[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމެއްގެ ފިކުރުން ވިސްނަވާށެވެ.


ޒަމާނުއްސުރެ ދިވެހިރާއްޖެ އަކީ އިސްލާމީ މުޖުތަމައެއް އޮންނަ އިސްލާމީ ޘަޤާފަތެއްގެ އަހުލުވެރި އިސްލާމް ދީންދެކެ ލޯބިވާ އަދި އެދީނަށްޓަކައި ފިދާވާން ކެރި ފައިކުރި އޮޅައިލައިގެން ތިބި ބައެކީމުއެވެ. ސަބަބެއްކަމުގައި އަޅުގަނޑު ދެކެނީ، ޙައްޤު އެނގި ބަޔާންވުމުން ޙައްޤަށް ރުޖޫޢަވެ ޙައްޤު ދަމަހައްޓަން މަސައްކަތްތަކެއް ކުރެވިފައިވުމުވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް އިސްލާމްދީނަށް ބަދު ބަސް ބުނާ މީހުން މި މުޖުތަމަޢަކުން ފެނިފައެއްނުވެއެވެ. އިސްލާމީ ޘަޤާފަތާއި ނުގުޅޭ އެއްވެސް އެއްޗެއް މި ލޮބުވެތި ޤައުމަށް އެތެރެ ކުރެވިފައެއް ނުވައެވެ. އަދި އެކަން ކުރެވެނީ ކަމުގައިވާނަމަ ހަރުކަށި ކަމާއި އެކު އެ ޢަމަލެއް ކުށްވެރި ކުރެވި އެބާވަތުގެ ޢަމަލުތައް ކުރާ މީހުންނަށް އަދަބުދީ ހެދިފައިވެއެވެ.

އަހަރެމެން މުސްލިމުންނީ ބަޔަކު ދައްކާހާ ވާހަކައަކަށް ހެއްލި ގެއްލި ވާންޖެހޭ ބައެއް ނޫނެވެ. ކޮންމެ ކަމެއްވެސް އޭގެ އެންމެ ޙައްޤު ގޮތުގައި އަދި ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބީއަށް ވާޞިލް ވެވޭނެ ގޮތުގެމަތީން އެކަމެއް ކުރުމީ މުސްލިމުންގެ ގައިގައި ހުންނަންޖެހޭނެ ސިފައެކެވެ. މިނިވަންކަމުގެ ނަމުގައި އަވާމެންދުރުތަކާއި ދަޅަތައް ދެއްކި ކަމުގައިވިޔަސް ހަގީގީ މުއުމިނުންނަކީ ދުރާލައި ވިސްނައި، ތަހުޒީބާއި ތަމައްދުންގެ މަގުން އެއްކިބާނުވެ އިސްލާމީ ރިވެތި ފޭރާމާއި އަޚުލާގާއި އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަންކަން ކުރަމުން އަންނަ ބަޔަކަށް ވާންޖެހެއެވެ. އެހެންނަމަވެސް ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އުފެދިފައިވާ ދީނީ އެއްބައިވަންތަކަން ނެތި އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު ފިތުނައިގެ އައްސޭރިއަކަށް ލަފައި ނަގިލި އަޅަން ތައްޔާރުވެއްޖެއެވެ. އެކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ބައެއްފަހަރު ވިސްނައިނުލައި ކުރެވޭ ކަންތަކުގެ ސަބަބުން ހިތާމަތަކާއި ކުރިމަތިލާންޖެހެނީ ނޭދެވޭ ކޮންމެވެސް ކަމެއް ލައިގަނެ ވަގުތު ފާއިތުވާފަހުންނެވެ.

ކޮންމެ ނޭދެވޭ ކަމެއް ފެށިގެން އަންނަނީ އެކަމާއި ގުޅުންހުރި ކޮންމެވެސް ކުޑަ ކަމަކަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުންނެވެ. މިގޮތުން ނިމިގެންދިޔަ ސާރކް ސަމިޓާއި ދިމާކޮށް ބެހެއްޓުނު ބުދުތަކަކީ ވޭތުވެދިޔަތަނުގައި ވިސްނައި ނުލައި ކުރެވުނު ކަންތައްތަކުގެ ސަބަބުން މި ކުޑަކުޑަ އިސްލާމީ ދައުލަތަށް ކުރިމަރިވެފައިވާ ކަޅު އަނދިރި ވިލާގަނޑެއްކަމުގައި އަޅުގަނޑު ދެކެމެވެ. މީގެ ޒަމާންތަކެއް ކުރީން ދިވެހި ވިޔަފާރިވެރީން ފިހާރަތަކުގައި ބުދު ބަހައްޓައި ވިޔަފާރިކުރަން ފުރުޞަތުދެވި އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުގެ ސަބަބުން މިއަދު މިވަނީ ބުދު ބެހެއްޓުމުގެ އާ ހަރުފަތެއް ކަނޑައްތުކޮށް މިބިންމަތީގައި ވިދާ ބަބުޅަމުން އައި އިސްލާމީ ކުލަވަރުގެ އަލި ފަނޑުވާން ފަށައިފައެވެ. މާތް ނަބިއްޔާގެ އިރުޝާދުތަކުގައި ކޮޅުފައިންޖަހައި، އަޅުގަނޑުމެން މިވަނީ ހަނދާނީ ބިނާތަކެއްހަދައި އޭގެ މަތީގައި ބުދުތަކެއް ބަހައްޓައިފައެވެ. އަދި އެއީ އަޅުކަން ނުކުރާ ޒާތުގެ ބުދޭ ކިޔައި އެބުދުތަކަށް ތަޢުރީފުކޮށްފައިވަނީވެސް ހަމަ އަޅުގަނޑުމެންގެ ލޭ ހިނގާ ބައެއް ޒުވާނުންނެވެ. ކޮންމެ ނަމެއްގައި ބުދެއް ބެހެއްޓިޔަސް ބުދެއްވިއްޔާ ވާނީ ބުދަކަށް ނޫންތޯއެވެ؟ އަޅުގަނޑުމެން ހަނދާނަށް ގެނެސްގެންނަންޖެހެނީ އެންމެފުރަތަމަ ދުނިޔެއަށް ޝިރުކު ތަޢާރަފުވީގޮތެވެ. މިދެންނެވި ފިކުރުން ވިސްނައި ފިކުރު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟ ކުރާނީ ކީއްތޯއެވެ؟ ދިވެހީންގެ ފިކުރުތައްމިވަނީ އަދު ނުހަނު ބަދަލުވެފައެވެ.

މިއަދުގެ ރާއްޖެއަށް ނަޒަރު ހިންގާލައިފިކަމުގައިވާނަމަ ތަފާތު އެތައް ފިކުރު ތަކުގެ ވިސްނުން ގެންގުޅޭ މީހުން މިވަނީ އިތުރުވެފައެވެ. ދީނީ ފިކުރުތަކުގެ ތެރެއަށް ހުޅަނގުގެ ބައެއް ފިކުރުތައް ވައްދާ މަސްހުނި ކުރަމުންދާ މީހުން ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން ޚާލިޞް ދީނީ ފިކުރަކުން އަދުގެ މުޖުތަމައާއިމެދު ވިސްނާ ވަކި ވަކި ފަރުދުން އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ. މާއްދީ ގޮތުން އަދި ދީނީ ގޮތުން ކަމެއް ޙާޞިލް ކުރަން އުޅުނު ކަމުގައިވިޔަސް އެކަމުގައި އަމިއްލަ ބޭނުމަކާއި ފައިދާއެއްނެތް އެއްވެސް ކަމެއް ކުރަން މިހާރު އުޅޭ މީހުން ނުރުހޭ ކަހަލައެވެ. މިއީ ވަރަށް ވޭންހުރި ހިތާމައެއް އުފުލަން ޖެހިދާނެ ކަމެކެވެ.

ހިތާމައިގެ މައްޗަށް ހިތާމަ ހުއްޓެވެ. މިދާގޮތަށް ދާކަމުގައިވާނަމަ ދެ ތިން ޖީލު ފަހަނަ އަޅައިދާފަހުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންގޮސް ޝަރީކު ކުރެވޭ ހިސާބަށްދެވި އެކަން މަނާކުރަން ނުކުންނަ މީހުންނަކީ ހައްދުފަހަނައަޅާފައިވާ ބަޔަކަށްވެދާނެ ދުވަސް އިސާހިތަކު ފެނުން ކައިރި ވެއްޖެއެވެ.

މިއީ އަޅުގަނޑުމެން ޢިބްރަތް ޙާޞިލް ކުރަންވީ ދަނޑިވަޅެވެ. މާއްދީ ފިކުރު އިސްކުރުމުގެ ބަދަލުގައި ދިވެހީން ނިސްބަތްވާ އިސްލާމްދީނުގެ ފިކުރުން ވިސްނަންވީ ވަގުތެވެ. އެއްވެސް ޕާރޓީއަކަށް ނުވަތަ އެއްވެސް ކުލައަކަށް ބުރަ ވުމެއްނެތި، މިނިވަން އަދި އިސްލާމީ ފިކުރަކުން ވިސްނެވުމަށްފަހު މިކަމާއިމެދު ފިޔަވަޅެއް އަޅަން އަޅުގަނޑުމެންނަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ.