[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަޢުވަތު ދިނުމުގެ މަންހަޖު

عَنِ ابْنِ عَبَّاسٍ أَنَّ مُعَاذًا – قَالَ بَعَثَنِى رَسُولُ اللَّهِ -صلى الله عليه وسلم- قَالَ:  إِنَّكَ تَأْتِى قَوْمًا مِنْ أَهْلِ الْكِتَابِ. فَادْعُهُمْ إِلَى شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّى رَسُولُ اللَّهِ فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِى كُلِّ يَوْمٍ وَلَيْلَةٍ فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ فِى فُقَرَائِهِمْ فَإِنْ هُمْ أَطَاعُوا لِذَلِكَ فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ وَاتَّقِ دَعْوَةَ الْمَظْلُومِ فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللَّهِ حِجَابٌ (رواه مسلم وغيره)    

ޙަދީޘުގެ މާނަ

މުޢާޛް ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު (ޔަމަނަށް) ފޮނުއްވަވަމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ފޮތުގެ އަހުލުވެރީން(ޔަހޫދީންނާއި ނަޞާރާއިން)ގެ ޤައުމަކަށަވެ. ފަހެ، އެމީހުންނަށް، ﷲ ފިޔަވައި ޙައްޤު އިލާހަކު ނުވާކަމަށް ހެކިވުމަށާއި (އެކަލިމައިގެ ޝަރުޠުތައް ފުރިހަމަކުރުމަށާއި)، ތިމަންކަލޭގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމަށް ގޮވާލައްވާށެވެ. ދެންފަހެ އެބައިމީހުން، އެކަމަށް ބޯލަނބައި ކިޔަމަންވެއްޖެނަމަ، ކޮންމެ ރެއަކާއި ދުވާލަކު ފަސްނަމާދު ކުރުމަށް އެބައިމީހުންގެ މައްޗަށް، ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާކަން އެބައިމީހުނަށް ބަޔާންކޮށްދެއްވާށެވެ. ދެންފަހެ އެބައިމީހުން، އެކަމަށް ބޯލަނބައި ކިޔަމަންވެއްޖެނަމަ، އެބައިމީހުންގެ މުއްސަނދިންގެ އަތުން ނަގައި، ފަޤީރުންނަށް ދިނުމަށްޓަކައި، ﷲ ތަޢާލާ ޒަކާތް ފަރުޟުކުރައްވާފައިވާކަން އެބައިމީހުންނަށް އަންގަވާށެވެ. ދެންފަހެ އެކަމަށްވެސް އެބައިމީހުން ބޯލަނބައި ކިޔަމަންވެއްޖެނަމަ، ޒަކާތުގެ ގޮތުގައި އެމީހުންގެ އެންމެ ހެޔޮ، އަގުބޮޑު މުދާތައް ނުނަންގަވާށެވެ. އަދި އަނިޔާލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވެލައްވާށެވެ. ފަހެ ހަމަކަށަވަރުން އެދުޢާއާއި، ﷲ ތަޢާލާ(ގެ ޙަޟްރަތުން އަންނަ އިޖާބަ)އާއި ދެމެދު އެއްވެސް ހުރަހެއް ނުވެއެވެ.

ޙަދީޘް ރިވާކުރެއްވި ޞަޙާބީ

މި ޙަދީޘް ރިވާކުރައްވާފައިވަނީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއެވެ. އެކަލޭގެފާނަކީ ހާޝިމީ ދަރިކޮޅުން ވަޑައިގެންނެވި، ޢަބްދުލް މުއްޠަލިބުގެ ދަރިކަލުން ޢައްބާސްގެ ދަރިކަލުން ޢަބްދުﷲ އެވެ. އާދެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި ފިޤުހުވެރިކަމުގެ ސަބަބުން، އުއްމަތުގެ ބަޙުރު(އުއްމަތުގެ ޢިލްމުގެ ކަނޑު)ގެ ލަޤަބު އެކަލޭގެފާނަށް ދެވިފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އެންމެ ގިނަ ޙަދީޘްތައް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 68 ވަނަ އަހަރުގައެވެ.

ޙަދީޘުގެ ތަފްޞީލީ މާނަ:

މި ޙަދީޘުގައި ބަޔާންވެފައި މިވަނީ ﷲގެ މަގަށް ދަޢުވަތު ދިނުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެވެ. މިގޮތުން އެންމެ ފުރަތަމަ ގޮވައިލަން ޖެހެނީ ﷲގެ އެއްކައުވަންތަކަމަށާއި، އެންމެހައި އަޅުކަންތަކެއް އެއިލާހަށް ޚާލިޞްކޮށް، ޝިރުކުގެ އެންމެހައި ޢަމަލުތަކުން ދުރުހެލިވެ ރައްކާތެރިވުމަށްކަން، މި ޙަދީޘުން އެނގިގެންދެއެވެ. ކުއްތަންކުރެވިފައިވާ މަލާއިކަތްބޭކަލަކަށްވެސް، ފޮނުއްވިފައިވާ ނަބީބެކަލަކަށްވެސް، އަދި ޞާލިޙު އަޅަކަށްވެސް، އަދި ހިލައާއި، ގަހާއި، އިރަށާއި ހަނދަށްވެސް އަޅުކަމުގެ އެއްވެސް މިންވަރެއް ޙައްޤުވެގެން ނުވާކަން ބަޔާންކޮށްދިނުން، ﷲގެ އެއްކައުވަންތަކަމަށް ގޮވާލުމުގެ ތެރޭގައި ހިމެނެއެވެ.

ފަހެ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާކޮށްގެން ނުވާނެއެވެ. އަދި އެހީއާއި މަދަދާއި، ރައްކާތެރިކަމަށް އެދި، ވަކީލުކުރަންވާނީވެސް ހަމައެކަނި އެއިލާހަށެވެ. އަދި ބިރުވެތިވުމާއި، އުއްމީދުކުރުންވެސް ވަނީ ހަމައެކަނި އެއިލާހުގެ ޙަޟްރަތަށެވެ.

މިއަޅުކަންތަކުގެ ތެރެއެއިން އެއްވެސް މިންވަރެއް، ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަދާކޮށްފިމީހާ، ފަހެ އެއިލާހަށް އަޅުކަންކުރުމުގައި ޝިރުކުކޮށްފިއެވެ. އަދި އެއިލާހާއި އެހެންފަރާތްތަކެއް ބައިވެރިކޮށް، ޝިރުކުކުރާ މީހުންގެ މައްޗަށް، އެއިލާހުވަނީ ސުވަރުގެ ޙަރާމްކުރައްވައި، އެމީހުން ދާންއޮތް ތަނަކީ ނަރަކަ ކަމުގައި ކަނޑައަޅުއްވާފައެވެ.

ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމަކީ، ހަމައެކަނި ދުލުން  لا إله إلا الله ކިޔުމެއް ނޫނެވެ. އެހެނެއްކަމަކު، އޭގެ މާނަ ދަސްކޮށް، އެއާއި އެއްގޮތަށް ޢަމަލުކޮށް، އޭގެ ޝަރުޠުތައް ފުރިހަމަކުރަންޖެހެއެވެ. لا إله إلا اللهގެ ޝަރުޠުތައް ހަތެކެވެ.

1-ޖާހިލުކަން ނަފީކުރާ ޢިލްމު. އެބަހީ ކަލިމައިގެ މާނައާއި މަފްހޫމު ދެނެގަނެ، އެއަށް ޖާހިލުވެނުހުރުން.

2-ޝައްކުކަން ނަފީކުރާ ޔަޤީންކަން. އެބަހީ ކަލިމަ ކިއުމަށްފަހު، ﷲގެ އުލޫހިއްޔަތާއި ދޭތެރޭ އެއްވެސް ޝައްކެއް ނުކުރުން. އަދިކިއެއްތަ! އެއިލާހުގެ އުލޫހިއްޔަތާއި ދޭތެރޭ ޔަޤީންކުރުން.

3-ރައްދުކުރުން ނަފީކުރާ ޔަޤީންކުރުން. އެބަހީ ކަލިމަ ކިއުމަށްފަހު، އޭގެ މާނަ ހިތުން ޤަބޫލުކުރުން. އަދި ދުލުން ކިޔައި ހިތުން ރައްދުނުކުރުން.

4-ދޫކޮށްލުން ނަފީކުރާ ބޯލަނބައި ކިޔަމަންގަތުން. އެބަހީ ކަލިމަ ކިއުމަށްފަހު، ކަލިމަ ވާޖިބުކުރާ ކަންތަކަށް ބޯލަނބައި ކިޔަމަންގަތުން. އަދި ކަލިމަ ދުލުންކިޔައި އެކަލިމަ ވާޖިބުކުރާކަންތަކަށް ޢަމަލުކުރުން ދޫކޮށްނުލުން.

5-ޝިރުކު ނަފީކުރާ އިޚްލާޞްތެރިކަން. އެބަހީ ކަލިމަ ކިއުމަށްފަހު ﷲއާއި އެއްވެސް ފަރާތެއް ޝަރީކުނުކުރުން. އަދި ކިއެއްތަ! އެންމެހާ އަޅުކަންތަކެއް އެއިލާހަށް ޚާލިޞްކުރުން.

6-ދޮގުވެރިކަން ނަފީކުރާ ތެދުވެރިކަން. އެބަހީ ކަލިމަ ކިއުމަށްފަހު، ކަލިމައިގެ މާނައަށާއި މަފްހޫމަށް ތެދުވެރިވުން. ދޮގުވެރިނުވުން.

7-ލޯބިވުމުގެ އިދިކޮޅު ކަންތައް ނަފީކުރާ ލޯބިވުން. އެބަހީ ކަލިމައިގައިވާ މާނައަށާއި މަފްހޫމަށް ރުހުން.

މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމަކީ، އޭގެ މާނަ ދަސްކޮށް، އެއިން ލާޒިމުކުރާ ހުރިހާ ކަމަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ. މިކަލިމަވެސް ހަމައެކަނި ދުލުން ކިޔައިގެން ނުފުދޭނެއެވެ. އެކަލޭގެފާނު ދެއްވާ ޚަބަރުތައް ތެދުކުރުމާއި، އަމުރުފުޅުތަކަށް ކިޔަމަންވުމާއި، ނަހީތަކުން ދުރުހެލިވުމާއި، އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް މެނުވީ ﷲއަށް އަޅުކަންނުކުރުމީ، މިކަލިމަ ލާޒިމުކުރާ ކަންތަކެވެ.

ފަހެ ކޮންމެ މުސްލިމަކުވެސް، މި ދެކަލިމައިގެ މާނައާއި، މި ދެކަލިމަ ލާޒިމުކުރާ ކަންތައް ދަސްކޮށް، އެއާއި އެއްގޮތަށް ޢަމަލުކުރަން ޖެހެއެވެ.

މި ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1-ތަވްޙީދަކީ އިސްލާމްދީނުގެ އަސާސްކަން.

2-ތަވްޙީދަށްފަހު އެންމެ މުހިންމު ރުކުނަކީ ނަމާދު ޤާއިމުކުރުންކަން.

3-ނަމާދަށްފަހު އެންމެ މުހިންމު ރުކުނަކީ ޒަކާތް ދިނުންކަން.

4-ޒަކާތުގެ މުދާތައް މުއްސަނދިން އަތުން ނަގައި، އޭގެ ހައްޤުވެރީންނަށް ދިނުމަކީ ވެރިމީހާގެ ވާޖިބެއްކަން. އެއީ އޭނާ އަމިއްލައަށް، ނުވަތަ އޭނާ ކަނޑައަޅާ މީހަކު، ކުރުން ވާޖިބުވެގެންވާ ކަމެއްކަން.

5-ޒަކާތް ޙައްޤުވާ މީހުންގެ ތެރެއިން އެންމެ ބަޔަކަށް، ޒަކާތުގެ މުދާތައް ދިނަސް ފުދޭކަން. މި ޙަދީޘުގައި އައިސްފައި މިވަނީ ޒަކާތް ޙައްޤުވާ މީހުންގެ ތެރެއިން ފަޤީރުން އެކަންޏެވެ.

6-ޒަކާތުގެ މުދާ މުއްސަނދިންނަށް ދިނުން ހުއްދަވެގެން ނުވާކަން.

7-ޒަކާތުގެ މުދާތައް ނަގަން ދާމީހާ، އެމީހުންގެ އެންމެ ހެޔޮ، އެންމެ އަގުބޮޑު މުދާތައް ނަގައިގެން ނުވާނެކަން.

8-އަނިޔާވެރިވުމުގެ އެންމެހައި ކަންތަކުން ދުރުހެލިވާން ޖެހޭކަން.

9-ޢަޤީދާގެ ކަންތަކާއި، ފިޤުހީ މައްސަލަތަކުގައިވެސް، ޢަދުލުވެރި އެންމެ މީހެއްގެ ކިބައިން އަންނަ ޚަބަރުވެސް، ޤަބޫލުކުރަން ޖެހޭކަން.

10-ދަޢުވަތު ދިނުމުގައި އެންމެ މުހިންމު ކަންތަކުން ފަށަން ޖެހޭކަން.