[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭ އިސްލާމްދީނަށްޓަކައި ޤުރުބާންވާން ތައްޔާރަށްތިބި ދިވެހި ދަރީންނޭވެ! މިޤައުމަށް ތުރުކީއަށް ވީހެން ވިޔަދީގެން ނުވާނެއެވެ.

ތުރުކީވިލާތް ނުވަތަ އާންމު ބަހުންނަމަ ތުރުކީއަކީ ޔޫރަޕާއި އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. 29 އޮކްޓޯބަރ 1923 ވަނަ އަހަރު ތުކުރީގައި ޢިއުލާންކުރެވުނު ޖުމްހޫރިއްޔަތު ވެގެންދިޔައީ ތުރުކީގައި 623 އަހަރު ވަންދެން އޮތް އުޘްމާނީ ޚިލާފަތު ނެތިގެންދިޔަކަމެއްކަމުގައެވެ. މިގޮތުން ތުރުކީގައި އޮތް ޢުޘްމާނީ ޚިލާފަތު އުވާލުމުގެ މޭސްތިރިކަމުގައި ބެލެވޭ ޢިލްމާނިއްޔަތަށް އިސްކަމެއް ދެއްވި މުޞްޠަފާ ކަމާލް ބާޝާ ނުވަތަ އަތާތުރުކު ވެގެންދިޔައީ ތުރުކީގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަށެވެ. މުޞްޠަފާ ކަމާލު އަތާތުރުކު އިސްމާލީ ތުރުކީ، ސެކިއުލަރ ތުރުކީއަކަށް ބަދަލުކޮށްލުމަށް ރާވައި ޤާނޫނުތައް ހަދައި ތުރުކީގެ ރައްޔިތުންގެ މަޖުލީސް އޭނާގެ އެދުމާ އެއްގޮތަށް ހަމަޖައްސައި އިސްލާމްދީނާ ދެކޮޅަށް ވަރަށް ވަރުގަދަ މަސައްކަތްތަކެއް ފެށިއެވެ.

މިދެންނެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީގައި އިސްލާމްދީން މަނާކުރެވުނެވެ. މިސްކިތްތަކުގައި ތަޅުއެޅުވުނެވެ. ކީރިތި ޤުރުއާނާއި، ޙަދީޘާއި، ފިޤުހުގެ ފޮތްތައް ޗާޕުކޮށް ޝާއިޢުކުރުން މަނާކުރެވުނެވެ. ތުރުކީބަސް ޢަރަބި އަކުރުން ލިޔުން ހުއްޓަވައި ތުރުކީގައި ލެޓިން އަކުރު ޢާއްމުކުރެވުނެވެ. ޢަރަބިބަހުން ބަންގި ގޮވުން ހުއްޓުވިއެވެ. ދީނީ ތައުލީމު ދިނުން މަނާކުރުވިއެވެ. ދީނީ މަދަރުސާތައް ބަންދުކުރެވުނެވެ. ބުރުގާ އެޅުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމުގައި ކަނޑައެޅުނެވެ. ދެޖިންސު މައްސުނިކޮށްގެން ކިޔަވައިދިނުން ލާޒިމުކުރިއެވެ. ތުރުކީގެ ޤާނޫނުތަކަށް ބަދަލު ގެނެސް ސުވިޒަލޭންޑުގެ މަދަނީ ޤާނޫނާއި، އިޓަލީގެ ޖިނާއީ ޤާނޫނާއި، ޖަރުމަންވިލާތުގެ އިޤްތިޞާދީ ޤާނޫނުތަކާއި ވިޔަފާރިއާބެހޭ ޤާނޫނުތައް ތުރުކީގައި ހިންގަން ފެށުނެވެ. މުޖުތަމަޢުގައި ފާޙިޝްކަންކަމާއި އޮރިޔާންކަން އާއްމުކުރެވުނެވެ. ސަރުކާރުގެ ޙިމާޔަތުގެ ދަށުން މުޅި ޤައުމުގައި ރާބޯ ތަންތަނާއި ޖުވާކުޅޭ ތަންތަން ހުޅުވިއެވެ. ހަށި ވިއްކުމަކީ ޤަވާއިދުން ލައިސަންސް ލިބިގެން ހިނގާ ވިޔަފާރިއަކަށް ވެގެންދިޔައެވެ. ނަށާ ތަންތަން ހުޅުވުނެވެ. ރާބުއިމުގެ އިންތިޒާމު ހަމަނުޖެހޭގޮތަކަށް ޤައުމުގެ އެއްވެސް ހިސާބެއްގައި ހޮޓަލެއްވެސް ނުވަތަ ރެސްޓޯރެންޓެއްވިޔަސް ހުޅުވުން މަނާކޮށް ޤާނޫނުތައް ފާސްކުރެވުނެވެ.

މިދެންނެވި ލާދީނީ ފިޔަވަޅުތަކުގެ ސަބަބުން ހައިރާންވެ އަންތަރީސްވާފަދަ އޮރިޔާންކަންކަމަކާއި ފާޙިޝްކަންކަން ތުރުކީގައި އާންމުވިއެވެ. އިސްލާމީ ޙިޖާބު ކީއްކުރަންތޯއެވެ. އަންހެނަކު އޭނަގެ ބޯ ނިވަވާގޮތަށް ސްކާފެއްހާ މިންވަރުވެސް އެޅުން މަނާކުރެވުނެވެ. އިސްލާމީ ޙިޖާބު އަޅައިގެން ނުވަތަ ސްކާފް އަޅައިގެންހުރި މީހަކު ފެންނައިރަށް އެތަނަކަށް ފުލުހުން އެއްވެއެވެ. އަންހެން ކުއްޖަކު ބޯނިވައިކޮށްފިނަމަ އެކުށުގެ އަދަބަކަށްވަނީ ކޮލެޖް ނުވަތަ ޔުނިވަރސިޓީން އެކުއްޖަކު ކަނޑައި ބޭރުކޮށްލުމެވެ. މިކަމުގައި ހައްދުފަހަނަޅައިފައިވާ މިންވަރު ދޭހަކޮށްދޭ އެއް ޙާދިޘާއަކީ ތުރުކީގެ ޕާލަމެންޓަށް ހޮވިވަޑައިގެންނެވި ބޭކަނބަލަކަށް ސްކާފްތުރުކުރައްވައިގެން ހުވާކުރެއްވުމުގެ ހުއްދަ ނުދިނުމެވެ. ސިފައިންގެ ނުވަތަ ސިވިލް ބިއުރޯކްރެސީގެ އޮފިސަރުންގެ ތެރެއިން، އިސްލާމީ ޙިޖާބު ނުވަތަ ސްކާފް ތުރުކުރައްވާ އަނބިކަނބަލަކު އިންނަވާ ބޭފުޅުންގެ ވަޒީފާ ނުރައްކަލަށް ހުށަހެޅުނެވެ. ސިފައިންގެ އެތައް އޮފިސަރުންނެއްވަނީ އެބޭފުޅުންގެ އަނބިއަނބިކަނބަލުން ސްކާފް ތުރުކުރެއްވުމުގެ ކުށުގައި ގަދަކަމުން ރިޓަޔަރ ކުރުވައިފައެވެ.

މުޞްޠަފާ ކަމާލު އޭނާ ތަޢާރަފް ކުރި ހުރިހާ ލާދީނީކަމެއްގެ ބެލެނިވެރީންކަމުގައި ހަމަޖެއްސީ ތުރުކީ ސިފައިންނެވެ. ޤައުމުގެ ހުރިހާ ދާއިރާތަކާއި ހުރިހާ އޮފީސްތަކެއް ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. މުސްޠަފާ ކަމާލަށް ފަހުގައިވެސް  ތުރުކީގައި އެބައިމީހުން ނުރުހޭ ކަހަލަ ސަރުކާރެއް އުފެދިއްޖެނަމަ، އެތައް ފަހަރަކު ސިފައިންވަނީ ޕާލަމެންޓް އުވާލައި އެބައިމީހުން ނުޤަބޫލު ސިޔާސީ ބޭފުޅުން ގެއަށް ފޮނުވައިލާފައިވެއެވެ. ތުރުކީގައި އޮތް އިސްލާމީ އިޖްތިމާއީ ނިޒާމު ތުރުކީވިލާތުން މުޅިން އެކީއެކަށް އުވާލެވުނެވެ. ނަމަވެސް ﷲ ރަޙުމަތްފުޅުން ޒަމާންތަކަކަށްފަހު އިސްލާމްދީނުގެ އަޞަރު އަނެއްކާވެސް މިއަދު ތުކުރީގައި އަލާވުމުގެ ހެކިތައް ފެންނަމުން ދެއެވެ. ހުރިހާ ޙަމްދެއްވަނީ ވަނީ ހުރިހާ އުނި ސިފަތަކަކުން ހުސްޠާހިރުވެ ވޮޑިގެންވާ ﷲ ތަޢާލާއަށެވެ.

އޭ ދިވެހި ދަރީންނޭވެ. ތުރުކީއަށްވެގެން ދިޔަ ގޮތަކީ މިއަދު މިޤައުމުގެ ކޮންމެ ދަރިއަކު އެއިން އިބްރަތް ޙާޞިލުކޮށްލަންޖެހޭފަދަ އެތަށްކަމެއް އޭގައި އެކުލެވިގެންވާ ކަމެކެވެ. އެހެނީ ދިވެހިރާއްޖެ މިދާ ގޮތުން ވަރަށް ކައިރި މުސްތަޤުބަލެއްގައި ދެކުނު އޭޝިޔާގެ ތުކުރީއަށް މިޤައުމު ނުވާނެއެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެކަން ޔަޤީނެވެ. އެހެނީ ކޮންމެ ދުވަހަކު ދިވެހީން ސިއްސުވަލަނީ ދިވެހީން ދުވަހަކުވެސް އުއްމީދުވެސް ނުކުރާފަދަ ޚަބަރަކުންނެވެ. މިހެންކަންތައްވުމުގެ ކުރިން އިސްލާމްދީނަށްޓަކައި މިޤައުމުގެ ކޮންމެ ދަރިއަކު ތެދުވާންވެއްޖެއެވެ. މި ސައްތައިން ސައްތަ މުސްލިމު ޤައުމު އަމާން ބަނދަރަކަށް ގެންދިޔުމުގެ ޒިންމާ އެޅިފައިވަނީ ހަމަ އަޅުގަނޑުމެންގެ ބޮލުގައެވެ. މިއީ ވަރުގަދަ ޖިހާދެކެވެ. ތައްޔާރުތޯއެވެ. އަވަސްވެގަންނާށެވެ.