[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާން މަހުގައި ރަސޫލުﷲ صلى الله عليه و سلم ގެ ޢަމަލުފުޅު ހުންނެވިގޮތް

އެއްވެސް ޝައްކެއް ނެތްގޮތުގައި ރަސޫލުﷲ صلى الله عليه و سلم ޢަމަލުކުރެއްވި ގޮތަކީ އެންމެ ހެޔޮވެގެންވާ އެންމެ މަންފާކުރަނިވި މާތް ގޮތެވެ. އެހެންކަމުން ރަމަޟާން މަހުގައި އެކަލޭގެފާނުގެ ޢަމަލުކުރެއްވި ގޮތްތަކަކީވެސް އެމަހުގައި ޢަމަލުކުރުމަށް އެންމެ ފުރިހަމަ އަދި އެންމެ މަންފާކުރަނިވި އެންމެ މާތް ގޮތެވެ. ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވަނީ ރަސޫލުﷲ صلى الله عليه و سلم ގެ ގޮތުގައި ހިފުމަށް ބާރުއަޅައި އޭނާޔަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  (لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا﴿٢١﴾ سورة الأحزاب މާނައީ: ” ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. “  އެހެންކަމުން އެކަލޭގެފާނުގެ ގޮތަކީ އެންމެ ހެޔޮގޮތެވެ. އެންމެ ހެޔޮ ނަމޫނާއެވެ. އެކަލޭގެފާނުގެ އަރިހުން ނޫން އެހެންމީހެއްގެ ކިބައިން ނަމޫނާ ލިބިގަނެ އެމީހެއްގެ ގޮތަށް ތަބާވުމަކީ މުސްލިމަކަށް އެކަށީގެންވާ ކަމެއްނޫނެވެ. އެކަލޭގެފާނު ރަމަޟާން މަހުގައި ޢަމަލުފުޅުތައް ބެހެއްޓެވިގޮތް އެކަލޭގެފާނުގެ އަރިހުން ޞައްޙަ މަގުން ވާރިދުވެފައިވާ ހަދީޘްފުޅުތަކުން އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި މުސްލިމުންގެ މައްޗަށް ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ. ރަސޫލުﷲ صلى الله عليه و سلم 9 ރަމަޟާން މަހުގައި ރޯދަފުޅު ހިއްޕެވިއެވެ. ޒާދުލް މަޢާދުގައި އަލްޢައްލާމާ އިބްނުލް ޤައްޔިމް -ރަޙިމަހުﷲ- ވިދާޅުވެފައިވާ ގޮތުގައި ރަސޫލުﷲ صلى الله عليه و سلم ގެ ގޮތަކީ ދަރަޖަތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ގޮތެވެ. އެ ޢަމަލުތަކަކުން އޭގެ މަޤްޞަދު އެންމެ ރަނގަޅަށް ޙާޞިލްކުރެވޭ ޢަމަލުފުޅުތަކެވެ. އަދި އިންސާނާގެ ނަފްސަށް އެންމެ ލުއިފަސޭހަ ވެގެންވާ ގޮތެވެ.

ރަސޫލުﷲ صلى الله عليه و سلم ރަމަޟާން މަސް ފައްޓަވާ ކަމުގައިވަނީ ޔަޤީން ކުރެވޭގޮތުގައި ލޮލަށް ފެންނަ ހަނދަކުންނެވެ. ނުވަތަ މީހަކު އައިސް އެކަލޭގެފާނުގެ އަރިހުގައި ހަނދު ފެނިއްޖެ ކަމަށް ދޭ ހެކިބަހަކުންނެވެ. މިކަން އިބްނު ޢުމަރު ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ޘާބިތުވެގެންވެއެވެ. ((تَرَاءَى النَّاسُ الْهِلاَلَ فَأَخْبَرْتُ رَسُولَ اللَّهِ -صلى الله عليه وسلم- أَنِّى رَأَيْتُهُ فَصَامَهُ وَأَمَرَ النَّاسَ بِصِيَامِهِ )) رواه أبو داود و ابن حبان و صححه و رواه الحاكم و صححه و وافقه الذهبي މާނައީ: ” މީސްތަކުންނަށް ހަނދުފެނުނެވެ. ފަހެ ތިމަންކަލޭގެފާނަށް ހަނދު ފެނުނުކަމުގައި ތިމަންކަލޭގެފާނު ރަސޫލުﷲ صلى الله عليه و سلم އަށް ޚަބަރުދެއްވީމެވެ. ފަހެ އެކަލޭގެފާނު ރޯދަހިއްޕެވިއެވެ. އަދި ރޯދައަށް ތިބުމަށް މީސްތަކުންނަށް އަމުރުކުރެއްވިއެވެ.”  އަދި އެއްވެސް ސަބަބަކާހުރެ ހަނދު ނުފެނިއްޖެކަމުގައި ވަނީނަމަ އެކަލޭގެފާނު ޝަޢުބާންމަހުގެ 30 ދުވަސް ފުރިހަމަ ކުރައްވައެވެ. ހަނދު ނުފެނުމުގެ ސަބަބުތަކުގެ ތެރޭގައި ވިލާ ބޯވުމުގެ ސަބަބުން ހަނދު ނުފެނުންވެސް ހިމެނެއެވެ. މިކަން ޘާބިތުވަނީ އަބޫ ޙުރައިރާ ރަޟިޔާﷲޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައެވެ. އެކަލޭގެފާނު ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. ((صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِينَ )) رواه البخاري و مسلم މާނައީ: “އެ ފެނުމުން (އެބަހީ: ހަނދު ފެނުމުން) ތިޔަބައިމީހުން ރޯދަ ހިފަންފަށާށެވެ. އަދި އެ ފެނުމުން (އެބަހީ: ހަނދު ފެނުމުން) ތިޔަބައިމީހުން ޢީދުކުރާށެވެ. ފަހެ ވިލާގެ ސަބަބުން ތިޔަބައިމީހުންނަށް ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ހަމަކުރާށެވެ.”

އެހެންކަމުން، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ހަނދު ޘާބިތުވެއްޖެ ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ރޯދަހިފުމެވެ. އަދި ހަނދު ޘާބިތު ނުވެއްޖެނަމަ ޖެހިގެން އަންނަ ދުވަހަކީ ޝަޢުބާންމަހުގެ 30 ވަނަ ދުވަސްކަމަށް ބަލައި އެ ދުވަސް ނިންމުމަށްފަހު އަނެއްދުވަހު ރަމަޟާންމަހުގެ 1 ކަމުގައި ބަލައި ރޯދަ ހިފުން ވާޖިބުވެގެންވެއެވެ. އަދި ރޯދައަކީ ޖަމާޢީ އަޅުކަމެއްކަން ހަނދާންކުރުން މުހިއްމެވެ. އެޤައުމެއްގެ މީހުން ރޯދަ ހިފާދުވަހު ރޯދަ ނުހިފާހުރުން އެޤައުމުގެ އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ. އޭނާއަށް ހަނދު ނުފެނުނަސް މުސްލިމުންގެ ތެރެއިން ބަޔަކަށް ނުވަތަ އެކަކަށްވެސް ހަނދުފެނި ހަނދު ޘާބިތުވެއްޖެ ކަމަށް އިއުލާންކުރެވުމުން މުޖުތަމަޢުގެ އެންމެންގެ މައްޗަށްވެސް، އެންމެން އެކީ ރޯދައަށް ތިބުން ވާޖިބުވެގެންވެއެވެ. އުޒުރުވެރީން މެނުވީއެވެ. ޞައްޙަމަގުން ރިވާވެގެން އައިސްފައިވާ ރަސޫލުﷲ صلى الله عليه و سلم ގެ ޙަދީޘްފުޅެއްގައި ވެއެވެ. ((الصَّوْمُ يَوْمَ تَصُومُونَ وَالْفِطْرُ يَوْمَ تُفْطِرُونَ وَالأَضْحَى يَوْمَ تُضَحُّونَ )) رواه أبو داود و البيهقي و الترمذي މާނައީ: “ރޯދަ ހިފުން ފެށުންވަނީ ތިޔަބައިމީހުން ރޯދަހިފަން ފަށާދުވަހުގައެވެ. އަދި ރޯދަ ހިފުން ނިމުންވަނީ ތިޔަބައިމީހުން ރޯދަހިފުން ނިންމާ ދުވަހުގައެވެ. އަދި ޤުރްބާން ކުރުންވަނީ ތިޔަބައިމީހުން ޤުރްބާންކުރާ ދުވަހުގައެވެ.” އެހެންކަމުން ހަނދުފެނުނުކަން ޘާބިތުވުމާއެކު ކޮންމެ މުސްލިމަކަށްވެސް ލާޒިމްވެގެންވަނީ ރަމަޟާންމަހުގެ ރޯދަ ހިފުމަށް ނިޔަތްގަތުމެވެ. މިކަމަކަށް ދަލީލް ކުރަނީ ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުން ޙަފްޞާ ރަޟިޔަﷲޢަންހާ ރިވާކުރައްވާފައިވާ ޙަދީޘްފުޅަކުންނެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. ((مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ )) رواه أبو داود و الترمذي و النسائي و ابن خزيمة. و هو حديث صحيح كما قال العلامة الألباني في صحيح سنن أبي داود. މާނައީ: ” ފަޖުރުލުމުގެ ކުރިން ރޯދައަށް ހުރުމަށް ނިޔަތް ނުގަންނަ މީހަކަށް ރޯދައެއް ނުވެއެވެ.”

އަދި ޢިލްމުގެ އަހުލުވެރިންގެ މެދުގައި އެނގިގެންވާ ގޮތުގައި ނިޔަތުގެ މަޙައްލަކީ ހިތެވެ. ނިޔަތާއި ދުލާއި އެއްވެސް ގުޅުމެއް ނުވެއެވެ. އެހެންކަމުން ދުލުން ނިޔަތް ކިޔުމަކީ ރަސޫލުﷲ صلى الله عليه و سلم ގެ ގޮތާ ޚިލާފުވެގެންވާ ބިދުޢައެކެވެ.

ހާރު ކެއުމަކީ ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަމަޟާންމަހު އެކަލޭގެފާނު ކުރެއްވި ކަމެކެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. (( تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة )) رواه البخاري ومسلم މާނައީ: “ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ.”

އަދި ހާރުކެއުން ވީހާވެސް ލަސްކޮށް ފަތިސްނަމާދު ވަގުތު ކައިރިވުމުން ހާރުކެއުމަކީވެސް ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އެކަލޭގެފާނުގެ އަރިހުން ޒައިދު ބިން ޘާބިތު ރަޟިޔަﷲޢަންހު ގެ އަރިހުން އަނަސް ރަޟިޔަﷲޢަންހު ރިވާކުރެއްވިއެވެ. ((تَسَحَّرْنَا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامَ إِلَى الصَّلاَةِ قُلْتُ كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ قَالَ قَدْرُ خَمْسِينَ آيَةً.)) رواه البخاري ومسلم މާނައީ: ” (ޒައިދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ) ތިމަންބޭކަލުން ރަސޫލުﷲ  صلى الله عليه و سلم އާ އެކީ ހާރުކެއީމެވެ. އެއަށްފަހު ރަސޫލާ صلى الله عليه و سلم ނަމާދަށް ތެދުވެވަޑައިގަތެވެ. (އަނަސް ރަޟިޔަﷲޢަންހު ވިދާޅުވަނީ) ތިމަންކަލޭގެފާނު ވިދާޅުވީމެވެ: ހާރުކެއުމާއި ބަންގިއާއި ދެމެދު ވަނީ ކިހާވަގުތެއް ހެއްޔެވެ؟ ޒައިދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ: 50 އާޔަތް ކިޔެވޭހާ ވަޤުތެވެ.”

ރޯދަވީއްލުން ވީހާވެސް އަވަސް ކުރުމަކީވެސް ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. ފަހެ ރޭގަނޑުވުމާއެކު ރޯދައިގެ ވަގުތު ފުރިހަމަވާކަން ދީނުގައި އެނގިގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ) سورة البقرة 187 މާނައީ: ” ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! “ އިރު އޮއްސުމާ ވިދިގެން ރޭގަނޑުގެ ވަގުތު ފެށެއެވެ. ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުން ވާރިދުވެގެންވާ ޞައްޙަ ޙަދީޘްފުޅެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ )) رواه البخاري ومسلم މާނައީ: ” މީސްތަކުން ރޯދަވީއްލުން އަވަސްކުރާހާހިނދަކު އެބައިމީހުންނަށް ވަނީ ހެޔޮކަމެވެ”.

ރަސޫލުﷲ صلى الله عليه و سلم މަޣްރިބު ނަމާދުކުރެއްވުމުގެ ކުރިން ރޯދަ ވީއްލަވާކަމުގައި ވިއެވެ. އެކަލޭގެފާނުގެ އަރިހުން އަނަސް ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ. ((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ )) رواه أبو داود و قال العلامة الألباني حسن صحيح و انظر صحيح سنن أبي داود 2/449.  މާނައީ: ” (މަޣްރިބު) ނަމާދުގެ ކުރިން ރަސޫލުﷲ صلى الله عليه و سلم ދޮންވެފައިވާ ކަދުރުން ރޯދަވީއްލަވައެވެ. ދޮންވެފައިވާ ކަދުރު ނެތްކަމުގައި ވަނީނަމަ ހިކިކަދުރުން ރޯދަވީއްލަވައެވެ. ހިކިކަދުރު ނެތްކަމުގައި ވަނީނަމަ ފެނުން ރޯދަވީއްލަވައެވެ. “

ރުޠަބުން ރޯދަ ވީއްލުމަކީ ރަސޫލުﷲ صلى الله عليه و سلم ގެ ޢަމަލުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ރުޠަބު ނުލިބިއްޖެ ޙާލަތެއްގައި އެކަލޭގެފާނު ރޯދަ ވީއްލަވަނީ ތަމްރުންނެވެ. ރުޠަބަކީ ދޮންވެފައިވާ ކަދުރެވެ. ތަމްރަކީ ދޮންވުމަށްފަހު ހިކިފައިވާ ކަދުރެވެ. މި ދެބާވަތް ވެސް ނުލިބިއްޖެކަމުގައި ވަނީނަމަ އެކަލޭގެފާނު ރޯދަ ވީއްލެވީ ފެނުންނެވެ. މިއީ އެކަލޭގެފާނުގެ ސުންނަތެވެ. މިކަމަށް ދަލީލްކުރަނީ މަތީގައި ބަޔާންވެދިޔަ އަނަސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވާ ޙަދިޘްފުޅުންނެވެ.

ރޯދަވީއްލާ ގަޑީގައި ރަސޫލުﷲ صلى الله عليه و سلم ކިޔުއްވާ ކަމުގައި އިބްނު ޢުމަރު ރަޟިޔަﷲޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ((ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ)) رواه أبو داود و غيره و هو حديث حسن كما قال العلامة  الألباني في صحيح سنن أبي داود މާނައީ: “ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ.”

ޢަބްދުﷲ ބުން ޢަމްރު ރަޟިޔަﷲޢަންހުމާ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ )) رواه ابن ماجه و الحاكم و ابن سني و قال البويصيري إسناده صحيح رجاله ثقات. انظر عمل اليوم و الليلة لابن سني. މާނައީ: ” ހަމަކަށަވަރުން ރޯދައަށްހުންނަ މީހާ އޭނާ ރޯދަ ވީއްލާ ގަޑީގައިކުރާ ދުޢާ ރައްދުނުކުރެވޭނެއެވެ.”

ރަސޫލުﷲ صلى الله عليه و سلم ރަމަޞާންމަހުގެ ރޭއަޅުކަން ނުވަތަ ތަރާވީސް ނަމާދުކރެއްވިކަން ސުންނަތުން ސާބިތުވެގެންވެއެވެ. ޢައިޝާ ރަޟިޔަﷲޢަންހާ ރިވާކުރައްވާފައިވެއެވެ. ((أَنَّ رَسُولَ اللهِ صلى الله عليه وسلم خَرَجَ لَيْلَةً مِنْ جَوْفِ اللَّيْلِ فَصَلَّى فِي الْمَسْجِدِ وَصَلَّى رِجَالٌ بِصَلاَتِهِ فَأَصْبَحَ النَّاسُ فَتَحَدَّثُوا فَاجْتَمَعَ أَكْثَرُ مِنْهُمْ فَصَلَّوْا مَعَهُ فَأَصْبَحَ النَّاسُ فَتَحَدَّثُوا فَكَثُرَ أَهْلُ الْمَسْجِدِ مِنَ اللَّيْلَةِ الثَّالِثَةِ فَخَرَجَ رَسُولُ اللهِ صلى الله عليه وسلم فَصَلَّى فَصَلَّوْا بِصَلاَتِهِ فَلَمَّا كَانَتِ اللَّيْلَةُ الرَّابِعَةُ عَجَزَ الْمَسْجِدُ عَنْ أَهْلِهِ حَتَّى خَرَجَ لِصَلاَةِ الصُّبْحِ فَلَمَّا قَضَى الْفَجْرَ أَقْبَلَ عَلَى النَّاسِ فَتَشَهَّدَ ثُمَّ قَالَ أَمَّا بَعْدُ فَإِنَّهُ لَمْ يَخْفَ عَلَيَّ مَكَانُكُمْ وَلَكِنِّي خَشِيتُ أَنْ تُفْتَرَضَ عَلَيْكُمْ فَتَعْجِزُوا عَنْهَا فَتُوُفِّيَ رَسُولُ اللهِ صلى الله عليه وسلم وَالأَمْرُ عَلَى ذَلِكَ )) رواه البخاري و مسلم މާނައީ: ” ރަސޫލުﷲ صلى الله عليه و سلم ރޭގަނޑުގެ މެދު ވަގުތެއްގައި ނިކުމެވަޑައިގެން މިސްކިތުގައި ނަމާދުކުރެއްވިއެވެ. އަދި އެކަލޭގެފާނާއެކީ މީސްތަކުން ނަމާދުކުރިއެވެ. ދެން އަނެއް ދުވަހަށް މީސްތަކުން ހޭލައި ވާހަކަދައްކައި އުޅުނެވެ. (ދެވަނަ ރޭގައި) ކުރީރޭގައި އެކަލޭގެފާނާއެކީ ނަމާދުކުރި މީހުންނަށްވުރެ ގިނަމީހުން އެކަލޭގެފާނާއެކީ ނަމާދުކުރިއެވެ. ދެން އަނެއް ދުވަހަށް މީހުން ހޭލައި ވާހަކަދައްކައި އުޅުނެވެ. ފަހެ ތިންވަނަ ރޭގައި މިސްކިތުގައި މީސްތަކުން ގިނަވެގެންދިޔައެވެ. ދެންފަހެ ރަސޫލުﷲ صلى الله عليه و سلم ނިކުމެވަޑައިގަތުމުން އެބޭކަލުން އެކަލޭގެފާނާއެކީ ނަމާދުކުރެއްވިއެވެ. ފަހެ ހަތަރުވަނަ ރޭގައި މިސްކިތަށް ވަޑައިގެންނެވި ބޭކަލުންގެ ޢަދަދު ގިނަކަމުން މިސްކިތް ކުޑަވެގެންދިޔައެވެ. ރަސޫލުﷲ صلى الله عليه و سلم ފަތިސްނަމާދަށް ނިކުމެވަޑައިގެންފުމަށް ދާންދެނެވެ. ފަތިސްނަމާދުން އަވަދިވެވަޑައިގެން މީސްތަކުންނާއި ކުރިމަތިލައްވައި ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމަށްފަހު ވިދާޅުވިއެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ތިބިތަން ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީއެއް ނޫނެވެ. އެހެނެއްކަމަކު ތިޔަބައިމީހުންގެ މައްޗަށް (އެ ނަމާދު) ފަރުޟުވެ އެކަން ތިޔަބައިމީހުންނަށް ނުކުޅަދާނަވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަތީއެވެ. ފަހެ ރަސޫލުﷲ صلى الله عليه و سلم އަވަހާރަވެވަޑައިގެންނެވި އިރުވެސް ކަންތައް އޮތީ މިގޮތުގައެވެ. (އެބަހީ: އެނަމާދު ފަރުޟު ނުވެއެވެ.) “

ދެންފަހެ ޢުމަރު ރަޟިޔަﷲޢަންހުގެ ޚިލާފަތުންފެށިގެން މުސްލިމުން ޖަމާޢަތުގައި ތަރާވީސްނަމާދު ކުރުމަށް ރައްކާތެރިވަމުން އާދެއެވެ. ޢަބްދުއްރަޙްމާން ބުން ޢަބްދީ އަލް ޤާރިއްޔު ގެ އަރިހުން ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވެއެވެ. ((خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ، يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ ، فَقَالَ عُمَرُ بْنُ الْخَطَّابِ رَضِيَ اللهُ عَنْهُ: ” وَاللهِ إِنِّي لَأَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ، لَكَانَ أَمْثَلَ “، ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ، قَالَ: ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى، وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ، فَقَالَ عُمَرُ رَضِيَ اللهُ عَنْهُ: ” نِعْمَتِ الْبِدْعَةُ هَذِهِ الَّتِي يَنَامُونَ عَنْهَا أَفْضَلُ مِنَ الَّتِي يَقُومُونَ “)) މާނައީ: ” ޢުމަރު ބުން އަލް ޚައްޠާބާއެކީ ރަމަޟާންމަހުގެ ރެއެއްގައި މިސްކިތަށް ދިޔުމަށް ތިމަންކަލޭގެފާނު ނިކުމެވަޑައިގަތީމެވެ. ފަހެ އެހިނދު މީސްތަކުން ދުރުދުރުގަ ވަކިވަކިންވެއެވެ. އެކަކު އޭނާ އެކަނި ނާމާދު ކުރެއެވެ. އަނެކަކު ނަމާދުކުރާއިރު އޭނާއާއެކީ ބަޔަކު ނަމާދުކުރެއެވެ. ފަހެ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. އެ އެއްމެން އެއް ޤާރީއެއްގެ ފަހަތަށް ޖަމާކުރެވިއްޖެނަމަ މާ ރަނގަޅުވާނެ ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. ދެންފަހެ އެކަންކުރެއްވުމަށް ޢަޒުމްކުރައްވައި އެ ހުރިހާބޭކަލުން އުބައްޔު ބުން ކަޢުބު ރަޟިޔަﷲޢަންހުގެ ފަހަތަށް ޖަމާކުރެއްވިއެވެ. ވިދާޅުވިއެވެ: ދެން އެކަލޭގެފާނާއެކީ ތިމަންކަލޭގެފާނު އެހެން ރެއެއްގައި ނިކުމެވަޑައިގަތީމެވެ. އެވަގުތު މީސްތަކުން އެބައިމީހުންގެ ޤާރީއާއެކު ނަމާދު ކުރަމުންދެއެވެ. ފަހެ ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ: މިއީ ހެޔޮވެގެންވާ އާގޮތެކެވެ. މީސްތަކުން އޭގެވަގުތުގައި ނިދާކަންތައް މިވަގުތު އެމީހުން އެކުރަމުންދާ ކަންތަކަށްވުރެ ހެޔޮވެގެންވެއެވެ. (އެބަހީ: ރޭގަނޑުގެ ފަހުކޮޅުގައި އެ ނަމާދުކުރުން ހެޔޮކަންބޮޑުވެގެންވެއެވެ. ނަމަވެސް އެދުވަސްވަރު މީސްތަކުން ތަރާވީސްކުރަމުންއައީ ރޭގަނޑުގެ ކުރީކޮޅުގައެވެ.)”

ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތުގެ ތެރޭގައި ރަމަޟާންމަހުގެ ފަހު ދިހައިގައި އަޅުކަންތައް ކުރުމަށް އިތުރަށް މަސައްކަތްކުރުން ހިމެނެއެވެ. ފަހެ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَجْتَهِدُ فِى الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِى غَيْرِهِ. )) رواه مسلم މާނައީ: ” ރަސޫލުﷲ صلى الله عليه و سلم ފަހުދިހައިގެ ރޭތަކުގައި އަޅުކަމުގައި އެހެންދުވަސްވަރުގައި މަސައްކަތް ނުކުރައްވާހާ ބުރަކޮށް މަސައްކަތްކުރައްވައެވެ. “

ރަމަޟާން މަހުގައި މިސްކިތުގައި އިޢުތިކާފަށް އިންނެވުމަކީވެސް ރަސޫލާ صلى الله عليه و سلم ގެ ޢަމަލުފުޅުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. ޢާއިޝާ ރަޟިޔަﷲޢަންހާގެ އަރިހުން ރިވާ ވެގެންވާ ޞައްޙަ ޙަދީޘްފުޅެއްގައިވެއެވެ. ((كَانَ رَسُولُ اللهِ صلى الله عليه وسلم يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَان. )) رواه البخاري ومسلم މާނައީ: ” ރަމަޟާންމަހުގެ ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم ޢިޢުތިކާފަށް އިންނަވައެވެ. “

ރަމަޟާނަމަހުގައި ގިނަގިނައިން ޞަދަޤާތްކުރައްވައި ވީހާވެސް ބޮޑަށް ދީލަތިވެވަޑައިގަތުމާއި ޤުރްއާން މުދާރަސާ ކުރެއްވުމަކީ ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާ ގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙާދީސްފުޅެއްގައިވެއެވެ. ((كَانَ رَسُولُ اللهِ صلى الله عليه وسلم أَجْوَدَ النَّاسِ ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ فَلَرَسُولُ اللهِ صلى الله عليه وسلم أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ. )) رواه البخاري ومسلم މާނައީ: “މީސްތަކުންކުރެ އެންމެ ދީލަތީ ރަސޫލުﷲ صلى الله عليه وسلم އެވެ. އަދި އެކަލޭގެފާނުގެ އެންމެ ދީލަތީ ، ރަމަޟާން މަހު އެކަލޭގެފާނާ ޖިބުރީލުގެފާނު ބައްދަލުކުރައްވާ ހިނދެވެ. ރަމަޟާންމަހުގެ ކޮންމެ ރެއަކު ޖިބުރީލުގެފާނު އެކަލޭގެފާނާ ބައްދަލުކުރައްވައި، ކީރިތި ޤުރުއާން މުދާރަސާ ކުރައްވައެވެ. ފަހެ، ދީލަތިވުމުގައި، ޖެހޭ ވައިރޯޅިއަކަށްވުރެވެސް ރަސޫލުﷲ صلى الله عليه وسلم ގެ ހަލުވިކަން ބޮޑެވެ.”

ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވަނީ ރަމަޟާންމަހުގެ ރޯދައާއި އަޅުކަންތައް ﷲ ތަޢާލާއަށް އިޚްލާސްތެރިވެހުރެ ކުރުމެވެ. އަދި ރަސޫލުﷲ صلى الله عليه و سلم ގެ ސުންނަތާއި އެއްގޮތަށް އޭނާގެ އަޅުކަންތައް ބެހެއްޓުންވެސް ލާޒިމް ވެގެންވެއެވެ. މިއީ ކޮންމެ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުކުރެއްވުމުގެ ދެ ޝަރުޠެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ، وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) رواه البخاري ومسلم މާނައީ: “އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ރަމަޟާން މަހުގެ ރޯދަ ހިފައިފިމީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުހެވިގެންދާނެއެވެ. އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ލައިލަތުލް ޤަދުރި ވިލޭރޭ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ.”  އަދި އަބޫ ހުރައިރާ ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. ((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) رواه مسلم މާނައީ: “ރަމަޟާންމަހުގެ ރޭއަޅުކަންކުރުމުން ލިބޭ ޘަވާބަށް އީމާންވެ، އަދި އެކަމަށް އެދޭހާލު ރަމަޟާންމަހުގެ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ.”

މަތީގައި ކުރުގޮތަކަށް ބަޔާންވެދިޔައީ ރަމަޟާންމަހުގައި ރަސޫލުﷲ صلى الله عليه و سلم ގެ ޢަމަލުފުޅުތައް ހުރި ގޮތެވެ. އެހެންކަމުން ކޮންމެ ރޯދަވެރިއަކަށްވެސް ވާޖިބުވެގެންވަނީ ރަސޫލުﷲ صلى الله عليه و سلم އަށް ފުރިހަމަޔަށް ތަބަޢަ ވުމެވެ. މި މާތްވެގެންވާ ރަމަޟާންމަހުގެ ފުރިހަމަ ސަވާބު އެމީހަކަށް ލިބޭނީ އޭރުންނެވެ. އަދި ޝައިޠާނާ އާއި އޭނާގެ ބައިވެރިންނާއި އެހީތެރިންގެ ކިބައިން ރައްކާތެރިވެ ހުރުމަކީވެސް ކޮންމެ ރޯދަވެރިއަކަށް ލާޒިމްވެގެންވާ ކަމެކެވެ. ޝައިޠާނާ އާއި އޭނާގެ ބައިވެރިން ދަނީ މި މާތްމަހުގެ ސަވާބާއި ޢަފޫކުރެއްވުމުން މީސްތަކުން މަޙްރޫމްކުރުވުމަށްޓަކައި އެތަކެއް ގިނަގުނަ ވަސީލަތްތަކުގެ ބޭނުން ހިފަމުންނެވެ. މިގޮތުން މީޑިއާ އަކީ ވަރަށްފުޅާ ދާއިރާއެއްގައި ޝައިޠާނާ ބޭނުންކުރަމުންދާ ވަސީލަތެކެވެ. އަދި އިސްލާމް ދީނުގެ ނަމުގައު ގެނެސްދެވޭ ސިލްސިލާތަކެއްވެސް އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. ނަމަވެސް މިފަދަ އެއްޗެއްސަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އަބުރުފުޅަށް ބުރޫއެރުވުން ނޫން އެހެންކަމެއް އެފަދަ ސިލްސިލާތަކުން ޙާސިލްނުވާ ތަކެއްޗެއެވެ. އަދި މިފަދަ ސިލްސިލާތަކަކީ ޝައިޠާނާގެ ދަންތުރަތަކެކެވެ. މިކަމާމެދު އަޅުގަނޑުމެން ހުށިޔާރުވާން ޖެހޭނެއެވެ.

މިމާތް ރަމަޟާންމަހުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް އަޅުގަނޑުމެން ހުރިހާ މުސްލިމުންވެސް ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. މިގޮތުން މި މަހަކީ ފާފާކުރުމުގައި ހޭދަކުރި ދުވަސްތައް ދޫކޮށް އަލުން ﷲ ގެ ޙަޟުރަތަށް އެނބުރި އައުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ ޒިނޭއާއި މަސްތުވާތަކެއްޗާއި މިއުޒިކާއި ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ މީހުން ﷲ އަށް ތައުބާވެ އިޞްލާހުވުމަށް އޮތް ރަނގަޅު ފުރުސަތެއްކަމުގައިވެސް ހަނދާންކޮށްދެމެވެ.