[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިރުވެރި ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން

ޒިނޭކުރުމާއި ފަށުއްވާއި ރަލާއި މިޔުޒިކު ސާމާނަކީ ހުއްދައެއްޗެހި ކަމުގައި ހެދުން
އެންމެންނަށް ބަޔާންވެ ސާފުކޮށް ޙަރާމްކަންކަން އެނގޭ އެކަންތައްތަކުގެ ޙަރާމްކަމާއި މެދުގައި އެއްޗެސް ޝައްކެއްނެކަންތައްތައް ކަމަށްވާ ޒިނޭކުރުމާއި ރާ ބުއިމާއި އަދި މިޔުޒިކު ކުޅޭ ސާމާނާއި ފިރިހެނުން ފަށުވިލުންފަދަ ކަންތައްތައް ހުއްދަކުރާނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިކަންތައްތައް ހުއްދަކުރާނޭ ބަޔަކު މިއުއްމަތުން ފަހު ޒަމާނުގައި ފާޅުވާނޭ ކަމުގެ ޚަބަރުދެއްވާފައެވެ. އެކަލޭގެފާނު ވަނީ އެއީ ޤިޔާމަތް ގާތްވެއްޖެ ކަމުގެ ޢަލާމާތެއްކަމުގައި ޚަބަރުކުރައްވާފައެވެ.
ހަރާމްކުރެވިފައިވާ މިކަންތައްތައް ހުއްދަކުރާނެކަމަށް ބުނެވިފައިވާ ބަސްފުޅުގެ މާނައަކީ ތިރީގައިވާ ދެގޮތުން ކުރެ ގޮތަކުންނެވެ.
1. މިކަންތައްތަކަކީ ހުއްދަކަންތައްތަކެއް ކަމަށްބުނެ، ޙަރާމްކަމެއްކަމުގައި ނުދެކުން
2. ނުވަތަ އެބައިމީހުން އެކަމެއް ކުރަމުން ކުރަމުންގޮސް އެކަމަށް އާދަވެ، އެކަން ޢާންމުވުމުގެ ސަބަބުން އެކަންތައްތައް ކުރާ އިރުގައިވެސް، އެއީ ޙަރާމްކަންތައްތަކެއްކަމުގައި އެއްވެސް މީހަކު ނުދެކުން.އަބޫ ޢާމިރު ނުވަތަ އަބޫ މާލިކު އަލްއަޝްޢަރީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އެކަލޭގެފާނުގެ އަރިހުން ރިވާކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
” ތިމަންކަލޭގެފާނު އުއްމަތުން ޒިނޭކުރުމާއި ފަށުއްވާއި ރަލާއި އަދި މިޔުޒިކު ސާމާނު ހުއްދަކުރާނެ ބަޔަކު އަންނާނެއެވެ. ބައެއް މީހުން ފަރުބަދަތަކުގެ ކައިރީގައި އެބައިމީހުން (ހުއިހައްޕާ) ބަކަރިތަކާއި އެކު ގާއިމުވެތިބޭނެއެވެ. އެބައިމީހުންގެ ގާތަށް ފަޤީރުމީހާ ހަވީރު އައިސް އޭނާ ބޭނުންވާ އެއްޗަކަށް އެދުމުން އެބައިމީހުން ބުނާނެއެވެ. މާދަމާ އަންނާށެވެ. ރޭގަނޑުވުމުން އެބައިމީހުންގެ މައްޗަށް ފަރުބަދަތައް ބޮލަށް އޮއްސަވައި، ﷲ އެބައިމީހުން ހަލާކުކުރައްވާނެތެވެ. އަދި (ހަލާކުނުވެ ބާކީ ތިބި) ދެންތިބި މީހުން ރާމާމަކުނަށާއި އަދި އޫރަށް ބަދަލުކުރައްވާނެއެވެ. އެބައިމީހުން ޤިޔާމަތްދުވަހާއި ޖެހެންދެން ތިބޭހުށީ އެހާލުގައެވެ.” (ރިވާ ކުރެއްވީ ބުޚާރީ)
ރަލާއި ޒިނޭގެ ކަންތައްތައް ވަރަށް ގިނަ ގައުމުތަކުގައި މިޒަމާނުގައި ވަނީ ލުއިކޮށްލެވިފައެވެ. ޒިނޭކުރާ ތަންތަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނޫތައް ވަނީ ހެދިފައެވެ. އަދި ކެރިއަރެއްގެ ގޮތުގައި ހަށިވިއްކަން އުޅޭ ޒިނޭ ކުރާ މީހުންނަށް ރަސްމީ ލިޔެކިޔުންތައް ނުވަތަ ކާރޑުތައް ލިބޭގޮތްވަނީ ހަމަޖެހިފައެވެ.ރަލަށް ބަލާއިރުގައި މިޒަމާނުގައި ރާ ވިއްކުން ވަނީ ޢާންމު ކަމަކަށްވެފައެވެ. އަދި ބައެއް ޢަރަބި ގައުމުތައް ވަނީ ބާޒާރުގައި އަތްފޯރާ ފަށުގައި ރާ ލިބޭނެ ގޮތް ހަމަޖައްސައި ގާނޫނީ ގޮތުން ހުއްދަކޮށްފައެވެ. (  ނޯޓެއް: ހަމައެކަނި ޢަރަބި ގައުމުތަކެއް ނޫނެވެ. މުސްލިމު އަޖަމީ ޤައުމުތަކުގައިވެސް ކަންހުރީ ހަމަމިހެންނެވެ. ދިވެހިރާއްޖޭގެ ނަން އެންމެ ކުރިން ކިޔުން ކިހިނެއްވާނެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ރަލަށްވުރެ ފަސޭހައިން މިޒަމާނުގައި ދިވެހިންގެ އަތްފޯރާ ފަށުގައި ލިބެން ހުރީ ވަކި ކޮންއެއްޗެއްތޯއެވެ؟)

މާތް ﷲ ރުއްސުންލައްވާފައިވާ އަބޫ މާލިކު އަލް އަޝްއަރީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިކަމަށް ރިވާކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
“ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ރަލަށް އެހެން ނަންތައް ދީގެން އެ ބޮއެ އުޅޭނެއެވެ. އަދި އެބައިމީހުންގެ މައްޗަށް މިޔުޒިކު ސާމާނުތައް ކުޅެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ލައުނަތް ލައްވައި ބިމަށް ގަންބަވައިލައްވާނެއެވެ. އަދި އެބައިމީހުންގެ ތެރެއިން ބަޔަކު ރާމާމަކުނަށާއި އޫރަށް ބަދަލުކުރައްވާނެތެވެ.” (ރިވާކުރެއްވީ އިބުނު މާޖާ، ޞައްހަ ސަނަދަކުން: އިބުނު ޤައްޔިމު)

މިޒަމާނުގައި އެންމެ ގިނަ މީހުން އަރައިގަންނަ އެންމެ ބޮޑު އެއް ފާފައަކީ މިޔުޒިކާއި ލަވަ އަޑުއެހުމެވެ. މިއީ ހިތުގައި ރޫހާނީ ބަލިތައް އަށަގަތުމުގެ އެންމެ ބޮޑު އެއްސަބަބެވެ. އަދި މިއީ މީސްތަކުން ﷲ ގެ މަތިން ހަނދުމަ ކުރުމާއި ނަމާދުކުރުމާއި އަދި ކީރިތި ޤުރުއާން އަޑު އެހުމާއި އަދި އޭގެން ލިބޭ ފައިދާ ލިބިގަތުމުން ދުރުކޮށްދޭ ކަމެކެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ (ލުޤުމާނު 6)
މާނައިގެ ތަރުޖަމާ: “އެއްވެސް ޢިލްމެއްނެތި اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރުމަށްޓަކައި ލަހުވުލް ޙަދީޘް (ލަވަޔާއި މިޔުޒިކު) ގަންނަ މީހުން، މީސްތަކުންގެ ތެރެއިން ވެއެވެ. އަދި (ﷲގެ މަގު ނުވަތަ ޤުރުއާނުގެ އާޔަތްތައް) އެބައިމީހުން މަލާމާތް ކުރުމުގެ ގޮތުން ނަގައެވެ. އެބައިމީހުންނަށް (ނަރަކައިގައި) ނިކަމެތިކުރަނިވި ގަދަފަދަވެގެންވާ އަޒާބު ހުއްޓެވެ.”

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ލަޙުވުލް ޙަދީޘް (ބޭކާރު) ވާހަކައިގެ މާނައަކީ ލަވަކިޔުމާއި މިޔުޒިކެވެ. (މިޔުޒިކު ސާމާނެވެ)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޔުޒިކު ސާމާނާއި ޒިނޭކުރުމާއި އަދި ރާބުއިމާއި ބެހޭގޮތުން ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ. ” ތިމަންކަލޭގެފާނުގެ އުއްމަތުން ޒިނޭކުރުމާއި ފަށުއްވާއި ރަލާއި އަދި މިޔުޒިކު ސާމާނުތައް ހުއްދަކުރާނޭ ބަޔަކު އަންނާނެއެވެ.”

މިޔުޒިކު ފެތުރިފައިވާލެއް ފުޅާކަމުގެ މިސާލަކީ މިއަދު ސެޓެލައިޓު ޗެނަލްތައް ހުރިހާ ޒާތްޒާތެއްގެ ލަވަތައް ފޮނުވުމަށް ގާއިމުކުރެވިފައިވާލެއް ގިނަކަމެވެ. އަދި ސައުވީސް ގަޑިއިރު ހަމައެކަނި މިޔުޒިކު ފޮނުވުމަށް ޙާއްޞަކުރެވިފައިވާ ރޭޑިޔޯ ޗެނަލްތައްވެސް ވަނީ ޤާއިމުކުރެވިފައެވެ. އެބައިމީހުން ކީރިތި ޤުރުއާން ފޮނުވުމަށް ނުވަތަ އެންމެ ކުޑަމިނުން ޚަބަރު ގެނެސް ދިނުމަށްވެސް މެދުކަނޑާނުލައެވެ. މިއީ ޤިޔާމަތް ވުމުގެ ވަޤުތު ކައިރިވެއްޖެކަމުގެ އެއް އަލާމާތެވެ. އަދި މިކަމުން އަންގައިދެނީ އަހަރެމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގެ ތެދުވެރިކަމެވެ. ވީމާ މުސްލިމުން މިކަމާއި ސަމާލުވާން ޖެހޭނެއެވެ.

މާތްﷲ ރުއްސުން ލެއްވި އިބުނު މަސްޢޫދު ވިދާޅުވެފައިވެއެވެ.
“ފެން ގަސްހެދުމަށް މެދުވެރިކުރުވާ ފަދައިން މިޔުޒިކު އިންސާނާގެ ހަށިގަނޑުގައި މުނާފިޤުކަން ފަތުރައެވެ.”
މަސްދަރު: ނިހާޔަތުލް ޢާލަމް

އިތުރު ނޯޓެއް:
ވިސްނުމެއް ހުރި ކޮންމެ ބޭފުޅަކަށް މަތީގައިވާ އެބަސްތައް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަމުއެވެ. އެހެނީ މިޒަމާނުގައި ހުދު އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން މިޔުޒިކާއި ރަލާއި ޒިނޭ ހުއްދަކުރަން އުޅޭ މީސްމީހުން ފެންނަމުންދަނީ އަކީ މަދެއްކޮށެއް ނޫނެވެ. ރާބޯ ތަންތަނާއި ޒިނޭކުރާ ތަންތަން ނެތްކަމުގައި ވާނަމަ ރާއްޖެ ރާއްޖެއަކަށް ނުވާނެކަމަށް ބުނާ މީހުން އަޅުގަނޑުމެންނަށް ފެންނަން ވަނީ ފަށާފައެވެ. އަދި ދީނީ ޢިލްމުވެރިންގެ ނަމުގައި މުޅި ރާއްޖެ މިޔުޒިކު ހާއްޔަކަށް ހަދާލާނެ ކަމަށްބުނާ “ޢިލްމުވެރިންވެސް” ވަނީ ފާޅުވެފައެވެ.

ދީނީ ޢިލްމުވެރިންގެ ނަމުގައިވެސް މިޔުޒިކާއި އަދި މިޔުޒިކު ސާމާނު ހުއްދަކުރަމުންދާ ދިވެހިން މިއަދު ފެންނަމުންދާކަމީ ޝައްކެއް ހުރިކަންކަމެއްވާ ނޫނެވެ. އެބައިމީހުންނަށް ޝައިތާނާއި ދަނީ އެކަންކަން ޒީނަތްތެރިކޮށް ދީނަކީ އެއީ ކަމުގައި ވިސްނައިދެމުންނެވެ. ނަމަވެސް އިސްލާމްދީނުގެ މަތީގައި ރަސޫލުﷲ ގެފާނު ގެންނެވި ގޮތަށް ޞައްޙަ މުސްލިމެއްކަމުގައި މަރުވެ ދާން އެދޭ ބޭފުޅުން މިކަމާއި މެދު ވިސްނައި އަޅުގަނޑުމެންނަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރާ ބަޔެއްގެ ގޮތުގައި މަރުވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށިއެވެ. އަދި ބިދުޢަވެރިންގެ ކިބައިން މުޅި އިސްލާމީ އުއްމަތާއި އަދި މި ކުޑަކުޑަ ދިވެހި އިސްލާމީ ގައުމު ސަލާމާތްކުރައްވާށިއެވެ. އާމީން.
(وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ) (އަލް ޙަޝްރު 7)
މާނައީ: “އަދި ތިޔަބައިމީހުންނަށް ރަސޫލާ(މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ) ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ނަހީކުރެއްވި ކޮންމެ ކަމަކުން ދުރުވެގަންނާށެވެ.”
ނިމުނީ