[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮލަފާ އަނބިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ ވާރުތަމުދަލުގެ ގޮތުގައި ދެކެވުނު ބައެކެވެ. އޭނާގެ ފިރިމީހާ މަރުވުމުން، ވާރުތަ މުދާ ބަހާއިރު، ވާރުތަވެރީން އެއަންހެނާވެސް ވާރުތަ މުދަލުގެ ތެރޭގައި ހިމަނައެވެ. އަދި އެމުޖުތަމަޢުގައި އަންހެން ދަރިއަކު އުފަންވިކަމުގެ ޚަބަރު ލިބިއްޖެނަމަ އެކުއްޖާގެ ބައްޕަގެ މޫނުގެ ކުލަ އޮއްސިގެންދެއެވެ. އަދި އެކުދިން ދިރިތިއްބާ ވަޅުލާނީތޯ ނުވަތަ ލިބުނު ނިކަމެތިކަން ތަޙައްމަލުކުރާނީތޯ އެބައިމީހުން އެހިނދު ފިކުރުކުރެއެވެ.

މިފަދަ އަނދިރިކަމެއްގައި މިބައިމީހުން ދިރިއުޅެމުންދަނިކޮށް އިސްލާމްދީނުގެ ނޫރުފާޅުވެ އަންހެނުންނަށް އެބައިމީހުންގެ ޙައްޤުތައް ހޯދައިދިނެވެ. އަދި އެއަށްފަހު އަންހެނުންނަކީ ޤަދަރުވެރި ބައެއްކަމުގައި ވެގެންދިޔައެވެ. އިސްލާމްދީނުގެ އެންމެ މައިގަނޑު އެއްގޮވާލުމަކީ ކޮންމެ މީހަކިވެސް ހެޔޮލަފާ ޞާލިހު މީހަކަށްވެ އޭނާގެ ޢަމަލުތައް އިޞްލާޙުކުރުމެވެ. މިގޮތުން ފިރިހެނުންނާއި އަންހެނުންގެ ޙައްޤުގައި އެކި ޢަމަލުތައް ނުވަތަ ވަޒީފާތައް އިސްލާމްދީނުގައި ކަނޑައެޅިފައިވެއެވެ.

‘އެންމެ ހެޔޮލަފާ އަންހެނަކީ އޭނާގެ ފިރިމީހާއަށް އެންމެ ރަނގަޅު އަދި އޯގާތެރިމީހާއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އަބޫ އުޛައިނަތުއްޞަދަފީ  رضي الله عنه ރިވާކުރެއްވިއެވެ. ((خَيْرُ نِسائِكُمُ الْوَلُودُ الْوَدُودُ، الْمُواسِيةُ الْمُواتِيَةُ، إذا اتَّقَيْنَ الله. وشَرُّ نِسائِكُمْ الْمُتَبرِّجاتُ الْمُتَخَيِّلاَتُ، وَهُنَّ الْمُنافِقاتُ. لا يَدْخُلُ الْجَنَّةَ مِنْهُنَّ إلا مِثْلُ الْغُرابِ الأَعْصَمِ.)) [أخرجه البيهقي في السنن وغيره وصححه الألباني في الصحيحة]

“އަންހެނުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހަކީ، ﷲ އަށް ތަޤުވާވެރިވުމާއެކު، ގިނަ ދަރިން ވިހާ، އެކަނބަލުންގެ (ފިރިންދެކެ) ނުހަނު ލޯބިވާ، އެމީހުންނަށް އެހީތެރިވެ އެއްބާރުލުންދޭ މީހުންނެވެ. އަދި އަންހެނުންގެ ތެރެއިން އެންމެ ނުބައި މީހަކީ، އެބައިމީހުންގެ ވަނާތައް ފާޅުކޮށް، އަދި ބޮޑާކަމާއެކު ހިނގާ މީހުންނެވެ. އެއީ މުނާފިޤުންނެވެ. އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ. ކާޅުތަކުގެ ތެރޭގައި ރަތްކުލައިގެ ފަޔާއި ތުންގަނޑުލީ މަދުކާޅުތައް އުޅޭފަދައިން އެފަދަ މަދު ބަޔަކު މެނުވީއެވެ.”

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އިބްނު ޢައްބާސް  رضي الله عنهما ރިވާކުރެއްވިއެވެ. ((أَلاَ أُخْبِرُكُمْ بِرِجَالِكُمْ مِنْ أَهْلِ الجَنَّةِ ؟ النَّبِيُّ فِي الجَنَّةِ ، وَالصِّدِّيْقُ فِي الجَنَّةِ ، والشَّهِيْدُ فِي الجَنَّةِ ، وَالمولُوْدُ فِي الجَنَّةِ ، والرَّجُلُ يَزُوْرُ أَخَاهُ فِي نَاحِيَةِ المِصْرِ لاَ يَزُوْرُهُ إِلَّا لله عز وجل ، وَنِسَاؤُكُمْ مِنْ أَهْلِ الجَنَّةِ الوَدُوْد الوَلُوْد العَؤُوْد عَلَى زَوْجِهَا الَّتِي إذَا غَضِبَ جَاءَتْ حَتَّى تَضَع يَدَهَا فِي يَدِ زَوْجِهَا ، وَتَقُوْل : “لَا أَذُوْقُ غَمْضًا حَتَّى تَرْضَى.”))[أخرجه تمام الرازي وابن عساكر وغيرهما وحسنه الألباني في الصحيحة]

“ފިރިހެނުންގެ ތެރެއިންސުވަރުގޭގެ އަހުލުވެރިން ތިމަންކަލޭގެފާނު ބުނެނުދެއްވަން ހެއްޔެވެ؟ ނަބިއްޔުން ވަނީ ސުވަރުގޭގައެވެ. ޞިއްދީޤުންވަނީ ސުވަރުގޭގައެވެ. ޝަހީދުން ވަނީ ސުވަރުގޭގައެވެ. (ބާލިޣުވުމުގެކުރިން މަރުވާ) ކުޑަ ފިރިހެން ކުއްޖާ ވަނީ ސުވަރުގޭގައެވެ. ހަމައެކަނި ﷲ عز وجل އަށްޓަކައި، ރަށުގެދުރުތަނެއްގައިވާ އޭނާގެ އަޚާއަށް، ޒިޔާރަތްކުރާމީހާ ވަނީ ސުވަރުގޭގައެވެ. އަދި އަންހެނުންގެ ތެރެއިން ސުވަރުގޭގެ އަހުލުވެރިންނަކީ: ގިނަ ދަރިން ވިހާ، އެކަނބަލުންގެ ފިރިންނަށް އެކަނބަލުންގެ ފައިދާ ޙާޞިލުވާ މީހުންނެވެ. އަދި އޭނާގެ ފިރިމީހާ ރުޅިއައިއްސިނަމަ، ފިރިމީހާގެ ގާތަށްގޮސް އޭނާގެ އަތުގެ ތެރެއަށް އަތްތިލަލާ “ތިބާ ރުހުމުން ނޫނީ އަހަރެން ނުނިދާނަން” މިހެން ބުނާ މީހުންނެވެ.”1

ގޭގައި ޤަރާރުވެ އިނދެ، ފިރިމީހާއަށް ކިޔަމަންތެރިކަންއަދާކުރާ އަންހެނަކަށް ލިބިގެންވާ ޤަދަރާއި ޢިއްޒަތާއިމެދު ވިސްނާލުމުން ދޭހަވަނީ، އަންހެނުންގެ ޙައްޤުތައް ހޯދުމަށް ވަކާލާތުކުރަމުންދާ މީހުން ނުލިބިގެން އެއުޅޭ ޙައްޤުތައް، ޙަޤީޤަތުގައި އިސްލާމްދީނުގައި ހޯދައިދީފައިވާކަމެވެ. ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ފަދައިން ގޭގެ ތެރޭގެ މަސްއޫލިއްޔަތު އަދާކުރަން މަޑުކުރުމުން އުޚްތުންގެ ކޮން ޙައްޤެއްތޯ މަދުވަނީ ސުވާލުކޮށްލަންޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَقَرْنَ فِي بُيُوتِكُنَّ وَلا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الأُولَى﴾ (الأحزاب:٣٣) “އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ޤަރާރުވާށެވެ. އިހުގެ ޖާހިލީ ޒަމާނުގައި (މީސްތަކުން) ޒީނަތްތެރިކަން ފާޅުކޮށް އުޅުނު ފަދައިން، ޒީނަތްތެރިކަން ފާޅުނުކުރާށެވެ.” މިއާޔަތުގައި މުޚާޠަބުކުރެވިފައިވަނީ ނަބިއްޔާ صلى الله عليه وسلمގެ އަނބިކަނބަލުންނަށް ކަމުގައިވިޔަސް އެންމެހާ މުއުމިނު އަންހެނުންވެސް މިކަމުގައި ޝާމިލުވެއެވެ.2

އަދުގެ އިޤްތިޞާދީ މާހިރުން ވިދާޅުވާ “ސްޕެޝަލައިޒޭޝަން”ގެ އުޞޫލުން އަނބިމީހާ ގޭތެރޭގެ އެންމެހާ ކަމެއްގައި އިސްމަޤާމު ފުރާ، ފިރިމީހާ އާމްދަނީ ހޯދުމުގެ މަސްއޫލިއްޔަތު އުފުލި ދުވަސްވަރުގައި، މުޖުތަޢުތައް ހަމަހިމޭންކަންމަތީގައި ހެޔޮގޮތުގައި ބިނާވަމުން އައެވެ. މުޖުތަމަޢުތައް ފުނޑުފުނޑުވުމުގެ ސަބަބަތަކުގެ ތެރޭގައި މައިން އެމަސްއޫލިއްޔަތުން އެކަހެރިވެ، އެކަމަށްވުރެއް ވަޒީފާއަށް އިސްކަންދީ، ދުރުހިލޭމީހުންނާއި ބިދޭސީންނަށް ދަރިން ތަރުބިއްޔަތުކުރުމާއި ގޭތެރޭގެ ކަންތައް ހަވާލުކުރުން ހިމެނެއެވެ.

ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހެކޭ އެއްފަދައިން، ގޭގައި އިނދެ ފިރިމީހާއަށް ކިޔަމަންތެރިވާ އަންހެނާވެސް ވަނީ ސުވަރުގޭގައިކަން، މަތީގައި ޛިކުރުކުރެވުނު ޙަދީޘްތަކުން ދޭހަވެއެވެ. މާބުރަ މަސައްކަތްތަކެއް ނުކޮށް، ސުވަރުގެ ވަދެވޭނެމަގު ނަބިއްޔާ صلى الله عليه وسلم މިވަނީ ދައްކަވައިދެއްވާފައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ސުވަރުގެ އެދޭ ޙާލު ﷲ ތަޢާލާގެ އަމުރުފުޅުތަކާއި ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދުތަކާއެއްގޮތަށް ޢަމަލުކުރުމެވެ.

_____________________________________________

[1] އަލްކިތާބް އެންޑް އައްސުންނަތް ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (ދަ ފްރެޖައިލް ވެސެލްސް…) އެފޮތުން ނަގާފައި

[2] ބައްލަވާ ތަފްސީރު އަލްޤުރްތުބީ