[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (3)

ދެވަނައީ: ޢަވްރަ ނިވާކުރުން :

ޢަވްރަ ނިވާކުރުން ވަނީ ނަމާދުގެ ޝަރުޠުތަކުގެ ތެރެއިންނެވެ. އެއީ ނިވާކުރުން ވާޖިބުވެގެންވާ، އަދި ފާޅުކުރުން ހުތުރުވެގެންވާ ލަތުވެތިކަމަށްވާ ހިސާބު ނިވާކުރުމެވެ. الله تعالى ވަޙީކުރެއްވިއެވެ. ((يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ)) الأعراف: 31 މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ކޮންމެ ނަމާދެއްގެވަގުތު ތިޔަބައިމީހުން ތިޔަބައިމީހުންގެ ޒީނަތުގައި ހިފާށެވެ. (އެބަހީ ޢަވްރަނިވާވާވަރުގެ ފޭރާމެއް ލާށެވެ.)” އެބަހީ، ކޮންމެ ނަމާދެއްގައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((لاَ يَقْبَلُ اللَّهُ صَلاَةَ حَائِضٍ إِلاَّ بِخِمَارٍ)) މާނައީ: “ބުރުގާއާއެކު މެނުވީ ޙައިޟުވާ އަންހެނެއްގެ ނަމާދު ﷲ ޤަބޫލުނުކުރައްވާނެއެވެ.” {އަބޫދާވުދު: 641، އިބްނު މާޖާ: 655، އިރުވާއުލް ޣަލީލު (196، 267) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.}

އިބުން ޢަބްދުލް ބައްރު ރަޙިމަހުﷲ “އައްތަމްހީދު” ގައި ވިދާޅުވެފައިވެއެވެ. “ޢަވްރަ ނިވާކުރުމުގެ ކުޅަދާނަކަން ލިބިހުރި ޙާލު، އޮރިޔާން ޙާލަތުގައި ނަމާދުކޮށްފިނަމަ ނަމާދު ފާސިދުވާނެކަމުގައި ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ.” މީސްތަކުންގެ ޙާޟިރުގައާއި އެކަހެރިވަގުތުގައި ނަމާދުކުރާއިރު ޢަވްރަ ނިވާކުރުމަކީ ވާޖިބުކަމެއްކަމާއިމެދު ޚިލާފެއްނެތެވެ. ޞައްޙަގޮތަކީ މިއީއެވެ.

الله سبحانه وتعالى ކާފަރުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވާ އަންނަނިވި އާޔަތުގައި، ޢަވްރަ ކަޝްފުކުރުމަކީ ފާޙިޝްކަމެއްކަމުގައި ބަޔާންކުރައްވަފައިވެއެވެ. ((وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّهُ أَمَرَنَا بِهَا قُلْ إِنَّ اللَّهَ لا يَأْمُرُ بِالْفَحْشَاءِ)) الأعراف: 28 މާނައީ: “އެބައިމީހުން (އެބަހީ ކާފަރުން) ފާޙިޝްކަމެއް ކޮށްފިނަމަ ބުނެއެވެ. ތިމަންމެންގެ ކާބަފައިން އެކަން ކުރުންމަތީ ވަނިކޮށް ތިމަންމެން ދުށީމެވެ. އަދި ﷲ ވަނީ ތިމަންމެނަށް އަމުރުކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފާޙިޝްކަމަކަށް ހަމަކަށަވަރުން އަމުރުނުކުރައްވާނެތެވެ.” މުޝްރިކުން (ޖާހިލިއްޔަ ޒަމާނުގައި) ގެފުޅު ވަށައިގެން އޮރިޔާން ޙާލަތުގައި ޠަވާފުކުރާކަމުގައި ވެއެވެ. އަދި އެޙާލަތުގައި ޠަވާފުކުރުމަކީ ދީނީ ކަމެއްކަމުގައި އެބައިމީހުން ބެލިއެވެ. ޢަވްރަ ކަޝްފުކުރުމާއި ޢަވްރައަށް ބެލުމަކީ ނުބައިވެގެންވާ މަގަކަށް މަގުދައްކާ ކަމެކެވެ. ފާޙިޝް ކަންތައްތަކަށާއި ނުބައި އަޚުލާޤަށް އަރައިގަތުމުގެ ވަޞީލަތެއްވެސްމެއެވެ. މިކަމުގެ ހުތުރުކަމުގެ ބޮޑުކަމުގެ ހެކި އެފަދަ މުޖުތަމަޢުތަކުން ލިބެއެވެ. އެފަދަ މުޖުތަމަޢުތަކުގެ ކަރާމާތްތެރިކަން ގެއްލި، އަޚްލާޤިއްޔާތު ފުނޑުފުނޑުވެފައިވެއެވެ.

ޢަވްރަ ނިވާކުރުމަކީ މަތިވެރިވެގެންވާ ރިވެތި އަޚްލާޤެކެވެ. މިސަބަބަށްޓަކައި އާދަމުދަރިންގެ ޢަވްރަ ކަޝްފުކުރުމަށް ޝައިޠާނާ އަވަސްވެގަނެއެވެ. ވުމާއިއެކު، މިކަމަށް ސަމާލުވުމަށްޓަކައި އިންޒާރުދެއްވުމުގެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ. ((يَا بَنِي آدَمَ لا يَفْتِنَنَّكُمْ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا)) الأعراف: 27 މާނައީ: “އޭ އާދަމުގެގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމްގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢަވްރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!” ޢަވްރަ ކަޝްފުކުރުމަކީ ޝައިޠާނާގެ ކެހިވެރިކަމުގެ ތެރެއިންވާ، އެކެހިވެރިކަމުގައި މީސްތަކުންގެ ތެރެއިން ގިނަބަޔަކު ޖެހިފައިވާ ކަމެކެވެ. އެކަމުގެ ނަން ބަދަލުކޮށް އެއީ ފެޝަންކަމުގައާއި، ޒަމާނީ ތަހުޒީބުކަމުގައި އެބައިމީހުން ބުނަމުން ދެއެވެ.

އޭ މުސްލިމް އަޚާއެވެ! ހަމަކަށަވަރުންވެސް ސިފަ ފާޅުނުވާނޭ ފަދައިން ޢަވްރަ ނިވާކުރުމަކީ ވާޖިބުކަމެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِي سَوْآتِكُمْ وَرِيشاً)) الأعراف: 26 މާނައީ: “އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢަވްރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވީމެވެ.” ފަހެ، ޢަވްރަ ނިވާވާނޭފަދަ ފޭރާމަކުން ޢަވްރަ ނިވާކުރުމަކީ ވަރަށް މުހިއްމުވެގެންވާ ވާޖިބު ކަމެކެވެ. ފިރިހެނެއްގެ ޢަވްރަޔަކީ ފޫޅާއި ކަކުލާ ދެމެދެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((غَطِّ فَخِذَكَ ، فَإِنَّهَا مِنَ الْعَوْرَةِ)) މާނައީ: “ތިބާގެ ފަލަމަސްގަނޑު ނިވާކުރާށެވެ. ފަހެ، ހަމަކަށަވަރުން ފަލަމަސްގަނޑަކީ ޢަވްރައެވެ.” {ތިރުމިޛީ: 2798، އަޙްމަދު: 2493، ޞަޙީޙުލް ޖާމިޢު (4157، 4158) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.}  ކަންމިހެންހުރިނަމަވެސް ފިރިހެނުންގެ ތެރެއިން ގިނަބަޔަކު ކުޅިވަރުކުޅުމުގައި އެބައިމީހުންގެ ފަލަމަސްގަނޑު ކަޝްފުކޮށްހަދައެވެ. އަދި ޢަވްރަ ގުނަން ފިޔަވައި އެހެން ބައެއް ނިވާނުކުރެއެވެ. މިކަމަކީ ބަޔާންވެދިޔަ ޝަރުޢީ ނައްޞުތަކާއި ކަނޑައެޅިގެންވާ ޚިލާފުވުމެކެވެ. އެފަދަ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަމާއިމެދު ފަރުވާތެރިވެ، ދީނީ ޙުކުމްތަކަށް ކިޔަމަންތެރިކަމާއެކު ބޯލެނބުމެވެ. އަދި އެޙުކުމްތަކާއި ޚިލާފުވާ ކަންތައްތަކުން ދުރުވެ ރައްކާތެރިވުމެވެ.

އަންހެނެއްގެ މުޅިހަށިގަނޑަކީ ޢަވްރައެވެ. އެހެނީ، އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((الْمَرْأَةُ عَوْرَةٌ)) މާނައީ: “އަންހެނާއަކީ ޢަވްރައެކެވެ.” {ތިރުމިޛީ: 1173، އިރުވާއުލް ޣަލީލު (273) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.} އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((لاَ يَقْبَلُ اللَّهُ صَلاَةَ حَائِضٍ إِلاَّ بِخِمَارٍ)) މާނައީ: “ބުރުގާއާއެކު މެނުވީ ޙައިޟުވާ އަންހެނެއްގެ ނަމާދު ﷲ ޤަބޫލުނުކުރައްވާނެއެވެ.” {އަބޫދާވުދު: 641، އިބްނު މާޖާ: 655، އިރުވާއުލް ޣަލީލު (196، 267) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.} ތިރުމިޛީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޢިލްމުގެ އަހުލުވެރިން ޢަމަލުކުރައްވާފައިވާގޮތަކީ، އަންހެނަކު ނަމާދުކުރި އިރު އެކަނބުލޭގެ ޢަވްރައިގެ ތެރެއިން ބައެއް ކަޝްފުވެހުރެއްޖެކަމުގައިވާނަމަ، އެނަމާދު ހުއްދަވެގެންނުވެއެވެ. (އެބަހީ، ޞައްޙަވެގެންނުވެއެވެ.)”

މިޙަދީޘްތަކުގެ އިތުރަށް އަންނަނިވި އާޔަތްތައްވެއެވެ. ((وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ)) النور: 31  މާނައީ: “އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާހުށި ކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާކުރާހުށިކަމެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَحِيماً)) الأحزاب: 59 މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި (އެބަހީ އެކަނބަލުންނަކީ، ޢިއްފަތްތެރި އަދި މިނިވަން އަންހެނުންކަން އެނގިގެންވުމަށާއި) އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.”

ބަޔާންވެދިޔަ ނައްޞުތަކާއި، އަދި ޤުރުއާނާއި ސުންނަތުގައި މިމާނާގައި އައިސްފައިވާ އެހެން ނައްޞުތަކުން ދަލީލުކޮށްދޭގޮތުގައި، ދުރުހިލޭ ފިރިހެނުންގެ ކައިރީގައި އަންހެނާގެ މުޅިހަށިގަނޑަކީ ޢަވްރައެވެ. ވުމާއިއެކު، ނަމާދުގައި ނުވަތަ އެހެންވެސް ކަމެއްގައި ނަމަވެސް އަންހެނާގެ ހަށިގަނޑުންބައެއް (ޝަރުޢީ ޢުޛުރަކާއި ނުލައި) ހިލޭ ފިރިހެނަކަށް ދެއްކުން ހުއްދަވެގެންނުވެއެވެ. ހިލޭ ފިރިހެނުންނާވަކިން ނަމާދުކުރާކަމުގައިވާނަމަ މޫނު ކަޝްފުކުރަންޖެހޭނެއެވެ. އެހެނީ، މޫނަކީ ނަމާދުގައި ޢަވްރައެއްނޫނެވެ. މޫނު ޢަވްރައަކަށްވަނީ  މަޙްރަމް ނޫން ފިރިހެނުންގެ ކައިރީގައެވެ. އަދި މަޙްރަމް ނޫން ފިރިހެނުން އެކަނބަލުންގެ މޫނުތަކަށް ބެލުން ހުއްދަވެގެން ނުވެއެވެ.

ހިތާމަޔަކީ މުސްލިމް އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ޢަވްރަ ނިވާކުރުމާއިމެދު ފަރުވާކުޑަކުރާކަމެވެ. އެކަނބަލުން ކާފަރުންނާއި މުރުތައްދުވެފައިވާ މީހުންނާ އެއްގޮތްވުމަށްޓަކައި ލައިއުޅޭކަމުގައިވަނީ ޢަވްރަ ނިވާނުވާ ވަރުގެ ކުރު ހެދުންތަކެވެ. لا حول ولا قوّة  إلا  بالله  العليّ  العليم.

ހަމަކަށަވަރުން الله سبحانه وتعالى އަމުރުކުރައްވަނީ ނަމާދުގައި ޢަވްރަ ނިވާކުރުމަށެވެ. އެއީ ޒީނަތްތެރިކަން ލިބިގަތުމަށެވެ.  ފަހެ، އެކަލާނގެ ވަޙިކުރެއްވިއެވެ. ((يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ)) الأعراف: 31 މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ކޮންމެ ނަމާދެއްގެވަގުތު ތިޔަބައިމީހުން ތިޔަބައިމީހުންގެ ޒީނަތުގައި ހިފާށެވެ. (އެބަހީ ޢަވްރަނިވާވާވަރުގެ ފޭރާމެއް ލާށެވެ.)” މިއާޔަތުގައި އެކަލާނގެ އަމުރުކުރައްވާފައިވާގޮތުގައި ޒީނަތްތެރިކަން ލިބިގަތުމަކީ ހަމައެކަނި ޢަވްރަ ނިވާކުރުމެއް ނޫނެވެ. މިއާޔަތުން ދަލީލުކޮށްދޭގޮތުގައި މުސްލިމުންގެ މައްޗަށްވަނީ ނަމާދުގައި الله سبحانه وتعالى ގެ ޙަޟްރަތުގައި ކުއްތަންވެ ހުންނަވަގުތު އެންމެ ރަނގަޅު އަދި ރިވެތިވެގެންވާ ފޭރާން ލައިގެން ހުރުމެވެ. އެއީ މިމަތިވެރިވެގެންވާ މަޤާމުގައި ހުންނަ ހިނދު، ހަށިގަނޑުގެ ބޭރުފުށާއި އެތެރެފުށް އެންމެ ރިވެތިވެގެންވާ ގޮތުގައި ބެހެއްޓުމަށްޓަކައެވެ. (ނުނިމޭ)

 __________________________

މަރުޖިޢު:

* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)

 ކުރީގެ ބައިތައް