލާފަތުގައި ޢަލީގެފާނަކީ އިލާހެއްކަމުގައި ދެކި، ބަޔަކު އެކަލޭގޭފާނަށް އަޅުކަންކުރުމުން އެކަލޭގެފާނުވަނީ އެބައިމީހުން ޤަތުލުކޮށްފައެވެ. ނަމަވެސް އެ ޢަޤީދާ އިތުރަށް ފެތުރި މިއަދާ ހަމައަށްވެސް އޭގެ އަސަރުތައްވަނީ ދެމިގެން އައިސްފައެވެ.

މިއަދުގެ ޢަރަބި ދުނިޔޭގެ ވަރަށް ގިނަ ކަންކޮޅުތަކަށް މިބައިމީހުންވަނީ ފެތުރިފައެވެ. އެގޮތުން އީރާނުގައި ވެރިކަންކުރަނީ މިބައިމީހުންނެވެ. އަދި އެތަނުގެ އާބާދީގައި މިބައިމީހުން ނުހަނު ގިނައެވެ. މިލިޔުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ ޝިޔަޢީންގެ ފިރުޤާއެއްކަމުގައިވާ ރާފިޟީންގެ ބައެއް ޢަޤީދާތަކަށެވެ.

 

ކީރިތި ޤުރުއާން ބަދަލުވެފައިވާކަމަށް އިޢުތިޤާދުކުރުން

ސޫރަތުލް ވިލާޔާ އާމެދު ދަންނައެވެ. ޝިޔަޢީންގެ ބައެއް ޢިލްމުވެރިންނާއި އިމާމުން އެސޫރަތް ވާކަމަށް އިޤްރާރުވެއެވެ. [މިއީ ޝިޔަޢީން ހަދައިގެން އުޅޭ ސޫރަތެކެވެ. އެސޫރަތްވާކަމަށް އެމީހުންގެ ތެރެއިން އިންކާރުކުރާ ބަޔަކު އެކަން ކުރަނީ އޮޅުވާލުމުގެ ގޮތުންނެވެ.] އެސޫރަތް ވާކަމަށް ޞަރީޙަކޮށް ބުނެފައިވާ އެކަކީ އެމީހުންގެ މީހެއްކަމުގައިވާ މިރުޒާ ޙުސައިން މުޙައްމަދު ތަޤިއްޔު އައްނޫރުއް ޠަބަރްސީ އެވެ. އޭނާ މަރުވެފައިވަނީ ހިޖުރައިން 1320 ވަނަ އަހަރެވެ. ކީރިތި ޤުރުއާން ބަދަލުކޮށްފައިވާކަށް ދަޢުވާކޮށް އޭނާވަނީ ފޮތެއް ލިޔެފައެވެ. އަދި ޞަޙާބީންވަނީ ޤުރުއާނުން ބައެއް ފޮރުވާފައިކަމާއި އޭގެ ތެރޭގައި ސޫރަތުލް ވިލާޔާ ހިމެނޭކަމަށް އޭނާ ދަޢުވާކުރިއެވެ. އޭނާ މަރުވުމުން ރާފިޟީން އޭނާއަށް މާތްކޮށް ހިތާ ނަޖްފުގައި[1] އޭނާ ވަޅުލިއެވެ. ހިޖުރައިން 1298 ވަނަ އަހަރު އީރާނުގައި އައްޠަބަރްސީގެ މިފޮތްވަނީ ޗާޕުކޮށްފައެވެ. މިފޮތް ޗާޕުކުރެވުމާއެކު އެބައިމީހުންގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ޤުރުއާނުގެ ޞައްޙަކަމާބެހޭގޮތުން އުފައްދާފައިވާ ޝައްކުތައް އެންމެ ފޮތެއްގައި ޖަމާކޮށްފައި އޮތުމަށްވުރެ، އެމީހުންގެ އިތުބާރުހުރި އެތައް ސަތޭކަ ފޮތްތަކުގައި ހިމަނަން އެބައިމިހުން ބޭނުންވިއެވެ.

އޭނާ އެފޮތް ފަށަމުން ބުނެފައިވެއެވެ.

“މިއީ ކުޑަ ފޮތެކެވެ. އަދި މާތް ފޮތެކެވެ. މިފޮތަށް ދީފައިވާ ނަމަކީ “ފަޞްލުލް ޚިޠާބު ފީ އިޘްބާތި ތަޙްރީފި ކިތާބި ރައްބިލް އަރްބާބި”އެވެ. (ރައްބުންގެ ވެރި ރައްބުގެ ފޮތަށް ބަދަލުގެނެސްފައިވާކަން ޘާބިތުކޮށްދޭ ވާހަކަތަކެވެ.)…” އަދި ޞަޙާބީން ފޮރުވާފައިވާ ކަމަށް ދަޢުވާކުރާ އާޔަތްތަކަކާއި ސޫރަތްތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ސޫރަތުލް ވިލާޔާ ހިމެނެއެވެ. އެފޮތުގައިވާ ޢިބާރާތަކީ:

” يا أيها الذين آمنوا آمنوا بالنبي والولي الذين بعثناهما يهديانكم إلى الصراط المستقيم نبي وولي بعضهما من بعض وأنا العليم الخبير … “

މާނައީ: “އޭއީމާންވެއްޖެ މީސްތަކުންނޭވެ. ނަބިއްޔާއާއި ވަލީވެރިޔާއަށް އީމާންވާށެވެ. އެއީ ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށް ފޮނުއްވުނު ދެބޭކަލުންނެވެ. ނަބިއްޔަކާއި ވަލީވެރިއެކެވެ. އެދެބޭކަލުންގެކުރެ އެއްބޭކަލަކު ވަނީ އަނެއް ބޭކަލެއްގެ ކިބައިންނެވެ. ތިމަންއިލާހީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހެވެ…”

އަދި އެބައިމީހުން އެހެން ސޫރަތެއްވެސް ހަދާފައިވެއެވެ. އެއީ ސޫރަތުއްނޫރައިނިގެ ނަމުން ނަންދީފައިވާ ސޫރަތެކެވެ.

“ފަޞްލުލް ޚިޠާބު ފީ އިޘްބާތި ތަޙްރީފި ކިތާބި ރައްބިލް އަރްބާބި” ގައި ޠަބަރްސީ ބުނެފައިވާ ފަދައިން އެމީހުންގެ ފޮތެއްކަމަށްވާ “ދަބަސްތާން މަޛާހިބު”ގައިވެސް އެވާހަކަތައް ވެއެވެ. އެއީ އީރާނުބަހުން މުޙްސިން ފާނީ އަލްކަޝްމީރީ އެކުލަވާލާފައިވާ ފޮތެކެވެ. މިފޮތް އީރާނުގައި އެތައްފަހަރަކު ޗާޕުކޮށްފައިވެއެވެ. މުޞްޙަފްތަކުގެ ތާރީޚްގެ ނަމުގައި މުސްތަޝްރިޤެއްކަމުގައިވާ ނޯލްޑެކީ ލިޔެފައިވާ ފޮތުގައި ﷲ ތަޢާލާއަށް ނިސްބަތްކޮށް ހަދާފައިވާ މިދޮގު ސޫރަތް ނަކަލުކޮށްފައިވެއެވެ. އަދި 1842 ވަނަ އަހަރު “ފްރެންޗް އޭޝިއަން” ނޫހެއްގައި (ޞަފްޙާ 431 – 439) ޝާއިޢުކޮށްފައިވެއެވެ.

“މިންހާޖުލް ބަރާޢާ ފީ ޝަރްޙި ނަހްޖިލްބަލާޣާ” އޭ ކިޔުނު ފޮތުގައި (2 / 217) މީރްޒާ ޙަބީބުﷲ އަލްހާޝިމީ އަލް ޚޫއީ އަދި އީރާނުގެ މަންޝޫރާތުލް މައުލާނާ އިން ފަރަންސޭސި ބަހުން ޗާޕުކޮށްފައިވާ “ތަޛްކިރަތުލް އައިއްމާ”އޭ ކިޔުނު ފޮތުގައި (ޞަފްހާ 19، 20) މުޙައްމަދު ބާޤިރު އަލްމަޖްލިސީވެސް އެވާހަކަ ޛިކުރުކޮށްފައިވެއެވެ.

މުޙިއްބުއްދީން އަލްޚަޠީބުގެ “الخطوط العريضة للأسس التي قام عليها دين الشيعة” ބައްލަވާލައްވާށެވެ.

 

ޚުލާޞާ:

އެބައިމީހުންގެ މިދައުވާއަކީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅާ ޚިލާފު ދައުވާއެކެވެ.

﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ [سورة الحجر ٩]

މާނައީ: ” ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ، ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން، ތިމަންއިލާހު، އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”

ޤުރުއާން ވަނީ އުނިކޮށްފައި ނުވަތަ ބަދަލުކޮށްފައިކަމުގައި ބުނާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި މުސްލިމުންވަނީ އިޖުމާޢު ވެފައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ.

“ހަމައެފަދައިން ޤުރުއާނުގެ އާޔަތްތަކެއް ނަގާފައިވާކަމަށް ބުނާމީހާ ނުވަތަ އޭނާގެ މައްޗަށް ޝަރުޢު ކުރައްވާފައިވާ ޢަމަލުތަކެއް ކުރުމަށް ހުރަސްއެޅޭފަދަ ބާޠިލު ތަފްސީރުތަކެއްކުރާމީހާ ވަނީ ޤަރާމިޠާ އަދި ބާޠިނިއްޔާ އަދި ތަނާސުޚިއްޔާގެ ތެރެއިންނެވެ. އެބައިމީހުންނީ ކާފިރުންކަމާމެދު ޚިލާފެއް ނެތެވެ.”

[ الصارم المسلول  ( 3 / 1108 – 1110 )]

އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ.

“القول بأن بين اللوحين تبديلا : كفر صحيح وتكذيب لرسول الله صلى الله عليه وسلم”

މާނައީ: “މުޞްޙަފުގެ ދެބަނޑޭރިގަނޑުގެ ދެމެދުގައިވާ އެއްޗެއް (އެބަހީ: ކީރިތި ޤުރުއާން) އެވަނީ ބަދުލުކުރެވިފައިވާކަމަށް ބުނުމާމެދު ދަންނައެވެ. އެއީ ޞަރީޙަ ކުފުރެވެ. އަދި އެއީ ރަސޫލާ صلى الله عليه وسلم ދޮގުކުރުމެވެ.”

[الفِصَل في الأهواء والملل والنِّحَل(4/139) .] [2]

 

=ނުނިމޭ=

________________________________

[1]  ނަޖްފަކީ އިރާޤުގެ ރަށެކެވެ.

[2]   https://islamqa.info/ar/21500

 

 

މިލިޔުމުގެ އެހެންބައިތައް