[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދުޢާ އިޖާބަނުވަނީ ކީއްވެ؟

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

ސަލަފުންގެ މަޝްހޫރު އިމާމެއް ކަމުގައިވާ އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ އަށް ދެންނެވުނުވެ. ” އަހަރެމެންގެ ދުޢާ އިޖާބަނުވަނީ ކީއްވެ ހެއްޔެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. އެއީ:

1- ތިޔަބައިމީހުންގެ ވެރިއިލާހަކީ ﷲސުބުޙާނަހޫ ވަތަޢާލާކަން އެނގޭއިރުވެސް ތިޔަބައިމީހުން އެއިލާހަށް ކިޔަމަންތެރިކަން އަދާނުކުރާތީއެވެ.

2- އަދި މުޙައްމަދު ޞައްލަﷲ ޢަލައިހވިސައްލަމައީ ތިޔަބައިމީހުންގެ ރަސޫލާކަން އެނގޭއިރުވެސް އެކަލޭގެފާނު ދެއްކެވި މަގުން ނުހިނގާތީއެވެ

3- އަދި ތިޔަބައިމީހުންނަށް ބާވައިލެއްވުނު ފޮތަކީ ޤުރުއާންކަން އެނގޭއިރުވެސް ތިޔަބައިމީހުން އެއަށް ޢަމަލު ނުކުރާތީއެވެ.

4- އަދި ﷲ ތަބާރަކަވަތަޢާލާ ތިޔަބައިމީހުންނަށް ދެއްވި ގިނަގުނަވެގެންވާ ނިޢުމަތްތައް ކައިބޮއެ އެނިޢުމަތްތަކުގެ ބޭނުންހިފަމުންދާޙާލުވެސް ތިޔަބައިމީހުން އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރު އަދާނުކުރާތީއެވެ.

5- އަދި ސުވަރުގެއާއި ބެހޭ މަޢުލޫމާތުލިބި އެތަނުގެ ޙަޤީޤަތް ތިޔަބައިމީހުންނަށް އެނގޭ ޙާލުވެސް އެސުވަރުގެއަށް އެދި މަސައްކަތް ނުކުރާތީއެވެ.

6- އަދި ނަރަކައިގެ ނައަމާންކަމާއި ބިރުވެރިކަން އެނގޭ ޙާލުވެސް ތިޔަބައިމީހުން އެތަނުން ރައްކާވެ ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ނުކުރާތީއެވެ.

7- އަދި ޝައިޠާނާއަކީ ތިޔަބައިމީހުންގެ އެންމެބޮޑު ޢަދުއްވުކަން އެނގޭ ޙާލުވެސް ތިޔަބައިމީހުން އޭނާއަށް ތަބަޢަވާތީއެވެ.

8- އަދި މަރަކީ ކޮންމެ މީހަކާވެސް ބައްދަލުކުރާނެ އެއްޗެއްކަން އެނގޭ ޙާލުވެސް ތިޔަބައިމީހުން އެމަރަށް ތައްޔާރުނުވާތީއެވެ.

9- އަދި އެތައް މައްޔިތުންތަކެއް ތިޔަބައިމީހުންގެ ކުރިމަތިން ވަޅުލެވެމުން ދާއިރުވެސް ތިޔަބައިމީހުން އެކަންތަކުން ޢިބުރަތް ޙާޞިލުނުކުރާތީއެވެ.

10- އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ ޢައިބުތައް ހަނދާންނައްތާލައި، އެހެންމީހުންގެ ޢައިބުތަކާއިގެން މަޝްޣޫލުވެ އުޅޭތީއެވެ.