[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވާރޭ ވެހުމާމެދު މުސްލިމުންގެ ޢަޤީދާ

ވާރޭވެހުން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރިޒުޤުގެ ތެރެއިންނެވެ. ވާރޭވެހުން ކަމަކަށް ނުވަތަ އެއްޗަކަށް ނިސްބަތް ކުރުމަކީ ހުއްދަކަމެއް ނޫނެވެ. މިސާލަކަށް ނަކަތަކަށް ނުވަތަ ތަރިއަކަށް ނުވަތަ މިނޫންވެސް އެއްޗަކަށް ވާރޭވެހުން ނިސްބަތެއް ނުކުރެވޭނެއެވެ. މިފަދަ އެއްޗަކަށް ވާރޭވެހުން ނިސްބަތްކުރުން ވެގެންދާނީ ﷲ އަށް ކުފުރުވުމުގެ ތެރެއިންނެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

عَنْ زَيْدِ بْنِ خَالِدٍ رَضِيَ اللهُ عَنْهُ قَالَ: ((خَرَجْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَامَ الْحُدَيْبِيَةِ فَأَصَابَنَا مَطَرٌ ذَاتَ لَيْلَةٍ فَصَلَّى لَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الصُّبْحَ (صَلَاةَ الصُّبْحِ) ثُمَّ أَقْبَلَ عَلَيْنَا فَقَالَ أَتَدْرُونَ مَاذَا قَالَ رَبُّكُمْ قُلْنَا اللهُ وَرَسُولُهُ أَعْلَمُ فَقَالَ قَالَ اللهُ أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ بِي فَأَمَّا مَنْ قَالَ مُطِرْنَا بِرَحْمَةِ اللهِ وَبِرِزْقِ اللهِ وَبِفَضْلِ اللهِ فَهُوَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ (بِالْكَوَاكِبِ) وَأَمَّا مَنْ قَالَ مُطِرْنَا بِنَجْمِ كَذَا (كَذَا وَكَذَا) فَهُوَ مُؤْمِنٌ بِالْكَوْكَبِ (بِالْكَوَاكِبِ) كَافِرٌ بِي))  – متفق عليه

މާނައީ:“ޒައިދު ބުނު ޚާލިދް  ވިދާޅުވިއެވެ. ޙުދައިބިއްޔާގައި ރަސޫލާ صلى الله عليه وسلم  ވާރޭވެހުނު ރެއެއްގައި އަހަރުމެންނާއިގެން ފަތިސްނަމާދު ކުރެއްވިއެވެ. ދެން ސަލާމް ދެއްވުމަށްފަހު މީސްތަކުންނާ ދިމާއަށް ކުރިމަތިފުޅުލައްވައި ޙަދީޘްކުރެއްވިއެވެ. (ދެންމެ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވީ ކީކޭކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ އަޞްޙާބުބޭކަލުން ދެންނެވިއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާއެވެ.  ޙަދީޘްފުޅުކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވީ ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ތިމަން ﷲ އަށް އީމާންވި ބަޔަކާއި، އަދި ތިމަން ﷲ އަށް ކާފިރުވީ ބަޔަކު މިއަދު ހެނދުންކޮށްފިއެވެ. ދެންފަހެ، އަހަރުމެންނަށް ވާރޭވެހުނީ ﷲ ގެ ރަޙުމަތާއި ފަޟުލުވަންތަވެރިކަމުންނޭ ބުނިމީހުން ދަންނައެވެ. ފަހެ އެބައިމީހުންނަކީ ތިމަން ﷲ އަށް އީމާންވެ، ތަރިތަކަށް ކާފިރުވެގެންވާ މީހުންނެވެ. އަދި އަހަރުމެންނަށް ވާރޭވެހުނީ މިވެނި އެވެނި ތަރިއެއްގެ ސަބަބުންނޭ ބުނިމީހުން ދަންނައެވެ. އެބައިމީހުންނަކީ ތިމަން ﷲ އަށް ކާފިރުވެ، ތަރިތަކަށް އީމާންވެގެންފި މީހުންނެވެ.”

ﷲ ތަޢާލާ ތަރިތައް ޚަލްޤުކުރައްވާފައިވަނީ އެއްވެސް ބޭނުމެއް ނެތިއެއް ނޫނެވެ. އެހެނީ الله سبحانه وتعالى އެތަކެތި ޚަލްޤުކުރެއްވެވީ 3 ކަމެއްގެ މައްޗަށެވެ. އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި، ޤަތާދާ ވިދާޅުވިކަމުގައި ބަޔާންކުރައްވާފައިވެއެވެ.

” خَلَقَ هَذِهِ النُّجُومَ لِثَلاَثٍ جَعَلَهَا زِينَةً لِلسَّمَاءِ وَرُجُومًا لِلشَّيَاطِينِ وَعَلاَمَاتٍ يُهْتَدَى بِهَا فَمَنْ تَأَوَّلَ فِيهَا بِغَيْرِ ذَلِكَ أَخْطَأَ “

މާނައީ:“ﷲ (ސުބްޙާނަހޫ ވަތަޢާލާ) މި ތަރިތައް ޚަލްޤުކުރެއްވެވީ ތިން ބޭނުމަކަށެވެ. އެއީ އުޑު ޒީނަތްތެރިކުރެއްވުމަށާއި، ޝައިޠާނުން ރަޖަމްކުރެއްވުމަށާއި، އަދި މަގު ހޯދައިގަތުމުގެ އަލާމާތްތަކެއްގެ ގޮތުގައެވެ. ފަހެ، މިނޫން އެހެން ގޮތަކަށް އެތަރިތަކުގެ (ބޭނުން) ތައުވީލު ކޮށްފިމީހާ ކުށެއްކޮށްފިއެވެ. އަދި އެމީހާ ހެޔޮގޮތް ގެއްލުވާލައިފިއެވެ. އަދި އެކަމަކާމެދު އެމީހަކަށް ޢިލްމެއްނުވާކަމަކުން ތަކްލީފު ލިބިގެންފިއެވެ.”

 وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِلشَّيَاطِينِ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ  – سورة الملك 5

މާނައީ:“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. އަދި ޝައިޠާނުންނާ ދިމާއަށް އުއްކަވާ ގިނިހިލަތެކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޝައިޠާނުންނަށް ނަރަކައިގެ ޢަޛާބު ތައްޔާރުކުރެއްވީމެވެ.”

 وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ قَدْ فَصَّلْنَا الْآَيَاتِ لِقَوْمٍ يَعْلَمُونَ – سورة الأنعام 97

މާނައީ:“އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ.”

ވާރޭވެހުން މިފަދަ ތަކެއްޗަށް ނިސަބަތްކުރުމަކީ ޖާހިލިއްޔާ ޒަމާނުގެ ޖާހިލު ޢަމަލެކެވެ. މާތް ﷲ ރުއްސުންލެއްވި أبو مالك الأشعري ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ.

أَرْبَعٌ فِى أُمَّتِى مِنْ أَمْرِ الْجَاهِلِيَّةِ لاَ يَتْرُكُونَهُنَّ الْفَخْرُ فِى الأَحْسَابِ وَالطَّعْنُ فِى الأَنْسَابِ وَالاِسْتِسْقَاءُ بِالنُّجُومِ وَالنِّيَاحَةُ “, وَقَالَ ” النَّائِحَةُ إِذَا لَمْ تَتُبْ قَبْلَ مَوْتِهَا تُقَامُ يَوْمَ الْقِيَامَةِ وَعَلَيْهَا سِرْبَالٌ مِنْ قَطِرَانٍ وَدِرْعٌ مِنْ جَرَبٍ”  رواه مسلم

މާނައީ:“ތިމަންކަލޭގެފަނުގެ އުއްމަތުގެ މީސްތަކުންގެ ކިބާގައި ޖާހިލިއްޔަތުގެ ހަތަރުކަމެއް ހަރުލައިފައިވެއެވެ. އެކަންތައް އެބައިމީހުން ދުލެއްނުކޮށްލާނެތެވެ. އެއީ ޙަސަބުވެރިކަމަށް ފަޚުރުވެރިވުމާއި، އެކަކު އަނެކަކުގެ ނަސަބަށް ޢައިބުކިޔުމާއި، ތަރިތަކުގެ ސަބަބުން ވާރޭވެހޭކަމަށް އިޢުތިޤާދުކުރުމާއި، މީހަކު މަރުވުމުން ތެޅިފޮޅެ ރޮއި ހަޅޭއްލެވުމެވެ. އަދި ޙަދީޘްފުޅުކުރެއްވިއެވެ. މީހަކު މަރުވުމުން ތެޅިފޮޅެ ރޮއި ހަޅޭއްލަވާ އަންހެނާ މަރުވުމުގެ ކުރިން އެކަމަށް ތައުބާނުވެއްޖެނަމަ ޤިޔާމަތް ދުވަހުގައި އެއަންހެނާގެ ގާގައި ކަތުރާނުގެ ލިބާހަކާއި ކަސްއަޅުވާ ދަހަނާއެއްވާ ޙާލު (ﷲ ގެ ޙަޟްރަތަށް) ޙާޟިރުކުރެވޭނެއެވެ.”

މިހާރު އަހަރުމެންނަށް މިއީ ޖާހިލިއްޔަ ވިސްނުމެއްކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެކިދުވަސްވަރު ވާރޭވެހުން ތަފާތުވެގެން ދެއެވެ. އަދި ހަމައެއާއި އެކު ވާރޭ ވެހެމުން ދިޔަ ބައެއް ތަންތަނަށް ވާރޭ ނުވެހުމުގެ ސަބަބުން ހަނަފަސްވެގެން ގޮސްފައިވާއިރު، ހަނަފަސްވެފައިވާ ބައެއް ބިންތަކަށް ވާރޭވެހި ދިރުންލިބިފައިވާތަން ފެނެއެވެ. ނަމަވެސް ހަމަ އެނަކަތާއި އެތަރިތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ވަކި ތަރިއެއް އެރުމުން ވާރޭ ވެހޭނެކަމަށް ބުނަމުން ދިޔައިރު، މިހާރު އެތަރި އެރިޔަސް ނޭރިޔަސް ވާރޭ ވެހޭތަން އަހަރުމެންނަށް ފެނެއެވެ. ވިއްސާރަ ވިލާގަނޑެއް އުޑުމައްޗަށް އެރުމުން މީސްތަކުން ވާރޭ ވެހޭނެކަމަށް ހީކޮށްގެން ތިއްބައި އެވިލާގަނޑުން އެއްވެސް ވަރަކަށް ވިއްސާރަ ނުވެހި ދަނީ ކިތައް ފަހަރު ހެއްޔެވެ! އެހެންކަމުން ވާރޭ ވިލާއަކީ ވާރޭ ވެހުމުގެ ސަބަބެކެވެ، ނަމަވެސް ވާރޭވެހުން އެވިލާގަނޑަކަށް ނިސްބަތެއް ނުކުރެވޭނެއެވެ. ވާރޭ ވެހޭނެ ތަނާއި ވަޤުތު ވަނީ ޣައިބުގެ ޢިލްމުގެ ތެރެއިންނެވެ.  އެހެންކަމުން މިކަންކަމަކީ އެއްވެސް ވަރަކަށް ވާރޭ ވެހުމާއި ގުޅުންހުރި ކަންކަމެއް ނޫންކަން ހާމަވެދެއެވެ.

قَالَ رَسُولُ اللهِ صلى الله عليه وسلم : مِفْتَاحُ الْغَيْبِ خَمْسٌ لاَ يَعْلَمُهَا إِلاَّ اللَّهُ لاَ يَعْلَمُ أَحَدٌ مَا يَكُونُ فِي غَدٍ ، وَلاَ يَعْلَمُ أَحَدٌ مَا يَكُونُ فِي الأَرْحَامِ ، وَلاَ تَعْلَمُ نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ وَمَا يَدْرِي أَحَدٌ مَتَى يَجِيءُ الْمَطَرُ رواه البخاري

މާނައީ:“ޣައިބުގެ ޢިލްމުތައް ފަހެކެވެ، ﷲ މެނުވީ އެޢިލްމުތައް އެނގޭނެ އެއްވެސް ފަރާތެއް ނުވެތެވެ. މާދަމާ ވާނޭ ކަމެއް އެއްވެސް މީހަކަށް އެނގުމެއް ނުތެއެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެއްވެސް މީހަކަށް އެނގުމެއް ނުވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް އެނގުމެއް ނުތެއެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް އެނގިގެނެއް ނުތެއެވެ. އަދި ވާރޭ ވެހޭނީ ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް އެނގިގެނެއް ނުތެއެވެ.”