[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް އެހެން ދުވަސްތަކަށް ވުރެ ޚާއްސަވީ ކީއްވެބާ؟

 

 

އަހަރުމެންނާ ބަރަކާތުން ފުރިގެންވާ ޙައްޖުމަހުގެ ދުވަސްތަށް ކުރިމަތިލައިފައިވާއިރު ވަރަށް ގިނަ ބައެއްގެ ސުވާލަކަށް ވެފައިވަނީ މިދުވަސްތައް އަހަރުގެ ތެރޭގައި އަންނަ އެހެން ދުވަސްތަކަށްވުރެ ޚާއްސަވީ ކީއްވެތޯއެވެ؟ އަދި އޭގެ ސަބަބުތަކަކީ ކޮބައިތޯއެވެ؟ އާދެ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް އަހަރުގެ ތެރޭގައި އަންނަ އެހެން ދުވަސްތަކަށްވުރެ ޚާއްސަވީ ވަރަށް ގިނަގުނަ ސަބަބުތަކަށްޓަކައެވެ. އޭގެ ތެރޭގައި ހިމެނެނީ :

* ކީރިތި ޤުރުއާނުގައި މިދުވަސްތައް ގަންދެއްވައި ﷲ ތަޢާލާ ބަސްފުޅު ވަޙީކުރައްވާފައިވުން.

  މުސްލިމުންނަށް ހިދާޔަތެއްގެ ގޮތުގައި ބާވައިލެއްވުނު ހިދާޔަތުގެ އަލިގަދަ ނޫރުކަމުގައިވާ ކީރިތި ޤުރުއާނުގެ ފަޖުރު ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (( وَالْفَجْرِ * وَلَيَالٍ عَشْرٍ )) މާނައީ: “ފަތިހުގެ އަލިކަން ގަންދެއްވަމެވެ. އަދި ދިހަ ރޭވެސް ގަންދެއްވަމެވެ. “މިއާޔަތުގައި އައިސްފައިވާ ދިހަ ދުވަހާ ބެހޭގޮތުން ابن عباس رضي الله عنهما ، ابن زبير އަދި مجاهد ރަޙިމަހުމުﷲ ގެ އިތުރުން އިހާއި ފަހުގެ ގިނަ މުފައްސިރުން ވިދާޅުވެފައިވަނީ ” އެއީ ޙައްޖު މަހުގެ  ދިހަ ދުވަސްކަމުގައެވެ. “ އަދި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އެންމެ ޞައްޙަ ބަހަކީ މިއެވެ. “

* މިއީ ހެޔޮ ޢަމަލުކުރުމަށް އެންމެ އިތުރުކަން ބޮޑު ދުވަސްތައްކަން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞައްޙަ ޙަދީޘުން އެގެން އޮތުން.

 އިމާމް އަބޫދާވޫދުގެ ރަޙިމަހުﷲ ގެ އަރިހުން އަލްބާނީ ރަޙިމަހުﷲ ސައްޙަ ކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. (( مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ. يَعْنِى أَيَّامَ الْعَشْرِ. قَالُوا يَا رَسُولَ اللَّهِ وَلاَ الْجِهَادُ فِى سَبِيلِ اللَّهِ قَالَ  وَلاَ الْجِهَادُ فِى سَبِيلِ اللَّهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ. )) މާނައީ: “އެދުވަސްތަކެއްގައި ކުރާ ހެޔޮޢަމަލުތައް ﷲގެ ޙަޟްރަތުގައި  އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ކަމުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް މެނުވީ ނުވެއެވެ. ޞަޙާބީން ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އެހެނަމަވެސް އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާ މެނުވީއެވެ. “

* މިދުވަސްތަކުގައި ގިނަގިނައިން ތަސްބީހާއި ތަޙްލީލާއި ތަކްބީރުގެ އިތުރުން ތަހުމީދު ކިޔުމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައިވުން.

 އިމާމްއަޙްމަދު ރަޙިމަހުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد ))  މާނައީ : ” މި ދިހަ ދުވަހަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑުވެގެންވާ، އަދި ހެޔޮ ޢަމަލުކުރުން އެއިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހުލީލާއި، ތަކްބީރާއި، ތަޙްމީދު ކިޔުން ގިނަކުރާށެވެ. “ ތަސްބިހައަކީ (( سبحان الله! )) ، ތަހްމީދަކީ (( الحمد الله! )) ، ތަޙްލީލަކީ (( لاإله إلا الله ! )) އަދި ތަކްބީރަކީ (( الله أكبر! )) މިއެވެ.

* ޙައްޖުމަހުގެ މިދުވަސްތަކުގެ ތެރޭގައި ޢަރަފާތްދުވަހާއި އަޟްޙާ ޢީދު ދުވަސް ހިމެނިގެންވުން.

  ޢަރަފާތް ދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. މިއީ އިސްލާމްދީން އެކީއެކަށް ފުރިހަމަވެގެން އައިސްފައިވާ ދުވަހެވެ. މި ދުވަހާމެދު ރަސޫލާ ޞައްލާﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ޢަރަފާތް ދުވަހަށްވުރެ ގިނައިން އެދުވަހެއްގައި ﷲ ތަޢާލާ އަޅުތަކުން ނަރަކައިން މިނިވަންކުރައްވާ ދުވަހެއް ނުވެއެވެ. “ މިދުވަހު ރޯދަހިފުން ޙައްޖުވެރިން ނޫންމީހުންނަށް ސުންނަތްވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްޙަދީޘްކުރައްވާފައިވެއެވެ. ((صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ وَالسَّنَةَ الَّتِى بَعْدَهُ)) – رواه مسلم  މާނައީ: ” ޢަރަފާތްދުވަހު ރޯދަހިފައިފި މީހެއްގެ އިސްވެގޮސްފައިވާ އަހަރުގެ ފާފައާއި، ކުރިއަށްއޮތް އަހަރުގެ ފާފާ ފުއްސަވާނޭކަމަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ. “

 އަޟްޙާ ޢީދު ދުވަހަކީ އުޟްހިޔާ ކަތިލުމުގެ ދުވަހެވެ. ނަޢަމް ސޫފީގެ ބާވަތަކުން ﷲ އަށް ޤުރުބާނީކޮށް ސަލާމްލެއްވި އިބްރާހީމްގެފާނުގެ މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކޮށް ﷲއަށް ތަކްބީރުކިޔައި، ތަކުބީރުގެ އަޑުން މުޅި އިސްލާމީ އުއްމަތް ގުގުމާލަންވީ މަތިވެރި ދުވަހެވެ. އަދި މިއީ ދުވަސްތަކުގެ ތެރެއިން އެންމެ މަތިވެރި ދުވަހެވެ. މިދުވަހާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (( إِنَّ أَعْظَمَ الأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ )) – رواه أبوداود و صححه الألباني މާނައީ: ” ހަމަކަށަވަރުން ނަޙުރުގެ ދުވަހަކީ (ޢީދު ދުވަހަކީ) ﷲ ތަބާރަކަ ވަތަޢާލަގެ ޙަޟްރަތުގައި އެންމެ ބޮޑު(ޝަރަފުވެރި، މާތް) ދުވަހެވެ. “

______________________________________

އަޞްލު : http://islamqa.com