[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 5

ތައުބާވުމުން ކުރިންވެދިޔަ ހުރިހާކަމެއް ފޮހެލާ

މީހަކު ބުނެފާއެވެ: “އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު އަހަރެން ތައުބާވެއްޖެނަމަ ﷲ ތަޢާލާ އަހަރެންނަށް ފުއްސަވައިދެއްވާނެކަމުގެ ޔަޤީންކަންދޭނީ ކާކުހެއްޔެވެ؟ އަހަރެންވެސް ތެދުމަގުގައި ޘާބިތުވާން ބޭނުމެވެ. އެކަމަކު އަހަރެންނަށް ފަސްޖެހެވެނީއެވެ. ﷲ ތަޢާލާ އަހަރެންނަށް ފާފަފުއްސަވާނެކަން އެނގޭނެނަމަ އަހަރެން ތައުބާވާނަމެވެ.”

އަޅުގަނޑު ދަންނަވާނީ ތިބާގެ ހިތުތެރޭގައި އުފެދޭ ޝުޢޫރުތަކަކީ މީގެކުރިން އުޅުއްވި ބޭކަލުންތަކެއްކަމަށްވާ ރަސޫލުﷲ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުންގެ ހިތްތަކުގައިވެސް އުފެދުނު ޝުޢޫރުތަކެކެވެ.

ތިބާ އަންނަނިވި ދެރިވާޔަތާމެދު ވިސްނައިފިނަމަ، ﷲ ތަޢާލާގެ އިރާދަފުޅާއެކު ހަމަޔަޤީނުންވެސް ތިބާގެ ނަފްސުގައި ތިވާ ޝުޢޫރުތައް ތިބާއާއި ދުރައްދާނެއެވެ.

ފުރަތަމަ: އިމާމް މުސްލިމް رحمه الله، ޢަމްރު ބުން އަލްޢާޞް رضي الله عنه އިސްލާމްވިގޮތުގެ ވާހަކަ ރިވާކުރެއްވިއެވެ. އެރިވާޔަތުގައިވެއެވެ.

فَلَمَّا جَعَلَ اللَّهُ الإِسْلاَمَ فِى قَلْبِى أَتَيْتُ النَّبِىَّ -صلى الله عليه وسلم- فَقُلْتُ: ابْسُطْ يَمِينَكَ فَلأُبَايِعْكَ، فَبَسَطَ يَمِينَهُ فَقَبَضْتُ يَدِى، قَالَ: مَا لَكَ يَا عَمْرُو؟ قَالَ: قُلْتُ أَرَدْتُ أَنْ أَشْتَرِطَ، قَالَ: ((تَشْتَرِطُ بِمَاذَا؟)) قُلْتُ: أَنْ يُغْفَرَ لِى. قَالَ: (أَمَا عَلِمْتَ يَا عَمْرُو أَنَّ الإِسْلاَمَ يَهْدِمُ مَا كَانَ قَبْلَهُ وَأَنَّ الْهِجْرَةَ تَهْدِمُ مَا كَانَ قَبْلَهَا، وَأَنَّ الْحَجَّ يَهْدِمُ مَا كَانَ قَبْلَهُ؟).  މާނައީ: “ފަހެ ﷲ ތަޢާލާ އަޅުގަނޑުގެ ހިތުގައި އިސްލާމްދީނަށް ލޯބިޖެއްސެވުމުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައީމެވެ. ފަހެ އަޅުގަނޑު ދެންނެވީމެވެ: ފަހެ ހަމަކަށަވަރުންވެސް އަޅުގަނޑު ކަލޭގެފާނަށް ބައިޢަތު ހިފާނަމެވެ. (ބައިޢަތު ހިއްޕެވުމަށްޓަކައި) ކަލޭގެފާނުގެ ކަނާއަތްފުޅު ދެއްވާށެވެ. ފަހެ އެކަލޭގެފާނު އަތްފުޅު ދެއްވުމުން، އަޅުގަނޑުގެ އަތް ލައްޕާލީމެވެ. އެކަލޭގެފާނު ދެންނެވިއވެ. “އޭ ޢަމްރުއެވެ. ކިހިނެތް ވީތޯއެވެ؟” އަޅުގަނޑު ދެންނެވީމެވެ. “އަޅުގަނޑު ޝަރުޠެއް ކުރަން ބޭނުމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކޮންކަމަކަށް ކުރާޝަރުޠެއްތޯއެވެ.” އަޅުގަނޑު ދެންނެވީމެވެ. “އަޅުގަނޑަށް ފާފަފުއްސެވޭނެކަމަށެވެ.”  އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ޢަމްރުއެވެ. ހަމަކަށަވަރުން އިސްލާމްވުމުން އޭގެކުރިން ވެދިޔަ ކަންތައްތައް ނެތިކޮށްލާކަމާއި، އަދި ހިޖުރަކުރުމުން އޭގެކުރިން ވެދިޔަކަންތައްތައް ނެތިކޮށްލާކަމާއި އަދި ޙައްޖުވުމުން އޭގެކުރިން ވެދިޔަކަންތައްތައް ނެތިކޮށްލާކަން ތިބާއަށް ނޭނގޭހެއްޔެވެ؟”

ދެވަނަ: އިބްނު ޢައްބާސްގެ އަރިހުން އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. أَنَّ نَاسًا مِنْ أَهْلِ الشِّرْكِ قَتَلُوا فَأَكْثَرُوا، وَزَنَوْا فَأَكْثَرُوا ثُمَّ أَتَوْا مُحَمَّدًا -صلى الله عليه وسلم- فَقَالُوا: إِنَّ الَّذِى تَقُولُ وَتَدْعُو إليه لَحَسَنٌ، وَلَوْ تُخْبِرُنَا أَنَّ لِمَا عَمِلْنَا كَفَّارَةً، فَنَزَلَ قول الله تعالى: ((وَالَّذِينَ لاَ يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلاَ يَقْتُلُونَ النَّفْسَ الَّتِى حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلاَ يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا)) الفرقان/٦٨، وَنَزَلَ: ((قُلْ يَا عِبَادِىَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لاَ تَقْنَطُوا مِنْ رَحْمَةِ اللَّهِ)). މާނައީ: ޝިރުކުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު ވަރަށް ގިނައިން މީހުން ޤަތުލުކުރިއެވެ. އަދި ވަރަށް ގިނައިން ޒިނޭކުރިއެވެ. ދެންފަހެ އެބައިމީހުން މުޙައްމަދު صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ވިދާޅުވާ ބަސްފުޅުތަކާއި ދެއްވާ ދަޢުވަތު އެއީ ރަނގަޅު އެއްޗެއްސެވެ. ތިމަންމެންގެ ޢަމަލުތަކަށް ކައްފާރާއެއް(ވާކަމު)ގެ ޚަބަރު ތިމަންމެންނަށް ދެއްވާށެވެ.” ފަހެ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅު ބާއްވާލެއްވެވިއެވެ. “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤުގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާއި ބައްދަލުކުރާނެތެވެ.” އަދިވެސް (އެއިލާހު) ބާއްވާލެއްވެވިއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ.”

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ