[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްދުވަހަކީ ކޮންދުވަހެއްތޯއެވެ؟

އާދެ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްކަމާއި މެދަކު މުއުމިނަކު ޝައްކެއްނުކުރާނެއެވެ. ޤިޔާމަތް ދުވަހޭބުނުން ކޮންމެ މުސްލިމަކަށްވެސް އެއީކޮންދުވަހެއްކަން އެނގޭނެއެވެ. ނަމަވެސް އިންސާނުންނަކީ ވަރަށް އަވަހަށް ހަނދާންނެތޭބައެކެވެ. މާއްދިއްޔަތުގެ އަނދިރިކަމުގައި ޖެހި ޣާފިލުވާބައެކެވެ. އެކަކު އަނެކަކަށް ހައްޤައް ވަޞިއްޔަތްކޮށް ހެދުމަށް ދީނުގައި އަންގަވާފައިވަނީ އެހެންވެގެންނެވެ. އަދި ހަނދުމަކޮށްދިނުމުން މުއުމިނުންނަށް ފައިދާކުރާނެކަމުގައި ﷲ ތަޢާލާ އަންގަވާފައިވެއެވެ.

އާދެ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްތޯއެވެ؟

އެއީ ގަދަފަދަވެގެންވާ އަޑު އަންނަދުވަހެވެ. އެއީ އަޅާ އޭނާގެ އަޚާގެ ކިބައިން ފިލަންދާނޭ ދުވަހެވެ. އަދި އަޅާ އޭނާގެ މައިންބަފައިންގެ ކިބައިން ފިލަންދާނޭދުވަހެވެ. އެއީ އަޅާ އޭނާގެ އަނބިމީހާއާއި ދަރިން ދޫކޮށްފައި ފިލަންދާނޭދުވަހެވެ. އެއީ ބިންގަނޑު ހެލިގަތުމަކުން ހެލިގަންނަދުވަހެވެ. ބިން އެބިމުގައިވަޅުލެވިފައިވާ މީސްތަކުންނާއި ބިމުގައިވާ ޚަޒާނާތައްނެރެލާދުވަހެވެ. އެއީ ބިން އެބިމުގެ ޚަބަރުތަކާއި ބެހޭގޮތުން ވާހަކަދައްކާނޭ ދުވަހެވެ. ބިމަށް އެދުވަހު ވާހަކަދެއްކުމުގެ ބާރުދެއްވަނީ އިންސާނުންނަަށްވެސް ވާހަކަ ދެއްކުމުގެ ބާރު ދެއްވި ޖައްބާރުވަންތަ އިލާހެވެ.

އާދެ ޤިޔާމަތްދުވަހަކީ ކޮންދުވަހެއްތޯއެވެ؟ އެއީ ބޮޑުވެގެންވާ ޒަލްޒަލާއަންނަ ދުވަހެވެ. އެއީ މައިމީހާ އޭނާ ކިރުދޭ ދަރިފުޅު ދޫކޮށްލާފައި ދާނޭދުވަހެވެ. މާބަނޑު މީހުން ބަނޑުގައިވާ ދަރިފުޅު ބިރުންގޮސް  ވިހާނޭދުވަހެވެ. މީސްތަކުން މަސްތުވެފައިވާ ބަޔަކު އުޅޭފަދައިން އުޅޭތީ ފެންނާނެއެވެ. ނަމަވެސް އެމީހުން އެދުވަހުގައި އެތިބެނީ އެއްޗެއްބޮއިގެން މަސްތުވެފައެއްނޫނެވެ. ނަމަވެސް ﷲ ތަޢާލާގެ ޢަޒާބު ގަދަފަދައީއެވެ.

އެއީ ވިއްސި ވިހާލިވެގެންދާ ކޮކާތަކެއްފަދައިން މީސްތަކުންވާނޭ ދުވަހެވެ. ބުރުވާލެވޭ ކެހެރިތަކެއްފަދައިން ފަރުބަދަތައްވާނޭދުވަހެވެ. އެއީ އިރުގެ އަލިކަން ފިލައިނެތިދާދުވަހެވެ. ފަރުބަދަތައް ލުހި ފުނޑުފުނޑުވެގެންދާ ދުވަހެވެ. ކަނޑުތައް ރޮއިވެ އަނދައިގެންދާ ދުވަހެވެ. އުޑު ފަޅަފަޅައިގެންދާ ދުވަހެވެ. ތަރިތައް ވެރި ބުރަބުރައިގެންދާ ދުވަހެވެ. ކައްވަޅުތައްް އެފުއް މިފުށަށްޖެހި ކައްތައް ނެރެލެއްވޭނޭދުވަހެވެ. އެއީ ހަނދުގެ އަލިކަން ފިލައި ނެތިދާދުވަހެވެ. އިރާއި ހަނދު އެއްތަންކުރައްވާދުވަހެވެ. އެދުވަހުގައި އިންސާނާ ބުނާނެއެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟

ލޮބުވެތި މުސްލިމު އަޚުންނޭވެ! އެދުވަހުގައި ފިލަންދާނޭ އެއްވެސްތަނެއް ނެތެވެ. އެދުވަހުގެ ސަލާމަތްކަމާއި ރައްކާތެރިކަން ދުނިޔޭގެ ދިރިއުޅުމުގައި ހޯދައިފި އަޅަަކަށްމެނުވީ އެދުވަހުގައި ސަލާމަތްކަމެއްނެތެވެ. މިއަދު ﷲ ތަޢާލާ ތިބާއަށް އުމުރުދެއްވީމާ އެ އުމުރު އެއިލާހަށް އުރެދުމުގައި ހޭދަކޮށްނުލާށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.  ” أَلْهَاكُمُ التَّكَاثُرُ‌ ﴿١﴾ حَتَّىٰ زُرْ‌تُمُ الْمَقَابِرَ‌ ﴿٢﴾  ” سورة التكاثر މާނަ :” އެކަކު އަނެކަކަށް މުދަލާއި ދަރީންގެ ގިނަކަމަށްޓަކައި ފަޚުރުވެރިވުމުގައި ތިޔަބައިމީހުން މަޝްޣޫލުވުން ، ﷲ  ހަނދުމަކުރުމުން ތިޔަބައިމީހުން އެއްކިބާކޮށްފިއެވެ. އެއީ ތިޔަބައިމީހުން ކައްވަޅުތަކަށް ހިނގައްޖައުމަށް ދާންދެނެވެ.”