[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙު ދަރިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދަރިންނަކީ ﷲ ތަޢާލާ ދެއްވާ ނިޢުމަތެކެވެ. އެއީ ކައިވެނީގެ މޭވާއެވެ. އަދި އެއީ މައިންބަފައިންގެ ލޮލުގެ ނޫރެވެ. ދަރިންނަކީ މައިންބަފައިންނާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ތަރުބިއްޔަތުވެފައި ތިބޭ ކުދިންގެ ފުށުން މައިންބަފައިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭނެކަން ޔަޤީނެވެ. އެފަދަ ތަރުބިއްޔަތެއް ދެވިފައިވާ ކުދިން، މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެމީހުންނަށް އޯގާތެރިވާނެއެވެ. އަދި މައިންބަފައިން މަރުވުމަށްފަހު އެކުދިންގެ ސަބަބުން އެމީހުންނަށް ހެޔޮ ދަރުމަ ލިބޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ﴾  (سورة يس ١٢)

“ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ ޢަމަލުތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ އަޘަރުތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ.”

‘ދަރިންނަކީ މުސްލިމަކަށް އޭނާގެ ހެޔޮކަންތައްތައް އިތުރުކޮށްދޭ ވަސީލަތަކަށްވުން އެކަށީގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމަށް އަބޫ ޙުރައިރާ رضي الله عنه ރިވާކުރައްވާފައިވެއެވެ. ((إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ: عِلْمًا عَلَّمَهُ وَنَشَرَهُ، أَوْ وَلَدًا صَالِحًا تَرَكَهُ، أَوْ مُصْحَفًا وَرَّثَهُ، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ، تَلْحَقُهُ مِنْ بَعْدِ مَوْتِهِ)) [أخرجه ابن ماجه والبيهقي وغيرهما وحسنه الألباني]

“ހެޔޮކަންތައްތަކާއި ޢަމަލުތަކުގެ ތެރެއިން މުއުމިނަކު މަރުވުމަށްފަހު އޭނާއަށް އޭގެ ފައިދާ ޙާޞިލުވާނެ ކަންތައްތަކަކީ: އޭނާ އުނގަންނައިދިން ނުވަތަ ފަތުރައިދިން ޢިލްމެއް، އޭނާ ދޫކޮށްފައިދާ ޞާލިޙް ދަރިއެއް، އޭނާ ވާރުތައިގެ ގޮތުގައި ދޫކޮށްފައިވާ ޤުރުއާން މުޞްހަފެއް، އޭނާ ބިނާކުރި މިސްކިތެއް، ދަތުރުމަތީ ބިކަޙާލުޖެހޭ މީހުންނަށްޓަކައި އޭނާ ބިނާކޮށްދިން ގެއެއް، އޭނާ ހަދައިދިން ކޯރެއް، ނުވަތަ އޭނާ ދުޅަހެޔޮކަމާއެކީ ދިރިހުރެ އޭނާގެ މުދަލުން ނެރުނު ޞަދަޤާތެކެވެ. (މިހުރިހާ ކަމެއްގެ ދަރުމަ) އޭނާ މަރުވުމުން އޭނާއާއި ހަމައަށް ފޯރާނެއެވެ.”

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމަށް އަބޫ ޙުރައިރާ رضي الله عنه ރިވާކުރައްވާފައިވެއެވެ. ((إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلَاثَةِ أَشْيَاءٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ)) [أخرجه مسلم وأبو داود وغيرهما]

“އިންސާނާ މަރުވުމުން ތިންކަމެއް ފިޔަވާ އެހެން ހުރިހާ ޢަމަލުތަކެއް މެދުކެނޑެއެވެ.  އެއީ: ދެމިގެންވާ ޞަދަޤާތެއް، (އިސްލާމްދީނުގެ) ފައިދާކުރަނިވި ޢިލްމެއް، އަދި އޭނާއަށް ދުޢާކޮށްދޭނޭ ޞާލިޙް ދަރިއެކެވެ.”

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމަށް އަބޫ ޤަތާދާ رضي الله عنه ރިވާކުރައްވާފައިވެއެވެ. ((خَيْرُ مَا يُخَلِّفُ الرَّجُلُ مِنْ بَعْدِهِ ثَلَاثٌ: وَلَدٌ صَالِحٌ يَدْعُو لَهُ، وَصَدَقَةٌ تَجْرِي يَبْلُغُهُ أَجْرُهَا، وَعِلْمٌ يُعْمَلُ بِهِ مِنْ بَعْدِهِ)) [أخرجه ابن ماجه وابن حبان وغيرهما وصححه الألباني]

“މީހަކު މަރުވާހިނދު އޭނާ ފަހަތަށް ދޫކޮށްފައިދާ ހެޔޮ ތިންކަމެއް ވެއެވެ: އެއީ: އޭނާއަށް ދުޢާކޮށްދޭނޭ ޞާލިޙް ދަރިއެއް، އޭގެފައިދާ އޭނާއާއި ހަމައަށް ވާޞިލްވާ ދެމިގެންވާ ޞަދަޤާތެއް، އަދި އޭނާ އުނގަންނައިދިން ޢިލްމުގެ ތެރެއިން އޭނާ (މަރުވުމަށް) ފަހުގައިވެސް އޭގެ ބޭނުން ކުރެވޭ ޢިލްމެކެވެ.” ‘1

މިފަދަ މަތިވެރި ދަރުމަ ލިބޭނެ މަގު އަޅުގަނޑުމެން ކުރިމަތީ ފެންނަން އޮތްއިރު އެކަމާ އަޅާނުލާ ދޫކޮށްލައިގެން ނުވާނެއެވެ. މަރުވުމަށްފަހު ކަށްވަޅުގެ އަނދިރިކަމުގެ ތެރޭގައި އޮންނައިރު އެމީހެއްގެ ހެޔޮކަންތައްތައް އިތުރުވުމަށް ނޭދޭނީ ކާކުހެއްޔެވެ. މިމަތިވެރި ދަރުމަ ލިބިގަތުމަށްޓަކައި އަޅުގަނޑުމެންނާއި ހަވާލުވެވިފައިވާ އަގުހުރި އަމާނާތަށް ރައްކާތެރިވާން އަވަސް ވެގަންނަންޖެހެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަންޖެހެއެވެ. އެއީ ދެދުނިޔޭގެ ލާބައާއި މަންފާއަށްޓަކައެވެ. ދުޢާއަކީ އަޅުގަނޑުމެންގެ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ތައުފީޤު ﷲ ތަޢާލާ ދެއްވުމެވެ.

_____________________________________________

[1] މަންޝޫރާތުލްކިތާބު ވައްސުންނަތް އިން ޗާޕްކޮށްފައިވާ (ބާތް ޕްރިވެންޝަން އެން އިސްލާމިކް ޕާސްޕެކްޓިވް) އެފޮތުން ނަގާފައި