[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإيمان ( އީމާންކަން ) – 3

 

މަލާއިކަތުންނަށް އީމާންވުން

މަލާއިކަތުންނަކީ ކޮބާ : މަލާއިކަތުންނަކީ ﷲ ތަޢާލާގެ މަޚްލޫޤާތްތަކުގެ ތެރެއިން ޢައިބުގައިވާ މަޚުލޫޤެކެވެ. މަލާއިކަތުން ހައްދަވާފައިވަނީ ނޫރުންނެވެ. އެ މަލާއިކަތުންނަކީ ހަމައެކަނި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެއިލާހުއަށް ހަޟްރަތަށް ބޯ ލެނބުމުގެ ޞިފަ ލައްވާފައިވާ މަޚްލޫޤެކެވެ. ބޮޑާވުމާއި ﷲ ތަޢާލާއަށް އުރެދުމުގެ ޞިފަ އެ މަލާއިކަތުންގެ ކިބައިގައި ނުވެއެވެ. އަދި ކޮންމެ މަލާއިކަތަކަށްވެސް ޚާއްސަ وَظِيْفَة އެއް ހަވާލުކުރެވިފައިވެ.

އެގޮތުން ޖިބްރީލު ޢަލައިހިއްސަލާމް އަކީ ވަޙީގެ މަލާއިކާތާއެވެ. ﷲ ތަޢާލާގެ އިޒްނައާއި އެކު ފުރާނަތައް ހިއްޕެވުމުގެ މަލާއިކަތާއަކީ މަލަކުލްމައުތު ޢަލައިހިއްސަލާމެވެ. އަދި މިނޫނަސް އެ ބޭކަލުންގެ ނަންފުޅުތަކާއި وَظِيْفَة ތައް ކީރިތި ޤުރުއާނައި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަ ޙަދީޘްތަކުން  އެނގެންހުރި މަލާއިކަތުން ވެއެވެ.

މަލާއިކަތުންނަށް އީމާންވާނީ ކިހިނެއް؟

1 – މަލާއިކަތުންނަށް އީމާންވުމުގައި، އެ މަލާއިކަތުންނަކީ ޣައިބުގެ ޢާލަމުތަކުގެ ތެެރެއިން ޢާލަމެއްކަމާއި، މީސްތަކުންގެ ލޯމައްޗަށް ﷲ ތައާލާގެ އިޒްނައާއެކު އެއިލާހު އިރާދަކުރެއްވި އަޅަކަށް އެމަލާއިކަތުން ފެނުންވެސް އެކަށީގެންވާކަމަށް އީމާންވާންޖެހެއެވެ. ނަމަވެސް އަޞްލަކީ އެ މަލާއިކަތުންނަކީ މީސްތަކުންގެ ލޯމައްޗަށް ނުފެންނަ މަޚްލޫޤެއްކަމާއި އެއީ ނޫރުން ޚަލްޤުކުރެވިފައިވާ މަޤްލޫޤެއްކަމަށް އީމާންވާންޖެހެއެވެ.  އަދި އެމަލާއިކަތުން ދުވަހަކުވެސް ﷲ ތަޢާލާއަށް ނުއުރެދޭނެކަމާއި ﷲ ތަޢާލާ އަމުރުކުރައްވާ ކޮންމެކަމެއް ކުރައްވާކަމަށް އީމާންވާންޖެހެއެވެ. ﷲ ތަޢާލާ التحريم ސޫރަތުގެ 6 ވަނަ ވަޙީކުރައްވާފައި ވެއެވެ. ” لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ” މާނަ : ” އެމަލާއިކަތުންނަކީ ﷲ ތަޢާލާގެ އަމުރުރުފުޅުތަކަށް އުރެދޭ ބަޔެއްނޫނެވެ. އަދި އަމުރު ވެވޭ ކަންތައްތައް ކުރައްވައެވެ.”

2 – އަދި އަޅުގަނޑުމެނަށް ކީރިތި ޤުރުއާނާއި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަ ޙަދީޘްތަކުން، ޘާބިތުވާންހުރި، މަލާއިކަތުންގެ ނަންފުޅުތަކާއި އަދި އެމަލާއިކަތުންގެ وَظِيْفَة ތައް ޤަބޫލުކޮށް އެއަށް އީމާންވާންޖެހެއެވެ.

މާލާއިކަތުންނަށް އީމާންވުމުގެތެރެއިން ލިބޭ ބައެއް ފައިދާތައް :

  • ﷲ ތަބާރަކަ ވަތަޢާލާގެ މަތިވެރިކަމާއި އެއިލާހުގެ ވެރިކަމުގެ ހައިބަވަންތަކަމާއި ބޮޑުކަން ހާމަވެގެންދެއެވެ.
  • އާދަމުގެ ދަރިންގެ ރައްކާތެރިކުރެއްވުމަށް ﷲ ތަޢާލަ މަލާއިކަތުން ލައްވާފައިވުމުން ، އެކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވުން.
  • ﷲ ތަޢާލާގެ އަށް އަޅުވެތިވުމުގައި ތިބޭ އަޅުންނަށް މަލާއިކަތުން ލޯބިކުރުން. އަދި މަލާއިކަތުންގެ އެމީހުންނަށްޓަކައި އިސްތިޣްފާރުކުރުން.

                                                               –  ނުނިމޭ –

( ދެން އޮތް ބައިގައި އިންޝާﷲ ފޮތްތަކަށް އީމާންވުމާއި ބެހޭގޮތުން ގެނެސްދެވޭތޯ ބަލާނަމެވެ.)