[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (1)

 

(ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޝެއިޚެއްކަމުގައިވާ މުޙައްމަދު އަލްޢަރީފީ ސީރިޔާގެ ޙާލަތާބެހޭގޮތުން ދެއްވާފައިވާ އަސަރުގަދަ ޚުޠުބާއެއް، އިނގިރޭސި މާނައާއެކު ބައްލަވާލެއްވުމަށް ފިއްތަވާލައްވާ)

ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުންދާ ހަލަބޮލިކަމާއި، ފިތުނަ ފަސާދައާއި ލޭއޮހޮރުމަށް ބަލާއިރު، މިދުވަސްކޮޅު ޚަބަރު ފަތުރާ ވަޞީލަތްތަކުގައި އެންމެ ގިނައިން ފެންނަމުންދާ ޚަބަރަކީ ސީރިޔާގައި ހިނގަމުންދާ ޤަތުލު ޢާއްމުގެޚަބަރެވެ. ކޮންމެ ދުވަހަކު، ކަރުނައިން ލޯފުރިގެންދާފަދަ އެތައް ޚަބަރުތަކެއް އެޤައުމުގެ ޙާލަތާބެހޭގޮތުން އަންނަނީ ފެންނަމުންނެވެ. ސީރިޔާގެ ޢާއްމުންނާދެކޮޅަށް އެޤައުމުގެ ސަރުކާރުން ހިންގަމުންގެންދާ ޖަރީމާތަކުގެ ވީޑިއޯތައް އަންނަނީ އިންޓަނެޓްގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. މީގެން ބައެއް ވީޑިއޯތަކުން ދައްކުވައިދޭ މަންޒަރުތަކަކީ ބެލުމަށް އުނދަގޫ މަންޒަރުތަކެކެވެ. އަނެއްބައި ވީޑިއޯތަކުގައި މީހުން ލައްވާ އެޤައުމުގެ އަނިޔާވެރި ރައީސް ބައްޝާރުލް އަސަދުގެ ފޮޓޯތަކަށް ސަޖިދަކުރުވާ މަންޒަރު ފެނިގެންދެއެވެ. އަދި އަނެއްބައި ވީޑިއޯތަކުގައި، لا إله إلا الله މިކަލިމައިގައިވާ ﷲގެ އިސްމުފުޅުގެ ބަދަލުގައި ބައްޝާރުލް އަސަދުގެ ނަންލައިގެން ކިޔުމަށް މަޖުބޫރުކުރުވާ މަންޒަރު ފެނިގެންދެއެވެ. އަދި މީގެ އިތުރުން އޭނަގެ އަޢުވާނުންގެ ޓީވީއާއި ވީޑިޔޯ އިންޓަވިއުތަކުގައި، ބައްޝާރަކީ ކަލެއްކަމަށް ދަޢުވާކޮށްފައިވެއެވެ. ނުވަތަ ﷲ އާއި ބައްޝާރާ އެއްފަދަކޮށްފައިވެއެވެ. ސުބުޙާނަﷲ! ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެއްވެސް އެހެން އިލާހަކުނުވެއެވެ.

މިކަމަކީ އެންމެ ހުތުރުވެގެންވާ ޢަމަލެވެ. ޢާލަމްތަކުގެ ވެރި ﷲއާއި އެއްފަދަކޮށް، އިލާހުކަމަށް ދަޢުވާކުރުމެވެ. މިއީ މީގެ ކުރިން މޫސާގެފާނު އެބައެއްގެގާތަށް ފޮނުއްވިއިރު އެމީހުންގެ ވެރިއެއްގެ ގޮތުގައި ހުރި ފިރުޢަޥްނު ދަޢުވާކުރިކަމެވެ. މިއީ އެންމެ ހުތުރުކަން ބޮޑުވެގެންވާ ފާފައެވެ. ކާފަރުންގެ ތެރެއިން ގިނަ ދީންތަކުގައި ވެރި އިލާހެއްވާކަމަށް ޤަބޫލުކުރެއެވެ. އެބައިމީހުން އަމިއްލައަށް އިލާހުކަމަށް ދަޢުވާކޮށް ނަހަދައެވެ. އެމީހުން ﷲއާއެކު ކުރެވޭ އަޅުކަންތަކުގައި އެހެން ފަރާތްތައް ބައިވެރިކުރަނީއެވެ. ޔަހޫދީން ޢުޒައިރުގެފާނަށް އަޅުކަންކުރެއެވެ. ނަޞާރާއިން ޢީސާގެފާނަށް އަޅުކަންކުރެއެވެ. މުޝްރިކުން ﷲއާއެކު ބުދުތައް ބައިވެރިކުރެއެވެ. މިބައިމީހުންނަށްވުރެވެސް، ޖައްބާރުކަމާއި، ނޭއްގާނީކަމާއި، ޖާހިލުކަމުގައި ހައްދުފަހަނައަޅާފައިވާ މީހުންނަކީ، ތިމާމެންގެ ބޮޑައިވެރިކަމުގެ ސަބަބުން އިލާހުކަމަށް އަމިއްލައަށް ދަޢުވާކުރާމީހުންނެވެ. އެހެންމީހުން ލައްވާ ތިމާއަށް އަޅުކަންކުރުވާމީހުންނެވެ.

ކޮންމެއަކަސް، ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ދެނެގަންނަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއްވެއެވެ. އެތަނުގެ އަނިޔާވެރި ސަރުކާރަށް ސިއްރާއިފާޅުގައި، ބަހުންނާއި ޢަމަލުން މަދަދުދެމުންދާ ބަޔަކީ އީރާނެވެ. އަދި ލުބުނާނުގައި ހަރަކާތްތެރިވަމުންދާ ޝިޔަޢީ ޖަމާޢަތެއްކަމުގައިވާ “ޙިޒުބުﷲ” ނަމަކަށް ކިޔާޖަމާޢަތެކެވެ. މިޖަމާޢަތަށް ދިނުން އެންމެ އެކަށީގެންވާނަމަކީ ޙިޒުބުއްޝައިޠާނެވެ. މިއީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޝިޔަޢީންގެ ޖަމާޢަތެކެވެ. އަހުލުއްސުންނަތި ވަލްޖަމާޢަތާ ދެކޮޅަށް ތަފާތު އެތައް ޖަރީމާތަކެއް ހިންގާފައިވާ ޖަމާޢަތެކެވެ. ޝިޔަޢީންނަކީ، އޭގެ ތެރެއިން ބައެއް ފިރުޤާތަކުގެ މީހުން ޢަލީގެފާނު މާތްކުރަމުން ގޮސް ﷲއާ އެއްވަރުކުރާ ބައެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންގެ ތެރެއިން 13 ބޭކަލަކުފިޔަވައި އެހެންހުރިހާ ބޭކަލުންނަކީ ކާފަރުންކަމުގައިބަލައި، އެބޭކަލުންނަށް ލަޢުނަތްދޭ ބައެކެވެ. މިބައިމީހުން އެބޭކަލުންގެ ބޮލުގައި އަޅުވާ ބުހުތާނު ދޮގުތަކުން އެބޭކަލުން ވަނީ ބަރީޢަވެގެންނެވެ. މިފަދަ ނުބައި، ނުލަފާ، ޖާހިލުބަޔަކު ސީރިޔާގެ ސަރުކާރު ދިފާޢުކުރުމުގައި ސިއްރުތަކެއް ވާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. މީގެ އެންމެބޮޑު އެއްސިއްރަކީ މިތިންބައިގަނޑު އެއްވެގެން އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށްޓަކައި ކުރަމުންދާ މަސައްކަތެވެ. މިބައިމީހުން އަހުލުއްސުންނަތުގެ މީހުންދެކެ އަންނަ ރުޅިއެވެ.

ކޮންމެއަކަސް، އަޅުގަނޑުމެންނަށް އަޑުއިވެމުންދަނީ، އީރާނާއި ޙިޒްބުﷲ އޭ ކިޔާޖަމާޢަތާއި ސީރިޔާއިން، އެމެރިކާއާއި އިޒްރޭލާދެކޮޅަށް ދައްކާ ފޮނިބަސްތަކެވެ. އެބައިމީހުންނަކީ އިސްލާމްދީން ދިފާޢުކުރުމަށްޓަކައި މަސައްކަތްކުރާބައެއްކަމަށް ދައްކަމުންދެއެވެ. ނަމަވެސް، މިބައިމީހުންގެ ޙަޤީޤަތާއި، ޢަޤީދާ އެނގިއްޖެނަމަ، މިބައިމީހުންނަކީ އިސްލާމްދީން ފުނޑުފުނޑުކޮށްލުމަށްޓަކައި މަސައްކަތްކުރަމުންދާ ބައެއްކަން އެނގޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލއިހިވަސައްލަމަގެ ޞަޙާބީންނާއި، އެހެންވެސް އަހުލުއްސުންނަތުގެ ޢިލްމުވެރިންނާ އެންމެ ދެކޮޅު، އެބޭކަލުންނަށް އެއްޗެހިކިޔާ ބަޔަކީ މިބައިމީހުންކަން އެނގިގެންދާނެއެވެ.

މިހާހިސާބުން އުފެދޭނެ އެއްސުވާލަކީ ސީރިޔާގައި ވެރިކަންކުރަމުންދާ މީހުންނަކީ ކޮންބައެއްބާއެވެ؟ އެމީހުންގެ ޢަޤީދާއަކީ ކޮބައިބާއެވެ؟ މިބައިމީހުންގެ މަޤްޞަދަކީ ކޮބައިބާއެވެ؟ ﷲ އިރާދަކުރެއްވިޔާ މިލިޔުމުގެ ބާކީބައިތަކުގައި، ސީރިޔާގައި ވެރިކަން ކުރަމުންގެންދާ އަނިޔާވެރި ރައީސް ބައްޝާރުލް އަސަދާއި، އޭނާގެ ޢައުވާނުންގެ ބާޠިލު ފިރުޤާކަމުގައިވާ “އަންނުޞައިރިއްޔާ” އާ ބެހޭގޮތުން މަޢުލޫމާތުކޮޅެއް ގެނެސްދިނުމަށް ޤަޞްދުކުރަމެވެ. ﷲ މިއަޅާއަށް އެކަމަށް ތަޥްފީޤު ދެއްވާށި! އާމީން.

(ނުނިމޭ)

_______________________

އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (2)

އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (3)