[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމް އަބޫދާވުދު ރަޙިމަހުﷲ

 

الإمام أبو داود رحمه اللهގެ ފުރިހަމަ ނަންފުޅަކީ ސުލައިމާން ބުން އަލްއަޝްޢަޘް ބުން އިސްޙާޤް ބުން ބަޝީރު ބުން ޝައްދާދެވެ. ކުންޔާއަކީ އަބޫ ދާވުދެވެ.ނިސްބަތްވެ ވަޑައިގަންނަވަނީ ސިޖިސްތާނަށެވެ.އުފަންވެވަޑައިގަތީ ހިޖުރައިން 202 ވަނަ އަހަރުގައި ސިޖިސްތާނުގައެވެ.

އަބޫ ދާވުދު ރަޙިމަހުﷲ ބޮޑުފުޅުވެވަޑައިގަތީ ޝަރުޢީ ޢިލްމަށް ވަރަށް އަހައްމިޔަތުކަން ދެއްވާ ޢިލްމީ ޢާއިލާއަކަށެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ޙަދީޘްތައް ރިވާކުރެއްވި ބޭފުޅެކެވެ. އަދި حماد بن زيد رحمه اللهގެ ދަރިވަރެކެވެ. އަބޫ ދާވުދުގެ ބޭބޭފުޅަކީ ޙަދީޘްޢިލްމު ހޯދުމަށްޓަކައި އެތައް ދަތުރުތަކެއް ކުރެއްވި ބޭކަލެކެވެ. އެހެންކަމުން އަބޫ ދާވުދު ބޮޑުފުޅުވެވަޑައިގަތް އިރު ޙަދީޘް ޢިލްމަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވެއެވެ. އަދި އުމުރުން އެންމެ އަށާރަ އަހަރުގައި ޢިލްމު ހޯދުމުގެ ދަތުރުތައް ފެއްޓެވިއެވެ.

އެކަލޭގެފާނުގެ ކުރިން ޢިލްމު ހޯއްދެވި ބޭކަލުން ފަދައިން، އެންމެފުރަތަމަ ރަށުގައި ތިއްބެވި އިލްމުވެރިންގެ އަރިހަށް ދިޔައެވެ. އަދި އޭގެފަހުން ދަތުރު ފެއްޓެވިއެވެ. އެކަލޭގެފާނު ދަތުރުތައް ކުރެއްވި ރަށްތަކުގެ ތެރޭގައި ބަޣްދާދު، ބަޞަރާ، ކޫފާ، ޙިޖާޒްކަރަ، ދިމިޝްޤު އަދި މިޞްރު ހިމެނެއެވެ.

އަބޫ ދާވުދު ރަޙިމަހުﷲ ޢިލްމު ޙާޞިލުކުރެއްވި ޝައިޚުންގެ ޢަދަދު ތިންސަތޭކައަށްވުރެ ގިނަވާނެ ކަމަށް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. އޭގެތެރެއިން އެންމެ މަޝްހޫރު ބޭކަލުންނަކީ އަލްއިމާމް ޢަހްމަދު ބުން ޙަންބަލް، ޔަޙްޔާ ބުން މަޢީން، އިސްހާޤް ބުން ރާހޫޔާ، ޢަލީ ބުން އަލްމަދީނީ، އަބޫބަކްރު ބުން އަބީ ޝައިބާ ފަދަ ބޭކަލުންނެވެ.

އަބޫ ދާވުދު ރަޙިމަހުﷲ ޢިލްމީގޮތުން ވަރަށް މަތިވެރި ދަރަޖައަކަށް ވާޞިލުވެވަޑައިތުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނުގެ އަރިހަށް ޢިލްމު ހޯދުމަށް ދުނިޔޭގެ އެތަންމިތަނުން މީހުން އަންނަން ފެށުމެވެ. މިގޮތުން އެކަލޭގެފާނުގެ އަރިހުން ޢިލްމު ހޯއްދެވި ބޭކަލުންގެތެރޭގައި އިމާމް އައްތިރްމިޛީ، އިމާމް އައްނަސާއީ، އަބޫބަކްރު ބުން އަބިއް ދުންޔާ އަދި ދަރިކަލުން އަބޫބަކްރު ޢަބްދުއްﷲ ބްނު އަބީ ދާވުދު ހިމެނިވަޑައިގަންނަވައެވެ.

އެކަލޭގެފަނު ލިޔުއްވި މުހިންމު ފޮތްތަކުގެތެރޭގައި އެންމެ މަޝްހޫރު ފޮތަކީ ސުނަން އަބީ ދާވުދު ނަމަކަށް ކިޔާ ޙަދީޘް ފޮތެވެ. އެފޮތުގައި 5000 އަށް ވުރެ ގިނަ ޙަދީޘް ހިމެނެއެވެ. މީގެ އިތުރަށް ވެސް އެކަލޭގެފާނުވަނީ ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ.

އަބޫ ދާވުދު ރަޙިމަހުﷲ އަވަހާރަވީ ހިޖުރައިން 275 ވަނަ އަހަރު ޝައްވާލުމަހުގެ 16 ވަނަ ދުވަހުގައެވެ.