[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބޮޑެތިފާފަތައް (2)

36. ކަލަގޮވާމީހާ.

37. ޤަދަރު ދޮގުކުރާމީހާ.

38. މީސްތަކުން ފޮރުވާކަންތައްތައް މީސްތަކުންނަށް ހާމަކުރާމީހާ.

39. ލަޢުނަތްދޭމީހާ.

40. ޢަހުދު ހިފާފައިވާ އަމީރަކަށާއި، އެހެނިހެން ޢަހުދުތަކަށް ޣައްދާރުވުން.

41. ކާހިނުންނާއި، ބުރަންމާނުންގެ ވާހަކަތައް ތެދުކުރުން.

42. އަންހެންވެރިން އެކަނބަލުންގެ ފިރިންނަށް ނުކިޔަމަންތެރިވުން. (ﷲއަށް އުރެދުމެއްވާކަމެއްގައި އެއްވެސްމީހަކަށް ކިޔަމަންގަތުމެއް ނުވެއެވެ.)

43. ރަޙިމުގެ ގުޅުން ކެނޑުން.

44. ހެދުމުގައާއި، ފާރުތަކުގައި ޞޫރަކުރަހާމީހާ.

45. ދެބައޮޑުވާމީހާ.

46. މީހަކު މަރުވުމުން އެކަމުގެ ހިތާމައިގައި ހެދުން އިރުމާއި، މޭމަތީ ތަންތާގައި ތެޅުން.

47. ނަސަބަށް އެއްޗެހިގޮވުން.

48. ހަށިވިއްކުން.

49. ކަނޑި ހިފައިގެން މީސްތަކުންގެ މެދަށް ނުކުތުމާއި، ބޮޑުފާފައެއްގެ ސަބަބުން ކާފަރުކުރުން.

50. މުސްލިމުންނަށް ގެއްލުންދިނުމާއި، އެއްޗެހިގޮވުން.

51. ﷲގެ ވަލީވެރިންނަށް އެއްޗެހިގޮވުމާއި، އެބޭކަލުންނާ ދެކޮޅުވެރިވުން.

52. ބޮޑާވެރިކަމާއި، ކިބުރުވެރިކަމާއެކު ފައިކުރި ބިމުގައި ދެމުން. (ބޮޑާވެރިކަމާއި، ކިބުރުވެރިކަމާއެކުގައި ނޫންނަމަވެސް ތަނބިކައްޓަށްވުރެ ފައިކުރި ދިގުކުރުމަކީ ބޮޑުފާފައިގެ ތެރެއަށް ވަންނާނެކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެލައްވައެވެ. ބޮޑާވެރިކަމާއި، ކިބުރުވެރިކަމާއެކު ފައިކުރި ތަނބިކައްޓަށްވުރެ ދިގުކުރާމީހާގެ ފާފަ އެނޫން ބޭނުމެއްގައި ދިގުކުރާމީހުންނަށްވުރެ ފާފަބޮޑުވެގެންވެއެވެ. މިއީ ފިރިހެނުންނަށް ޚާއްޞަކަމެކެވެ.)

53. ފިރިހެނުން ފަށުވިފޭރާންލުމާއި، ރަންއެޅުން.

54. ވެރިމީހާއާ ފިލައިގެން އުޅޭ އަޅުމީހާ.

55. ﷲ ފިޔަވައި އެހެންފަރާތަކަށް ޛަބަޙަކުރުން.

56. ބިންވަކިކުރަން ޖަހާފައި ހުންނަ ފާހަގަތައް ބަދަލުކުރާމީހާ. (ބިން ވަކިކޮށްފައިވަނިކޮށް އޭގެ ފާހަގަ ބަދަލުކޮށް ބިން ބޮޑުކުރުން.)

57. ޞަޙާބީންގެ ތެރެއިން ބޮޑެތި ބޭކަލުންނަށް ބަދުބަސްބުނުން. (ރަނގަޅުގޮތަކީ ޞަޙާބީންގެ ތެރެއިން ބޮޑެތި ބޭކަލުން ޚާއްޞަކުރުމެއްނެތި، އެބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކަށް ބަދުބަސް ބުނުމަކީ ބޮޑުފާފައެކެވެ.)

58. އަންޞާރިއްޔަ ބޭކަލުންނަށް ބަދުބަސްބުނުން.

59. މަގުފުރެދުމަށް ގޮވާލާމީހާއާއި، ނުބައިކަމެއް އީޖާދުކޮށްދިރުވާމީހާ.

60. ބޮލުގެ އިސްތަށި ގުޅުވާ އަންހެނާއާއި، ޒީނަތުގެގޮތުން ދަތްތައް ދުރުކުރާ އަންހެނާއާއި، ޓެޓޫޖަހާ އަންހެނާ.

61. އެމީހެއްގެ އަޚާއާދިމާލަށް ތޫނު އެއްޗެހި ދިއްކުރާމީހާ.

62. އެމީހާގެ ބައްޕަ ނޫން އެހެންމީހަކަށް ބައްޕަކަމަށް ނިސްބަތްކުރާމީހާ.

63. ނަޞީބުހުރިގޮތް ބަލަން ދޫނި އުދުއްސުން. (މިއީ ޖާހިލިއްޔަ ޒަމާނުގައި މީހުން ކުރާކަމެކެވެ. ދަތުރެއް ކުރުން ފަދަ ކަމެއްކުރަންވެއްޖެނަމަ ދޫންޏެއް ދޫކޮށްލުމުން، އެދޫނި ވަކިއަތަކަށް އުދުހިފައި ގޮސްފިނަމަ އޭގެ މާނައަކީ ދަތުރުކުރަންވީއެވެ. އަދި އެނޫން އަތަކަށްގޮސްފިނަމަ ދަތުރުފަސްކުރަންވީއެވެ.)

64. ރަނާއި ރިހީގެ ކަންވާރުން ކައިބޮއެހެދުން.

65. ޖަދަލުކުރުމާއި، ދެކޮޅުވެރިވުން.

66. އަޅެއްގެ ނުވަތަ ޖަމަލެއްގެ ދަރިފަނި އުފައްދާ ގުނަން ބުރިކުރުމާއި، އަނިޔާވެރިކަމާއި ދެކޮޅުވެރިކަމާއެކު އަޅަކަށް ޢަޛާބުދެއްކުން. (މިކަމަކީވެސް ޖާހިލިއްޔަ ޒަމާނުގައި ކުރަމުން އައި ނުބައިނުލަފާކަމެކެވެ. މިކަމަކީ އެބައިމީހުންގެ ޚިދުމަތުގައި އަޅުން ބޭތިއްބުމަށްޓަކައި ކޮށްއުޅޭކަމެކެވެ. އެކަންކުރުމުން، އެދުންވެރިކަން ކެނޑިގެންގޮސް، އަނބިންނަށް ބޭނުންވުން ހުއްޓޭނެއެވެ. އެހެނީ ފިރިހެންވަންތަކަމުގެ ހޯމޯން އުފައްދައިދޭ ތަނަކީ މިގުނަނެވެ.)

67. މިނެކިރުމުގައި މަކަރުހަދާމީހާ.

68. ﷲގެ ރޭއްވެވުމާއިމެދު އަމާންވެގެން ހުންނަމީހާ.

69. ﷲގެ ރަޙްމަތުން އުއްމީދުކަނޑާލުމާއި، އެއިލާހުގެ ރަޙްމަތާމެދު މާޔޫސްވުން.

70. އިޙްސާންތެރިއެއްގެ އިޙްސާންތެރިކަމަށް ކުފުރުވުން. (އެބަހީ: އެއިޙްސާންތެރިކަން ނުދަތުން.)

71. ފެނުގެ ބާކީހުންނަބައި އެހެންމީހަކު ބޭނުންކުރުން މަނާކުރުން.

72. ޖަނަވާރެއްގެ މޫނުގައި ފާހަގަކަނޑާނެގުން.

73. ޖުވާކުޅުން.

74. ޙުރުމަތްތެރިވެގެންވާ ޙަރަމް ސަރަހައްދުތަކުގެ ޙުރުމަތްކަނޑާލުން.

75. ޢުޛުރެއްނެތި ނުވަތަ ހުކުރުނަމާދުގެ ޖަމާޢަތް ދޫކުރުން ހުއްދަނުވާމީހަކު އެކަނި ނަމާދުކުރުމަށްޓަކައި ހުކުރުނަމާދުގެ ޖަމާޢަތްދޫކޮށްލުން.

76. މުސްލިމުންނަށް ޖާސޫސްކުރުމާއި، އެބައިމީހުންގެ ސިއްރުތައް ފާޅުކުރުން.

 ބަޔާންވެމިދިޔައީ، ބޮޑެތިފާފަތަކާބެހޭގޮތުން އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ލިޔުއްވާފައިވާ “އަލްކަބާއިރު” މިފޮތުގައި ބޮޑެތިފާފަތަކުގެ ތެރޭގައި ހިމަނުއްވާފައިވާ ފާފަތަކެވެ. އަޅުގަނޑުމެންގެ މައްޗަށް ވަނީ މިފަދަ ބޮޑެތިފާފަތައް ދެނެގަނެ، އެފާފަތަކުން ދުރުހެލިވެ އެއްކިބާވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މިފަދަ ބޮޑެތިފާފަތަކުން ދުރުކޮށް ސަލާމަތްކޮށްދެއްވާށި! އާމީން.

(ނިމުނީ)

__________________________

ބޮޑެތިފާފަތައް (1)