[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދިވެހި ޕާސްޕޯޓް ބޭނުން ކޮންމެ މީހަކު ވަންނަން ޖެހޭ “ޕާޓީ”

މިއަދު އަޅުގަނޑުމެންގެ ސައްތައިން ސައްތަ ދިވެހި މުޖުތަމަޢުގައި ދެކެވޭ ވާހަކައެކެވެ. ވަރަށް އާއްމު ވާހަކައެކެވެ. މީގެ ހައެއްކަ އަހަރު ކުރިންފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ. ދެމަފިރންވެސް ދައްކަނީ މިވާހަކައެވެ. މައިންނާއި ދަރިންވެސް ދައްކަނީ ހަމަ މިވާހަކައެވެ. ދޭދޭ ދެފަރުދުންވެސް ދައްކަނީ ހަމަ މިވާހަކައެވެ. ނުވިތާކަށް ޅައުމުރުގެ ޒުވާނުންވެސް ދައްކަނީ ހަމަ މިވާހަކައެވެ. އާދެ………..

2003 ވަނަ އަހަރު ރާއްޖެއަށް އައި ސިޔާސީ އޮއިވަރުގައި ދިވެހިން ދުން އެންމެ ބޮޑު އެއް ބަދަލަކީ “ސިޔާސީ ޕާޓީތައް” ދިވެހި މި މުސްލިމު ބިމުގައި އުފެދުމެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބުނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މިއީ މިއަދު ކުރަންޖެހި އަދި ނުކުރެވިފައިވާ ސުވާލެކެވެ. ސަބަބަކީ ކުރިންވެސް ދެންނެވިފަދައިން ދިވެހިން މިކަމުގެތެރެއަށް ވަދެފައިވާ މިންވަރާއި އެކަން މިއަދުގެ ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާލެއް ބޮޑުކަމެވެ.

އާއެކެވެ. އެއްޗެއް ނުވަތަ ކަމެއް އެއީ އެބައެއްގެ އާދަކާދައަކަށްވެ އެއާ ނުލާ ދިރިއުޅުމުގައި “ހުސްކަން” އިޙްސާސުކުރަންޖެހުމުން ދެން އެކަން ވާނީ ރަނގަޅުކަމަކަށެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ދުންފަތަކީ ރަނގަޅުއެއްޗެކެވެ. ރީހާކުރުކާން އާދަވެފައިވާ ދިވެހިން އެއީ ރަނގަޅު އެއްޗެއްތޯ ނުވަތަ ގެއްލުން ހުރި އެއްޗެއްތޯ ނުބަލާ އެ ކަމުން ގެންދަނީ ހަމަ މި އުޞޫލުގެ ދަށުންނެވެ.

ސުވާލަކީ މިއީ ރަނގަޅު ހަމައެއްބާއެވެ؟ ތިބާގެ ޖީބުގައި ތިއިން ގަލަމުން އަޅެ ޖަވާބު ލިއުއްވާލަބައްލަވާށެވެ.

އާއެކެވެ. ތިޔަ ވިދާޅުވިގޮތަށް މިއީ ހަމަޖެހޭ ޢުޞޫލެއްނޫނެވެ. މިއީ ޖަނަވާރުންވެސް ނުގެންގުޅޭ އުޞޫލެކެވެ. އެހެނީ ޖަނަވާރުން އެގޮތަށް އުޅެނީ އެއީ އެތަކެތި ހައްދަވާ އެގޮތަށް އުޅުމަށް ﷲ ތަޢާލާ އަންގާވާފައިވާތީ އެވެ. އެކަމަކު ބުއްދި ދެއްވާ މިބިމުގައި އެކަލާނގެއަށް އަޅުކަންކުރަން ލެއްވި މި އިންސާނުންގެ ހާލަކީ ކޮބައިތޯއެވެ؟

ޖަޒީރާ މި ކުޑަކުޑަ ސައްތައިންސައްތަ މުސްލިމު ދިވެހި ޤައުމުގެ ޙާލަތު އަޅެ ބަލާލަމާތޯއެވެ. ކޮންމެ ކަމެއްގައިވެސް މިއަދު އަޅުގަނޑުމެން މިބަލަނީ ކުރިންދެންނެވި ހަމައާއި އުޞޫލު ބޭނުންކުރެވޭތޯއެވެ. މިއަދު ޙައްޤަކީ އެމީހަކު ހުރި “ސިޔާސީ” ނުވަތަ އެގެންގުޅޭ “ފިކުރު”ކަމަށް ވެނިމިއްޖެއެވެ. ހެޔޮކަމަކީ އެމީހެއްގެ “ފިކުރާއީ” އެއްގޮތްވާ ކޮންމެ ކަމެކެވެ. އެއާއި ޚިލާފުވާ ކޮންމެކަމަކީ “ބާޠިލުއެވެ.” އެއީ ރޯދަމަހު ދިވެހިން އެފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔަވާ ޤުރުއާންގައިވާ އެއްޗެއްކަމަށް ވީނަމަވެސް މެއެވެ. ނުވަތަ އެމީހުން އެބޭކަލަކަށް ތަބާވެގެންތިބި ނަބިއްޔާގެ ބަސްފުޅުކަމަށް ވިޔަސްމެއެވެ. މިއީ މިއަދުގެ ދިވެހި ސައްތައިން ސައްތަ މުޖުތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު އެއްނުރައްކަލެވެ. އެކަމުގެ ނުރައްކާ ދިވެހިންގެ ދީނަށް ވަނީ ފޯރާފައެވެ. މިއަދު އިސްލާމު ދީން ހިމާޔަތްކުރުންވެސް މިވަނީ “ސިޔާސީކަމަކަށް” ހަދާފައެވެ. ތީމާގެ ޕާޓީން ނުކުރާތީ ނަމާދުކުރުންވެސް މިވަނީ ދޫކޮށްލާ ހިސާބުގައެވެ.

އެހެންކަމުން މި ނުރައްކަލުން މި ސައްތައިންސައްތަ ދިވެހި މުޖުތަމަޢު ސަލާމަތް ކުރާނެގޮތެއް ހޯދަން އެބަޖެހެއެވެ. އަޅެ ތިބާގެ ތި ތެތް ސިކުޑިން “ސިޔާސީ” ފިކުރު ނެރެ އެއްފަހަރުވެސް މިކަމާމެދު ފިކުރުކޮށްލަބަލާށެވެ. މިކަށް ހައްލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ މަދުމަދުން މީހުންނަށް “ސިޔާސީ” ފިކުރު ދީގެންހެއްޔެވެ؟ ނުވަތަ ސިޔާސަތާއި އިޤްތިޞާދާއި އިޖްތިމާޢީ ހުރިހާކަމެއް ޝާމިލުވެގެންވާ ﷲ ގެ ދީނަށް ރުޖޫޢަވެގެން ހެއްޔެވެ؟

އާއެކެވެ. މިއަދު ދިވެހިންގެ މި ބައިބައިވުމާއި ދެކޮޅުވެރިކަމުން ދިވެހިން ސަލާމަތްވާން އޮތީ އެންމެހާ ދިވެހިން ހުރިހާ “ޕާޓީތަކާއި ފިކުރުތައް” ދޫކޮށް ހަމައެކަނި “އެންމެ ޕާޓީއަކަށް އެންމެ ފިކުރަކަށް” ޖާގަދީގެނެވެ. އެއީ އަހަރެމެންނަކީ އެއްބަހަކުން ވާހަކަދައްކާ އެއްދީނެއްގެ އަހުލުވެރިންނެވެ. އެހެންވީމާ އަހަރެމެންގެ ދިރިއުޅުމުގެ މަޤްޞަދަކީ އެއް މަޤްޞަދެކެވެ. އާދެ! މި ދިވެހި ދޮންވެލީގެ ބިމުގައި ހަމައެކަނި ﷲއަށް އަޅުކަށްކޮށް ސުވަރުގެ ޙާސިލުކުރުމެވެ. ވީމާ ދިވެހިންގެ ތެރޭގައި ގިނަ “ފިކުރުތަކަށް” ޖާގައެއްނުދެވޭނެއެވެ. އެއީ ދެންމެ ބަޔާންކުރި “މަޤްޞަދު” ހާޞިލުކުރުމަށް އެ މަޤްޞަދު ކަނޑައެޅުއްވި ފަރާތުން ލައްވާފައިވަނީ ހަމައެކަނި އެންމެ ގޮތެއްކަމަށް ވާތީއެވެ. އެގޮތަކީ “ދިރިއުޅުމުގެ ހުރިހާކަމެއްގައި އިސްލާމް ދީނަށް ތަބާވުމެވެ”. މިކަމަށްޓަކައި އޮތީ ދިވެހިން އެއްބައިވެ އެއްޕާޓީއެއް ހަދާ ދެން ހުރިހުރިހާ ޕާޓީއެއް ދޫކޮށް އެއްބަނޑުއެއްބަފާ އަޚުންތަކެއްގެ ގޮތުގައި ﷲ އަށް އަޅުވެތިވެ ތިބުމެވެ.

ދެން މިހާހިސާބުން އުފެދޭ ސުވާލަކީ އެއްބަނޑު އެއްބަފާ އަޚުން ތަކެއްގެ ގޮތުގައި ﷲއަށް އަޅުކަން ކުރުމަށްޓަކައި ދިވެހިން އިޚްތިޔާރުކުރާނީ ކޮން ޕާޓީއެއްތޯއެވެ؟  އެހެނީ ދިވެހި ބިމުގައި ހުރީހުސް އިސްލާމުދީން ހިމާޔަތްކުރަން އުފެދިފައިވާ ޕާޓީތަކެވެ. އެމް.ޑީ.ފީވެސް އަދި ޑީ.އާރު.ޕީވެސް އަދި ދެން އޮތް ޕާޓީއެއްނަމަވެސް އުފއްދާފައިވަނީ އިސްލާމްދީން ހިމާޔަތްކޮށް އެދީން ކުރިއަރުވާ އެދީނަށް އުޅުމަށެވެ. އެހެންވީމާ ކޮންމެ ޕާޓީއެއްވެސް ކަމުދާނެއެއްނޫންހެއްޔެވެ؟ ޖަވާބު ދޯއެވެ. ވަރަށް ކުރުކޮށް ބުނާނަމަ ބުނެވޭނީ ޢަމަލުނުކުރާ ތަޞައްވަރަކީ އަވާމެންދުރެކެވެ. އެހެންކަމުން މިއަދު މިއޮތީ ޢަމަލުކުރި އަދި ކުރެވިދާނެ ތަޞައްވަރަކަށް ބޭނުންވެފައެވެ. ޚުދު އަޅުގަނޑުވެސް ތިބޭފުޅާގެ ތިޔަސުވާލަށް އެއްބަސްވަމެވެ. އާއެކެވެ. ދިވެހި ޤައުމުގައި ހުރީ ހުސް އިސްލާމުދީން ހީމާޔަތްކުރަން އުފައްދާފައިވާ ޕާޓީތަކެވެ. އެއީ އެނޫން ޕާޓީތަކަށް މިފަސްގަނޑުން ޖާގަނުދެވޭނެތީއެވެ. ނަމަވެސް އުފެދިގެން މިއުޅޭމައްސަލައަކީ އެއިން ކޮންމެ ޕާޓީއެއްގެވެސް ދުސްތޫރު އެކުލަވާލީ ވަކިބަޔެކެވެ. ފަހަރެއްގައި އެމީހުން އެއީ ތިބާއަށް ވުރެ ތަޢުލީމުގެ ގޮތުން ދަށްބަޔަކަށް ވެދާނެއެވެ. އެހެންކަމުން އެދުސްތޫރަށް ތިބާ ބޯލެބުމަށް ތިބާގެ ޟަމީރު ނުރުހެއެއްނޫންހެއްޔޭވެ؟ ހަމައެގޮތަށް އެ ޕާޓީތަކުގައި އޮންނަނީ ވަކި ބައެއްގެ ބާރެވެ. އެއީ އިންސާނުން ހަދާކޮންމެ އެއްޗެއްގެވެސް ހާލެވެ. ގޭގައި ކައްކާ އެއްޗެހީގެ ލޮނުރަހަ ހެޔޮވަރުކުރުމުގެ ބާރު އޮންނަނީ އަނބިމީހާގެ އަތުގައެއްނޫންހެއްޔެވެ؟ ތިޔަބޭފުޅާ މިކަމާ އެއްބަސްވެވަޑައިގަންނަވަމުތޯއެވެ؟ ފަހަރެއްގައި ނުވެދާނެއެވެ. މައްސަލައަކީ މީއެވެ. އަހަރެން ފަދަ އިންސާނާ ބުނާ އަދި ކުރާކޮންމެ ކަމަކަށް އެއްބަސްވުމަކީ ވާނެކަމެއްނޫނެވެ.

ވީމާ މިކަން ހައްލުކުރުމަށް އޮތީ ހަމައެކަނި އިންސާނާ ހެއްދެވިފަރާތަށް އެބުރި ރުޖޫޢަވުމެވެ. ޤިބުލައަށް ފުރަގަސްދީގެން ތިބުން ހުއްޓަލާ އެ ޤިބުލައަށް ކުރިމަތި ލުމެވެ. އިންސާނުންހަދާ ޤާނޫނަށް އަޅުވެތިވުމުގެ ބަދަލުގައި ﷲ ތަޢާލާގެ ޝަރީޢަތަށް ބޯލެބުމެވެ. ތިބާ ފަދަ އިންސާނުން އަމިއްލައަށް ހަދާފައިވާ ޕާޓީތައް ދޫކޮށް ހަމައެކަނީ ﷲގެ ” ޕާޓީ”އަށް ވަނުމެވެ. އެ “ޕާޓީ” ފިޔަވާ އެހެން “ޕާޓީ”އަކަށް މި ބިމުގައި ޖާގަ ނުދިނުމެވެ. އާއެކެވެ. އެއްވެސް އިރެއްގައި ދެވިގެން ނުވެސް ވާނެއެވެ.

އިއްޔެވެސް މިއަދުވެސް ދިވެހި ޕާސްޕޯޓު ލިބެނީ ހަމައެކަނި ﷲގެ “ޕާޓީ”އަށް ވަންނަމީހަކަށެވެ. އިންޞާފަކީ އަދި “ހައްޤަކީ” މިއީއެވެ. އެހެނީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންކަމަށްވާއިރު ﷲއަށް އީމާންވެ މުސްލިމަކަށް ވެވޭނީ ﷲގެ “ޕާޓީ”އަށް ވަދެގެންނެވެ. އެއީ ތިބާ އެމް.ޑީ.ޕީ.ގެ ނުވަތަ އެހެންޕާޓީއެއްގެ މެމްބަރަކަށް ވާން އެޕާޓީއަށް ވަދެ އެޕާޓީގެ އަސާސީ ޤަވައިދު ޤަބޫލުކޮށްއެއަށް ޢަމަލުކުރާގޮތަށެވެ. ދެން އޮތީ ﷲ ގެ ޕާޓީއަކީ ކޮބައިތޯ ތިބާ އޮޅުން ފިލުވަން ކުރާސުވާލުގެ ޖަވާބެވެ.

ﷲތަޢާލާގެ ” ޕާޓީ” ނުވަތަ “ޖަމާޢަތް” ބަޔާން ކުރައްވަމުން އެކަލާނގެ ވަހީކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ.

ﷲ އަށާއި،  އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ،  ﷲއާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އާ ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ އީމާންކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ލިބިފައިވާ ރޫޙަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ﷲ އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ ﷲގެ ޖަމާޢަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ. ( އަލްމުޖާދަލާ 22)

މި އާޔަތުގައި މިވަނީ ﷲ ގެ ޖަމާޢަތުގެ މީހުންނާއި އެމީހުންގެ ސިފަތައް ބަޔާންކުރައްވާފައެވެ. އެއީ

ފުރަތަމަ: ﷲ އަށާއި ޢާޚިރަތް ދުވަހަށް އީމާންވުމެވެ. ( މިކަމުގެ ތެރޭގައި އީމާންކަމުގެ ހުރިހާ ރުކުނެއް ޝާމިލުވާނެއެވެ.)

ދެވަނައަށް: ﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިވެ އަދި ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިނުވާ އަދި އަދާވާތްތެރިވާ ކޮންމެބަޔަކާއި އިދިކޮޅުވުމެވެ. އެކަމުގައި ތިމާގެ އެންމެ ގާތްމީހުންވެސް އިސްތިސްނާކުރުމެއްނެތެވެ. ލޯބިވުމަކީ އެ ލޯބިވާ ފަރާތަކަށް ކިޔަމަންތެރިވުމެވެ. ވީމާ ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ އިސްލާމުދީން ތިބާގެ ދިރިއުޅުމުގައި ތަންފީޒުކުރުމެވެ.

އޭ ލޮބުވެތި އާޚާއެވެ! ތިބާ އެބަޔަކު ދެކެ ލޯބިވާ މީހުންވެސް، ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެކޮޅުވެރިވެއްޖެނަމަ ދޫކޮށްލުމަށް ﷲ އަންގާވާފައިވާއިރު ތިޔަ މަރުދޭ “ޕާޓީ” ދޫ ނުކޮށްލެވޭނެހެއްޔެވެ؟ ތިބާ ތިއީ އެހާ ހިތްވަރުގަދަ މުސްލިމެއްނޫންހެއްޔެވެ؟ ތިބާ ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެވީ ލޯބި ކޮބައިހެއްޔެވެ؟ ތިބާވެސް ޕާޓޭއިންފަދައިން ޕާޓީއަށް ސިކުވީތޯއެވެ؟ އެހެން ނުހައްދަވާށެވެ. ﷲ އަށްޓަކައި ތިޔަ ޕާޓީތައް ދޫކުރައްވާ ﷲ ގެ “ޕާޓީ”އަށް ވަދެވަޑައިގަންނަވާށެވެ. އޭރުން އެތަންތަނުގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެއަށް އެކަލާނގެ ތިބާ ވައްދަވާ އެކަލާނގެ މަތިވެރި ވަޖުހަފުޅު ތިބާއަށް ޓަކައި ކަޝްފުކުރައްވާނެތެވެ. ކާމިޔާބީއަކީ މިއީއެވެ.