[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ. (1)

އިސްލާމީ ޝަރިޢަތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ ފަރާތެވެ.

އެހެންކަމުން މި ނިކަމެތި އިންސާނާއަށް ޙިކްމަތްވަންތަ އިލާހުގެ ޝަރީޢަތަށް ފާޑު ކިޔޭނެތޯއެވެ؟ އޭގައިވާ ބައެއް ހައްދުތަކަކީ ހަރުކަށި ހައްދުތަކެއް ކަމުގައި ބުނެވޭނެތޯއެވެ؟ އަދި އެ ޝަރީޢަތުގައިވާ ޙުކުމްތައް އަހުރެމެން ބޭނުމެއް ނޫނޭ ބުނެ އިޙްތިޖާޖު ކުރެވިދާނެތޯއެވެ؟ ބުއްދި ސަލާމަތުން ހުރި، މާތް ﷲ ގެ ކަށަކުޅަދުންވަންތަ ކަމާއި އެއްކައުވަންތަކަން ޤަބޫލު ކުރާ ފުރިހަމަ އިންސާނެއް އެފަދަ ބަހެއް ނުވަތަ ދައުވާއެއް ނުކުރާނެއެވެ. ސަލާމަތް ބުއްދީގެ އަހުލުވެރިއަކަށް ރައްބުލް ކާއިނާތުގެ ޙުކުމްތަކާ ޗެލެންޖް ކުރަން ނުކެރޭނެއެވެ.

ނަމަވެސް ހިތާމައަކީ، މާތް ﷲ ބިންމަތީގައި އިންސާނާއަށް ކުޑަ ކުޑަ ބާރެއް އެފަރާތުން ދެއްވާ އިރަށް އިންސާނާ ބޮޑާ ވެގަންނަ ކަމެވެ. އެކަލާނގެ ޝަރީޢަތާ ދެކޮޅަށް އެކަނލާގެ ދެއްވި ދުލުގެ މަތިވެރި ނިޢްމަތް ބޭނުން ކޮށްގެން ކުޑައިމީސް ބަސްބުނެ ފާޑު ކިޔަން ފަށާކަމެވެ. އަދި ތިމަންމެން ހަދާ ވަޟުޢީ ބަލިކަށި ޤާނޫނުތަކަކީ އެންމެ އެކަށީގެންވާ އެންމެ ތަހުޒީބީ ޤާނޫނުތަކެއް ކަމުގައި ބުނެ އުޅެތެވެ.

އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. އުނި ސިކުނޑިތަކަށް މި ޙުކުމްތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކްމަތް ވިސްނައި  ނުގަނެވިދާނެއެވެ. އެއީ ޝަރީޢަތުގައިވާ އުނި ކަމެއް ނޫނެވެ. އެއީ އިންސާނީ އުނި ބުއްދީގައިވާ ބަލިފައެކެވެ. ނަމަވެސް، މުއުމިނުންގެ އަޤީދާއަކީ ކޮބައިތޯއެވެ؟ މުއުމިނުންގެ އަޤީދާއަކީ، މަތިވެރިވަންތަ ކަލާނގެ ބާވައިލައްވާ ކޮންމެ ޙުކުމަކީވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތު ހުރި ޙުކުމްތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވަނީ އެ ފަރާތެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްވެސް އެނގެނީ އެ ފަރާތަށެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. އެއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރެވެ.

ވަޟުޢީ ޤާނޫނުތައް ހެދުމުގައި ވެސް އިންސާނާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެކަން ކަށަވަރެވެ. ކުށް ކުރުން މުޖުތަމަޢުން ހުއްޓުވުމާއި، މުޖުތަމަޢަކީ އަމާން ތަނެއް ކަމުގައި ހެދުމާއި، އަމިއްލަ ފަރުދުންނަށް އެބައިމީހުންގެ ހައްޤުތައް ހޯދައި ދިނުން ފަދަ، މިހިރަ މިހިރަ އެތައް މަސްލަޙަތުތަކަކަށް ރިޢާޔަތް ކުރެވެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މި ޤާނޫނުތަކުން ނެރެދޭތޯއެވެ؟ އިންސާނީ ތާރީޚަށް ބަލާފައި ބުނެވޭނީ ނުދެވޭކަމުގައެވެ. އެހެންކަމުން، ދުވަސް ދުވަސް ކޮޅުން އެއް ކަމަކަށް އެތަކެއް ޤާނުނެއް ހަދާ، އިސްލާޙުކޮށް، އުވާލާ، އަނެއްކާ އައު ޤާނޫނެއް ހަދާ އުޅެތެވެ. އިންސާނީ ބުއްދިއާއި ވިސްނުމަކީ ތަފާތު އެއްޗެކެވެ. އެކަކަށް ވިސްނޭ އެންމެ މޮޅު ގޮތަކީ އަނެކަކަށް ބޮޑު ޖޯކަކަށް ވެދެއެވެ. މިފަދަ ބުއްދިތަކުން ހަދާ ޤާނޫނުތަކުގައި އަބަދުވެސް އުނިކަންތައް ހުންނާނެއެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތް އެހެންތޯއެވެ؟ ކެރިހުރެގެން ބުނެވޭނީ ނޫނެކެވެ. އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަސްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސްކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއެވެ. ޒަމާން ބަދަލު ވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ސިއްރާއި ފާޅު މޮޅަށް ދެނެ ވޮޑިގެންވާ ފަރާތުން ބާވައިލެއްވި މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ މާޟީއާއި މުސްތަޤްބަލް މޮޅަށް ދެނެ ވޮޑިގަންނަވާ އައްލާމުލްޣުޔޫބުގެ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ އިސްވެ ގޮސްފައިވާ އިންސީންނާއި، ޤިޔާމަތާ ޖެހެންދެން އަންނާނެ ހުރިހައި އިންސީންގެ ވެރި ރައްބުގެ މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި އިންސާނުންނަށް ބޭނުންވާނެ ހުރިހައި ކަމެއް ހިމެނިފައިވެއެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ އެންމެ މައިގަނޑު މަޤްސަދުގެ ތެރޭގައި ހިމެނެނީ 5 ކަމެއް އިންސާނުންނަށް ކަށަވަރުކޮށްދިނުމަށެވެ. މި ފަސް ކަންތަކީ އިންސާނީ ޙަޔާތުގައި އެންމެ މުހިއްމު ކަންތަކެވެ. އެއާ ނުލާ އިންސާނީ ޙަޔާތް ދެމެހެއްޓުމަށް އުދަނގޫ ކަންތަކެވެ. އަދި ކިއެއްތަ، އެއާ ނުލާ އިންސާނީ ހަޔާތް ކުރިއަށް ނުގެންދެވޭނެ 5 ކަންތަކެވެ. މިކަންތައްތައް ނުވަތަ މިއިން ކަމެއް ނެތިއްޖެނަމަ، ދިރިއުޅުމުގެ ނިޒާމު ކުރިއަށް ގެންދިއުމަށް ބުރޫ އަރާނެއެވެ. އެއީ:

1-    ދީން ހިމާޔަތްކުރުން

2-    ނަފްސު ހިމާޔަތްކުރުން

3-    ނަސްލު ހިމާޔަތްކުރުން

4-    ބުއްދި ހިމާޔަތްކުރުން

5-    މުދާ ހިމާޔަތްކުރުން

އިންޝާ ﷲ،  މި 5 ކަންތަކުގެ މައްޗަށް ދެން އަންނަ އަދަދެއްގައި ބަލާލެވޭތޯ މަސައްކަތް ކުރާނަމެވެ.

= ނުނިމޭ =

މިލިޔުުމުގެ އެހެނިހެން ބައިތައް