[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުޢާގެ ތަޢުރީފާއި ދުޢާގެ ބައިތައް

 

“ދުޢާ” ގެ ތަޢުރީފު:

ޢަރަބި ބަހުގައި “ދުޢާ” މިލަފުޒު ބޭނުންކުރެވެނީ ކަމަކަށް އެދުމުގެ ފަށުވި ޢިބާރާތެއްގެ ގޮތުގައެވެ. އަދި ހަމައެހެންމެ، މިލަފުޒު ގިނައިން ބޭނުންކުރެވެނީ ޚާއްޞަ އެދުންތަކަށެވެ. އެއީ ދަށް ފަރާތަކުން މަތީ ފަރާތަކަށް ކަންތައް ތަކުގައި އެދޭ އިރުއެވެ.

ޝަރުޢުގައި މިލަފުޒު ބޭނުންކުރެވޭގޮތާއި ބެހޭގޮތުން  ދަންނައެވެ. އިބްނު މަންޡޫރު ރަޙިމަހުﷲ “ލިސާނުލް ޢަރަބި” ގައި ވިދާޅުވެފައިވެއެވެ. “ދުޢާއަކީ ﷲއަށް އެދުމެވެ.” އަދި އިބްނު ޤައްޔިމު ރަޙިމަހުﷲ “ބަދާއިޢުލް ފަޥާއިދު” ގައި ވިދާޅުވެފައިވެއެވެ. “(ދުޢާ އަކީ)، ދުޢާކުރާމީހާއަށް ފައިދާކުރަނިވި ކަންތައްކަށާއި، އެމީހާއަށް ގެއްލުމެއްލިބޭ ކަންތައްތަކުން ސަލާމަތްވެ، ރައްކާތެރިކަން ހޯދުމުގެ ގޮތުން އެދެވޭ އެދުމެކެވެ.”

ހަމައެހެންމެ ދުޢާ އަކީ ޛިކުރުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ.

ދުޢާގެ ބައިތައް:

ދުޢާ ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ، އަޅުކަމުގެ ދުޢާ (دعاء العبادة) އާއި ކަންތައްތައް ޙާޞިލުވުމަށް ކުރާ ދުޢާ (دعاء المسئلة) އެވެ.

އަޅުކަމުގެ ދުޢާ (دعاء العبادة) ދަންނައެވެ. އެއީ ޞާލިޙު ޢަމަލުތައް މެދުވެރިކޮށްގެން ޘަވާބަށް އެދުމެވެ. އެއީ ޝަހާދަތުގެ ދެކަލިމަކިޔައި، އެދެކަލިމަ ކިޔުމުގެ ސަބަބުން މަޖުބޫރުކުރާ ކަންތައްތަކަށް ރައްކާތެރިވުމާއި، ނަމާދުކުރުމާއި، ރޯދަހިފުމާއި، ޒަކާތްދިނުމާއި، ޙައްޖުވުމާއި، ﷲ އަށް ޛަބަޙަކުރުމާއި، އެއިލާހަށް ނަދުރު ބުނުންފަދަ އަޅުކަންތަކެވެ. މިފަދަ އަޅުކަންތަކުގެ ތެރެއިން ބައެއް އަޅުކަންތައްތަކުގައި، އެއަޅުކަމެއް އަދާކުރަމުން ގެންދިޔުމާއިއެކު ދުލުން ދުޢާ ކުރުންވެއެވެ. މިކަމުގެ މިސާލެއްގޮތުގައި ނަމާދުވެއެވެ. އެހެނީ، މިފަދަ އަޅުކަންތައް ޢަމަލީގޮތުން ކުރުމާއިއެކު، ދުލުން އެމީހަކަށް ފާފަފުއްސެވުމަށް ދަންނަވައެވެ. ޚުލާޞާގޮތެއްގައި ބުނަނީނަމަ، އެމީހަކު ﷲ އަށް އެއަޅުކަންކުރަނީ އެއިލާހުގެ ޘަވާބަށް އެދޭ ޙާލު، އެއިލާހުގެ ޢަޛާބަށް ބިރުވެތިވެ ހުރެއެވެ. މިފަދަ އަޅުކަމެއްގެ ތެރެއިން އެއްވެސް މިންވަރެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ކުރުމެއް ނުވެއެވެ. މިފަދަ އަޅުކަމެއް އެއިލާހަށް ފިޔަވައި އެހެން ފަރާތަކަށް ކޮށްފިމީހަކު ކުފުރުގެ ތެރެއިން ބޮޑު ކުފުރު (كفر الأكبر) އަށް ހުށަހެޅުނީއެވެ. އަދި އެފަދަ މީހަކު އިސްލާމީ ގިއުގަނޑުގެ ތެރެއިން ބޭރުވާ ހުއްޓެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَاي وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ * لا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ)) الأنعام: ١٦٢ – ١٦٣  މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފަނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޛަބަޙަކުރުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގޭފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.”

މިދެ އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތުގެ ތަފުސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މިއާޔަތުގައި) ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވަނީ، ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކޮށް، އެއިލާހުގެ އިސްމުފުޅު ފިޔަވައި އެހެން ފަރާތްތަކުގެ ނަންތައް ކިޔައިގެން ޛަބަޙަކުރާ މުޝްރިކުންނަށް، އެކަލޭގެފާނުވަނީ އެބައިމީހުންނާއި މިކަމުގައި ޚިލާފުވެގެންވާ ކަމުގެ ޚަބަރު ދެއްވުމަށެވެ. ފަހެ، އެކަލޭގެފާނުގެ ނަމާދުކުރުންވަނީ ﷲ އަށެވެ. އަދި އެކަލޭގެފަނު ޛަބަޙަކުރުންވަނީ ޝަރީކަކުނުވާ އެއްކައުވަންތަ އިލާހުގެ ނަންފުޅުންނެވެ. އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ. ((فَصَلِّ لِرَبِّكَ وَانْحَرْ)) الكوثر: ٢ މާނައީ: ފަހެ، ކަލޭގެފާނުގެ ވެރި އިލާހަށް ނަމާދުކުރައްވާށެވެ. އަދި ޛަބަޙަކުރައްވާށެވެ. (އެބަހީ ކަލޭގެފާނު ނަމާދުކުރެއްވުމުގަޔާއި ޛަބަޙަކުރެއްވުމުގައި އެއިލާހަށް އިޚްލާޞްތެރިވާށެވެ.) އެހެނީ، މުޝްރިކުން އަޅުކަންކޮށް، ޛަބަޙަކޮށް ހަދަނީ ބުދުތަކަށެވެ. ފަހެ، ﷲ އަމުރުކުރައްވަނީ އެބައިމީހުންނާއި ޚިލާފުވުމަށެވެ. އަދި އެބައިމީހުން އެތިބި ގޮތްތަކުން އެއްކިބާ ވުމަށެވެ….”

ކަންތައްތައް ޙާޞިލުވުމަށް ކުރާ ދުޢާ (دعاء المسئلة) ދަންނައެވެ. އެއީ ފައިދާ ކުރަނިވިކަމަކަށް، ނުވަތަ ނުބައިކަމަކުން ސަލާމަތްވުން ފަދަ ދުޢާކުރާ މީހާއަށް ފައިދަކުރަނިވި ކަންތައްތަކަށް ދެންނެވުމާއި، ޙާޖަތްތަކުގައި ދެންނެވުމެވެ. ރިޒްޤު ދެއްވުމާއި، ވާރޭ ވެއްސެވުމާއި، ފާފަތައް ފުއްސަވައިދެއްވުމަށް ދެންނެވުން ފަދަ، ﷲއަށް މެނުވީ ކުރުން އެކަށީގެންނުވާ ކަންތައްތަކުގައި މިފަދަ ދުޢާއެއް އެހެންފަރާތަކަށް ކުރުމަކީވެސް ޝިރުކެކެވެ.