[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށްވަޅަކީ ތިބާގެ ގޮޅިއެވެ

އޭ ލޮބުވެތި އުޚުތެވެ! ﷲ އަށް ބިރުވެތިވާށެވެ. އަބަދުވެސް ﷲ ތިބާއަށް ބައްލަވާވޮޑިގެންވާކަން ހަނދާންކުރާށެވެ. ތިބާގެ ކޮންމެ ޢަމަލެއް ލިޔެވެމުން ދާކަން ހަނދާން ނައްތާނުލާށެވެ. މިއަދު ތިބާ ބޭނުންކަމެއް ކުރެވިދާނެއެވެ. ބޭނުންގޮތަކަށް އުޅެވިދާނެއެވެ. ތިބާގެ ވަށައިގެންވާ މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ޝައިޠާނާގެ އަވާގައި ޖެހިފައެވެ. ޝައިޠާނާވަނީ އެމީހުން ހެއްލުންތެރި ކޮށްފައެވެ. މީސްތަކުން މަގުފުރެދުމުގައި ޝައިޠާނާވަނީ އޭނާގެ ވަޢުދު ކިތަންމެ ރަނގަޅަށްވެސް ފުއްދާފައެވެ. އެކަމަކު މާދަމާ ތިބާޔަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މާދަމާ އަލުން ދިރުއްވާ ދުވަހުން ފެންނާނީ މިއަދު ތިބާ ކުރި ހެޔޮ ޢަމަލެކެވެ. އެދުވަހުން ކުރެވޭނެ އެއްވެސްކަމެއް ހަމަހިލާ ނޯންނާނެއެވެ.

ޣާފިލްކަމުގެ ނިދީގައި މިދުނިޔޭގެ އަގުހުރި ވަގުތުތައް ބޭކާރު ނުކުރާށެވެ. އޭ ﷲ ގެ އަޅާއެވެ. ތިބާގެ ހަށިގަނޑުން ފުރާނަ އަލްވަދާޢު ކިޔާނެއެވެ. ތިބާގެ ފުރާނަ ނޭވާހޮޅިޔަށް އެޅޭނެ ވަޤުތުގެ މަތީން ހަނދާންކުރާށެވެ. އެވަޤުތަކީ ތިބާގެ ލޯބިވާ ފިރިމީހާއާއި، ލޮލުގެ ކޮއި ފަދަ ދަރީންނާއި، މައިންބަފައިން ދޫކޮށް މިދުނިޔެއާއި ވަކިވާންޖެހޭ ވަޤުތެވެ. އޭގެ ފަހުން ތިބާގެ ފުރާނަނެތް މަސްގަނޑު ކޮނޑުތަކުގައި އުފުލި، އަނދިރި ކުޑަކުޑަ ގޮޅިއަކަށް ލެވޭނެއެވެ. އެއީ ތިބާގެ ޖަގަހައެވެ. އަނދިރި ކުޑަކުޑަ ގޮޅިއެކެވެ. އެހިނދު، ނަކީރާއި މުންކަރު – ދެމަލާއިކަތުން – ވަޑައިގެން ތިބާއާ، 3 ސުވާލު ކުރައްވާނެއެވެ. އެވަޤުތު ކަންތައްތައް ވެގެން ދާނެގޮތް، މި ހެއްލުންތެރި ދުނިޔޭގެ ދިރިއުޅުމާއި ހަނގުރާމަ ކުރަމުންދާއިރު، އަމިއްލަ ސިކުނޑިން ވިސްނާލާނެ ވަޤުތެއް ވޭހެއްޔެވެ؟

އަދި އަލުން ދިރުއްވިގެން ހިސާބު ބެއްލެވޭ ބިރުބޮޑުވެގެންވާ ދުވަހު، ތިބާގެ ޢަމަލުތަކުގެ ފަތް ލިބޭނީ ކޮންފަރާތަކުން ކަމާމެދު، ތިބާގެ އިޙްސާސްތައް ހުންނާނެ ގޮތް މިއަދު އިޙްސާސް ކުރެވޭ ހެއްޔެވެ؟ ޖަހަންނަމައިގެ މަތީގައި ޞިރާޠުމަގު އަޅައިލެވޭ ހިނދު، މިދުނިޔެމަތީގައި ތިބާ ﷲ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށް ނޫޅުނުނަމަ، އެމަގު ހުރަސްކުރާނީ ކޮންފަދައަކުންތޯއެވެ؟

ﷲ އަށް ބިރުވެތިވާށެވެ. މިދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއްކަން ހަނދާންކުރާށެވެ. ތިބާގެ އަޖަލުވަނީ ކަނޑައެޅިފައެވެ. ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެކަން އެންމެ ވަގުތުކޮޅަކަށްވެސް ހަނދާން ނައްތާ ނުލާށެވެ. ކޮންމެ ވަގުތެއްގައިވެސް މަރު ތިބާގެ މައްޗަށް ވެރިވެގެންފާނެއެވެ. އެއީ ތިބާގެ ފޭރާމަށްވުރެ ކައިރީގައިވާ އެއްޗެކެވެ.

حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ * لَعَلِّيۤ أَعْمَلُ صَالِحاً فِيمَا تَرَكْتُ كَلاَّ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا وَمِن وَرَآئِهِمْ بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ (المؤمنون : 99-100)

“އަދި އެބައިމީހުންގެ ތެރެއިން މީހެއްގެ ގާތަށް މަރު އައިސްފި ހިނދު އޭނާ ބުނާނެއެވެ. ‘އޭ މިއަޅާ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިއަޅާ އެތާނގައި ނުކޮށް ދޫކޮށްލި ހެޔޮ ޢަމަލުތަށް ކުރުމަށްޓަކައި މިއަޅާ އަނބުރާ ދުނިޔަށް ފޮނުއްވާނދޭވެ’. އެހެނަކުން ނުވާނެއެވެ! ހަމަކަށަވަރުން އެއީ ހަމައެކަނި، އެނާގެ ދުލުން ބޭރުކޮށްލާ ބަހެކެވެ. އަދި އަލުން ދިރުއްވާ ދުވަހަށް ދަންދެން، އެބައިމީހުންގެ ކުރިމަތީގައިވަނީ ބަރުޒަޚެވެ.”

(އަލްމުއުމިނޫން ސޫރަތުގެ 99 އާއި 100 ވަނަ އާޔަތް)

މުޖްތަމަޢުގެ މުތްތައް (ނުނިމޭ)