[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (1)

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނާ “ﷲ ވޮޑިގެންވަނީ ކޮންތާކުތޯ؟” ސުވާލުކުރެވިއްޖެނަމަ، ވިސްނާލުމެއް އަދި ބަލާލުމެއްނެތި އޭގެ ޖަވާބަކަށްވެފައިވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ކޮންމެ ތަނެއްގައި ވޮޑިގެންވާ އިލާހުކަމަށް ޖަވާބު ދިނުމެވެ. ސުވާލަކީ އެހާ ވިސްނަންޖެހޭ ސުވާލަކަށް ނުވެއެވެ. މިސުވާލަށް މިޖަވާބުދިނުމަކީ ޢާއްމުވެފައިވާ ކަމެކެވެ. ސްކޫލެއްގައި ޓެސްޓު ޕޭޕަރެއްގައި މިސުވާލާގުޅޭ ރަނގަޅު ޖަވާބު އިޚްތިޔާރުކުރަން އިން އިރު، ޖަވާބު ރަނގަޅުވެފައިވަނީ ކޮންމެތަނެއްގައި ﷲ ވޮޑިގެންވާކަމަށް އިން ޖަވާބު އިޚްތިޔާރުކުރުމުންކަމުގެ ޚަބަރު އަޅުގަނޑަށް ދުވަސްތަކެއް ކުރިން ލިބިފައިވެއެވެ. މިކަމާބެހޭ ޚަބަރު އަޅުގަނޑު އޮޅުން ފިލުވާލުމުން އެނގުނީ، ޕޭޕަރު ތައްޔާރުކުރި ބޭފުޅުންވެސް އެކަމާދޭތެރޭ އެހާބޮޑަށް ވިސްނިފައިނެތްކަމެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވެފައިވަނީ އަޅުގަނޑުމެންގެ ތެރޭގައި މިސުވާލު ތަކުރާރުކުރެވޭ، އަދި ޖަވާބު ޢާއްމުކޮށް ދެވޭ ސުވާލަކަށް މިސުވާލުވާކަމުން ޤުރުއާނާއި ސުންނަތުގެ އަލީގައި އިތުރަށް ވިސްނާލުމަށް ޣާފިލުވެވުމެވެ. މިސުވާލަކީ އެނގުން މުހިއްމު، އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކުރުމުގެ ތެރެއިންވާ، އަދި ޤުރުއާނާއި ސުންނަތުގެ މަގަށް ރުޖޫޢަވުމުގެ ވަރަށް މުހިއްމު ސުވާލެކެވެ. އަޅަކަށް އެނގުން އެންމެ މުހިއްމު އެއްކަމަކީ އޭނާގެ ވެރިއިލާހު ވޮޑިގެންވާތަނެއް އެނގުމެވެ. އެގޮތުން ޤުރުއާނާއި ސުންނަތުގެ އަލީގައި، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މިސުވާލުގެ ޖަވާބަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް ފަށައިގަންނަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަޅާއަށް ތަޥްފީޤު ދެއްވާށި!

މުހިއްމު ނުކުތާއެއް:

މިމައުޟޫއަށް ފަށައިގަތުމުގެ ކުރިން ދެނެގަންނަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއްވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާގެ ޛާތުފުޅާއި، އެއިލާހާގުޅޭ ކަންކަމަކީ އަޅުގަނޑުމެންނަށް ޣައިބުގައިވާ ކަންކަމެވެ. އަދި އަޅުގަނޑުމެންނަށް ހަމައެކަނި އެއިލާހާ ބެހޭގޮތުން ލިބިފައިވާ ޢިލްމަކީ ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ މިންވަރެވެ. އޭގެ އިތުރަށް އަޅުގަނޑުމެންނަށް އެއިލާހާ ބެހޭގޮތުން އެއްވެސް ޢިލްމެއް ލިބިގެންނުވެއެވެ. ޤުރުއާނާއި ސުންނަތުގައިވާ މިންވަރެއް ފިޔަވައި، އެއިލާހާމެދު ބަސްކިޔައި ހެދުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާކަމެއްނޫނެވެ. އަދި އެކަންވާނީ ޢިލްމަކާއިނުލައި އެއިލާހުގެ މައްޗަށް ބުނެވޭ ބަސްތަކަކަށެވެ. އެކަމުގެ ތެރެއަށް އަމިއްލަ ޚިޔާލާއި، ފިކުރާއި، ވިސްނުން ވެއްދުމަކީ މަގުފުރެދުމެކެވެ. އަދި ޣައިބުގައިވާ ކޮންމެ ކަމަކީ އަޅުގަނޑުމެންނަށް އޭގެ ޙަޤީޤަތާއި، ޞިފަ އަޅުގަނޑުމެންގެ ކޮށި ވިސްނުންތަކަށް އެނގިގެންވާ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެންގެ މައްޗަށް ވަނީ އެއިލާހާމެދު ޤުރުއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައިވާ ގޮތަށް އީމާންވެ އެކަން ޤަބޫލުކުރުމެވެ. ޣައިބުގައިވާ ކަންތައްތަކާމެދު ސުވާލު ގިނަކޮށް، ފައިދާއެއްނެތް ސުވާލުކޮށް ހެދުމަކީ މަގުފުރެދިގެން ހިނގައިދާނެކަމެކެވެ. އިންސާނާއަށް ނުވިސްނޭ، ނުވަތަ އިންސާނާ ތަޖުރިބާކޮށްފައިވާ ނުވާ ކަންކަމަކީ ނުވާކަމެއްކަމަށް ނުވަތަ ބުއްދި ޤަބޫލުނުކުރާކަމެއްކަމަށް ޤަބޫލުކުރުމަކީ ގޯހެކެވެ. މިސާލެއްގެގޮތުން، މީގެ ހާހެއްހާ އަހަރުކުރީގެ މީހަކު، މިޒަމާނުގައި މިފެންނަ ތަރައްޤީ ޤަބޫލުކުރާނެތޯއެވެ؟ ދުނިޔޭގެ އެތަންމިތަނުގައިވާ މީހުންނާ ވަގުތުން ވާހަކަ ދައްކާލެވި، އެތައް ދުވަހަކުން ދަތުރުކޮށްފައި ދެވޭ ތަންތަނުގެ ކަންތައްތައް ވަގުތުން ބަލާލެވިދާނެކަމަށް ޤަބޫލުކުރާނެތޯއެވެ؟ އެހެންނަމަވެސް، އަޅުގަނޑުމެންގެ ލޮލަށް މިހާރުއެކަންކަން މިދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންނަށް ނުފެންނަ ނުވަތަ ތަޖުރިބާ ކުރެވިފައިނުވާ ކަންކަމަކީ ނުވާނެކަމެއްކަމަށް ޤަބޫލުކުރުމަކީ މޮޔަކަމެއްކަން އަޅުގަނޑުމެންނަށް މިހާރު އެނގެއެވެ.

ވީއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާއާމެދު ކީރިތި ޤުރުއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވާ ކޮންމެކަމަކީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެކަންކަން ތަސައްވުރު ނުކުރެވޭކަމެއްކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ މައްޗަށް ވަނީ ޤަބޫލުކޮށް، އެއިލާހުގެ ބަސްފުޅުތަކަށާއި، އެއިލާހުގެ ރަސޫލާގެ ބަސްފުޅުތަކަށް އީމާންވުމެވެ. އަޅުގަނޑުމެންގެ ބުއްދިއާއި ވިސްނުމުގައިވާ އުނިކަމަކީ، ކަމެއް ނުވާނެކަމަށް ނުވަތަ ބުއްދި ޤަބޫލުނުކުރާކަމެއްކަމަށް ބުނެވޭނެ ކަމެއްނޫނެވެ. އެއީ ހަމައަޅުގަނޑުމެންގެ ނިކަމެތިކަމެވެ.

އިމާމް މާލިކާއި އެހެންވެސް ބައެއް ބޭކަލުންގެ ކިބައިން އައިސްފައިވާ ބަސްފުޅަކީ، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްތަވާވޮޑިގަތުމާއި، އަދި އެހެންވެސް އެއިލާހާމެދު އައިސްފައިވާ ނައްޞުތަކާމެދު އީމާންވާންޖެހޭނެގޮތެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ. ((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ)) “އިސްތަވާވެވޮޑިގަތުން ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.” އެބަހީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝިއަށް އިސްތަވާވޮޑިގެންވާކަން ޤުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ. އެކަން އަހަރެމެންނަށް ސިއްރުވެ ފޮރުވިގެންނުވެއެވެ. އެހެންނަމަވެސް، އެއިލާހު އިސްތަވާވޮޑިގެންވަނީ ކިހިނެއްކަން ކޮންގޮތަކަށްކަން އަހަރެމެންގެ ބުއްދިއަށް ނުވިސްނޭނެއެވެ. އެކަން އަހަރެމެންގެ ބުއްދިއަށް ނުވިސްނުނަސް އެކަމަށް އީމާންވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. އަދި އިސްތަވާވޮޑިގެންވަނީ ކިހިނެއްކަމާއި، ކޮންގޮތަކަށްކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ.

(ނުނިމޭ)

_______________________

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (2)

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (3)

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (4)