[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޝްރިކުންނާއި އެއްގޮތްވުން ނަހީވެގެންވުން

إنّ الحمد لله نحمده ونستعينه، ونستغفره ، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله، فلا مضلَّ له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله.

ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ބަސްފުޅަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ މުޙައްމަދު صلى الله عليه و سلم ގެ ގޮތެވެ. އަދި ދީނުގެ ކަންތައްތަކުގެ ތެރެއިން އެންމެ ނުބައިކަންބޮޑުވެގެންވާ ކަންތައްތަކަކީ ދީނުގައި އަލަށް އުފެދޭ ކަންތައްތަކެވެ. އަދި ދީނުގައި އަލަށް އުފެދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ.

ފަހެ އެއްވެސް މުސްލިމަކަށް މުޝްރިކުންނާއި އެއްގޮތްވުން ހުއްދަވެގެންނުވެއެވެ. މިގޮތުން ޢަމަލުތަކާއި ބަސްތަކުގައިވެސް އެއްގޮތްވުން ހުއްދަވެގެންނުވެއެވެ. އަދި އެއްގޮތްވުމުގެ ތެރޭގައި ހިމެނޭ އެއްވެސްގޮތަކަށް އެއްގޮތްވުން ހުއްދަވެގެންނުވެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ.  ((وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) رواه أبو داود و حسنه الألباني މާނައީ: “އަދި ބަޔަކާއި އެއްގޮތްވެއްޖެ މީހަކު ވާނީ އެބަޔެއްގެ ތެރެއިންނެވެ.”

މިޙަދީޘުން ދަލީލް ލިބޭގޮތުގައި ގޯސްވެގެންވާ ނުބައިމީހުންގެ ތެރެއިން ކާފަރުންނާއި ފާސިޤުންނާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނާއި އެއްގޮތްވުމަކީ ހަމަ އެބައިމީހުން އެކުރާ ނުބައިކަންތައްފަދަ ކަމެއްކަމެވެ.  މުޝްރިކުންގެ ގޮތްތަކާއި އެއްގޮތަށް ޢަމަލުކޮށް އެބައިމީހުންނާއި އެއްގޮތްވީ މީހުންނާއި މުޚާޠަބުކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (فَاسْتَمْتَعْتُمْ بِخَلاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِنْ قَبْلِكُمْ بِخَلاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا).التوبة آية 69 .މާނައީ: ”  ފަހެ (ދުނިޔެއިން) އެއުރެންގެ ނަޞީބުން އެއުރެން އަރާމު ލިބިގަތެވެ. ފަހެ، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެއުރެންގެ ނަޞީބުން އަރާމު ލިބިގަތްފަދައިން، ތިޔަބައިމީހުންގެ ނަޞީބުން އަރާމު ލިބިގެންފީމުއެވެ. އަދި ބާޠިލް ވާހަކަތައް އެއުރެން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް ބާޠިލް ވާހަކަތައް ދައްކަމުން ދިޔައީމުއެވެ “

ފަހެ ހަމަކަށަވަރުން އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲޢަލައިހިވަސައްލަމަ ވަނީ މުޝްރިކުންނާއި އަހުލުކިތާބީންނާއި އެއްގޮތްވުން އަޅުގަނޑުމެންނަށް ނަހީ ކުރައްވާފައެވެ. މުޝްރިކުންނަކީ އަޅުކަމުގައި ﷲ ތަޢާލާއަށް ބައިވެރިންތަކެއް ބައިވެރިކުރާ ކޮންމެ ބައެކެވެ. އަދި އަހުލުކިތާބީންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ.

މިގޮތުން ބާލާއިރު، އިރު އަރައިގެން އަންނަ ގަޑީގައާއި އިރުއޮއްސޭގަޑީގައި ނަމާދުކުރުން އަޅުގަނޑުމެން މުސްލިމުންނަށް ނަހީވެގެންވެއެވެ. ސަބަބަކީ އެގަޑިތަކަކީ އިރަށް އަޅުކަންކުރާ ކާފަރުން އިރަށް ސަޖިދަ ޖަހާ ގަޑިކަމުގައި ވުމުންނެވެ. އަދި އެގަޑީގައި ސަޖިދަޖެހުމަކީ އޭގެ ބޭރުފުށުގެ ހަރަކާތުން ކާފަރުންނާއި އެއްގޮތްވުމަކަށް ވާތީ ރަސޫލުﷲ صلى الله عليه و سلم އަޅުގަނޑުމެން މުސްލިމުންނަށް އެކަން މަނާކުރެއްވިއެވެ.

އަދި އެކަލޭގެފާނު ޙަދިޘްކުރައްވާފައިވެއެވެ.  ((إِنَّ الْيَهُودَ وَالنَّصَارَى لا يَصْبُغُونَ، فَخَالِفُوهُمْ))  . رواه البخاري ومسلم .މާނައީ: ” ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން އިސްތަށީގައި ކުލަނުޖައްސައެވެ. ފަހެ ތިޔަބައިމީހުން އެބައިމީހުންނާއި ޚިލާފުވާށެވެ. “ އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވާ އެހެން ޙަދީޘްފުޅެއްގައިވެއެވެ. (( غَيِّرُوا الشَّيْبَ وَلا تَشَبَّهُوا بِالْيَهُودِ )) صحيح الجامع މާނައީ: ” ތިޔަބައިމީހުން ނުރައިސްތަށިތަކުގެ (ކުލަ) ބަދަލުކުރާށެވެ. އަދި ޔަހޫންދީންނާއި އެއްގޮތްނުވާށެވެ.”

އަދިވެސް އެކަލޭގެފާނު ޙަދިޘްކުރައްވާފައިވެއެވެ. (( خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ، وَأَوْفُوا اللِّحَى )) رواه مسلم . މާނައީ: ” ތިޔަބައިމީހުން މުޝްރިކުންނާއި ތަފާތުވާށެވެ. މަތިމަސްތައް ތުނިކުރާށެވެ. އަދި ތުނބުޅިތައް ދޫކޮށްލާށެވެ.” އަދިވެސް އެހެން ރިވާޔަތެއްގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.  ((جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ)) رواه مسلم . މާނައީ: ” ތިޔަބައިމީހުން މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބިޅިތައް ދިގުކުރާށެވެ. ތިޔަބައިމީހުން މަޖޫސީންނާއި ތަފާތުވާށެވެ. “

އަދި އަހުލުކިތާބީންނާއި ތަފާތުވުމަށްޓަކައި ފައިވާނުގައި ނަމާދުކުރުމަށް ރަސޫލުﷲ صلى الله عليه و سلم އަންގަވާފައިވެއެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ((لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا لَا تَشَبَّهُوا بِالْيَهُودِ وَلَا بِالنَّصَارَى فَإِنَّ تَسْلِيمَ الْيَهُودِ الْإِشَارَةُ بِالْأَصَابِعِ وَتَسْلِيمَ النَّصَارَى الْإِشَارَةُ بِالْأَكُفِّ)) أخرجه الترمذي و حسنه الألباني  މާނައީ: ” ތިމަންމެން ފިޔަވައި އެހެންބަޔަކާއި އެއްގޮތްވެއްޖެ ބަޔަކީ ތިމަންމެންގެ ތެރެއިންވާ ބައެއްނޫނެވެ. ޔަހޫދީންނާއި ނަޞާރާއިންނާއި ތިޔަބައިމީހުން އެއްގޮތްނުވާށެވެ. ފަހެ ހަމަކަށަވަރުން ޔަހޫދީން ސަލާމްކުރަނީ އިނގިލިތަކުން ކުރާ އިޝާރާތުންނެވެ. އަދި ނަޞާރާއިން ސަލާމްކުރަނީ އަތްތިލަތަކުން ކުރާ އިޝާރާތުންނެވެ. “

އަދި މުޝްރިކުންގެ ޢީދު ތަކުގައި ބައިވެރި ވުމަކީވެސް މުސްލިމުންނަށް ޙާރާމްވެގެންވާ ކަމެކެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވެފައިވެއެވެ.  “مَنْ أَقَاَم بِأَرْضٍ المُشْرِكِيْنَ يَصْنَعُ نَيْرُوْزَهُمْ وَمِهْرَجَانَهُمْ وتَشَبَّهَ بِهِمْ حَتَّى يَمُوْتَ حُشِرَ يَوْمَ القِيَامَةِ مَعَهُمْ”  މާނައީ: ” މުޝްރިކުންގެ ބިމުގައި ތިބޭ މުސްލިމުންގެ ތެރެއިން އެބައިމީހުންގެ ޢީދުތަކާއި ފެސްޓިވަލްތަކުގައި ބައިވެރިވެ، މަރުވަންދެން އެބައިމީހުންނާއި އެއްގޮތްވުމުގެ މަތީގައި ތިބޭމީހުން  ޤިޔާމަތްދުވަހަކު މަޙްޝަރުކުރެވޭނީ މުޝްރިކުންނާއި އެކީގައެވެ. “

އަލްއިމާމް އަޙްމަދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.  “أَكْرَهُ حَلْقُ القَفَا، وَهُوَ مِنْ فِعْلِ المَجُوْسِ، وَمَنْ تَشَبَّ بِهِمْ فَهُوَ مِنْهُمْ “ މާނައީ: ” ބޮލުގެ ފުއްކިބައިގައި ހުންނަ އިސްތަށިތައް ބޭލުމަށް ތިމަންކަލޭގެފާނު ނަފްރަތު ކުރައްވަމެވެ. އަދި އެއީ މަޖޫސީން ކުރާޢަމަލެކެވެ. އަދި މަޖޫސީންނާއި އެއްގޮތްވެއްޖެ މީހަކު ވަނީ އެމީހުންގެ ތެރެއިންނެވެ. “

މަތީގައި ބަޔާންވެދިޔަ ޙަދީޘްފުޅުތަކާއި ސަލަފުއް ޞާލިޙުންގެ ބަސްފުޅުތަކުން އެންގޭގޮތުގައި، ކީރިތި ޤުރްއާނުގައި ވާފަދައިން، އަނިޔާވެރިވެގަތް މީހުންނާއި މަގުފުރެދުނުމީހުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި އެހެނިހެން މުޝްރިކުނާއި އެއްގޮތްވުމަކީ ޙަރާމްކަމެކެވެ. އެހެންނަމަވެސް މި އުއްމަތުގެ މީހުން ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލުތައް ކޮޕީކުރާނޭކަމުގެ ޚަބަރު އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ އަދި އެންމެ ތެދުވެރި އިންސާނާ މުޙައްމަދު صلى الله عليه و سلم ވަނީ މީގެ 1400 އަހަރު ކުރިން އަޅުގަނޑުމެންނަށް އަންގަވާފައެވެ. ފަހެ މިއަދު އަޅުގަނޑުމެންގެ މުސްލިމުންގެ ޙާލަތަށް ވިސްނާލައިފިނަމަ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން ކާފަރަކުވެސް ޤަބޫލްކޮށްފާނެ ފަދައެވެ. ޔަޢުނީ އެހާވެސް ފާޅުކަން ބޮޑުވެގެންވާގޮތެއްގައި މުސްލިމުން މިވަނީ ޔަހޫދީންނާއި ނަޞާރާއިން ކޮޕީކުރަންފަށާފައެވެ. ތަރައްޤީ އާއި ތަހުޒީބުގެ ނަމުގައެވެ. އެހެންމަވެސް މުސްލިމުން މިދަނީ ދުވަހުން ދުވަހަކަށް ފަޤީރުވެ ނިކަމެތިވަމުންނެވެ. އެހެންކުން ތަރައްޤީއާއި ތަހުޒީބު ލިބޭކަމަށް ކުރާ ދަޢުވާއަކީ ބާޠިލް ދަޢުވާއެއްކަން މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މުސްލިމް ޤައުމުތަކަށް އަޅުގަނޑުމެން  ބަލާލުމުން އެނގިގެންދާނެއެވެ.

ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِى جُحْرِ ضَبٍّ لاَتَّبَعْتُمُوهُمْ ” ، قُلْنَا : يَا رَسُولَ اللَّهِ ، الْيَهُودِ وَالنَّصَارَى ؟ قَالَ : ” فَمَنْ ؟ ” )) رواه البخاري و مسلم މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީން އައި މީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. މުށަކަށްފަހު މުށެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންނަށް އެކަމުގައި ތަބާވާނެއެވެ. (އެބަހީ އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.) އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެރަސޫލާއެވެ. އެބަޔަކީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. “ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟” 

سُفْيَانُ الثَّوْرِيْ –رحمه الله- ވިދާޅުވެފައިވެއެވެ.: ” كَانَ يُقَالُ مَنْ فَسَدَ مِنْ عُلَمَائِنَا فَفِيْهِ شِبْهٌ مِنْ اليَهُوْدِ،وَمَنْ فَسَدَ مِنْ عُبَّادِنَا فَفِيْهِ شِبْهٌ مِنْ النَّصَارَى. “ މާނައީ: ” މީސްތަކުން ބުނެއުޅޭކަމުގައިވެއެވެ. އަހަރެމެންގެ ޢިލްމުވެރިންގެ ތެރެއިން ފަސާދަވެދިޔަމީހުން އެއްގޮތްވެގެންވަނީ ޔަހޫދީންނާއެވެ. އަދި އަހަރެމެންގެ އަޅުވެރިންގެ ތެރެއިން ފަސާދަވެދިޔަމީހުން އެއްގޮތްވެގެންވަނީ ނަޞާރާއިންނާއެވެ. “

ފަހެ ﷲ ތަޢާލާ ޔަހޫދީންގެ ޢިލްމުވެރިންނަށް، އެބައިމީހުން ޙަރާމް މުދާކެއުމުގެ ސަބަބުން، ނިކަމެތިބަސް ޥަޙީކުރައްވާފައިވެއެވެ. އަދި އެބައިމީހުން ﷲ ތަޢާލާގެ މަގުން އެއްކިބާވިއެވެ. ﷲ ތަޢާލާ ފޮނުއްވި ނަބިއްޔުން ޤަތުލުކުރިއެވެ. އަދި ޙައްޤަށް ޢަދުލަށް ގޮވާލިމީހުން ޤަތުލުކުރިއެވެ. ޙަޤަށް ރުޖޫޢަވުމަށް ދެކޮޅުވެރިވެ ބޮޑާވެގަތެވެ. އެމީހުންނަށް ލިބޭ ލާރި ނުލިބިދާނެތީއެވެ. ރިޔާސަތު ނުލިބިދާނެތީއެވެ. އަދި ޙައްޤަށް އުޅޭމީހުންނާއިމެދު ޙަސަދަވެރިވުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ހިތްތައް ހަރުވުމުގެ ސަބަބުން ޙައްޤު ފޮރުވައި، ގަޞްދުގައި ޙައްޤަށް ޢަމަލުކުރުމަށް އިންކާރުކުރިއެވެ. މިމީހުންގެ ގިނަ ސިފަތަކަކީ އިސްލާމީ އުއްމަތުގައި ތިބި ބިދުޢަވެރިންނާއި އެބައިމީހުންނަށް ތަބާވާމީހުންގެ ސިފަތަކެވެ. މިގޮތުން ބާލާއިރު ރާފިޟާއިން ނުވަތަ ޝީޢީން ޔަހޫދީންނާއި 70 ގޮތުން އެއްގޮތްވެގެންވާ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ދެންފަހެ ނަޞާރާއިންނަށް، އެބައިމީހުންގެ ޖާހިލުކަމާއި މަގުފުރެދުމުގެ ސަބަބުން، ނިކަމެތިބަސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އެބައިމީހުން ދީނުގައި ހައްދުފަހަނައަޅައިގޮސް ޙައްޤުގެމަގުން އެއްކިބާވެގަތެވެ. އަދި މަޚްލޫޤަކު އިލާހެއްގެ ދަރަޖައަށް މަތިވެރި ކުރިއެވެ. މިއީ އެއްވެސް މަޚްލޫޤަކަށް ޙައްޤުވެގެންވާ ދަރަޖައެއްނޫނެވެ. ޢީސާ ޢަލައިހިއްސަލާމަކީ އިލާހެއްކަމަށް އެބައިމީހުން ބުންޏެވެ. އަދި ކަންތައްތައް ޙަރާމްކުރުމާއި ޙަލާލްކުރުމުގައި އެބައިމީހުން އެބައިމީހުންގެ ޢިލްމުވެރިންގެ ބަސް ޤާބޫލްކުރިއެވެ. އަދި ﷲ ތަޢާލާ ބާވައިލެއްވި ޙުކުމްތައް ދޫކޮށްލިއެވެ. މި ހުރިހާ ކަންތަކަކީ މިއަދުގެ އިސްލާމީ އުއްމަތަށް ނިސްބަތްވާކަމަށް ދަޢުވާކުރާ ބިދުޢަވެރިން ފިރުޤާތަކުން ކުރަމުންދާ ކަންކަމެވެ.

މިގޮތުން ބިދުޢަވެރިންގެ ތެރޭގައި އެއްވެސް ޢިލްމެއްނެތި ޖާހިލުކަންމަތީ ޢަޅުކަންކުރާ މީހުން ވަރަށްވެސް ގިނައެވެ. އަދި ޙައްޤުގެ މަތީގައި ތިއްބަވާ ޢިލްމުވެރިންނަށް ބަދުބަސް ބުނުމަކީ އެބައިމީހުން ޢާއްމުގޮތެއްގައި ކުރާކަމެކެވެ. މިގޮތުން މިފަދަ ބިދުޢާވެރީންގެ ތެރޭގައި ﷲ ތަޢާލާ ހުރިހާ މާޚްލޫޤާތްތަކުގެ ތެރޭގައި ވޮޑިގެންވާކަމުގެ ބާޠިލް ދަޢުވާ ކުރާބަޔަކުވެއެވެ. އަދި ހުރިހާ މަޚްލޫޤާތްތަކަކީ ﷲ ކަމަށް ބުނާބަޔަކުވެސް ބިދުޢަވެރިންގެތެރޭގައި ހިމެނެއެވެ. މަޚްލޫޤާތް ތަކުގެ ތެރޭގައި ﷲ ތަޢާލާ ވޮޑިގެންވާކަމަށް ބުނާ މީހުން އެއްގޮތްވެގެންވަނީ ނަޞާރާއިން ޢީސާ ޢަލައިހިއްސަލާމްގެ ހަށިކޮޅުގައި ﷲ ވާކަމަށް ބުނާ ބުނުމާއެވެ. ފަހެ މި ދެބައިމީހުންވެސް މި ކުރާ ދަޢުވާއަކީ ބޮޑުވެގެންވާ ޝިރުކުގެ ދަޢުވާތަކެވެ. މިއުއްމަތަށް ނިސްބަތްވާ ބިދުޢަވެރިން އެބައިމީހުންގެ ޝައިޚުން ބުނާގޮތްތައް ކަންތައްތައް ޙަލާލް ކުރުމާއި ޙަރާމްކުރުމުގައި އިސްކުރެއެވެ. ފަހެ މިމީހުންގެ މި ޢަމަލަކީ ނަޞާރާއިވެސް ވެސް ކުރިޢަމަލެކެވެ. އެހެންކަމުން މިކަމުގައިވެސް މިބައިމީހުންނާއި ނަޞާރާއިންނާއި އެއްގޮތްވެގެންވެއެވެ.

އަޅުގަނޑުމެން އެންމެހާ މުސްލިމުންނަށް ވާޖިބުވެގެންވަނި ޞާލިޙުންނާއި އެއްގޮތްވުމެވެ. ހެޔޮކަންތައްތަކަށް އަމުރުކުރާ  ތަޤުވާވެރިންނާއި ކިޔަމަންތެރި އަޅުންގެ މަގުގައި ހިނގުން އަޅުގަނޑުމެންނަށް ލާޒިމްވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ޞާލިޙުންގެ އިމާމަކީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه و سلم އެވެ. އެހެންކަމުން އެކަލޭގެފާނާއި އެއްގޮތްވުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. އަޅުގަނޑުމެން ކޮޕީކުރަންވީ ލޮބުވެތި ނަބިއްޔާ صلى الله عليه و سلمގެ ޢަމަލުފުޅުތަކާއި ޙަރަކާތްފުޅުތަކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކެވެ. އެކަލޭގެފާނުގެ އަޚްލާޤުފުޅެވެ. އަޅުގަނޑުމެންނީ އެކަލޭގެފާނަށް ޙަޤީޤި ލޯބިކުރާބަޔަކު ކަމުގައި ވާނީ އޭރުންނެވެ. ފަހެ އިންސާނާ ވާހުށީ އޭނާ އެންމެ ލޯބިވާ މީހަކާއި އެކީގައިކަން ރަސޫލުﷲ صلى الله عليه و سلم އަންގަވާފައިވެއެވެ. އަދި ﷲ ތާޢާލާއަށް ލޯބިކުރާކަމުގައިވާނީވެސް އަޅުގަނޑުމެން އެކަލޭގެފާނަށް ތަބާވެގެންނެވެ. –ނިމުނީ-