ކުޑަކުދިންގެވާހަކަ: ލިބޭމިންވަރަށް ޝުކުރުކުރަންވާނެއެވެ.

ޢުމުރުން ދިހަ އަހަރުގެ ޢަލީ އަކީ ވަރަށް ބަސްއަހާ ރަނގަޅު ކުއްޖެކެވެ. ބަންގި ގޮވާއިރަށް ނަމާދަށް ދެއެވެ. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވައެވެ. މީހަކު ނުބުންޏަސް ސްކޫލުގެ ފިލާވަޅުތައް ހަދައެވެ. އަބަދުވެސް ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތްކޮށް، މަންމަ އާއި ބައްޕަ އުފާވާ ގޮތަށް އުޅެވޭތޯ ބަލައެވެ.

އެއްދުވަހަކު ޢަލީ ސްކޫލުން ގެއަށް އައިއިރު މަންމަވީ ޑޮކްޓަރަށް ދައްކާލަން ގޮހެވެ. ގޭގައި އުޅެނީ މާމަ އެކަންޏެވެ. މާމަ ވަރަށް މުސްކުޅިވެފައި ބައްޔެވެ. ބައެއްފަހަރު ގޭތެރޭގައި ކުޑަކޮށް ހިނގާލާ އުޅުނަސް ގިނަވަގުތު އޮންނަނީ ވަރުބަލިވާތީ އޮށޯވެގެންނެވެ. މާމަ ބަލިކަމުން ކާންދެނީވެސް މަންމަ އެވެ. ޢަލީ ގެއަށް އައިއިރު، މާމަ އޮތީ ނުކައެވެ. ޢަލީވެސް  ބަނޑުހައިވެގެން ކާން ބަލާލިއިރު ކާން ހުރީ ގަރުދިޔަ އާއި ބަތެވެ. ޢަލީ ވަރަށް ފޫހި ވިއެވެ. ގަރުދިޔަ އާއި ބަތަކީ ޢަލީއަށް މީރު އެއްޗެއް ނޫނެވެ.

އެހެންނަމަވެސް ޢަލީ، މާމައަށް ކާން ތައްޔާރު ކުރިއެވެ. މަންމަ، މާމައަށް ކާން ތައްޔާރުކުރާގޮތަށް ތަރުކާރީ އަޅާފައެވެ. އަދި ފެންތަށްޓެއް ވެސް އަޅާފައި، މާމަގެ އެނދުކައިރީގައި ބެހެއްޓިއެވެ. އަދި މަޑުމަޑުން މާމައަށް ގޮވާލިއެވެ.  “މާމާ….މާމާ..” މާމަ ލޯހުޅުވާލުމުން ޢަލީ ބުންޏެވެ. “މާމަ ކާންވީނު..” ޢަލީ ކާން ހަދަން މޮޅުކަމުން މާމަ ތަޢުރީފު ކުރިއެވެ. “ﷲ ދަރިފުޅަށް ރަޙްމަތް ލައްވާށި. ދަރިފުޅު ހާދަމޮޅޭ ކާން ހަދަން” މާމަ ބުނެލިއެވެ. “މަންމަ ކާން ހަދާތަން އަބަދު ފެންނާތީ ދަސްވީ.” ޢަލީ ހީލާފައި ބުންޏެވެ. “މަންމަ ހުރީ ކާގަޑިއަށް ގެއަށް ނާދެވިދާނެތީ ވަރަށް ކަންބޮޑުވެފަ. ދަރިފުޅުވެސް ދެން ކާންދާންވީނު” މާމަ ކާންފަށަމުން ބުންޏެވެ. ގަރުދިޔަ އާއި ބަތް ހުރީމާ ޢަލީ ކާހިތެއްނުވިއެވެ. އެހެންކަމުން ސިޓިންރޫމް ސޯފާގައި ދީނީ މަޖައްލާއެއް ހިފައިގެން ކިޔަން އިށީނެވެ.

މަޖައްލާގެ ގަނޑުތައް އުކަމުން ދިޔައިރު ކުއްލިއަކަށް ޢަލީގެ ލޮލުގައި އަޅައިގަތީ ވަރަށް ހަށިގަނޑު އަނަރޫފަކޮށް ތިބި ކުދިންތަކެއްގެ ފޮޓޯއެކެވެ. އެކުދިން ހިކިކަމުންގޮސް ހީވަނީ ގައިގެ ކަށިތައް ފެންނަހެންނެވެ.  މުޅިގައިގައި އޮތީ ހިރަފުހެވެ. ވަރަށް ތުއްތު ކުދިންވެސް ތިބީ އަޅާލާނެ މީހަކު ނެތި އެކަނިވެރިވެފައެވެ. އެކުދިން ތިބިގޮތް ފެނިފައި ޢަލީގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ވަރަށް ދެރަވި އެވެ. ޢަލީ އެފޮޓޯއާ ގުޅޭ ލިޔުން ކިޔަންފެށިއެވެ.

އެއީ ކާނެ އެއްޗެއް ނުލިބިގެން ބަނޑުހައި ހޫނުކަމުގައި ތިބި ކުދިން ތަކެކެވެ. އެލިޔުމުގައިވާގޮތުން މިފަދަ އެތައް މިލިއަން ކުދިންތަކެއް ދުނިޔޭގެ އެކި ޤައުމުތަކުގައި އުޅެއެވެ. އަދި ކޮންމެ ދުވަހަކު އެތައްހާސް ކުދިންނެއް މި ހައިހޫނުކަމުގެ ސަބަބުން މަރުވެއެވެ. އެކުދިންނަށް ކާނެ އެއްޗެއް ލިބެނީވެސް ޑަސްބިން ހާވައިގެންނެވެ. އެއައްވުރެވެސް ފަޤީރު ހިސާބު ތަކުގައި ކާނެ އެއްޗެއް ނުލިބިގެން މަގުމަތީގައި ހުންނަ ކިސަޑު ނަގައިގެން ކައެވެ. އަދި މަގުމަތީގައިހެދިފައި ހުންނަ ފެންބޮއެވެ.

ލިޔުން ކިޔައި ނިމުނު އިރު ޢަލީ ހުރީ ވަރަށްބޮޑަށް ދެރަވެފައެވެ. ލޮލުން ކަރުނަ އައިސްފައެވެ. ކާއެއްޗެއް ނުލިބިގެން އެކުދިން އުޅޭޙާލު އެނގުމުންނެވެ. އެންމެދުވަހަކު ނުކައި ހުންނަން ވެއްޖެނަމަ އަހަރެމެން ބަނޑުހައިވެގެން ތެދުވާނެހާ ހިތްވަރެއް ނުހުންނައިރު، އެކުދިން އެތައް ދުވަހެއްވަންދެން ބަނޑުހައިހޫނުކަމުގައި އުޅޭނެ ހިތްދަތިކަން އިޙުސާސް ވިއެވެ.

ޢަލީ އެވަގުތު ގަރުދިޔައާއި ބަތްހުރީމާ ނުކައި ހުރެވުނު ހަނދާން ވިއެވެ. ޢަލީ ހިތަށް އެރިއެވެ. “ކިތަންމެ އާދައިގެ އެއްޗެއްވިޔަސް ކާން ލިބުމަކީ ބޮޑު ނިއުމަތެއް. މީގެ ފަހުން ކޮންމެ އެއްޗެއް ކާން ހުއްޓަސް އެއްވެސް ޝަކުވާއެއް ނުކުރާނަން.” ޢަލީ އަވަހަށް ބަދިގެއަށް ގޮސް ބަތާއި ގަރުދިޔަ އަޅައިގެން ކާންފެށިއެވެ. އެހާ މީރު ނުވިޔަސް ޢަލީ ޝުކުރުވެރިވިއެވެ. އަބަދު މީރު އެއްޗެއްވެސް ނުލިބޭނެކަން ހިތަށް އެރިއެވެ. އެވަގުތު ޢަލީ ހަނދާނަށް އައީ ކުރީދުވަހެއްގައި އިސްލާމް މުދައްރިސް ވިދާޅުވި ޙަދީޘެކެވެ. އެޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ ((الطَّاعِمُ الشَّاكِرُ لَهُ مِثْلُ أَجْرِ الصَّائِمِ الصَّابِرِ)) “ކައިބޮއިއުޅޭ ޝުކުރުވެރިވާމީހާއަށް، ކެތްތެރި ރޯދަވެރިއަކަށް ލިބޭ އަޖުރު ލިބޭނެއެވެ.”(1)

ޢަލީ ކައި ނުނިމެނީސް މަންމަ ގެއަށް އަތުވެއްޖެވެ. ޢަލީ ގަރުދިޔަ އާއި ބަތް ކާން އިންތަން ފެނުމުން މަންމައަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އަދި ވަރަށް އުފާވެފައި އަހާލިއެވެ. “ދަރިފުޅަށް މިހާރު ގަރުދިޔަ ބަތް މީރުތަ؟ މަންމަ ހީކުރީ ދަރިފުޅު ހުންނާނީ އަދިވެސް ނުކައި ކަމަށް.” ޢަލީ މަންމަ އަށް ޖަވާބުދިނެވެ. “މަންމާ. އަޅުގަނޑު މީގެފަހުން ކޮންމެ އެއްޗެއް ކާންހުޓަސް ޝަކުވާއެއް ނުކުރާނަން. އަދި މީރު އެއްޗެހި ހޯދައިދޭށޭ އަބަދު ނުބުނާނަން އިންޝާﷲ..” އެހެން ބުނެފައި ޢަލީ ކިޔަން ގެންގުޅުނު މަޖައްލާގައި ހުރި ލިޔުން މަންމައަށް ދައްކާލިއެވެ. މަންމަ ހިނިތުންވެލާފައި ބަލާލިއެވެ. އަދި ޢަލީއަށް އައި ހެޔޮބަދަލަކީ އެލިޔުން ކިޔާފައި އައި ބަދަލެއްކަން މަންމައަށް ވިސްނުނެވެ. މަންމަ ބުންޏެވެ. “އާނ، ދަރިފުޅާ! އަހަރެމެން އަބަދުވެސް ލިބޭމިންވަރަށް ޝުކުރުކުރަންވާނެ.”

________________________

(1) سنن ابن ماجه: بَابٌ : فِيمَنْ قَالَ الطَّاعِمُ الشَّاكِرُ كَالصَّائِمِ الصَّابِرِ: رقم الحديث: 1765، وصححه شيخ الألباني: صحيح وضعيف سنن ابن ماجة: رقم الحديث: 1765.