[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

‘އަލްއަސްޔާޙް’ގެ ކޯޓަށް ހުށަހެޅުނު އާދަޔާޚިލާފް މައްސަލަ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްކުޅިން އުޅެމުންގެންދާ ނިކަމެތި ހާލުގެ ވާހަކަތައް އަޅުގަނޑުމެންނަށް ނިއިވޭ ދުވަހަކަށް އިރުއަރައިނުއޮއްސެއޭ ބުންޏަސް ދޮގަކަށް ނުވާނެވެ. މިދަންނަވަނީ ހަނގުރާމަތައް ގިނަވުމުގެ ސަބަބުންނާއި، ބިންހެލުމާއި، ފެންބޮޑުވުންފަދަ ސަބަބުތަކާހުރެ ނިކަމެތި ހާލުގައި އުޅެން ޖެހިފައިވާ މީހުންގެ ވާހަކައެއް ނޫނެވެ. – އެފަދަ މީހުންވެސް ގިނަކަމާއެވެ! – ނަމަވެސް އެބައިމީހުންގެ ދަރިންގެ އަޅާލުން ނުލިބުމުގެ ސަބަބުން ނިކަމެތިވެފައިވާ މީހުންގެ ވާހަކައެވެ.

މިފަދަ ދުވަސްވަރެއްގައި، ‘މަންމަ ބަލަހައްޓާނީ ތިމަންނައޭ’ ބުނެ، ދެބެއިންގެ މެދުގައި ޚިޔާލުތަފާތުވެ، އެންމެ ފަހުން ކޯޓާއި ހަމަޔަށް އެމައްސަލަ ގެންދިޔަ ވާހަކަ ބުނެވިއްޖެނަމަ އަޅުގަނޑުމެންނަށް ޤަބޫލުކުރަން ދަތިވާނެކަން ޔަޤީނެވެ. އެހެނީ، އަޅުގަނޑުމެންނަށް މިފެންނަނީ ‘މަންމަ ބަލަހައްޓަންޖެހޭނީ އޭނައޭ’ ބުނެ، ކޯޓުތަކަށް މައްސަލަތައް ހުށަހެޅޭތަނެވެ. ނަމަވެސް މިފަހަރު ކަންތައް މިވީ ޢާއްމުކޮށް އަޅުގަނޑުމެންނަށް މިފެންނަ ގޮތަކަށް ނޫނެވެ. މިފަހަރު ދެބެއިން ކޯޓަށް މިދިޔައީ ‘މަންމަ ބަލަހައްޓާނީ ތިމަންނައޭ’ ބުނެއެވެ.

އާދެ، ސަޢޫދީ ޢަރަބިއްޔާގެ ‘ބުރައިދާ’ ނަމަކަށް ކިޔާ ރަށާއި 90 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ‘އަލްއަސްޔާހް’ އަވަށުގައި ދިރިއުޅުނު މީހެކެވެ. އޭނާގެ ނަމަކީ ޙައިޒާން އަލްފުހައިދީއެވެ. އޭނައާއި އޭނަގެ ކޮއްކޮ ޣާލިބާއި ދެމެދު ދެބަސްވުމެއް އުފެދި އެންމެފަހުން އެދެމީހުން ނިންމީ އެމައްސަލަ ކޯޓަށް ގެންދާށެވެ. އެދެމީހުންގެ ދެމެދުގައި މިއުފެދުނު ދެބަސްވުމަކީ ފަހަރެއްގައިވެސް މުދަލުގެ ކަމެއްގައި، ނުވަތަ ބިމެއްގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއް ނޫނެވެ. ނަމަވެސް، އިނގިލީގައި އަޅާފައިއޮތް އެންމެ ލޮއި އަނގޮޓިއެއް މެނުވީ މިލްކިއްޔާތުގައި ނުވާ، 20 ވަރަކަށް ކިލޯގެ ނިކަމެތި މުސްކުޅި އަންހެނަކާމެދު އުފެދުނު ދެބަސްވުމެކެވެ. އާދެ، އެދެމީހުންގެ މަންމަ ބެލެހެއްޓުމުގެ ކަންތަކުގައި އުފެދުނު ދެބަސްވުމެކެވެ. އެދެމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވަނީ އޭނަގެ ރިޢާޔަތުގެ ދަށުގައި މަންމަބެހެއްޓުމަށެވެ.

މީގެކުރިން މަންމަ ބަލަހައްޓަމުން އައީ ޙައިޒާނެވެ. އޭނައަކީ އަންބެތް ދަރިއެއް ހުރި މީހެއް ނޫނެވެ. އޭނާގެ ހަމައެކަނި އުފަލަކީ އޭނާގެ މުސްކުޅި މަންމައަށް ޚިދުމަތްކުރުމުން ލިބޭ އުފަލެވެ. އޭނާގެ ހުރިހާވެސް ހިތްހަމަޖެހުމަކީ މަންމަގެ މޫނުމަތިން އުފާވެރިކަން ފެނުމުން ލިބޭ ހިތްހަމަޖެހުމެވެ. ނަމަވެސް މިހާރު އޭނާވެސް ވަނީ މުސްކުޅިވެފައެވެ. އެހެންކަމުން އެހެން ރަށެއްގައި ދިރިއުޅެމުންއަންނަ ޣާލިބް، ބޭނުންވަނީ މަންމަ އޭނަގެ ގެއަށް ގެންދާށެވެ. ޣާލިބްގެ އަނބިދަރިން ތިބެއެވެ. އެހެންކަމުން މަންމަ ބެލެހެއްޓުމުގެ ކަންތައް، މިހާރު އެންމެ އެކަށީގެންވާ ގޮތެއްގައި ގެންދެވޭނީ ތިމަންނައަށް ކަމުގައި ޣާލިބް ބުންޏެވެ.

ޣާލިބްގެ މިވާހަކަ އަޑުއިވުމުން ޙައިޒާނަށް ހަދާނެ ނަހަދާނެއެއް ނޭނގުނެވެ. އޭނާ މޮޔަވިފަދައެވެ. އޭނާގެ މަންމަ ނުފެންނަ ހިސާބެއްގައި އޭނާ ދިރިއުޅޭނީވެސް ކިހިނެއްހެއްޔެވެ! އެމަންމައާ ދުރުގައި އޭނާއަށް އެންމެ ހިނދުކޮޅެއްވެސް ކެތްނުކުރެވޭނެއެވެ. އެހެންކަމުން ޣާލިބާއެކު މަންމަ ފޮނުވަން ޙައިޒާން ދެކޮޅުހެދިއެވެ. މުސްކުޅިވިއެއްކަމަކު މަންމަ ބެލެހެއްޓޭނެ ކުޅަދާނަކަން ތިމަންނަގެ އެބަހުރި ކަމުގައި ބުންޏެވެ. ނަމަވެސް ޣާލިބްވެސް ބޭނުންވަނީ މަންމައަށް ޚިދުމަތްކުރުމުގެ ސަބަބުން ލިބެން އޮތް އަޖުރު ހޯދާށެވެ. އެހެންކަމުން މަންމައަށް ޚިދުމަތްކުރުމުގައި އޭނާވެސް ބައިވެރިވުމަށް ބޭނުންވާ ކަމުގައިބުނެ، މަންމަ އޭނައާއެކު ފޮނުވާދިނުމަށް، ބޭބެ ޙައިޒާންގެ ކިބައިން އާދޭހާއެކު އެދުނެވެ. ނަމަވެސް ޙައިޒާން ދެކޮޅުހެދިއެވެ.

މިގޮތުގައި އެދެމީހުން ދެބަސްވެ އެންމެފަހުން އެމައްސަލަ ކޯޓާއި ހަމަޔަށް ގެންދިޔައެވެ. އަލްއަސްޔާޙް އަވަށުގެ ކޯޓަށް ވެއްދުނު އެންމެ އާދަޔާޚިލާފު މައްސަލަބެއްލެވި ޤާޟީ، އެދެމީހުންގެ ދެމެދުގައި ޞުލްޙަކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. ނަމަވެސް އެއަށް ކުރިއެރުމެއް ނުލިބުނެވެ. އެއްވެސް މީހަކު ދޫކުރާކަށް ބޭނުމެއްނުވިއެވެ. އެންމެފަހުން މަންމަ ޙާޒިރުކުރުމަށް ޤާޟީ އެންގެވިއެވެ. އެއީ މަންމަ އިޚްތިޔާރު ކުރަނީ ކޮންކުއްޖަކާއެކު ދިޔުމަށްތޯ ބެއްލެވުމަށެވެ.

އެންމެފަހުން ދެބެއިން، މަންމަ އުފުއްލައިގެން ކޯޓަށް ގެނައެވެ. އެކަކު ވަރުބަލިވުމުން، މަންމަ އުފުއްލީ ދެވަނަ މީހާއެވެ. އަދި އޭނާ ވަރުބަލިވުމުން އަނެއްކާވެސް ފުރަތަމަ މީހާއެވެ. ކޮންމެއަކަސް މިގޮތަށް އުފުއްލައިގެން މަންމަ ކޯޓަށް ގެނައުމުން، މަންމަ ދާން ބޭނުންވަނީ ކާކާއެކުތޯ ގާޟީ ސުވާލުކުރެއްވިއެވެ. އެހިނދު ޙައިޒާނަށް އިޝާރާތް ކުރުމަށްފަހު މަންމަ ބުންޏެވެ. އަހަރެންގެ މިދަރިފުޅަކީ އަހަރެންގެ ކަނާތުލޮލެވެ. އަދި އަނެއް ދަރިފުޅު(ޣާލިބް) އަށް އިޝާރާތްކުރުމަށްފަހު ބުންޏެވެ. އަދި މިއީ އަހަރެންގެ ވައަތުލޮލެވެ. އަދި މީގެ އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނެތްކަމުގައި މަންމަ ބުންޏެވެ. އެހާހިސާބުން މަންމަ ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ދަރިފުޅާ، މަންމަ ޙަވާލުކުރުމަށް ޙުކުމް ކުރައްވަން ޤާޟީއަށް މަޖުބޫރުވެވަޑައިގެންނެވިއެވެ. އެހެންކަމުން، ޣާލިބްގެ އަނބިދަރިން ތިބުމާއި، ޙައިޒާންގެ އުމުރާއި ހުރިހާކަމަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ޤާޟީ ނިންމެވީ ޣާލިބާއެކު މަންމަފޮނުވުމަށެވެ. ޤާޟީގެ މިޙުކުމް އަޑުއަހަން ޙައިޒާނަށް ކެތްނުކުރެވުނެވެ. އަދި ކޯޓުތެރޭގައި ގަދަޔަށް ރުޔެވެ. އެވަގުތު އޭނާގެ ކޮއްކޮ ޣާލިބްވެސް ރުޔެވެ. ދެން އެއަށްފަހު މަންމަ އުފުއްލައިގެން ކޯޓަށްވެއްދި ގޮތަށް، ޣާލިބްގެ ކާރާއި ހަމަޔަށް ދެމީހުންގެ ކޮނޑުމަތީގައި މަންމަ އުފުއްލައިގެން ގެންދިޔައެވެ.

މިއީ ޞަޙާބީން ނުވަތަ ތާބިޢީންގެ ދުވަސްވަރުގެ ވާހަކައެއް ނޫނެވެ. މިއީ މައިންބަފައިންނަށް އިޙްސާންތެރިވުމުގެ މަތިވެރިކަމާއި، އެކަމުގެ އަޖުރު ރަނގަޅަށް ދަންނަ، މިޒަމާނުގެ ދެމީހުންގެ ވާހަކައެވެ. ﷲތަޢާލާ އަޅުގަނޑުމެން އެންމެންނީވެސް މައިންބަފައިންނަށް ހެޔޮކޮށްހިތާ ބަޔަކުކަމުގައި ލައްވާށިއެވެ.

މިއީ އައްރިޔާޟް ނޫހުގައި މީގެ ދުވަސްތަކެއް ކުރިން ގެނެސްދީފައިވާ ޚަބަރަކަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.