[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު

 

އަބޫ ހުރެއިރާ ރަޟިޔަﷲ ޢަންހު އަކީ “އައްދައުސް” ކިޔާ ޔަމަނުގެ ޤަބީލާއަކަށް ނިސްބަތްވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ހިޖުރައިން 7 ވަނަ އަހަރު އައްޠުފައިލް ބުން ޢަމްރު އައްދައުސީގެ އަތްމައްޗަށެވެ. އެއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 30 އަހަރެވެ. އަބޫހުރެއިރާ ރަސޫލާ صلى الله عليه وسلم އާއި އެކު 3 އަހަރާއި 2 މަސް ނުވަތަ 3 މަސްދުވަސް ހޭދަކުރެއްވިއެވެ. އެހެނީ އެކަލޭގެފާނު އިސްލާމްވެފައިވަނީ ހިޖުރައިން 7 ވަނަ އަހަރުއެވެ. އަދި ހަމައެއާއެކު ރަސޫލާ صلى الله عليه وسلم އަވަހާރަވެވަޑައިގަތީ ހިޖުރައިން 11 ވަނަ އަހަރުއެވެ. އަބޫ ހުރެއިރާ އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނުގެ ނަމަކީ ޢަބްދުއް ޝަމްސު އެވެ. ނަމަވެސް އިސްލާމްވުމުން ރަސޫލާ صلى الله عليه وسلم  ޢަބްދުލް ޝަމްސުގެ ނަން ޢަބްދުލްރަޙްމާންއަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަމާމެދު ޢިލްމުވެރިންވަނީ ޚިލާފުވެފައެވެ. އެގޮތުން އެންމެ އިތުބާރުހިފޭ ނަމެއްގެ ގޮތުގައި އައިސްފައިވަނީ ޢަބްދުލްރަޙްމާން ބިން ޞަހަރު އައްދަވްސީ އެވެ.

އެންމެހައި މަތިވެރި މާތް ޞަޙާބީންގެ ތެރެއިންވެސް، ޢަދާވާތްތެރިންގެ ދޮގުބަސްތައް އެންމެ ގިނައިން ކުރިމަތިވެފައިވާ އެއް ޞަޙާބީއަކީ އަބޫ ހުރެއިރާއެވެ. އެއީ އެކަލޭގެފާނަކީ އެންމެ ގިނަ ޙަދީޘް ރިވާކުރައްވާފައިވާ ޞަޙާބީކަމުގައިވާތީއެވެ. އަދި އަބޫ ހުރެއިރާއަކީ ތެދުވެރިއެއް ނޫންކަމުގައި ވެއްޖެނަމަ ރަސޫލު الله صلى الله عليه وسلم ގެ ގިނަ ޙަދީޘްތަކެއް އެއީ ޞައްޙަ ނޫން ޙަދީޘްތަކެއް ކަމުގައިވެގެންދާނެތީއެވެ.

އަބޫ ހުރެއިރާގެ ފުރިހަމަ ނަން އެހާ މުޢުތަބަރުކޮށް އައިސްފައިނެތުން އެއީ އިސްލާމް ދީނާއި އިދިކޮޅަށް މަސައްކަތް ކުރަމުންދާ، އަދި އިސްލާމްދީނާމެދު ޝައްކު އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުންދާ އޮރިއެންޓަލިސްޓުންނަށް ލިބުނު އިތުރު ބާރެކެވެ. އެބައިމީހުން ބުނަނީ “ކަލޭމެންނަށް އެމީހެއްގެ ނަންވެސް ނޭނގޭ މީހަކު ގެނެސްފައިވާ އެއްޗެއް ޤަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟” މި ދެކޮޅުހެދުމާއި އޮޅުވާލުމަށް ރައްދުދިނުމަކީ ވަރަށް ފަސޭހަކަމެވެ. އެހެނީ އެންމެހައި މުސްލިމުންނަށް އެކަލޭގެފާނަކީ އަބޫ ހުރެއިރާކަން އެކަލޭގެފާނުގެ ކުންނިއްޔާއިން އެނގި މަޝްހޫރުވެފައިވެއެވެ. މިކަމާއިމެދު މުސްލިމުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ.

އަބޫ ހުރެއިރާއަށް އަބޫ ހުރެއިރާގެ ނަމުން ނަންދެވުނުގޮތް ބަޔާންކުރައްވަމުން ވިދާޅުވިއެވެ. “މީސްތަކުން އަހަރެންނަށް އަބޫ ހުރެއިރާގެ ނަމުން މުޚާތަބު ކުރަނީ، އެއްދުވަހަކު އަހަރެން، އަހަރެންގެ އާއިލާގެ ބަކަރިތައް ބަލަހައްޓަމުން ދަނިކޮށް ވަގު، ކުޑަ ބުޅަލެއް ފެނުނެވެ. އަދި އޭތި އަހަރެންގެ އަތުގައިވާ ފޮތިގަނޑަކަށް ލީމެވެ. އަދި ގެއަށް އެނބުރި އައި ވަޤުތު އެ ބުޅާ ގޮވާ އަޑު އަހަރެންގެ އާއިލާގެ މީހުންނަށް އިވުނެވެ. އަދި އެއީ ކޮންއެއްޗެއްތޯ ސުވާލުކުރިއެވެ. އެއީ ސަހަރާ ތެރެއިން ފެނުނު ކުޑަ ބުޅަލެއް ކަމުގައި ދެންނެވީމުއެވެ. ދެން އެމީހުން ބުންޏެވެ. ތިއީ އަބޫ ހުރެއިރާއެވެ. (ބުޅަލުގެ ބައްޕައެވެ.) އަހަރެން ރޭގަނޑުވުމުން އެބުޅާ ގަހަށް އަރުވަމުއެވެ. އަދި ދުވާލުވުމުން އަހުރެންނާއިއެކު އެބުޅާ ގެންދަމުއެވެ.”

އަބޫ ހުރެއިރާ އެކަލޭގެފާނުގެ މި ނަމާމެދު އެހާ ހިތްޕުޅާއެއް ނުވެއެވެ. އަބޫ ހުރެއިރާ ވިދާޅުވިއެވެ. “މީސްތަކުން އަހަރެންނަށް ކިޔާ އުޅޭނީ އަބޫ ހުރެއިރާއެވެ. އެކަމަކު އަހުރެން އެނަމަކަށް އެހާ ހިތްހަމައެއް ނުޖެހެމެވެ. رسول الله صلى الله عليه وسلم މުޚާތަބު ކުރައްވަނީ “އަބޫ ހިއްރު” މިފަދައިންނެވެ.” އަބޫ ހުރެއިރާ މިނަމަށް (އަބޫ ހުރެއިރާ) ނުރުހެނީ އެއީ ބުޅަލުގެ އަންހެން ޖިންސުގެ ނަން ކަމުގައިވާތީއެވެ. ހިއްރު އެއީ ފިރިހެން ބުޅަލަށް ކިޔާ ނަމަވެ. ރަސޫލާ صلى الله عليه وسلم މުޚާޠަބުކުރައްވަނީ ފިރިހެން ބުޅަލުގެ ނަމުންނެވެ. އަދި ބައެއް ފަހަރަށް އަބޫ ހުރައިރާ މިފަދައިން ޙަދީޘް ކުރައްވާފައިވެސް އެބަހުއްޓެވެ.

އަބޫ ހުރެއިރާ އަކީ ވަރަށް ފަޤީރު ބޭފުޅެކެވެ. އަދި ކޮންމެ ޙާލެއްގައިވެސް އަދި ވީ ކޮންމެ ތަނެއްގައިވެސް ރަސޫލާ صلى الله عليه وسلم  އަށް ތަބަޢަވާ ބޭކަލެއްމެއެވެ. ރަސޫލާ صلى الله عليه وسلم ގެ ފަރާތުން ޢިލްމު ލިބުމަށް އެދި އެދި އެކަމަށް ފެންބޮވައިގެންފައިވާ ބޭކަލެއް ކަމުގައި ވެލެއްވިއެވެ. އެކަލޭގެފާނަކީ ހިތުދަސްކުރުމުގެ ބާރު ގަދަ ބޭކަލެކެވެ. އަދި ރަސޫލާ صلى الله عليه وسلم އުނގަންނަވައިދެއްވާ ތަކެތި، އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާ ތަކެތި ފަސޭހަކަމާއިއެކު ހިތްޕުޅުން ދަސްކުރައްވަމުން ގެންދެވިއެވެ.

އަބޫ ހުރެއިރާ އަކީ އަހުލުލް ޞުއްފާގެ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. މިބޭކަލުންނަކީ އިސްލާމްދީނަށް ނަޞްރު ދޭ ބައެކެވެ. އަދި މިބައިމީހުންނީ ފަޤީރު ބައެއްވެސް މެއެވެ. މިބޭކަލުންނަށް މާލީގޮތުން އެހީތެރިވެ ދެއްވަނީ މުސްލިމުންނެވެ. އަދި ދިރިއުޅެމުން ގެންދިޔައީ މަސްޖިދުއްނަބަވީގައި އެބޭކަލުންނަށް ޚާއްޞަކުރައްވާފައިވާ ތަންކޮޅެއްގައެވެ. އެއީ އެބޭކަލުން ދީނަށް ނަޞްރުދީ ދީނަށް ޙިދުމަތް ކޮށްދިނުމުގެ ގޮތުންނެވެ. އެބައިމީހުންނީ އެންމެ ފުރަތަމަ ޖިހާދު ކުރުމަށް ބޭނުންވި ހިނދު އެކަމުގައި އިސްނަގައި ޖިހާދުގައި ބައިވެރިވި މުޖާހިދުންގެ ތެރޭގައިވެސް ހިމެނިލައްވާ ބޭކަލުންކޮޅެކެވެ.

އަބޫ ހުރެއިރާ ބަނޑުހައި ހޫނުކަމުގައި އުޅެންޖެހުނު އެތައް ޙާލަތެއް އައެވެ. އަދި އެ ބަނޑުހައި ހޫނުކަމުން ލިބެމުން ދިޔަ ވޭން ލުއިކުރުމަށްޓަކައި ބަންޑުގައި ހިލައެއް ބަންނަކަމުގައިވެއެވެ. އެއްދުވަހަކު އެކަލޭގެފާނު ވަރަށް ބަނޑުހައި ފުޅުވެގެން މީހަކުގެ ފަރާތުން ކެއުމަކަށް އެދި ދައުވަތެއް ލިބުމަށް އެދި މިސްކިތުން ބޭރުގައި މަގުމަތީގައި މީހުން ހިނގާ ބިނގާވެ އުޅޭ ހިސާބުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެންމެފުރަތަމަ އެތަނުން ވަޑައިގަތީ އަބޫބަކުރު رصي الله عنه އެވެ. އަބޫބަކުރު رصي الله عنهއަށް، އެކަލޭގެފާނު ބަނޑުހައިފުޅުވެފައިވާކަން އަންގަވާދެއްވުމަށް ޤުރުއާނުގެ އާޔަތެއްގެ ތަފްސީރާއިމެދު ސުވާލު ދެންނެވިއެވެ. އެ އާޔަތަކީ ފަޤީރުންނަށް ކާންދިނުމާއި މެދު އައިސްފައިވާ އާޔަތެކެވެ. މިވާހަކަ ކިޔަވައިދެއްވަމުން އަބޫހުރެއިރާ ވިދާޅުވިއެވެ. “މިސުވާލުގެ ޖަވާބު އަހަރެންނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އަހުރެންގެ ބޭނުމަކީ ހަމައެކަނި އެކަލޭގެފާނުގެ ފަރާތުން، އެކަލޭގެފާނުގެ ގެއަށް ދިއުމަށް ދައުވަތެއް ލިބުމެވެ.” ނަމަވެސް އަބޫބަކުރުއަށް އަބޫ ހުރެއިރާގެ ބޭނުމެއް ވިސްނިވަޑައެއް ނުގެންނެވިއެވެ. އަދި ކުރެވުނު ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން އެ އާޔަތުގެ ތަފްސީރު ބަޔާންކޮށްދެއްވުމަށްފަހު ވަޑައިގެންނެވީއެވެ. އެއަށްފަހު ވަޑައިގަތީ ޢުމަރު ބުން ޚައްޠާބު ރަޟިޔަﷲ ޢަންހުއެވެ. މިފަހަރުވެސް ކަން ހިގައިދިޔައީ ހަމަ ކުރިންވެސް ކަން ހިނގައިދިޔަ ގޮތަށެވެ. ދެން އެއަށްފަހު ވަޑައިގަތީ ރަސޫލާ صلى الله عليه وسلم އެވެ. އަބޫ ހުރެއިރާ މިއާޔަތުގެ ތަފްސީރު ރަސޫލާ صلى الله عليه وسلم ގެ ފަރާތުން އެދުނެވެ. އެހިނދު ރަސޫލާއަށް އަބޫ ހުރެއިރާ ބޭނުންފުޅުވެވަޑައިގެންނަވަނީ ކޮންކަމެއްކަން އެނގިވަޑައިގެންނެވިއެވެ. އަދި ރަސޫލާ صلى الله عليه وسلم އާއެކު، ރަސޫލާ صلى الله عليه وسلم ގެ ގަނޑުވަރަށް ވަޑައިގަތުމަށް ދެންނެވިއެވެ. ރަސޫލު صلى الله عليه وسلم ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ގޭގައި އެއްވެސް ކާއެތިކޮޅެއް ހުރިތޯ ދެންނެވިއެވެ. އަންޞާރިއްޔަ ބޭކަލެއްގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ދެއްވާފައިވާ ކިރު އަޅާފައިވާ އެއްޗެއް މެނުވީ ނެތްކަމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެންނެވިއެވެ. ދެން ރަސޫލާ صلى الله عليه وسلم އަހުލުލް ޞުއްފާ ގެ އެންމެހައި އަހުލުންނަށް މި ކިރު އެތިން ބުއިމަށް ވަޑައިގެންނެވުމަށް އެދި ދެންނެވުމަށް އަބޫ ހުރެއިރާ ފޮނުއްވެވިއެވެ. އަބޫ ހުރެއިރާ ވިދާޅުވިއެވެ. “އަހުލުލް ޞުއްފާގެ އަހުލުންނަށްވުރެން އަހަރެންނަށް މީގެ ޙައްޤުކަން މާބޮޑެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ބޯލަނބައި ކިޔަމަންގަތުމަކީ ވާޖިބަކަށް ނުވާނަމަ އަހުލުލް ޞުއްފާގެ އަހުލުވެރިންނަށް ދައުވަތުދޭކަށެއް ތިމަންކަލޭގެފާނު ވަޑައިނުގެންނެވީމުހެވެ.” ދެންއެއަށްފަހު އެންމެހައި ބޭކަލުން ރަސޫލާ صلى الله عليه وسلم ގެ ގަނޑުވަރުކޮޅަށް ވަޑައިގަތުމުން ރަސޫލާ صلى الله عليه وسلم އަބޫ ހުރެއިރާއަށް އެކަލޭގެފާނުގެ އަހުލުންނަށް ކިރު ފޮދު ބެއްސެވުމަށް ހަވާލުކުރެއްވިއެވެ. އަބޫ ހުރެއިރާ ވިދާޅުވިއެވެ. “ރަސޫލާ صلى الله عليه وسلمއަށް ކިޔަމަންގަތުމަކީ ވާޖިބަކަށްނުވާނަމަ ތިމަން އެ ކިރު ތިމަންގެ އަހުލުވެރިންނަށް (އެބަހީ ޞުއްފާގެ ޢަހުލުވެރިންނަށް) ނުބެއްސެވީމުހެވެ.” ސުބްޙާނަށް ﷲ! އަހުލުލް ޞުއްފާގެ ހުރިހާ ބޭކަލުންނަށްވެސް އެ މަދު ކިރުފޮދުން ބޮވޭނެ ފަދައިން ﷲ އޭގައި ބަރަކާތް ލެއްވެވިއެވެ. އެންމެފަހުން އަބޫ ހުރެއިރާ ރަޟިޔަﷲ ޢަންހު ބުއިމުގެ ވަޤުތު އަތުވެއްޖެއެވެ. ރަސޫލާ صلى الله عليه وسلم އަބޫ ހުރެއިރާއަށް ބުއިމަށް އެދުނެވެ. އެހިނދު އެކަލޭގެފާނުގެ ބަނޑު ފުރެންދެން އެއިގެން ބުއިއެވެ. ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް އަދި އިތުރަށް ބުއިމަށް ދެންނެވިއެވެ. އެކަލޭގެފާނު އިތުރަށް ދެން ބުއިމަށް ކުޅަދާނަ ނުވާވަރަށް އެއިގެން ބުއިއެވެ.

ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށްފަހު އަބޫ ހުރެއިރާ މުއްސަނދި ބޭފުޅަކަށް ވެގެންދިޔައެވެ. އެކަލޭގެފާނުގެ އަތުގައި މުދަލުގެ ގޮތުގައި އަސްތަކެއް ވިއެވެ.

ޢުމަރު رضي الله عنه ގެ ޚިލާފަތުގައި އަބޫ ހުރެއިރާ ޤާޟީއެއްގެ ގޮތުގައި ބަހްރައިންއަށް ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ މިލްކުގައި ގިނަ އަސްތަކެއްވުމުން ޢުމަރު رضي الله عنه އަބޫ ހުރެއިރާއަށް މިހުރިހާ މުދާތަކެއް ލިބުނީ ކިހިނަކުންކަމާމެދުގައާއި، އަދި މުދާ ހޯދާފައިވަނީ ޙަލާލު ގޮތުގައިތޯ ސުވާލުކުރުމަށް ބޭފުޅަކު ފޮނުއްވިއެވެ. އެބޭފުޅާ ޢުމަރު رضى الله عنه އަށް އަބޫ ހުރެއިރާގެ މުދަލަކީ ޙަލާލުގޮތުގައި ހޯދާފައިވާ މުދާތަކެއް ކަމުގައާއި، އެކަލޭގެފާނު މީސްތަކުންގެ ފަރާތުން ނުޙައްޤުން އެއްވެސް އެއްޗެއް ނަންގަވާފައިނުވާ ކަމުގައި ވިދާޅުވިއެވެ. އޭރު ޢުމަރު رضي الله عنه ވަނީ އަބޫ ހުރެއިރާ އެވަޒީފާއިން ވަކިކުރައްވާފައެވެ. އަދި އެއަށްފަހު އެކަލޭގެފާނަށް އެވަޒީފާ ރައްދުކުރެއްވިއެވެ. ނަމަވެސް އަބޫ ހުރެއިރާ އެކަމަށް އިންކާރުކުރެއްވިއެވެ. އެއީ އެކަލޭގެފާނާމެދު މީސްތަކުން ޝައްކުކުރުމަށް ނޭދޭތީއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ. ޔޫސުފް ޢަލައިހިއްސަލާމް މިޞްރުގެ ޚަޒާނާތަކުގެ ވެރިއަކަށް އިސްކުރެއްވެވުމުން އެކަން ޤަބޫލުކުރިފަދައިން، ކަލޭގެފާނު، ކަލޭގެފާނުގެ ވަޒީފާ ޤަބޫލުނުކުރައްވަންވީ ކީއްވެހެއްޔެވެ؟ އަބޫ ހުރެއިރާ ވިދާޅުވިއެވެ. އެއީ ޔޫސުފެވެ. އެކަލޭގެފާނަކީ ރަސޫލެއްގެ ދަރި ރަސޫލެއްގެ ދަރި ރަސޫލެކެވެ. އަހުރެންނީ އުމައިމާގެ ދަރި އަބޫ ހުރެއިރާއެވެ.

އަބޫ ހުރެއިރާ ރަޟިޔަﷲ ޢަންހު ފައިސާ އެޅުއްވުމަށްޓަކައި ފޮތިން ހަދާފައިވާ އެއްޗެއް ބަހައްޓާފައި ހުންނަކަމުގައިވެއެވެ. އެކަލޭގެފާނަށް އޭގައިވަނީ ކިހާ ފައިސާއެއްކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ފައިސާއަށް ބޭނުންވެއްޖެ ހިނދެއްގައި އޭގައިވަނީ ކިހާވަރެއްތޯ ނުބައްބަލަވާ ނަގާކަމުގައިވެއެވެ. ނަގާ ކޮންމެފަހަރަކުވެސް އެނެގި ކަމަކަށް ފުދޭވަރަށް އޭގައި އަބަދުވެސް ފައިސާ ހުރެތެވެ. މިއީ ﷲ ސުބަޙާނަހޫ ވަތަޢާލާ އަބޫ ހުރެއިރާއަށް ދެއްވާފައިވާ ބަރަކާތެވެ.

އަބޫ ހުރެއިރާގެ މައިކަމަނާއަކީ އުމައިމާއެވެ. އެކަލޭގެފާނު އަބަދުވެސް މައިކަމަނާއަށް އިސްލާމްވުމަށް ނަސޭޙަތްތެރިވެއެވެ. ނަމަވެސް އެކަމަނާ އަބޫ ހުރެއިރާއަށާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނަށާއި މުސްލިމުންނަށް ނަފްރަތުކުރަމުން ގެންދެވިއެވެ. އެކަމަނާ، އެކަމަނާގެ ދަރި އިސްލާމެއްކަމުގައިވުމުން ރުޅިއާދޭމެއެވެ. އަބޫ ހުރެއިރާ މިކަމާ ވަރަށް ދެރަވެ ހިތާމަކުރާ ޙާލުގައި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުގެ މަންމައަށް ހިދާޔަތުދެއްކެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދެއްވަފާނަންތޯއެވެ؟” ދެން ރަސޫލާ صلى الله عليه وسلم އެކަމަނާއަށް ހިދާޔަތުދެއްކެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. އަބޫ ހުރެއިރާ އެނބުރި ގެއަށް ވަޑައިގެން ދޮރުކައިރިއަށް އާދެވުނު ހިނދު ގޭތެރެއިން މީހަކު ފެންވަރާ ފަދައިން ފެން އޮހޮރޭ އަޑު އިވެމުން ދިޔައެވެ. އަދި މަންމަ އަބޫ ހުރެއިރާއަށް އެތެރެއަށް ނުވަދެ ބޭރުގައި ހުރުމަށް ވިދާޅުވިއެވެ. އަދި ފެންވަރައި އަވަދިވެގެން ހެދުންލުމަށްފަހު އަބޫ ހުރެއިރާއަށް އެތެރެއަށް ވަނުމަށް އިޒުނަދެއްވިއެވެ. އަބޫ ހުރެއިރާ އެތެރެއަށް ވެންނެވުމާއެކު އަބޫ ހުރެއިރާގެ މަންމަ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ, وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ކިޔައި އިސްލާމްކަން ފާޅުކުރިއެވެ. އަބޫ ހުރެއިރާ އެކަމާ ވަރަށް އުފާފުޅުވެވަޑައިގަތެވެ. އަދި އުފަލުން ރޮވޭ ޙާލުގައި ރަސޫލާގެ އަރިހަށް ވަޑައިގެން މިކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.  އަދި ރަސޫލާ صلى الله عليه وسلم ގެ އަރިހުން މިފަދައިން އެދުނެވެ. “ﷲ ގެ ރަސޫލާއެވެ! އަޅުގަނޑާއި އަޅުގަނޑުގެ މަންމައަށް އެންމެހައި މުސްލިމުން ލޯބިވުމަށާއި އަދި އަޅުގަނޑުމެން އީމާންވީ މީހުންނަށް ލޯބިކުރާ ބައެއް ކަމުގައި ލެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދެއްވުމަށް އެދެމެވެ.” އެކަލޭގެފާނު އެކަމަށްވެސް ދުޢާކޮށްދެއްވިއެވެ.