[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 3

ތައުބާގެ ޝަރުޠުތަކާއި އެކަން ފުރިހަމަކުރާ ކަންތައްތައް

“ތައުބާ” މިކަލިމައަކީ ވަރަށް މަތިވެރި ކަލިމައެކެވެ. އަދި މިކަލިމާގައި ވަރަށް ފުން މާނަތަކެއް އެކުލެވިގެންވެއެވެ. އެއީ ގިނަމީހުން ހީކުރާގޮތަށް ދުލުން ބަސްތަކެއް ބޭރުކޮށްލުމަށްފަހު ދެންއަނެއްކާވެސް ފާފައާއިގެން ކުރިއަށް ދިއުމެއްނޫނެވެ. ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅަށް ވިސްނާލުމުން، ތައުބާވުމަކީ އިސްތިޣުފާރުކުރުމަށްވުރެ މާތަނަވަސް ކަމެއްކަން އެނގޭނެއެވެ. ﴿وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ…﴾ (سورة هود ٣) މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ. އަދި އެއަށްފަހު އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވާށެވެ. …”

މިއީ މިހާ މަތިވެރިކަމަކަށްވީހިނދު މިކަމުގައި ޝަރުޠުތަކެއް ވާންޖެހޭނެއެވެ. (ޤުރުއާނުގެ) އާޔަތްތަކުންނާއި ޙަދީޘުން، ޢިލްމުވެރިންވަނީ ޝަރުޠުތަކެއް ނަންގަވާ ޛިކުރުކުރައްވާފައެވެ. އެއިން ބައެއް ކަންތައްތައް މިތާ ޛިކުރުކޮށްލާނަމެވެ:

ފުރަތަމަ: ވަޤުތުން ފާފަކުރުން ދޫކޮށްލުން.

ދެވަނަ: މާޒީވެދިޔަތަނާމެދު ދެރަވެ ހިތާމަކުރުން.

ތިންވަނަ: (ފާފައަށް) އެނބުރި އިޢާދަ ނުވުމަށް އަޒުމުކަނޑައެޅުން.

ހަތަރުވަނަ: އޭނާ އަނިޔާ ދިން މީހުންގެ ޙައްޤުތައް އަދާކުރުން ނުވަތަ އެބައިމީހުންގެ ކިބައިން މާފުލިބިގަތުން.

ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް ބޭފުޅުންވަނީ އިޚްލާޞްތެރި ތައުބާއެއްގައި ހިމެނޭ ޝަރުޠުތައް އިތުރަށް ތަފްޞީލުކޮށްދެއްވާފައެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަށް އަޅުގަނޑުމެން މިޘާލާއެކު ގެނެސްދޭނަމެވެ.

ފުރަތަމަ: ފާފައާއި ދުރުހެލިވާންޖެހޭނީ ﷲ ތަޢާލާއަށްޓަކައެވެ. އެހެން އެއްވެސް ސަބަބަކަށް ނޫނެވެ. މިޘާލަކަށް އެކަންކުރުމަށް ނުކުޅެދުމުން ނުވަތަ އެކަމަށް ރުޖޫޢަނުވެވުމުން ނުވަތަ މީސްތަކުން ބުނާނެ އެއްޗަކަށް ބިރުގަތުމަކުން ނޫނެވެ.

އޭނާގެ ޖާހަށް ނުވަތަ މީސްތަކުންގެ މެދުގައި އޭނާއަށް ލިބިފައިވާ މަޤާމަށް ކޮށްފާނޭ ނޭދެވޭ އަޘަރަކަށްޓަކައި ނުވަތަ އޭނާގެ ވަޡީފާ ގެއްލިދާނެކަމުގެ ބިރަށްޓަކައި ފާފަތަކާއި ދުރުހެލިވާ މީހަކަށް އެއީ ތައުބާވީ މީހެކޭ ނުބުނެވޭނެއެވެ.

އަދި އޭނާގެ ޞިއްޙަތާއި ގައިގެބާރު ރައްކާތެރިކުރުމަށް ފާފައިން ދުރުހެލިވާ މީހަކަށް އެއީ ތައުބާވީ މީހެކޭ ނުބުނެވޭނެއެވެ. މިޘާލަކަށް ޒިނޭކުރުމުން ނުވަތަ ބަދުއަޚުލާޤީ ޢަމަލެއް ހިންގުމުން ޖެހިދާނެ ގައިންގައިންއަރާ، ފާޙިޝް، ނުރައްކާތެރި ބައްޔަކުން ރައްކާތެރިވުމުގެގޮތުން ނުވަތަ އޭނާގެ ހަށިގަނޑު ނިކަމެތިވެ ވިސްނުން ކޮށިވެދާނެކަމަށްޓަކައި އެކަން ދޫކޮށްލުމެވެ.

އަދި ރިޝްވަތާއި ދެކޮޅަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންދޭ ރިޝްވަތަކަށް ވެދާނެކަމުގެ ބިރަށްޓަކައި ރިޝްވަތު ހިފުމުން ދުރުހެލިވާ މީހަކަށް އެއީ ތައުބާވީ މީހެކޭ ނުބުނެވޭނެއެވެ.

އަދި އޭނާ ބަނގުރޫޓުވެދާނެތީ ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވާ މީހަކަށް އެއީ ތައުބާވީ މީހެކޭ ނުބުނެވޭނެއެވެ.

އަދި ހަމައެފަދައިން އޭނާއަށް ބާރުނުފޯރުވޭ ކަމެއްގެ ސަބަބުން ފާފަކުރުމަށް ނުކުޅެދިފައިވާ މީހަކަށްވެސް އެއީ ތައުބާވީ މީހެކޭ ނުބުނެވޭނެއެވެ. މިޘާލަކަށް ދޮގުހަދާމީހާ ވާގިދިއުމުގެ ސަބަބުން ވާހަކަނުދެއްކޭނަމަ، ނުވަތަ ޒިނޭކުރާމީހާ ޒިނޭކުރުމުގެ ކުޅަދާނަކަން ގެއްލިއްޖެނަމަ، ނުވަތަ ވައްކަންކުރާމީހާ އެކްސިޑެންޓެއްގެ ސަބަބުން އަތް ނުވަތަ ފައި ގެއްލިއްޖެނަމައެވެ. އަދިކިއެއްހެއްޔެވެ. މިފަދަމީހުންނަށް ލާޒިމުވަނީ އިސްވެކުރެވުނު ކަންކަމާމެދު ހިތާމަކުރުމެވެ. އަދި ފާފަކުރުމަށް އުންމީދުކުރުމާ ދުރުހެލިވުމެވެ. ނުވަތަ (ނުކުރެވި) ފާއިތުވި (ފާފަތަކާމެދު) ހިތާމަނުކުރުމެވެ. މިފަދަ މީހުންނަށްވަނީ ރަސޫލާ  صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ އަންނަނިވި ޙަދީޘްއެވެ. ((النَّدَمُ تَوْبَةٌ)) رواه أحمد وابن ماجه، صحيح الجامع  ٦٨٠٢ މާނައީ: “ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަކުރުމަކީ ތައުބާއެކެވެ.”

ނުކުޅަދުންތެރިވެފައިވާމީހާ އޭނާގެ އަނގަބަހުން ކަމަކަށް އުންމީދުކުރާނަމަ، އޭނާއަކީ އެކަން ކުރާމީހެކޭ އެއްދަރަޖައެއްގައިވާ މީހެއްކަމުގައި ﷲ ތަޢާލާވަނީ ލައްވަވާފައެވެ. ﷲގެ ނަބިއްޔާ  صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ތިބާ ނުދެކެމުހެއްޔެވެ. ((إِنَّمَا الدُّنْيَا لِأَرْبَعَةِ نَفَرٍ، عَبْدٍ رَزَقَهُ اللَّهُ مَالًا وَعِلْمًا فَهُوَ يَتَّقِي فِيهِ رَبَّهُ، وَيَصِلُ فِيهِ رَحِمَهُ، وَيَعْلَمُ لِلَّهِ فِيهِ حَقًّا، فَهَذَا بِأَفْضَلِ الْمَنَازِلِ، وَعَبْدٍ رَزَقَهُ اللَّهُ عِلْمًا، وَلَمْ يَرْزُقْهُ مَالًا، فَهُوَ صَادِقُ النِّيَّةِ، يَقُولُ: لَوْ أَنَّ لِي مَالًا لَعَمِلْتُ بِعَمَلِ فُلَانٍ، فَهُوَ بِنِيَّتِهِ فَأَجْرُهُمَا سَوَاءٌ، وَعَبْدٍ رَزَقَهُ اللَّهُ مَالًا وَلَمْ يَرْزُقْهُ عِلْمًا يَخْبِطُ فِي مَالِهِ بِغَيْرِ عِلْمٍ لَا يَتَّقِي فِيهِ رَبَّهُ، وَلَا يَصِلُ فِيهِ رَحِمَهُ، وَلَا يَعْلَمُ لِلَّهِ فِيهِ حَقًّا، فَهَذَا بِأَخْبَثِ الْمَنَازِلِ، وَعَبْدٍ لَمْ يَرْزُقْهُ اللَّهُ مَالًا وَلَا عِلْمًا فَهُوَ يَقُولُ: لَوْ أَنَّ لِي مَالًا لَعَمِلْتُ فِيهِ بِعَمَلِ فُلَانٍ، فَهُوَ بِنِيَّتِهِ، فَوِزْرُهُمَا سَوَاءٌ)) رواه أحمد والترمذي وصححه صحيح الترغيب والترهيب ١/٩ މާނައީ: “ދުނިޔޭގައި ވަނީ ހަތަރު މީހެކެވެ. [ފުރަތަމައީ] ﷲ މުދަލާއި ޢިލްމު ރިޒްޤުކުރައްވާފައިވާ އަޅެކެވެ. ފަހެ އޭނާ އެކަމުގައި ﷲއަށް ބިރުވެތިވެއެވެ. އަދި އޭނާގެ ރަޙިމުގެ ގުޅުން ޤާއިމުކުރެއެވެ. އަދި އޭގައިވާ ﷲގެ ޙައްޤު އޭނާ ދަނެއެވެ. ފަހެ އޭނާވަނީ އެންމެ ރަނގަޅު ދަރަޖައިގައެވެ. އަދި[ދެވަނައީ] ﷲ  ޢިލްމު ދެއްވައި، މުދަލުގެ ރިޒްޤުދެއްވާފައިނުވާ އަޅެކެވެ. ފަހެ އޭނާގެ ނިޔަތުގައި ތެދުވެރިއެވެ. އޭނާ ބުނެއެވެ: ހަމަކަށަވަރުން އަހަންނަށް މުދާލިބިފައިވާނަމަ އެވެނި މީހަކު ޢަމަލުކުރާފަދައިން އަހަރެން ކޮށްފީމުއެވެ. އޭނާގެ ނިޔަތުގެ ސަބަބުން ފަހެ އެދެމީހުންގެ އަޖުރު ހަމަހަމަވެގެންވެއެވެ. އަދި [ތިންވަނައީ] ﷲ މުދަލުގެ ރިޒްޤުދެއްވައި، ޢިލްމު ދެއްވާފައިނުވާ އަޅެކެވެ. ބެލުމެއްނެތި، ޢިލްމެއްނެތި އޭނާގެ މުދާ ހޭދަކުރެއެވެ. ފަހެ އޭނާ އެކަމުގައި ﷲއަށް ބިރުވެތިނުވެއެވެ. އަދި އޭނާގެ ރަޙިމުގެ ގުޅުން ޤާއިމުނުކުރެއެވެ. އަދި އޭގައި ﷲގެ ޙައްޤެއްވާކަން އޭނާ ނުދަނެއެވެ. ފަހެ އޭނާވަނީ އެންމެ ނުބައި ދަރަޖައިގައެވެ. އަދި [ހަތަރުވަނައީ] މުދަލުގެ ރިޒްޤުވެސް، ޢިލްމެއްވެސް ﷲ ދެއްވާފައިނުވާ އަޅެކެވެ. ފަހެ އޭނާ ބުނެއެވެ. ހަމަކަށަވަރުން އަހަންނަށް މުދާލިބަފައިވާނަމަ އެވެނި މީހަކު ޢަމަލުކުރާފަދައިން އަހަރެން ކޮށްފީމުއެވެ. ފަހެ އޭނާގެ ނިޔަތުގެ ސަބަބުން އެދެމީހުން ފާފައިގައި ހަމަހަމައެވެ.”

ދެވަނަ: ފާފައިގެ ނުބައިކަމާއި އޭގެ ގެއްލުން އިޙްސާސްވުމެވެ.

މީގެ މާނައަކީ މާޒީގައި ކުރެވިފައިވާ ފާފަތައް ހަނދާންވުމުން އޭގެ ލައްޛަތާއި ހިތްހަމަޖެހުމުގެ ޝުޢޫރުތަކާއެކު ނުވަތަ މުސްތަގުބަލުގައި ފާފަކުރުމަށް އެނބުރިދާން އެދޭ އެދުމާއެކު ތައުބާ ޞައްޙަނުވާނެއެވެ.

އިބްނު އަލްޤައްޔިމް رحمه الله ގެ “އައްދާއު ވައްދަވާއު” އަދި “އަލްފަވާއިދު”އޭ ކިޔުނު ފޮތުގައި ފާފަތަކުން ލިބޭ ބައިވަރު ގެއްލުންތައް ގެންނަވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ޢިލްމުން މަހްރޫމުވުން – ހިތުގެ އެނަކިވެރިކަން – ކަންކަން އުނދަގޫވުން – ހަށިގަނޑު ބަލިކަށިވުން – ކިޔަމަންތެރިކަން އަދާކުރުމުން މަހްރޫމުވުން – ބަރަކާތް ކެނޑުން – ތައުފީޤުން މަހުރޫމުވުން – މޭގެ ނުތަނަވަސްކަން – ނުބައި ކަންތައްތައް އުފަންވުން – ފާފަކުރުމަށް އާދަވުން – ﷲގެ ޙަޟްރަތުގައި ފާފަކުރާމީހާ ނިކަމެތިވުން – މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގެއްނެތުން – އޭނާގެ މައްޗަށް ނަޢަމުސޫފިތައް ލަޢުނަތްދިނުން – ނިކަމެތިކަން ވެރިވެގަތުން – ހިތުގައި ސިއްކަޖެހި ﷲ ތަޢާލާގެ ލަޢުނަތުގެ ދަށަށްވަނުން – ދުޢާ އިޖާބަވުމުން މަނާވުން – ބިމާއި ކަނޑު ފަސާދަވުން – ޣީރަތްތެރިކަން ނެތުން – ލަދުވެތިކަން ދިޔުން – ނިޢުމަތްތައް ބީވުން – އުޤޫބާތް ފޭބުން – ފާފަކުރާމީހާ ހިތްބިރުގަތުން – ޝައިޠާނާގެ ދަންތުރައިގައިޖެހުން – ނިމުން ނުބައިވުން – އާޚިރަތުގައި ޢަޛާބުލިބުން.

މިފަދަ ފާފަތަކުން ލިބޭ ގެއްލުންތައް އެނގުމުން އޭނާ ފާފަތަކާ އެކީއެކައްޗަކަށް ދުރުކޮށްދެއެވެ. ފަހެ ހަމަކަށަވަރުން ބައެއް މީހުން ބައިވަރު ސަބަބުތަކަކަށްޓަކައި އެއްފާފައަކުން ދުރުވެ އަނެއްކާ އެހެން ފާފައަކަށް އަރައިގަނެއެވެ. އޭގެތެރޭގައި:

އެއީ އެމީހުން ދެކޭގޮތުގައި އެފާފައިގެ ބަރުދަން ލުއިވީމައެވެ.

އެއީ އެމީހުންގެ ނަފްސުތައް އެކަމަށް މާބޮޑަށް ލެނބޭތީއެވެ. އަދި އެކަމަށް އޮތް ޝަހުވަތްތެރިކަން މާގަދަވުމުންނެވެ.

އެއީ އެހެން ފާފަތަކަށްވުރެ ބޮޑަށް އެފާފަކުރުމުގެ މަގު ތަނަވަސްވެފައިވާތީއެވެ. އަދި އެކަމުގެ ސަބަބުތައް އެވަގުތު ފަސޭހައިން ތަނަވަސްވެފައިވުމުންނެވެ.  ބޮޑަށް ތައްޔާރުވާންޖެހޭ އަދި ހަމަޖައްސަންޖެހޭ ކަންތައްތައް ގިނަ ފާފަތައް މިފަދަ ފާފަތަކާއި ވަރަށްތަފާތެވެ.

އެއީ އޭނާއާއި އެކުވެރި،ގާތް ބަޔަކު  ފާފައެއްކުރުންމަތީ ދެމިތިބޭޙާލުވެސް އޭނާއަށް އެބައިމޙުންނާ ދުރުހެލިވާން ދަތިނަމައެވެ.

އެ ފާފައިގެ ސަބަބުން އޭނާއާއި އެކުއުޅޭ މީހުންގެ މެދުގައި އޭނާގެ ޖާހާއި މަގާމުކުރިއަރާދިއުމުގެ ސަބަބުން އޭނާއަށް އެކަމުން ދުރައްދިއުމަށް އުނދަގޫވެ، ފާފަކުރުންމަތީ ދެމިހުރެއެވެ. ނުބައި ކަންތައްތައްކުރުމާއި ފަސާދަކުރުމުގައި އުޅޭ ބައެއް “ގޭންގު ލީޑަރުންނަށް”ވެސް ކުރިމަތިވަނީ މިފަދަގޮތެކެވެ. އެއްވެސް އަދަބެއް އަޚްލާޤެއްނެތް ޝާޢިރެއް ކަމުގައިވާ އަބޫ ނައްވާސްއަށްވެސްވީ މިފަދަގޮތެކެވެ. އެއްވެސް ފަސްޖެހުމެއްނެތި ފާފަތަކަށް އަރައިގަންނާތީ އަބުލް ޢަތާހިޔާއޭކިޔުނު ޝާއިރު އޭނާއަށް ބަދުބަސް ރައްދުކުރުމުން އަބޫ ނައްވާސް ޅެންބައިތެއްކިޔެވެ.

أَتُرَانِيْ يَاعَتَاهِيْ تَارِكًا تِلْكَ الملَاهِي

أَتُرَانِيْ مُفْسِدًا بِالنُّسْكِ عِنْدَ القَوْمِ جَاهِيْ

މާނައީ: “އޭ ޢަތާހީއެވެ. އަހަރެން އެކުޅިމަޖާކުރުންތައް ދޫކުރާނޭކަމަށް ތިބާއަށް ފެނޭހެއްޔެވެ.

އަޅުކަންކުރުމުގެ ސަބަބުން އެބައިމީހުންގެ ގާތުގައިއޮތް އަހަރެންގެ ޖާހު ފަސާދަކުރާ މީހެއްކަމުގައި ތިބާއަށް އަހަރެން ފެނޭހެއްޔެވެ.”

ތިންވަނަ: އަޅާ ތައުބާވުމަށް އަވަސްވެގަންނަންޖެހޭނެއެވެ. ފަހެ އޭނާ ތައުބާވުން ލަސްކުރުމަކީވެސް އޭގެ ޛާތުގައި  އެކަމަކަށްޓަކައި ތައުބާވާންޖެހޭނެ ފާފައެކެވެ.

ހަތަރުވަނަ: އޭނާގެ ތައުބާގައި ކަމެއް އުނިވެދާނެކަމަށްޓަކައި އޭނާ ބިރުވެތިވާންޖެހޭނެއެވެ. އަދި ތައުބާ ޤަބޫލުކުރެއްވިކަމަށް  ޔަޤީންކޮށް ކަށަވަރުކޮށްގެން ނުވާނެއެވެ. އެހެނީ އޭގެ ސަބުބުން އޭނާގެ ނަފްސު ހަމަޖެހިލާ،  ﷲ ތަޢާލާގެ ރޭވުންތެރިކަމުން ރައްކާތެރިކުރެވިއްޖެކަމުގައި ދެކިފާނެތީއެވެ.

ފަސްވަނަ: ﷲ ތަޢާލާގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އޭނާއަށް ކުޅަދާނަވީވަރަކުން އެކަން ރަނގަޅުކުރަންޖެހޭނެއެވެ. މިޘާލަކަށް އޭނާ މާޟީގައި ޒަކާތް ނުދީ ހިފަހައްޓާފައިވާނަމަ އެއަދާކުރަންޖެހޭނެއެވެ. އެހެނީ އެއީ ފަޤީރުންގެ ޙައްޤެއްވެސްމެއެވެ.

ހަވަނަ: އޭނާ ފާފަކުރިތަން ބަދަލުކޮށްލަންޖެހޭނެއެވެ. އެއީ އޭނާ އެތަނުގައި ހުރެއްޖެނަމަ އަނެއްކާ އެހެން ފަހަރަކުންވެސް އޭނާއަށް އެފާފަ ކުރެވިދާނެނަމައެވެ.

ހަތްވަނަ: އޭނާއަށް ފާފަކުރުމަށް އެހީތެރިވެދިން މީހުންނާ ދުރުވާންވާންޖެހޭނެއެވެ. މިނުކުތާއާއި މީގެ ކުރިން ޛިކުރުކުރެވުނު ނުކުތާއަކީ ސަތޭކަ މީހުން ޤަތުލުކޮށްލިމީހާގެ ޙަދީޘުން ނެގިފައިވާ ފައިދާތަކުގެ ތެރެއިން ފައިދާތަކެކެވެ. އެ ޙަދީޘް ފަހުން އަންނާނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ﴾  (سورة الزخرف ٦٧) މާނައީ: “ގާތްއެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ޢަދާވާތްތެރިން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ.” އެކުގައިއުޅޭ ނުބައި ރައްޓެހިން ޤިޔާމަތްދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ލަޢުނަތް ދޭނެއެވެ. އޭ ތައުބާވެފައިވާ މީހާއެވެ. އެމީހުންނަށް ދަޢުވަތުދިނުމަށް ތިބާ ނުކުޅަދުންތެރިވެފައިވާނަމަ ތިބާގެ މައްޗަށް އޮތީ އެމީހުންނާ ދުރުހެލިވެ ގުޅުންކަނޑާލާ އަދި އެބައިމީހުންގެ ކިބައިން ރައްކާތެރިވުމަށް އިންޛާރުދިނުމެވެ. އެހެންކަމުން އެމީހުންނަށް ދަޢުވަތުދިނުމުގެ ނަމުގައި އެމީހުންގެގާތަށް އެނބުރި ދިޔުން ޝައިޠާނާ ތިބާއަށް ޒީނަތްތެރިކުރުވިޔަ ނުދޭށެވެ. އެބައިމީހުންނާ ތިބާއަށް ދެކޮޅުނުހެދޭނެކަން ތިބާއަށް އެނގިހުރި ޙާލެވެ.

އެބައިމީހުން ފާފަކުރުމުގައި އެކުގައިއުޅުނު ކުރީގެރައްޓެހިންނާއި ގުޅުންބަދަހިކުރުމުގެ ސަބަބުން އަލުން ފާފަކުރުމަށް އެނބުރިގޮއްސަހުރި ބައިވަރު ޙާލަތްތައް އެބަހުއްޓެވެ.

އަށްވަނަ: އެވަޤުތު އޭނާގެ އަތުގައި ހުރި ޙަރާމްތަކެތި ނައްތާލަންޖެހޭނެއެވެ. މިޘާލަކަށް މަސްތުވާތަކެއްޗާއި ޢޫދު(ގިޓާފަދަ މިއުޒިކު ކުޅެން ބޭނުކުރާ އާލަތެއް) އަދި އޮނު ފަދަ މިއުޒިކްކުޅޭ ސާމާނެވެ. ނުވަތަ ޙަރާމް ޞޫރައާއި ފިލްމުތަކާއި ފައިދާއެއްނެތް ވާހަކަތަކާއި ޑްރާމާތަކެވެ. އެކަށީގެންވަނީ އެފަދައިން ބާކީހުރި އެއްޗެތި ބިންދާލާ، ހަލާކުކޮށްލާ ނުވަތަ އަންދާލުމެވެ.

ތައުބާވާމީހާ ޘާބިތުވުމުގެ އޮޅިގަނޑުމަތީ ޖާހިލިއްޔަތުގެ އެންމެހާފޭރާންތައް އެއްލާލައި، އެކީއެކައްޗަކަށް ދޫކޮށްލަންޖެހޭނެއެވެ. ކޮންމެހެންވެސް އޭނާ އެކަން ޙާޞިލްކުރަންޖެހޭނެއެވެ. ތައުބާވިމީހުންގެ އަތުގައި މިފަދަ ޙަރާމްތަކެތި ބެހެއްޓުމުން ކިތައް ޙާދިޘާގައި އެބައިމީހުން އެނބުރި ފަހަތަށް ގޮސްފައިވޭހެއްޔެވެ. އަދި ކިތައް (ފަހަރު) ތައުބާއިން ރުޖޫޢަވެފައިވޭހެއްޔެވެ. އަދި ހިދާޔަތަށްފަހު މަގުފުރެދުމަށް ގޮސްފައިވޭހެއްޔެވެ. ﷲ ގެ ޙަޟްރަތުން ޘާބިތުކަމަށް އަޅުގަނޑުމެން އެދެމެވެ.

ނުވަވަނަ: ކުރީގެ ނުރަނގަޅު ރައްޓެހިންގެ ބަދަލުގައި ރަނގަޅު ޞާލިޙު މީހުންގެ ތެރެއިން ރައްޓެހިން އިޚްތިޔާރުކުރާށެވެ. އެއީ އޭނާގެ ނަފްސުގެ މައްޗަށްވެސް ވާގިވެރިވާނެ ބަޔަކު ކަމުގައި ވާންވާނެއެވެ. އަދި ޛިކުރުގެ ޙަލަޤާތަކާއި ޢިލްމީ މަޖްލިސްތަކަށް ސަމާލުކަންދޭށެވެ. އޭނާގެ މާޟީ ހަނދާންކޮށްދިނުމަށް ޝައިޠާނާއަށް ފުރުސަތެއްނުދީ އޭނާގެ ވަގުތުތައް ފައިދާހުރިގޮތެއްގައި ހޭދަކުރާށެވެ.

ދިހަވަނަ: އޭނާގެ ހަށިގަނޑަށް އެތެރެވި ޙަރާމްތަކެތީގެ ބަދަލުގައި، ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. އަދި ޙަލާލް ތަކެތި ކެއުމަށް ސަމާލުކަންދީ އޭނާގެ ހަށިގަނޑުގައި ރަނގަޅު މަސްޖަހިޔަދޭންވާނެއެވެ.

އެގާރަވަނަ: “އަލްޣަރްޣަރާ”ގެ ކުރިން އަދި ހުޅަނގުފަރާތުން އިރުއެރުމުގެކުރިން ތައުބާވާންޖެހޭނެއެވެ. “އަލްޣަރްޣަރާ”އަކީ ފުރާނަ ހަށިގަނޑުން ނުކުންނަ ވަޤުތު އޭނާގެ ކަރުން ނުކުންނަ އަޑެވެ. މަޤްޞަދަކީ ޤިޔާމަތްވުމުގެ ކުރިން ތައުބާވުމެވެ. އެއީ ކުޑަ (ޤިޔާމަތް) ނުވަތަ ބޮޑު (ޤިޔާމަތަށް) ވިޔަސްމެއެވެ.1 އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ. ((من تاب إلى الله قبل أن يغرغر قبل الله منه ((رواه أحمد والترمذي، صحيح الجامع  ٦١٣٢ މާނައީ: “އޭނާގެ ފުރާނަ ކަރާހަމައަށް އައުމުގެ ކުރިން ތައުބާވެއްޖެމީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުކުރައްވާނެއެވެ.” އަދި އަންނަނިވި ޙަދީޘްގައިވެސްވާ ފަދައިންނެވެ. ((مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا تَابَ اللَّهُ عَلَيْهِ)) رواه مسلم މާނައީ: “ހުޅަނގުފަރާތުން އިރުއެރުމުގެކުރިން ތައުބާވެއްޖެމީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުކުރައްވާނެއެވެ.”

-ނުނިމޭ-

_________________________________

[1] ބައެއް ޢިލްމުވެރިން ‘މަރަށް’ ކުޑަ ޤިޔާމަތޭކިޔައެވެ.

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ