[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަތޭކަމީހުން ޤަތުލުކުރިމީހާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިމާމް ބުޚާރީއާއި އިމާމް މުސްލިމު ރިވާކުރައްވާފައިވެއެވެ. އަބޫ ސަޢީދު ސަޢުދު ބުން މާލިކު ބުން ސިނާނު އަލްޚުދްރީ رضي الله عنه ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:

“ތިޔަބައިމީހުންގެ ކުރިން އައި މީހުންގެ ތެރޭގައި ނުވަދިހަނުވަ މީހުން ޤަތުލުކުރި މީހަކުވިއެވެ. ފަހެ ބިންމަތީގައިވާ އެންމެ ޢިލްމުވެރި މީހަކާބެހޭގޮތުން އޭނާ ސުވާލުކުރިއެވެ. ފަހެ އޭނާއަށް ރާހިބަކު ދެއްކުނެވެ. ފަހެ އޭނާ އެ (ރާހިބު) މީހާ ގާތަށް އައިސް އޭނާ ނުވަދިހަނުވަ މީހުން ޤަތުލުކުރިކަމަށް ބުނެ، އޭނާއަށް ތައުބާވެވޭނެތޯ ސުވާލުކުރިއެވެ. އެރާހިބު މީހާ ޖަވާބުދިނެވެ. “ނޫނެކެވެ.” ފަހެ އޭނާ އެ (ރާހިބު)މީހާ ޤަތުލުކޮށް ސަތޭކަ ފުރިހަމަކުރިއެވެ.

 

ދެންފަހެ އޭނާ ބިންމަތީގައިވާ އެންމެ ޢިލްމުވެރި މީހަކާބެހޭ ގޮތުން ސުވާލުކުރިއެވެ. ފަހެ އޭނާއަށް ޢިލްމުވެރި ބޭކަލަކު ދެއްކުނެވެ. ފަހެ އޭނާ ސަތޭކަ މީހުން ޤަތުލުކުރިކަމަށް ބުނެ އޭނާއަށް ތައުބާވެވޭނެތޯ އެމީހާކުރެން ސުވާލުކުރިއެވެ. އެމީހާ ޖަވާބުދިނެވެ. “އާއެކެވެ. ތިބާއާއި ތައުބާއާއި ދެމެދަށް ވަންނާނީ ކާކުހެއްޔެވެ؟ މިވެނި އެވެނި ބިމަކަށް ދާށެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުން އަޅުކަންކުރަނީ ﷲ ތަޢާލާއަށެވެ. އެބައިމީހުންނާ ބައިވެރިވެ ﷲއަށް އަޅުކަންކުރާށެވެ. އަދި ތިބާގެ ބިމަށް އެނބުރި ރުޖޫޢަނުވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ނުބައި ބިމެކެވެ.”

 

ފަހެ އޭނާ ދަތުރަށް ފެށިއެވެ. މަގުގެ މެދެއްހާ ހިސާބުން އޭނާ ގާތަށް މަރު އަތުވެއްޖެއެވެ. އަދި ރަޙްމަތުގެ މަލާއިކަތުންނާއި ޢަޛާބުގެ މަލާއިކަތުން އޭނާއާމެދު ދެބަސްވެއްޖެއެވެ. ރަޙްމަތުގެ މަލާއިކަތުން ދެންނެވިއެވެ. “އޭނާ އެއައި ތައުބާވާ ޙާލު، ﷲތަޢާލާއަށް ހިތް ޚާލިޞްކޮށްގެނެވެ.” އަދި ޢަޛާބުގެ މަލާއިކަތުން ދެންނެވިއެވެ. “ހަމަކަށަވަރުން އޭނާ އެއްވެސް ހެޔޮ ޢަމަލެއް ނުކުރެއެވެ.”

 

ފަހެ އެބޭކަލުންގެ އަރިހަށް އިންސާނެއްގެ ޞޫރައިގައި މަލާއިކަތަކު އަތުވެއްޖެއެވެ. ފަހެ އެބައިމީހުންގެ މެދަށް އެބޭކަލަކު ލައްވައިފިއެވެ. – އެބަހީ ޙާކިމެއްގެ ގޮތުގައެވެ. – ފަހެ (އެމަލާއިކަތާ) ދެންނެވިއެވެ. “އޭނާ އާއި ދެ ބިމާދޭތެރޭގައި މިންއަޅާށެވެ. އޭނާ އެބިމަކާ އެންމެ ގާތުގައިވާ ބިން ވަނީ އޭނާއަށެވެ.” ފަހެ އެބައިމީހުން މިންއެޅުއްވިއެވެ. ފަހެ އޭނާ އެބިމަކާ އެންމެ ގާތުގައިވާ ބިމަކަށް އެބައިމީހުންނަށް ފެނިވަޑައިގަތީ އޭނާ އެބިމަކަށް ދިޔުމަށް ބޭނުންވި ބިމެވެ. ފަހެ ރަޙްމަތުގެ މަލާއިކަތުން އޭނާގެ ފުރާނަ ހިއްޕެވިއެވެ.”

މި ޙަދީޘުން ލިބޭ ބައެއް ޢިބްރަތްތައް

1 ކިތަންމެ ގިނަ ފާފައެއް މާޟީގައި ކުރެވުނަސް ތައުބާގެ ދޮރުވަނީ ހުޅުވިފަ.  އެހެންކަމުން މާޔޫސްވުމުން އެއްކިބާވާންޖެހޭ. .

2 ﷲ ގެ ރަޙްމަތުގެ ތަނަވަސްކަން.

3 ޢިލްމުވެރިންނާއި އަޅުވެރިންގެ ތަފާތު. ދީނީ ސުވާލުތަކުގައި ރަނގަޅު ޖަވާބު ދެވޭނީ އެކަމުގެ ޢިލްމުހުރި ބޭފުޅުންނަށްކަން. އަދި ދީނީ ގޮތުން ނޭނގޭ ވާހަކަ ދެއްކުމަކީ މީސްތަކުން މަގުފުރެދި، އެވާހަކަ ދައްކާ މީހާއަށް ދުނިޔަވީ ޙަޔާތުގައާއި އުޚްރަވީ ޙަޔާތުގައިވެސް ނުރައްކާތެރިކަން ހުރިކަމެއްކަން.

4 ތައުބާވުމުގައި ކުރިން އުޅުނު ނުރަނގަޅު މުޖުތަމަޢުއާއި ނުބައި އެކުވެރިންނާ ދުރުވުމުގެ މުހިންމުކަން.

5 މީހަކުކޮށްފައިވާ ގިނަފާފަތަކަށް ބަލާ އޭނާ ތައުބާ ނުވާނެއޭ ނުބުނުން. ނުވަތަ އޭނާއަށް ތައުބާ ނުވާނެކަމަށް ޤަބޫލުނުކުރުމުގެ މުހިންމުކަން.