[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޤު ހޯދުމަށް ކުރި ދަތުރު (ސަލްމާނުލް ފާރިސީ رضي الله عنه)

އީރާނުގެ އިސްފަހާން ކިޔާ ރަށެއްގައި އުޅުއްވި ސަލްމާނުލް ފާރިސީ رضي الله عنه އެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ އެރަށުގެ ވެރިއެކެވެ. ދުނިޔޭގައިވާ ހުރިހާ ތަކެއްޗަކަށްވުރެ އެކަލޭގެފާނުގެ ބައްޕާފުޅު އެކަލޭގެފާނަށް ލޯބިކޮށް އިތުބާރުކުރެއެވެ. އެކަލޭގެފާނަށް އިތުބާރުކުރާކަން ހުރީ, ބައްޕަ ކަލާނގެކަމަށް ބަލާ އަލިފާން، އެއަލިފާން ނިވައިނުލާ ބެލެހެއްޓުމަށް އިސްކުރައްވާފައިވުމެވެ.

އެކަލޭގެފާނުގެ ބައްޕާފުޅުގެ މިލްކުގައި ދަނޑެއް އޮވެއެވެ. އެއްދުވަހަކު އަވަދިނެތި މަސައްކަތުގައި އުޅެމުން، ބައްޕަގެ މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައި ސަލްމާނު رضي الله عنه އަށް ދަނޑަށް ދިޔުމަށް އެންގެވިއެވެ. ދިޔަ މަގުމަތިން ނަޞާރާއިންގެ ފައްޅިއެއް ފެނިވަޑައިގަތެވެ. އަދި އެތަނުގައި ބަޔަކުމީހުން އަޅުކަންކުރާ އަޑު އިވުމުން، އެމީހުންކުރާ ކަންތައްތައް ބެއްލުވުމަށް ބޭނުންފުޅުވެގެން ފައްޅީގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަންތައްތައް ފެނުމުން އެއީ އަލިފާނަށް އަޅުކަންކުރުމަށްވުރެ މާ ރަނގަޅު ގޮތެއްކަމަށް ވިސްނުނެވެ. ބައްޕާފުޅު ފުރިހަމަކުރެއްވުމަށް އެންގެވި މަސައްކަތްކުރުމަށް ދަނޑަށް ނުގޮސް އިރުއޮއްސުމަށް ދާންދެން ސަލްމާނު رضي الله عنه އެމީހުންގެ ހަރަކާތްތައް ބެއްލެވުމަށް އެތަން ދޫކޮށެއް ނުލައްވައެވެ. މިހާ ހިސާބުން ޙައްޤު ހޯދުމަށް ކުރިއަށް ވަޑައިގަތެވެ.

ސަލްމާނު رضي الله عنه ފައްޅީގެ މީހުންކުރެން އެދީނުގެ އަސްލަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ. އެއީ ޙައްޤު ހޯދުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އެކަމެއްގެ އަސްލަށް ރުޖޫޢަވުމެވެ. އެބައިމީހުން ޖަވާބުގައި ޝާމްކަރައިން އައި ދީނެކޭ ދެންނެވިއެވެ. އެއަށްފަހު އެތަންދޫކޮށް ސަލްމާނު رضي الله عنه ބައްޕަގެ އަރިހަށް ވަޑައިގަތެވެ. ބައްޕަ އިންނެވީ ލަސްވެގެން ކަނބޮޑުވެފައެވެ. އަދި ދިމާވި ކަންތަކުގެ ވާހަކަ ވިދާޅުވެ ދެއްވިއެވެ. އެހިނދު ބައްޕަ ވިދާޅުވިއެވެ. ތިބާއާއި ތިބާގެ ކާބަފައިންގެ ދީނަށްވުރެން، އެ ދީނުގައި އެއްވެސް ހެވެއްނުވެއެވެ. މިއީ އިމާންކަމުގައި އެހެންމީހުންނަށް ބަރޯސާވާ އެންމެންގެވެސް ބުނުމެވެ. އެބައިމީހުން އެބައިމީހުންގެ އަމިއްލަ ސިކުނޑިން އެއްވެސް ވަރަކަށް ވިސްނައެއް ނުލައެވެ. އެކަލޭގެފާނު ބައްޕައަށް ދެންނެވިއެވެ. ކާބަފައިންގެ ދީނަށްވުރެ އެބައިމީހުންގެ ދީން މާހެޔޮކަން ބޮޑެވެ. އެހިނދު ބައްޕަ ރުޅި އިސްކުރައްވައި އެކަލޭގެފާނުގެ ފައިގައި ހިލިހިލާ ޖަހައި ގޭގައި ބަންދުކުރިއެވެ. އަދި ޙައްޤު ހޯދުމަށް އެކަލޭގެފާނަށް މަނާކުރެއްވިއެވެ. ނަމަވެސް އެހިސާބުން އަދި ހިއްވަރުދޫކޮށެއް ނުލައްވައެވެ. އެކަލޭގެފާނު ނަޞާރާއިންނަށް، އެބައިމީހުންގެ ވިޔަފާރި ޤާފިލާއެއް ޝާމުން އަންނަކަމުގައި ވަނީނަމަ ޚަބަރުކުރުމަށް އެދި ސިޓީއެއް ފޮނުއްވިއެވެ. އެފަދައިން އައި ޤާފިލާ، ވިޔަފާރީގެ ކަންތައްތަކުން އަވަދިވުމުން، ހިލިހިލާތައް މޮހާލައްވައި ޝާމާއި ހަމައަށް ދެވެންދެން އެމީހުންނާއެކު ދަތުރު ކުރެއްވިއެވެ. އަދި އެމީހުންގެ އެންމެ މޮޅު ޢިލްމުވެރިޔާގެ މައުލޫމާތު ހޯއްދެވިއެވެ. އެއީ ފައްޅީގެ ފާދިރީއެވެ. އެއަށްފަހު ފާދިރީގެ ގާތަށްގޮސް އެކަލޭގެފާނު އެދީނަށް އުޅެން ބޭނުންވާކަން ފާޅުކުރެއްވިއެވެ، އަދި ފާދިރީއަށް ޙިދުމަތް ކުރުމުގައި ހުންނެވުމަށް އެދިވަޑައިގަތެވެ. އެއީ ދީން އުނގެނި އަދި ފާދިރީއާއެކު އަޅުކަންކުރުމަށްޓަކައެވެ.

މިފަދައިން އުޅުއްވަނިކޮށް ފާދިރީގެ ކިބައިން ވަރަށް ނޭދެވޭކަމެއް އެކަލޭގެފާނަށް ފެންނަން ފެށިއެވެ. އޭނާގެ އަމިއްލަ ފައިދާއަށްޓަކައި މީސްތަކުންގެ އަތުން ޞަދަޤާތް ނެގުމަށް އަމުރުކޮށް އެކަމަށް މީސްތަކުން އަހުލުވެރިކުރިވިއެވެ. މިނުބައި ޢަމަލު ފެނުމުން މިއީ މިދީނުގައި އުޅޭ މިހުން އުޅޭ ގޮތޭ، މިދީނަކީ ކަމުދާ އެއްޗެއް ނޫނެވެ، އަދި މިއުޅެވެނީ ރަނގަޅު ގޮތަކަށް ނޫނެ ބުނެ، ކުރަމުން ދިޔަ މަސައްކަތް ނުވަތަ ވާޞިލްވުމަށް ބޭނުންވި މަޤުޞަދަށް ވާޞިލުވުން ދޫކޮށްލައި، މިހާރުގެ ބައެއް މީހުންފަދައިން ޖަހާލަތުގެ އަނދިރިކަމަށް އެނބުރި ދިޔައީއެއް ނޫނެވެ. ތެދު ޙަޤީޤަތަކީ ކޮބައިތޯ ބެލުމުގައި ކުރިއަށް ދިޔުމަށް އަޒުމު ކަނޑައެޅީއެވެ. މީހަކު ކުރާ ޢަމަލަކީ އަދި އެއީ އެބައިމީހުންނަށް ބާއްވައިލެއްވި ގޮތް ނުވަތަ އެދީނުގައި ބަޔާންކޮށްފައިވާ ގޮތް ނޫންކަމުގައިވެސް ވެދާނެކަމުގައި ބުނާފަދައިންނެވެ.

ފާދިރީ މަރުވެއްޖެއެވެ. މީސްތަކުން އޭނާ ވަޅުލުމަށް އެއްވެއްޖެއެވެ. ސަލްމާނު رضي الله عنه އެހިނދު މީސްތަކުންނަށް އޭނާގެ މިނުބައި ޢަމަލު ހާމަކޮށްދިނެވެ. އެހިނދު، މިކަންތައް އެކަލޭގެފާނަށް އެނގުނީ ކިހިނަކުން ކަމާމެދު އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. ސަލްމާނު رضي الله عنه އެތަކެތި ދައްކާލިއެވެ. އޭރު ރަނާއި ރިހީގެ 7 ކަންޒު ހުރިކަމުގައިވިވެއެވެ. އެހިނދު އެބައިމީހުން ބުންޏެވެ، އަހަރުމެން މީނާ ވަޅެއް ނުލާނަމުއެވެ. އެއަށްފަހު ފާދިރީ ޞަލީބަށް އަރުވައި ގަލުންތެޅިއެވެ.

އާ ފާދިރީއަކު އިސްކުރެވިއްޖެއެވެ. އެއީ ބަރާބަރަށް އަޅުކަންތައް ކުރަމުންދާ ވަރަށް ރަނގަޅު މީހެކެވެ. އޭނާއާއެކު ވަގުތުތައް ހޭދަކުރަމުން ދަނިކޮށް ފާދިރީގެ މަރުގެ ވަގުތު ކައިރިވެއްޖެކަމުގެ އިޙްޞާސްކުރެވުނެވެ. އަދި ސަލްމާނު رضي الله عنه މިކަމުގައި ކުރިއަށް ދިއުމަށް ދެން ގުޅެންވީ ކޮން ބޭފުޅަކާތޯ އެއްސެވިއެވެ. އެހިނދު ފާދިރީ ވިދާޅުވިއެވެ. މިހާރު މީސްތަކުން ވަނީ އެބައިމީހުންގެ ދީން ދޫކޮށްލުމާއި ގުޅިގެން ބޮޑު މަގުފުރެދުމެއްގެ ތެރޭގައެވެ. މިދީނުގައި ރަނގަޅަށް ހިފަހައްޓައިގެން ހުރިމީހަކު ހުރިކަމެއް ނޭނގެއެވެ. އެހެންކަމުން އަލް-މޫސިލް އަށް ގޮސް މިވެނި މީހަކާއި ގުޅުމަށް ނަޞޭޙަތްތެރިވިއެވެ. ފާދިރީ މަރުވުމުން ސަލްމާނު رضي الله عنه އަލް- މޫސިލްއަށް ވަޑައިގެން އެމީހާއާއި ބައްދަލުކުރެއްވިއެވެ. އަދި ފާދިރީގެ އެދުމެއްކަމުގައި ވިދާޅުވިއެވެ. އޭނާ ކައިރީގައި ސަލްމާނު رضي الله عنه ހުރުމަށް އެދުނެވެ. އެއަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވެ އޭނާވެސް މަރަށް ހާޞިރުވެއްޖެއެވެ. ސަލްމާނު رضي الله عنه ކުރިންވެސް އެދުނުފަދައިން، މީހަކު އައްޔަންކޮށްދިނުމަށް އެދިވަޑައިގަތެވެ. އޭނާ ނުންޏެވެ. އަހަންނަކަށް ނަސީބީންގެ މީހަކު ފިޔަވައި މިކަމުގައި ހިފަހައްޓައިގެން ހުރި އެހެން މީހަކު ހުރިކަމެއް ނޭނގެއެވެ. ގޮސް އޭނާއާއި ބައްދަލުކުރާށެވެ. އޭނާ މަރުވުމަށްފަހު ނަސީބީންގެ މީހާ ހޯދުމަށް ދަތުރު ފެއްޓެވިއެވެ. އަދި އޭނާއާއި ގުޅިވަޑައިގަތެވެ. މީނާއާއިވެސް މަރު ބައްދަލުކޮށްފިއެވެ. އަދި މަރުވުމުގެ ކުރިން ހަމަ ކުރިންވެސް ކަންތައްކުރެއްވި ފަދައިން އެހެން މީހަކާއި ބެހޭގޮތުން ނަޞޭޙަތެއް ދިނުމަށް އެދިވަޑައިގަތެވެ. އަމޫރިއްޔާ ކިޔާ ތަނަކުން މީހަކާ ބައްދަލުކުރުމަށް އެނާ ނަސޭހަތްތެރިވިއެވެ. އެއަށްފަހު އެމީހާގެ ގާތަށް ސަލްމާނު رضي الله عنه ދަތުރުކުރެއްވިއެވެ. އޭރު ސަލްމާނު رضي الله عنه ވަނީ އަމިއްލަ މަސައްކަތްޕުޅުން ގެރި ބަކަރިތަކެއެއްވެސް ހޯއްދަވާފައެވެ. މި ފާދިރީގެ މަރު ކައިރިވުމުން އެހެން ފާދިރީންގެ ފަރާތުން އެދިވަޑައިގެންނެވި ކަންތައް މީނާގެ ކައިރިންވެސް އެދިވަޑައިގަތެވެ. “އޭނާ ދެންނެވިއެވެ. އޭ ކޮއިފުޅާއެވެ! އަހަންނަކަށް މިދީނަށް އުޅޭ އެހެން މީހަކު އުޅޭކަމެއް ނޭނގެއެވެ. އެހެންނަމަވެސް ރަސޫލަކު އަންނާނެއެވެ. އަދި އެރަސޫލަކު ވާނީ އިބްރާހީމްގެފާނުގެ ދީނުގެ މަތީގައެވެ.” އަދި ރަސޫލާގެ ސިފަތައްވެސް ބަޔާންކޮށްދެއްވިއެވެ. ދެންނެވިއެވެ.” އެކަލޭގެފާނު ފޮނުއްވިގެންވަނީ އިބްރާހީމްގެފާނުގެ ވެސް ދީނުގެ މަތީގައެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ ޢަރަބިންގެ ތެރެއިންނެވެ. އަދި ކަޅު ހިލަތަކެއް ހުންނަ ދެ ސަރަހެއްދެއްގެ ދެމެދުގައިވާ  ރަށަކަށް (މަދީނާއަށް) ހިޖުރަކުރައްވާނެއެވެ. މިދެސަރަހައްދުގެ ދެމެދުގައި ކަދުރު ރުއްތައް ހެދިފައިވާނެއެވެ. އެކަލޭގެފާނު ހަދިޔާ ބަލައިގަނެ އެއިން ފަރިއްކުޅުއްވާނެއެވެ. ނަމަވެސް ޞަދަޤާތް ނުހިއްޕަވާނެއެވެ. ނަބީކަމުގެ ސިއްކަވާނީ އެކަލޭގެފާނުގެ ދެކޮނޑުފުޅުގެ ދެމެދުގައެވެ. އެރަށަށް ކޮއިފުޅާއަށް ދެވޭނެކަމުގައި ވަނީނަމަ ދާށެވެ.” އެއަށްފަހު އޭނާވެސް މަރުވެއްޖެއެވެ. އަދި ސަލްމާނުގެފާނު އެރަށުގައި އެއްދުވަހު މަޑުކުރުމަށްފަހު  ބަނީ ކަލްބު ޤާބީލާގެ ވިޔަފާރި ޤާފިލާއަކަށް އެކަލޭގެފާނުގެ މިލްކުގައިވި ގެރިތަކާއި ބަކަރި ދިނުމަށްފަހު ޢަރަބިންގެ ބިމަށް ގެންގޮސް ދިނުމަށް އެދުމުން އެބައިމީހުން އެއްބަސްވެ ދަތުރު ފެށިއެވެ. ވާދީ އަލް ޤުރާއޭ ކިޔޭ ހިސާބަކަށް އާދެވުމުން ޔަހޫދީއަކަށް ސަލްމާނު رضي الله عنه އަޅެއްގެ ގޮތުގައި ވިއްކާލިއެވެ. ސަލްމާނު رضي الله عنه މި ޔަހޫދީ މީހާއާއެކު ދިރިއުޅެން ފެއްޓެވިއެވެ. އަދި އަމޫރިއްޔާގެ މީހާ ބަޔާންކޮށްދެއްވި ފަދަ ކަދުރު ރުއްތައް ފެންނަން ފެށުމުން އެއީ ހަމަ ރަނގަޅު ތަންކަމުގައި އުއްމީދުކުރެއްވިއެވެ. އެއްދުވަހަކު ސަލްމާނު رضي الله عنه ގެ ވެރިމީހާގެ ދެބެންދެދަރި ކުއްޖެއް މަދީނާގެ ޔަހޫދީ ދަރިފަސްކޮޅެއް ކަމުގައިވާ ބަނީ ގުރައިޟާ އިން ޒިޔާރަތެއް ކުރިއެވެ. އަދި އޭނާ ސަލްމާނު رضي الله عنه މަދީނާއަށް ގެންދިޔައެވެ. އަދި ސަލްމާނު رضي الله عنه އަށް އެއީ ހަމަ އެތަންކަމުގައި ކުރިއަށްވުރެން ބޮޑަށް ޔަޤީންވެވަޑައިގެންނެވުނެވެ. އެއަށްފަހު، ރަސޫލާ صلى الله عليه وسلم  މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިއެވެ. މައްކާއިގައި ރަސޫލާ صلى الله عليه وسلم އުޅުއްވެވި ދުވަސްވަރު ސަލްމާނު رضي الله عنه އަޅު މަސައްކަތުގައި އަވަދިނެތި އުޅެން ޖެހިވަޑައިގެންނެވުމުން ރަސޫލާ صلى الله عليه وسلم ގެ ޚަބަރު ހޯދުމުގައި ދަތިވީއެވެ.

އެއްދުވަހަކު އެކަލޭގެފާނު ކަދުރު ރުކެއްގެކުރީގައި އޮންނަވަނިކޮށް ކުއްޖަކު އައިސް ރަސޫލުކަމަށް ދައުވާކުރާ މީހަކު އުޅޭކަމުގެ ވާހަކަ ދައްކާ އަޑު އިވިވަޑައިގަތެވެ. އެހިނދު ރުކުން ފައިބައިވަޑައިގެން އެކުއްޖާކުރެން އެވާހަކައާއި ބެހޭ ގޮތުން ސުއާލުކުރަން ފެއްޓެވިއެވެ. ދަނޑުގެވެރިމީހާ ރުޅިއައިސް ބުންޏެވެ. އެކަމަކާއި ކަލެއަކާއި ކޮންކަމެއްހެއްޔެވެ؟ އެހިނދު ސަލްމާނު رضي الله عنه އެއްވެސް ކަމެއް ނެތޭ، ހަމައެކަނި ޔަޤީންކޮށްލުމަށް ކަމުގައި ވިދާޅުވިއެވެ. އެރޭ ރަސޫލާ صلى الله عليه وسلم އާއި ބައްދަލުކުރެއްވުމަށް، އެކަލޭގެފާނު ރައްކާކޮށްފައިވާ މުދަލުން ޞަދަޤާތުގެ ގޮތުގައި މިންވަރެއް ހިއްޕަވައިގެން ވަޑައިގަތެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް ޞަދަޤާތެއްގެ ގޮތުގައި އެތަކެތި ދެއްވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އެއިން ނުހިއްޕަވައި، ޞަހާބީންނަށް އެތަކެތި ހަވާލުކުރެއްވިއެވެ. ދެން އަނެއްކާވެސް ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ހިއްޕަވައިގެން ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ކަލޭގެފާނު ޞަދަޤާތެއްގެ ގޮތުގައި ވެދުންކުރުމުން ނުހިއްޕަވަމުއެވެ. އެހެންކަމުން މިއީ ހަދިޔާއެކެވެ. އެކަލޭގެފާނު ހަދިޔާ ޤަބޫލުފުޅުކުރެއްވިއެވެ. ދެން އެއަށްފަހު ތިންވަނައަށް ވިދާޅުވި ނިޝާން ބެއްލެވުމަށްޓަކައި ރަސޫލާ صلى الله عليه وسلم ގެ ފަހަތްޕުޅުގައި ހުންނެވިއެވެ. އެއީ ނަބީކަމުގެ ސިއްކައެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އަށް އެކަން އެނގިވަޑައިގެން ހެދުންކޮޅު ކަޝްފުކުރެއްވުމަށްފަހު ސަލްމާނު رضي الله عنه އަށް ނަބީކަމުގެ ސިއްކަ ފެންނާނެހެން ހެއްދެވިއެވެ. އެހިނދު ސަލްމާނު رضي الله عنه ތިރިވެވަޑައިގެން ނަބީކަމުގެ ސިއްކާގައި ބޮސްދެއްވަވައި ކީރިތިކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ސަލްމާނު رضي الله عنه  އަށް ތެދުވެވަޑައިގެން ވާހަކަ ކިޔައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެއަށްފަހު އީމާންވީ މީސްތަކުންނަށް ހަމައެވާހަކަ ކިޔަވައިދެއްވުމަށް އެދިވަޑައިގަތެވެ.

މިއީ މިއަދުވެސް ތެދު ޙަޤީޤަތް ހޯދުމަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރާމީހުންނަށް ވާޞިލްވެވޭނެ މަންޒިލެވެ. މިކަން މިޒަމާނުގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީއެވެ. މިއީ ޙައްޤު ގޮތްކަން އެނގި، ކިތައްކިތައް މީހުން އިސްލާމުވޭ ހެއްޔެވެ؟ ނަމަވެސް ހިތާމަޔަކީ މިނިޢުމަތް ލިބިގެން ތިބި ބައެއް މީހުންނަށް މިނިޢުމަތުގެ އަގު ވަޒަންނުކުރެވޭކަމެވެ. އޭގައިވާ އުޞޫލުތައް ކަމު ނުގޮސްގެން އެހެން ޤާނޫނުތަކަށް އެދެމުން ދިއުމެވެ.