[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 16 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

 

قَالَ الطَّحَاوِيُّ رحمه الله: “مَا زَالَ بِصِفَاتِهِ قَدِيمًا قَبْلَ خَلْقِهِ، لَمْ يَزْدَدْ بِكَوْنِهِمْ شَيْئًا لَمْ يَكُنْ قَبْلَهُمْ مِنْ صِفَتِهِ، وَكَمَا كَانَ بِصِفَاتِهِ أَزَلِيًّا كَذَلِكَ لَا يَزَالُ عَلَيْهَا أَبَدِيًّا. لَيْسَ بَعْدَ خَلْقِ الْخَلْقِ اسْتَفَادَ اسْمَ “الْخَالِقِ”، وَلَا بِإِحْدَاثِ الْبَرِيَّةِ اسْتَفَادَ اسْمَ “الْبَارِي”. لَهُ مَعْنَى الرُّبُوبِيَّةِ وَلَا مَرْبُوبَ، وَمَعْنَى الْخَالِقِ وَلَا مَخْلُوقَ. وَكَمَا أَنَّهُ مُحْيِي الْمَوْتَى بَعْدَمَا أَحْيَا اسْتَحَقَّ هَذَا الِاسْمَ قَبْلَ إِحْيَائِهِمْ، كَذَلِكَ اسْتَحَقَّ اسْمَ الْخَالِقِ قَبْلَ إِنْشَائِهِمْ.”

 ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ޚަލްޤުތައް އުފެއްދެވުމުގެ ކުރިން އެއިލާހަށް ލިބިވޮޑިގެންވާ ޞިފަފުޅުތައް ނެތިދިޔުމެއްނުވެއެވެ. ޚަލްޤުތައް އުފެއްދެވުމުގެ ކުރިން ލިބިވޮޑިގެންވާ ޞިފަފުޅުތަކުގެ އިތުރަށް، ޚަލްޤުތައް އުފެއްދެވުމަށްފަހު އެއްވެސް ޞިފަފުޅެއް އިތުރުވެގެން ނުވެއެވެ. އެއިލާހުގެ ޞިފަފުޅުތަކަކީ އަޒަލީ ޞިފަފުޅުތަކަކަށްވިފަދައިން، އަބަދުގެއަބަދަށް އެޞިފަފުޅުތައް ނެތިގެންނުދާހުއްޓެވެ. “الخالق” (އެބަހީ: ޚަލްޤުކުރައްވާ ފަރާތް) މިއިސްމުފުޅު އެއިލާހަށް ލިބިވޮޑިގެންވަނީ ޚަލްޤުތައް އުފެއްދެވުމުގެ ފަހުގައެއް ނޫނެވެ. އަދި ހަމައެހެންމެ  “الباري” (އެބަހީ: ނެތުމުގެ ތެރެއިން ހައްދަވާ ފަރާތް) އިސްމުފުޅު ލިބިވޮޑިގެންވަނީވެސް ޚަލްޤުތައް ނެތުމުގެތެރެއިން ހެއްދެވުމަށްފަހަކު ނުމެނޫންމެއެވެ. ޚަލްޤުކުރައްވައި، ރިޒްޤުދެއްވައި، ކަންތައްތައް ބަލަހައްޓަވައި ބަލާބޮޑުކުރާނެ ފަރާތެއް ނުވާއިރުވެސް އެއިލާހަށް ربّ ވަންތަކަން ވެއެވެ. އަދި އެއްވެސް މަޚްލޫޤެއްނުވާއިރުވެސް އެއިލާހަށް ޚާލިޤުވަންތަކަން ވެއެވެ. ޚަލްޤުތައް ދިރުއްވެވުމުގެ ކުރިން އެއިލާހަށް “المحي الموتى” (އެބަހީ: މަރުވެފައިވާތަކެތި ދިރުއްވާފަރާތް) ޞިފަފުޅު ޙައްޤުވެގެންވާ ފަދައިން، “الخالق” މިއިސްފުޅުވެސް ވަނީ ޚަލްޤުތައް އުފެއްދެވުމުގެ ކުރީން އެއިލާހަށް ޙައްޤުވެފައެވެ.”

_________________________________

ޝަރަޙަ:

* މީގެ ކުރީގެ ފިލާވަޅެއްގައި (8ވަނަ ފިލާވަޅުގައި) ވާނީ، ޠަޙާވީ ރަޙިމަހުﷲގެ ބަސްފުޅު “قَدِيمٌ بِلاَ ابْتِدَاءٍ، دَائِمٌ بِلاَ انْتِهَاءٍ” މިބަސްފުޅުގެ ޝަރަޙަ އިސްވެގޮސްފައެވެ. އަޅުގަނޑުމެންނަށް އެފިލާވަޅުން އެނގިފައިވާނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއީ ފެށިމެންނުވާ އިލާހެއްކަމެވެ. އަދި ނިމުމެއްނެތި ދާއިމަށް ވޮޑިގެންވާ އިލާހެއްކަމެވެ.

އިމާމް ޠަޙާވީ ރަޙިމަހުﷲގެ މިބަސްފުޅުތަކުން ދޭހަކޮށްދެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފެށުމެއްނުވާ ފަދައިން އެއިލާހުގެ ޞިފަފުޅުތަކަށްވެސް ފެށުމެއްނުވާކަމެވެ. އަދި އެއިލާހު ނެތިދިޔުމެއް ނުވާ ފަދައިން އެއިލާހުގެ ޞިފަފުޅުތަކަށްވެސް ނެތިދިޔުމެއްނުވާކަމެވެ. އެއިލާހަށް އެންމެހާ ފުރިހަމަ ޞިފަފުޅުތަކެއް، އެންމެ ފުރިހަމައަށް، ފެށުމެއްނެތި އަދި ނިމުމެއްނެތި އަބަދަށް ލިބިވޮޑިގެންވާކަމެވެ. އެއްވެސްޙާލެއްގައި މަގުފުރެދިފައިވާމީހުން ބުނާފަދައިން ﷲގެ ޞިފަފުޅުތަކަކީ ފަހުން އެއިލާހަށް ނިސްބަތްކުރެވިފައިވާ ޞިފަފުޅުތަކެއް ނޫނެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި އެއިލާހުގެ ޞިފަފުޅުތަކަކީ ފެށުމެއްވާ ޞިފަފުޅުތަކެކެވެ. އެއިލާހަށް ޚަލްޤުކުރެއްވުމާއި، ރިޒްޤުދެއްވުމުގެ ޞިފަފުޅު ލިބިވޮޑިގަތީ ޢާލަމްތައް ހެއްދެވުމަށްފަހުގައެވެ. އެއިލާހަށް ބަސްފުޅު ވަޙީކުރެއްވުމުގެ ޞިފަފުޅު ލިބިވޮޑިގަތީ، މަލާއިކަތުންނަށާއި، ރަސޫލުންނަށް އެއިލާހު ބަސްފުޅު ވަޙީކުރެއްވި ހިސާބުންނެވެ. ނަމަވެސް މިއީ މަގުފުރެދިފައިވާ، ބާޠިލުބުނުމެކެވެ. އެހެނީ، އެފަދައިން ބުނެވިއްޖެނަމަ އެބުނެވެނީ ކޮންމެވެސް ޒަމާނެއްގައި އެއިލާހަށް މިޞިފަފުޅުތައް ލިބިވޮޑިގެންނުވާކަމަށެވެ. މިއީ އެއިލާހަށް ޤަދަރުކުޑަކުރެވޭނެ ކަމެކެވެ. އަދި ޢިލްމެއްލިބިފައިނުވާކަމެއްގައި އެއިލާހަށް ބުނެވޭ ބާޠިލުވާހަކައެކެވެ. އަދި އެއިލާހާ އެއިލާހުންގެ މަޚްލޫޤުންނާ އެއްފަދަކުރުމެކެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހުގެ މަޚްލޫޤުންނާ ދެމެދުގައިވާ ބޮޑުވެގެންވާ ފަރަޤެކެވެ. މަޚްލޫޤުން ޞިފަކުރެވޭހުށީ ކަމެއް ކުރުމުންނެވެ. މިސާލަކަށް، މީހަކަށް މަސްވެރިކަން ނުވަތަ ދަނޑުވެރިކަންކުރާ މީހެއްކަމުގެ ޞިފަދެވޭނީ އެމީހާއެކަމެއް ކުރީމައެވެ. އޭގެކުރިއަކުން އެމީހަކަށް އެޞިފައެއް ލިބިގެންނުވެއެވެ. މަޚްލޫޤުންނާ ޚިލާފަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކަކީ ފެށުމެއްނުވާ ޞިފަފުޅުތަކެކެވެ. އަދި އެޞިފަފުޅުތަކަށް ނިމުމެއްނުވެއެވެ.

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް