[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ 5

އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅެފައިވާ ވައްޓަފާޅި އަދި އެކަލޭގެފާނު ލިޔުއްވި ފޮތްތައް

އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅުއްވި ވައްޓަފާޅި

އެކަލޭގެފާނަކީ ލިޔުއްވުމުގައި ދުނިދަނޑިއެއް ދާހާ ހަލުއިމިނުގައި ލިޔުއްވަމުން ގެންދެވި ބޭފުޅެކެވެ. އެކަލޭގެފާނު އެހާވެސް ބާރު ދުވެލީގައި އެކަލޭގެފާނުގެ ގަލަންކޮޅު ހިންގެވިއެވެ. އެކަލޭގެފާނުގެ ބޭބޭފުޅު ޢަބްދުﷲ ވިދާޅުވިކަމަށް އަލް އުޤޫދުއް ދުއްރިއްޔާގެ 64 ވަނަ ޞަފުޙާގައި ލިޔުއްވާފައިވެއެވެ. ” މާތް ﷲ އެކަލޭގެފާނަށް ވަރަށް ހަލުވިކަމާއެކު ލިޔުމުގެ ނިޢުމަތް މިންވަރުކޮށްދެއްވިއެވެ. އަދި އެއްވެސް އެއްޗަކުން ކޮޕީކުރުމެއް ނެތި އެކަލޭގެފާނުގެ ހަނދާނުގައި ހުންނަ ތަކެތި ލިޔުއްވައެވެ.

އަދި އެކަލޭގެފާނުގެ ލިޔުއްވުންތައް ނަކަލު ކުރުމަށްޓަކައި ކާތިބެއް ވެސް އެކަލޭގެފާނު ގެންގުޅުއްވިއެވެ. ކާތިބުގެ ނަމަކީ އަބްދުﷲ ބިން ރަޝީދު އަލްމަޣުރަބީއެވެ. އަލްޙާފިޡު އިބުނު ކަޘީރު މިކަން ބަޔާންކުރައްވަމުން އެކަލޭގެފާނުގެ ތާރީހު ފޮތްކަމުގައިވާ ބިދާޔަތު ވައް ނިހާޔަތުގައި ލިޔުއްވައެވެ. ” ކާތިބު މީހާ ލިޔާއިރުގައި ޝެއިޚުއަށްވުރެ މޮޅަށް ޝެއިޚުގެ އަތުލިޔުންފަދައިން އޭނާ ނަކަލުކުރައްވައެވެ. ”

އަލް އުޤޫޤުއް ދުއްރިއްޔާގައި ބަޔާންކުރައްވާ ގޮތުގައި އެކަލޭގެފާނު ހިޖުރީ ސަނަތުން 721 ވަނަ އަހަރު ޖަލުން މިނިވަން ކުރެއްވުމާއެކު އެކަލޭގެފާނުގެ ލިޔުއްވާފައިވާ ފަތްފުތްތަކުގައި މައްސަލައެއް ހުރިތޯ ވަރަށް ގިނައިރުވަންދެން މުތާލިޢާކުރައްވަވައެވެ. ސަބަބަކީ ވަރިޔާއި ބެހޭގޮތުން ޖެހުނު ފިޤުހީ މައްސަލައެއްގެ ސަބަބުންނެވެ. އަދި އަލްބިދާޔަތު ވައްނިހާޔަތުގައި ވާ ގޮތުން އެކަލޭގެފާނު ޙިޖުރީ ސަނަތުން 712 ވަނަ އަހަރު ޝާމަށް އެނބުރި ވަޑައިގަތުމަށްފަހު ވަރަށް ގިނަ ބޮޑެތި ފޮތްތައް ލިޔުއްވިއެވެ. އަދި އަލްކަވާކިބު ދުއްރިއްޔާގައި ވާގޮތުން އެކަލޭގެފާނަށް ނިސްބަތްކުރެވޭ ލިޔުއްވުންތަކަށް އެކަލޭގެފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. މިއަދު އަޅުގަނޑުމެންނަށް އެކަލޭގެފާނަށް ނިސްބަތްކުރެވޭ ފާޑުކިޔުންތަކާއި އަދި ރައްދުތައް ފެންނަމުން ދަނީ އެކަލޭގެފާނު ލިޔުއްވާފައިވާ މަސައްކަތްތަކުގެ ގިނަކަމާއި އެ މަސައްކަތްތަކުގެ ކުޅަދާނަކަމުންކަން ޔަޤީނެވެ. އަދި އެކަލޭގެފާނުގެ ނަމަށް ނިސްބަތްކޮށް އަގުވައްޓާލުމަށްޓަކައި އެތައް ދޮގުތަކެއްވެސް ހަދައި އަދި އެކަލޭގެފާނުގެ އަގުވައްޓާލުމަށް މަސައްކަތްކުރަމުން ދަނީ މިލިޔުންތަކަށް މީހުން ކުރާ ޤަދަރު ހުއްޓުވާލުމުގެ ބޭނުމުގައެވެ.

އެކަލޭގެފާނުގެ ލިޔުއްވާފައިވާ ބައެއް ފޮތްތައް

އެކަލޭގެފާނުގެ ގަލަންކޮޅަކީ ހިނގާ ގަލަންކޮޅެއްކަން އެނގެނީ އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކުންނެވެ. އެކަލޭގެފާނުގެ ކޮންމެ ފޮތަކީ މިޒަމާނުގައި އެންމެ ހިނގާ ފޮތްތަކެވެ. އެކަލޭގެފާނާއި ދެކޮޅަށް މިހާރާއި އަދި އޭރުގައިވެސް އެހާ ގިނަ ގުނަ މަސައްކަތް ކުރުމާއެކުވެސް އެކަލޭގެފާނުގެ ފޮތްތައް މި ހިސާބަށް އައުމަށް އެބައިމީހުންނަށް ހުރަސް ނުއެޅުނެވެ. އެއްޗެއް ދެމިހުރުމުގައި އެމަސައްކަތުގައި އިޚުލާސްތެރިކަން ދެމިހުރުމަކީ ކޮންމެހެންވެސް ލާޒިމުކަމެކެވެ. އެކަލޭގެފާނުގެ ފޮތްތައް މިހިސާބަށް އައިސްފައިވަނީވެސް މިދެންނެވި މަގުން އެކަލޭގެފާނު ކުރެއްވި އިޚުލާސްތެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއަދު އިބުނުތައިމިއްޔާގެ ފޮތެއް ނެތް ލައިބުރަރީއަކީ މަދު ލައިބުރަރީއެކެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ލައިބަރަރީތަކެއްގައި އަދި އެކި ބަސްބަހަށް ދަނީ އެކަލޭގެފާނުގެ ފޮތްތައް ތަރުޖަމާކުރެވެމުންނެވެ.

އަދި މިހާރުވެސް އެކަލޭގެފާނަށް މީހުން ފާޑުކިޔައި އަދި އެކަލޭގެފާނުގެ ފޮތްތަކަށް ރައްދުދެމުން ދަނީ އެކަލޭގެފާނަކީ މިޒަމާނުގައި އުޅުއްވާ ޢިލްމުވެރިއެއްފަދައިންނެވެ. ނުވަތަ މިޒަމާނުގައި އުޅުއްވާ ބޭފުޅަކަށްދޭނެ ރައްދުތަކަށްވުރެވެސް ބޮޑަށެވެ. ދިވެހި މުހާވިރާއެއްގައި ބުނާހެން ގަޅި އުކޭނީވެސް އެއްޗެއް ހުންނަ އެއްޗަކަށްތާއެވެ. އަދި އެކަލޭގެފާނާއި މެދުގައި މިޒަމާނުގައި އުފައްދަމުންދާ ސުބުހަތަކަށް ވަކި މައުޟޫއެއްގެ ދަށުން އަލިއަޅުވާލެވޭނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އެގޮތުން ތިރީގައި މިވަނީ އެކަލޭގެފާނު ލިޔުއްވާފައިވާ ބައެއް ފޮތްތަކެވެ.

1. މަޖޫމޫޢު ފަތުވާ – ފަތުވާ ސެޓު. މި ފަތުވާ ސެޓަކީ އެކަލޭގެފާނުގެ ބައެއް ފަތުވާތަކާއި އަދި ބައެއް ރިސާލާތަކުގެ މައްޗަށް ތައްޔާރު ކުރެވިފައިވާ 35 ފޮތުގެ މައްޗަށް އެކުލެވޭ ބޮޑު ފޮތެކެވެ.
2. މަވާފިޤަތުއް ޞަޙީހުލް މަންޤޫލު ލިޞަރީހިލް މަޢުޣޫލު. މިއީ ދިހަ ފޮތުގެ(މުޖައްލަދު ނުވަތަ ބައި) މައްޗަށް އެކުލެވޭ ފޮތެކެވެ.
3. އަލްޖަވާބުއް ޞަޙީހް ލިމަން ބައްދަލަ ދީނުލް މަޞީޙު. މިއީ ނަޞާރާ ދީނުގެ ޝުބުހާތަކަށް ރައްދު ދީފައިވާ ފޮތެކެވެ.
4. މިންހާޖުއް ސުންނަތުއް ނަބަވިއްޔަތި ފިއް ރައްދި އަލާ ޝީޢަތި ވަލް ޤަދަރިއްޔާ
5. އަލްފަތާވަލް މިޞްރިއްޔާ
6. އިޚުތިޔާރާތުލް ފިޤުހިއްޔާ
7. އަލްޤަވާޢިދުއް ނޫރާނިއްޔަލް ފިޤުހިއްޔާ
8. ނަޤުޟު މިންހާޖިއް ތައުސީސު
9. އިޤާމަތުއް ދަލީލި ޢަލައް އިބްތާލިއް ތަޙުލީލް
10. ޝަރަހަލް ޢަޤީދަތުލް އަޞްފަހާނިއްޔާ
11. އަލް އިސްތިޤާމާ
12. ކިތާބުލް އީމާން
13. އައްނުބުއްވާތު
14. އިޤުތިޟާއުއް ޞިރާތިލް މުސްތަޤީމި މުޚާލަފަތު އަޞްޙާބުލް ޖަޙީމް
15. އައް ރައްދު އަލަލް މަންތިޤިއްޔީން. ( މަންތިޤީންނަށް ދީފައިވާ ރައްދު)
16. ދާރު ތަޢާރުޟު އަލް އަޤަލު ވައްނަޤަލު
17. ނަޤުދުލް މަރާތިބުލް އިޖްމާޢު
18. އަލް ޢުބޫދިއްޔާ
19. ޙިޖާބުލް މަރްއާ. އަންހެނާގެ ޙިޖާބު
20. އައުލިޔާއުއް ރަޙުމާނު ވަ އައުލިޔާއުއް ޝައިތާނު. ( ﷲ ގެ ވަލީވެރިންނާއި ޝައިތާނާގެ އެކުވެރިން)
21. އައްރައްދު އަލަލް އިބުނު ޢަރަބީ
22. އައްޒުހުދު ވަލްވަރަޢު ވަލް ޢިބާދާ
23. ސިޔާސަތުއް ޝަރުޢިއްޔާ. މިއީ އެކަލޭގެފާނު ސިޔާސަތާއި ބެހޭގޮތުން ލިޔުއްވާފައިވާ ފާހަގަކޮށްލެވޭ ފޮތެކެވެ.
24. އައްޞޯރިމުލް މަސްލޫލު
25. އައްޞަފުދިޔާ
26. އަޤީދަތުލް ވާސިތިއްޔާ
27. ބަޔާނުލް ތަލްބީސުލް ޖަޙަމިއްޔާ
28. ތަޙުޤީޤުލް މަސްއަލަތި ޢިލްމިﷲ
29. ބަޣިއްޔަތުލް މުރުތާދު
30. ދަޤާއިޤުއް ތަފްސީރު
31. ދީނުލް އަންބިޔާއި ވާޙިދުން
އަދިވެސް އެތައް އެތައް ފޮތެއް އެކަލޭގެފާނު ލިޔުއްވާފައިވެއެވެ. އަދިވެސް އޭގެ އިތުރުން އެކަލޭގެފާނު ލިޔުއްވި ބައެއް މަސައްކަތްތައް ވަނީ ގެއްލިގެން ގޮސްފައެވެ. މިފޮތްތަކަކީ އެކަލޭގެފާނުގެ ޢިލްމުވެރިކަން ރަމްޒުކޮށްދޭ އަލިގަދަ ހެކިތަކެކެވެ. އަޅުގަނޑުމެންނަކީ މިފޮތްތަކުން ފައިދާ ޙާޞިލުކުރާ ބަޔެއް ކަމުގައި ލައްވާށިއެވެ. އަދި މިފޮތްތައް ލިޔުއްވި މުއައްލިފުކަމަށްވާ ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާގެ ފާފަ ފުއްސަވާ އެކަލޭގެފާނަށް ހެޔޮވެގެން ވާ މަތިވެރި ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން

ނުނިމޭ

ދެން އަންނަ ލިޔުމެއްގައި އެކަލޭގެފާނަށް ޢިލްމުވެރިން ރައްދުކުރައްވާފައިވާ ތަޢުރީފުގެ ބަސްތައް

ނަންތައް ލިޔެވިފައި އެވަނީ ޢަރަބި ބަހުން ފޮތްތަކަށް ކިޔާ ނަމެވެ. ފަހަރެއްގައި ފޮތުގެ ނަންލިޔުމުގައި ލިޔުމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އަންގާލަދެއްވުމަކީ އަޅުގަނޑުގެ އެދުމެކެވެ.

ޙަވާލާ
1. ޑރ. ޞާލިޙު ބިން ފައުޒާން ލިޔުއްވާފައިވާ ” މިން އަޢުލާމުލް މުޖައްދިދީން”

ކުރީގެ ބައިތައް ވިދާޅުވެލައްވާ