[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތް ﷲގެ ޢަޛާބަށްވުރެ މަރުވުންވެސް މާ ރަނގަޅެވެ.

އެއްސަހަރެއްގައި ވަރަށް މުއްސަނދި ވިޔަފާރިވެރިއެއް އުޅުނެވެ. އޭނާއަކީ އޭނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ނިޢުމަތްތަކަށް ޝުކުރު ނުކުރާ، ހިތްހަރު މީހެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވިޔަފާރިވެރިޔާގެ ގޭގެ ދޮރުގައި މީހަކު ޓަކިދިނެވެ. އަވަސް އަވަހަށް ދޮރުހުޅުވާލާ ބޭރުބަލައިލިއެވެ. އެއާއި އެކު ފެނުނީ އޭނާދުވަހަކުވެސް ދެކެފައިނުވާފަދަ ރީތި އަންހެން ކުއްޖެކެވެ. އުފަލުން އެތެރެއަށް ވަނުމަށް އެ އަންހެން ކުއްޖާއަށް ދަޢުވަތުދިނެވެ. ނަމަވެސް އެއީ އެއަންހެންކުއްޖާ ވިޔަފާރިވެރިޔާގެ ގާތަށް އައި މަޤްސަދު ފުރިހަމަ ކޮށްދިނުމަކަށް ނޫނެވެ. އެހެން ކަމުން އެކުއްޖާ އެކަމަށް އިންކާރުކުރިއެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވާލާނޭ ކާއެއްޗަކަށް އެދުނެވެ. ފަޤީރުކަމާއި ބަނޑުހައި ހޫނުކަމުގެ ސަބަބުން އަންނަންޖެހުނީ ކަމަށްވެސް ބުންޏެވެ. ނަމަވެސް  އެ ހިތްހަރު މީހާގެ ހިތަކަށް  މި އާދޭސްތަކުން އެއްވެސް އަސަރެއްނުކުރިއެވެ. އެހެންކަމުން އެއަންހެން ކުއްޖާ އެތަނުން ދާން ހިގައިގަންނަމުން ބުންޏެވެ. ” ﷲ ގެ ޢަޒާބަށްވުރެ ހައިހޫނުކަމުގައި ހުރެ މަރުވުންވެސް އަހަރެންނަށް މާ ރަނގަޅެވެ.”

ދުވަސްތަކެއް ފަހެވެ. އަންހެންކުއްޖާގެ ޙާލު މާ ބޮޑަށްވެސް ދަށަށް ހިނގައްޖެއެވެ. ކާނޭ އެއްޗެއް ނުލިބި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވެ އަނަރޫފަވެއްޖެއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮއްލާނެ މީހަކުނުވުމުން ވިޔަފާރިވެރިޔާގެ ގެއަށް ދެވަނަ ފަހަރަށް ވެސް އަންހެން ކުއްޖާ ދިޔައެވެ. އަދި ކާނެ އެއްޗެއް ދިނުމަށް އެދުނެވެ. ނަމަވެސް އޭނާގެ ޖަވާބަކަށް ވީ ހަމަ ފުރަތަމަ ފަހަރުގެވެސް ޖަވާބެވެ. “ތިބާ އަހަރެންނަށް އިޖާބަނުދޭހާ ހިނދަކު އަހަރެން ތިބާގެ ބޭނުން ފުއްދައެއްނުދޭނަމެވެ”. ވިޔަފާރިވެރިޔާ ހަރުކަށިކަމާއެކު ޖަވާބުދިނެވެ. އަންހެންކުއްޖާގެ ހިތް ކުދިކުދިވި ކަހަލައެވެ. އެއާއެކު އެއްވެސްް ހިފެހެއްޓުމެއްނެތި ކަރުނަތަށް ކޯތާފަތް މައްޗަށް އޮހޮރެންފެށިއެވެ. ކުރި ފުން އަސަރެއްގެ ބޮޑުކަމުންނެވެ. އެ ޙާލުގައިވެސް އެ އަންހެންކުއްޖާގެ ދުލުން ބޭރުވީ ޙައްޤުގެ ބަހެެވެ. ﷲގެ ޢަޒާބަށްވުރެ ބަނޑުހައިހޫނުކަމުގައި ހުރެ މަރުވުންވެސް މާރނގަޅު ކަމުގައި އަންހެންކުއްޖާ ބުންޏެވެ.

މި މުއުމިން އަންހެންކުއްޖާގެ ކެއްތެރިކަމާއި ﷲ އަށް ބިރުވެތިވާ މިންވަރު ފެނުމުން ވިޔަފާރިވެރިޔާގެ ހިތުގައި ޖެހުނެވެ. ކުރެވެންއުޅުނު ފާފައިގެ ބޮޑުކަން ވިސްނި ގިސްލެވެންފެށިއެވެ. އޯގާވަންތަ ﷲ ގެ މަތިން ހަނދުމަވެ އެކަލާނގެއަށް ތައުބާވިއެވެ. އެއަށްފަހު ވިޔަފާރިވެރިޔާ އަވަސްވެގަތީ އަންހެން ކުއްޖާގެ ބަންޑުހައި ހޫނުކަން ފިލުވައިލާނޭ ކާއެއްޗެއް ދިނުމަށެވެ. އަންހެން ކުއްޖާ ބަނޑުބޮޑުވަންދެން ކެއުމުން ވިޔަފާރިވެރިޔާގެ ހިތުގެ އެދުން އަންހެންކުއްޖާގެ ކުރިމަިގައި ފާޅުކުރިއެވެ. ކުރީފަހަރާ ޚިލާފަށް މިފަހަރު އޭނާގެ އެދުމަކަށްވީ އަންހެންކުއްޖާއާ ކައިވެނި ކުރުމެވެ. އަންހެންކުއްޖާ އުފަލުން އެކަން ޤަބޫލުކުރިއެވެ.

އޭ އަޚާއެވެ! އޭ އުޚުތާއެވެ!  ތިބާ ފާފައެއް ކުރުމަށް ބިރުވެތިވާނަމަ އެންމެ ފަހުވަގުތުގައި ވެސް އެފާފައަކުން ތިބާގެ ނަފްސު ސަލާމަތް ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ތިބާ ބޭނުންވާ ކަމެއް ޙަރާމް ގޮތުގައި ކުރުމުގެ ބަދަލުގައި، ހުއްދަގޮތުގައި އެކަން ކުރުމުގެ މަގު އިސްލާމްދީން ފަހިކޮއްދެއެވެ.

އަޞްލު: ސްޓޯރީސް އޮފް ރިޕެންޓެންސް (ދާރުއްސަލާމް)