[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

أهل السنة والجماعة

أهل السنة والجماعةއަކީ ކޮބާ؟

ޢަރަބިބަހުގައި “السنة” އަކީ މަގު ނުވަތަ އުޅޭގޮތެވެ. ޢަޤީދާގެ ޢިލްމުގައި “السنة” އަކީ ޢިލްމުގަޔާއި، އިޢްތިޤާދުގަޔާއި، ބަހާއިޢަމަލުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީން ދައްކަވާ ދެއްވި މަގެވެ. މިއީ އެމަގަކަށް ތަބާވާންޖެހޭ މަގެވެ. އެމަގަކަށް ތަބާވި ބަޔަކަށް ޙަމްދު ލިބިގެންވާ، އަދި އެމަގަށް އިންކާރުކޮށްފި ބަޔަކަށް މަލާމާތްލިބިގެންވާ މަގެވެ. ބިދުޢައިގެ އިދިކޮޅަށް ސުންނަތޭވެސް ކިޔައެވެ.

ޢަރަބިބަހުގައި “الجماعة” ނެގިފައިވަނީ “الاِجْتِمَاعُ” އިންނެވެ. “الاِجْتِمَاعُ” އަކީ ބައިބައިވުމުގެ އިދިކޮޅެވެ. “الجماعة” އަކީ ބަޔަކު ކަމެއްގެ މައްޗަށް އެއްބައިވުމެވެ. އިޞްޠިލާޙުގައި “الجماعة” އަކީ ޞަޙާބީންނާއި ތާބިޢީންނެވެ. އަދި ޤިޔާމަތާ ޖެހެންދެން އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވި މީހުންނެވެ. އެބައިމީހުން ﷲގެ ފޮތަށާއި، އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށާއި، އެބައިމީހުންގެ ޢިލްމުވެރިންނަށް އެއްބައިވާ މީހުންނެވެ. އަދި އެބައިމީހުންނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި، އެކަލޭގެފާނުގެ ޞަޙާބީންނާއި، ތާބިޢީބޭކަލުންނަށް ދައްކަވައިދެއްވި މަގަށް ހެޔޮގޮތުގައި ތަބާވާމީހުންނެވެ.

އެހެންކަމުން “أهل السنة والجماعة” އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްކަވާ ދެއްވި ގޮތަށް ތަބާވެ، އެމަގަށް އެއްބައިވާ މީހުންނެވެ. އެބައިމީހުންނަކީ ޞަޙާބީންނާއި، ތާބިޢިންނާއި، އެބޭކަލުންނަށް ތަބާވެވަޑައިގެންނެވި ޢިލްމުވެރިންނާއި، ޤިޔާމަތާ ޖެހެންދެން ޢަޤީދާގައާއި، ބަހާއި ޢަމަލުގައި ޤިޔާމަތާ ޖެހެންދެން އެބޭކަލުންނަށް ތަބާވި މީހުންނެވެ. އެބައިމީހުންގެ އެންމެ ބޮޑު އަމާޒަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމެވެ. އަދި ދީނަށް ގެނެސްގަނެވޭ ބިދުޢަތަކުން އެއްކިބާވުމެވެ. ޤިޔާމަތާޖެހެންދެން މިމަގުގައި ޘާބިތުވާނެ ބަޔަކު ވާހުއްޓެވެ. “أهل السنة والجماعة” މިނަން އެންމެ ފުރަތަމަ ބޭނުން ކުރެވިފައިވަނީ ހިޖުރީގޮތުން ދެވަނަ ޤަރުނުގެ ފަހުކޮޅުގައި ޞަޙާބީންނާއި ތާބިޢީންގެ މަގުން އެއްކިބާވި މީހުންނާ ޚިލާފުވުމުގެ ގޮތުންނެވެ. އެހެނީ އެޒަމާނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވާކަމަށް ދަޢުވާކުރާ މީހުން އުޅުނެވެ. ނަމަވެސް މިބައިމީހުން ޞަޙާބީންނަށާއި، ތާބިޢީން ދެއްކެވިމަގަށް އެއްބައެއްނުވެއެވެ. ހަމައެހެންމެ އެއްބައިވާކަމަށް ދަޢުވާކުރާ، ނަމަވެސް ސުންނަތަށް ތަބާނުވާ ބަޔަކު އުޅުނެވެ. އެހެންކަމުން، އޭރުގެ ޢިލްމުވެރިން މިދެލަފްޡު ޖަމާކުރައްވައި “أهل السنة والجماعة” ގެ ނަން ދެއްވިއެވެ. އެންމެ ފުރަތަމަ މިނަން ދެއްވާފައިވަނީ އިމާމް ބުޚާރީ ރަޙިމަހުﷲގެ ބައެއް ޝެއިޚުންނެވެ. ހަމައެހެންމެ، އިމާމް އައްޠަޙާވީ ވަނީ އެކަލޭގެފާނުގެ ޢަޤީދާގެ ފޮތުގައި “أهل السنة والجماعة” ގެ ނަން ބޭނުންކުރައްވާފައެވެ. އެހެންކަމުން މިނަމަކީ ވަރަށް ކުރިއްސުރެން ޢިލްމުވެރިން ދެއްވާފައިވާ ނަމެއްކަން ޘާބިތުވެއެވެ. އެހެނީ، އިމާމް ޠަޙާވީ އަވަހާރަވެފައިވަނީ ހިޖުރައިން 321 ވަނަ އަހަރުއެވެ.

މިތަނުގައި “الجماعة” އަކީ އެއްވެސް ޙާލެއްގައި ޙައްޤަށް އެއްބައިނުވާހާހިނދަކު ވަކިގޮތަކަށް ޤަބޫލުކޮށްއުޅޭ މީސްތަކުންގެ ޖަމާޢަތެއް ނޫނެވެ. އެއީ ކިތައްމެ މަދުނަމަވެސް ޙައްޤަށް ތަބާވާ މީހުންނެވެ. “أهل السنة والجماعة” އަށް ކިޔާއުޅޭ އެހެން ނަންތަކުގެ ތެރޭގައި:

1. أهل السنة : މިނަން ކިޔެނީ ސުންނަތަށް ތަބާވާތީއެވެ.

2. الجماعة : މިނަންކިޔެނީ އެބައިމީހުންނީ ﷲގެ ފޮތަށާއި، އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށާއި، އެބައިމީހުންގެ ޢިލްމުވެރިންނަށް އެއްބައިވާ މީހުންކަމުގައި ވާތީއެވެ.

3. أَهْلُ الأَثَرِ : މިނަން ކިޔެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކަށާއި ޞަލަފުންގެ އަޘަރުތަކަށް ތަބާވާތީއެވެ.

4. أَهْلُ الْحَدِيثِ : މިނަން ކިޔެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކަށް ތަބާވާތީއެވެ.

5. الفِرْقَةُ النَّاجِيَةِ : މިނަން ކިޔެނީ ނަރަކައިން ނަޖާވާނެ ބަޔަކީ މިބައިމީހުންކަމުގައިވާތީއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((إِنَّ أُمَّتِي سَتَفْتَرِقُ عَلَى ثِنْتَيْنِ وَسَبْعِينَ فِرْقَةً ، كُلُّهَا فِي النَّارِ ، إِلاَّ وَاحِدَةً وَهِيَ : الْجَمَاعَةُ.)) (އިބުނު މާޖާ: 3993، އައްޞަޙީޙާ: 204، 1492) މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު އުއްމަތް ހަތްދިހަ ތިން ބަޔަށް ބައިވާނެއެވެ. އެންމެ ބަޔަކު ފިޔަވާ އެހެން އެންމެން ވާހުށީ ނަރަކާގައެވެ. (ސަލާމަތްވާނެ ބަޔަކީ) ޖަމާޢަތެވެ.”

6. الطَّائِفَةُ المَنْصُورَةِ : މިނަން ކިޔެނީ ނަޞްރު ލިބޭނީ އެބައިމީހުން ކަމުގައި ވާތިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްމަގެ ޙަދީޘްގައިވާ ފަދައިންނެވެ. ((لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرَة، لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ)) (މުސްލިމް:1920) (މާނައީ: “ޙައްޤުގައި ފާޅުވެތިބޭނޭ ބަޔަކު އަބަދުވެސް ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާހުއްޓެވެ. ﷲގެ އަމުރުފުޅު އަންނަންދެން، އެބައިމީހުންނާ ޚިލާފުވާމީހުންގެ ފަރާތުން އެއްވެސް ގެއްލުމެއް އެބައިމީހުންނަށް ނުދެވޭނެއެވެ.”)

7. أَهْلُ الاِتْبَاعِ : މިނަން ކިޔެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާ ވާތީއެވެ.

أهل السنة والجماعةގެ ޚާއްޞަކަން:

އެހެން ފިރުޤާތަކުގެ އަހުލުވެރިންނާ ޚިލާފަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޚާއްޞަކަންތައްތަކެއްވެއެވެ. މިކަންކަމަކީ އެބައިމީހުން ޙައްޤުގެ މަގުގައި ޘާބިތުވެ، ބާޠިލުމަގުތަކުން ދުރުވެގަތުމަށް މަގުދައްކާ ކަންކަމެވެ. އެގޮތުން ބައެއް މުހިއްމު ކަންކަމަކީ:

1. އެބައިމީހުން މައްސަލަތަކުގައި ހަމައެކަނި ރުޖޫޢަވަނީ ޤުރުއާނަށާއި ސުންނަތަށް: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޢަޤީދާއާއި، އަޅުކަމާއި، މުޢާމަލާތާއި، ސުލޫކާއި، އަޚުލާޤާއި ގުޅޭ އެންމެހާ މައްސަލަތަކެއްގައި ރުޖޫޢަވަނީ ﷲގެ ފޮތް ކީރިތި ޤުރުއާނަށާއި، އެޤުރުއާން މީސްތަކުންނަށް ބަޔާންކޮށްދެއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށެވެ. ކީރިތި ޤުރުއާނަކީ އެންމެހާ ބާޠިލުކަމަކުން އެއްކިބާވެގެންވާ ޙައްޤުފޮތެވެ. ހަމައެހެންމެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ ކީރިތި ޤުރުއާނުގެ ތަފްސީރެވެ. ކީރިތި ޤުރުއާނާއި ސުންނަތަކީ އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ދޭއްޗެވެ. މިދެމަޞްދަރު މަގުދައްކައިދެނީ ޙައްޤުމަގަށެވެ. އަދި މިދެމަޞްދަރާ ފުށުއަރާކޮންމެކަމަކީ ބާޠިލުކަމެކެވެ. ޢިލްމުވެރިންގެ އިޖުމާޢު އަންނަނީ މިދެމަޞްދަރުންނެވެ. އެއެއްޗެއްގައި ޙައްޤު ވާއެއްޗެއް މަގުދައްކައިދޭނީ ޙައްޤުމަގަށްކަމާމެދު ޝައްކެއްނެތެވެ.

އެހެންކަމުން، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ދީނުގެ އެންމެހާކަމެއްގައި ބައްލަވަނީ އެދެމަޞްދަރަށެވެ. އެދެމަޞްދަރުގައިވާ ގޮތަށް ޢަމަލުކުރައްވައެވެ. އަދި އެދެމަޞްދަރާ ފުށުއަރާ ކޮންމެ ކަމަކާއި ބަހަކުން ދުރުވެވަޑައިގަންނަވައެވެ. އެބަސްބުނިމީހަކީ ކޮންމެ މީހެއްކަމުގައި ވީނަމަވެހެވެ.

2. އެބައިމީހުން ޤުރުއާނާއި ސުންނަތް ދެނެގަތުމުގައި ރުޖޫޢަވަނީ ސަލަފުންނަށް: ސަލަފުންނަކީ މާތްވި ތިންޤަރުނުގެ ބޭކަލުންނެވެ. އެއީ ޞަޙާބީންނާއި، ތާބިޢީންނާއި، އަތުބާޢުއް ތާބިޢީންނެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޤުރުއާނާއި ސުންނަތް މާނަކޮށް ދެނެގަތުމުގައި ރުޖޫޢަވެވަޑައިގަންނަވަނީ މިއުއްމަތުގެ ކުރީގެ ބޭކަލުން އެދެމަޞްދަރު މާނަކުރެއްވިގޮތަށެވެ. މިގޮތުން ޞަޙާބީންނަކީ މިއުއްމަތުގެ އެންމެ ހެޔޮ، ފިޤުހުވެރި، ޢިލްމުވެރި ބޭކަލުންނެވެ. އެބޭކަލުން މިދެމަޞްދަރުގެ މާނަ ލިބިގެންނެވީ ސީދާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުންނެވެ. ހަމައެހެންމެ، ޤުރުއާނާއި ސުންނަތް ބާވާލެއްވުނީ އެބޭކަލުންގެ ބަހުންނެވެ. އެބޭކަލުން މިދެމަޞްދަރުން ދޭހަކޮށްދޭ މާނަ މާތް ނަބިއްޔާގެ އަރިހުން އެންމެ ފުރިހަމައަށް ދެނެގަނެ، އެއަށް ޢަމަލުކޮށް، އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިޢީންނަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވިއެވެ. ހަމައެހެންމެ، ތާބިޢީން އަމާނާތެރިކަމާއެކު އަތުބާޢުއް ތާބިޢީންނަށް ފޯރުކޮށްދެއްވިއެވެ. ޞަޙާބީން ދައްކަވާ ދެއްވި މަގަކީ އެންމެހާގޮތަކުން ޙައްޤުމަގުކަމުގައި ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَالسَّابِقُونَ الأَوَّلُونَ مِنْ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً ذَلِكَ الْفَوْزُ الْعَظِيمُ)) سورة التوبة : 100  މާނައީ : “މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވީ މީހުން (ދަންނާށެވެ!) ﷲ އެބައިމީހުނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހުނެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި އެބައިމީހުން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.” މިއާޔަތުގައި ﷲ އެވަނީ ޞަޙާބީންނަށާއި، އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވާމީހުންނަށް ޘަނާ ވަޙީކުރައްވާފައެވެ.

ސަލަފުން ޤުރުއާނާއި ސުންނަތް މާނަކުރެއްވިގޮތަށް މާނަނުކުރުމުގެ ސަބަބުން ތަފާތު ބައިތަކަށް އިސްލާމީ އުއްމަތް ބައިވެގެންގޮސް ފިރުޤާތައް އުފެދުނެވެ. މިއިން ކޮންމެ ފިރުޤާއެއްގެ ބަޔަކުވެސް މިދެމަޞްދަރު މާނަކުރަނީ އެބައިމީހުންނަށް ފެންނަގޮތެއްގެ މައްޗަށެވެ. ނަތީޖާއަކަށްވެގެން ދިޔައީ ޙައްޤުމަގުން އެއްކިބާވެގެންގޮސް، ވާވަދެގެން ދިޔުމެވެ.

3. އެބައިމީހުންގެ މަގަކީ ޢަދުލުވެރި މަގެއް: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ ޢަޤީދާއާއި އަޙްކާމުގެ މަސްއަލަތަކުގައި ހައްދުފަހަނައަޅާ ދިޔުމެއް ނުވާ، އަދި ފަރުވާކުޑަކަމުންގޮސް އޭގެ ހައްދުން ނެއްޓުމެއްނުވާ މެދުމިނުގެ ޢަދުލުވެރި މަގެކެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތް ލައްވަވާފައިވާ މަގެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً)) سورة البقرة: 143  މާނައީ : “އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންއިލާހު ތިޔަބައިމީހުން ލެއްވީމެވެ.” މިއާޔަތުގައިވާ ((وَسَطاً)) ގެ މުރާދަކީ ޢަދުލުވެރިކަން ކަމުގައި ޞަޙީޙުލް ބުޚާރީގައި ރިވާވެފައިވެއެވެ. (ބައްލަވާ: ޞަޙީޙުލް ބުޚާރީ: ޙަދީޘް ނަންބަރު: 4487).

މިގޮތުން ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ ހައްދުފަހަނައަޅާފައިވާ ފިރުޤާތަކާއި، ފަރުވާކުޑަކަމުންގޮސް އޭގެ ހައްދުން ނެއްޓުމެއްނުވާ މަގެވެ. މިސާލަކަށް ޚަވާރިޖުންނަށާއި މުރުޖިޢާއިންނަށް ބަލާލަމާތޯއެވެ. މިދެބަޔަކީވެސް އިސްލާމްދީނުގައި އުފެދިގެން އައި ދެފިރުޤާއެވެ. މިގޮތުން ޚަވާރިޖުން ޤަބޫލުކުރާގޮތުގައި ޒިނޭ، ވައްކަންކުރުން ފަދަ ބޮޑުފާފައެއް ކޮށްފިނަމަ، އެމީހެއްގެ ކިބައިން އީމާންކަން ނިގުޅި، ދީނުން ބޭރުވެ އަބަދުގެ އަބަދަށް ނަރަކައަށް ވަންނަހުއްޓެވެ. މިއާއިޚިލާފަށް މުރުޖިޢާއިން ޤަބޫލުކުރާގޮތުގައި ބޭރުފުށުން ކުރެވޭ ޢަމަލުތަކަކީ އީމާންކަމަށް އެއްވެސް އަޘަރެއް ކުރާ އެއްޗެއް ނޫނެވެ. އެންމެންގެ އީމާންކަމަކީ ހަމަހަމައެއްޗެކެވެ. އަބޫބަކުރުގެފާނު ފަދަ ބޭކަލުންގެ އީމާންކަމާއި، އިސްލާމަކަށްވެހުރެ ފާފަކުރާ ފާޖިރެއްގެ އީމާންކަމާ ހަމަހަމަވާނެއެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގަކީ ބޮޑު ފާފައެއް ކޮށްފިމީހާ، އެމީހާ އެފާފައެއް ޙަލާލުނުކުރާހާ ހިނދަކު ދީނުން ބޭރުނުވާނެއެވެ. އަދި ތައުބާނުވެ މަރުވެއްޖެނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަވެރިކަމުން އެމީހަކަށް އެފާފަ ޢަފޫކުރައްވަފާނެއެވެ. ނުވަތަ އެއިލާހުގެ ޙިކުމަތްތެރިކަމާއި ޢަދުލުވެރިކަމާއެކު އެމީހާގެ އެފާފައާ އެއްވަރަށް ނަރަކާގައި ޢަޛާބު ދެއްވުމަށްފަހު ސުވަރުގެ ވައްދަވާ ހުއްޓެވެ. އެހެނީ، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން އީމާންވާގޮތުގައި ނަރަކާގައި އަބަދުގެ އަބަދަށް ހުންނާނެ ބަޔަކީ ހަމައެކަނި ކާފަރުންނެވެ. އަދި އީމާންކަމަކީ ﷲ އަށް ކިޔަމަންތެރިވިވަރަކަށް އިތުރުވެ، އެއިލާހަށް އުރެދުނުވަރަކަށް މަދުވާ އެއްޗެކެވެ. މިކަމާގުޅޭ ވާހަކަތައް އީމާންކަމާބެހޭ ބައިގައި އަދިފަހުން އަންނަ ހުއްޓެވެ. إن شاء الله.

ހަމަމީގެ އަނެއް މިސާލަކީ ޤަދަރީންނާއި ޖަބަރީންނެވެ. މިއީވެސް ދެފިރުޤާއެވެ. މީގެ ތެރެއިން ޤަދަރީން ޤަބޫލުކުރާގޮތުގައި އިންސާނާގެ ޢަމަލުތައް އެނާ އެޢަމަލެއް ކުރުމުގެ ކުރިން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ އެޢަމަލުކުރާނެކަން ދެނެވޮޑިގެންނުވެއެވެ. ޖަބަރީން ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިންސާނާ ވަކިގޮތަކަށް އުޅުމަށް މަޖުބޫރު ކުރައްވާފައެވެ. ހެޔޮޢަމަލުކުރާ މީހާ ހެޔޮ ޢަމަލުއެކުރަނީ ﷲ އޭނާއަށް އެކަން މަޖުބޫރުކުރައްވާފައިވާތީއެވެ. އަދި ނުބައި ޢަމަލު ކުރާ މީހާ ނުބައި ޢަމަލުއެކުރަނީ ﷲ އޭނާއަށް އެކަން މަޖުބޫރުކުރައްވާފައިވާތީއެވެ. އެހެނީ، ﷲ ވަނީ އެންމެހާކަމެއް ހިނގާނެގޮތް ލިޔުއްވާފައެވެ. މިމަސްއަލާގައި ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އެންމެހާ ޚަލްޤުތަކެއް ޚަލްޤުކުރެއްވުމުގެ ކުރިންވެސް ﷲ އެޚަލްޤުތަކުގެ އެންމެހާ ކަމެއް، އެއްވެސް ކަމެއް ސިއްރުވެ ވަންހަނާނުވާގޮތުގެ މަތީން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުވަނީ ލަވްޙުލް މަޙްފޫޡުގައި ޚަލްޤުތަކުންގެ އެންމެހާކަމެއް ލިޔުއްވާފައެވެ. އަދި އެއިލާހަކީ ޛައްރެއްގެ މިންވަރު ވިޔަސް އެއިލާހުގެ އަޅުތަކުންނަށް އަނިޔާވެރިވެވޮޑިނުގަންނަވާ އިލާހެވެ. އެއިލާހުގެ ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. “مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ كُتِبَ مَقْعَدُهُ مِنَ الْجَنَّةِ وَمَقْعَدُهُ مِنَ النَّارِ.” فَقَالُوا: يَا رَسُولَ اللهِ أَفَلاَ نَتَّكِلُ؟ فَقَالَ: “اعْمَلُوا فَكُلٌّ مُيَسَّرٌ.” ثُمَّ قَرَأَ: ((وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى * وَأَمَّا مَنْ بَخِلَ وَاسْتَغْنَى * وَكَذَّبَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْعُسْرَى)) سورة الليل: 6-10 މާނައީ: “އެމީހަކު ސުވަރުގޭގައި ހުންނާނެތަނާއި ނަރަކާގައި ހުންނާނެތަން ލިޔުއްވާފައިވާ ނުވާ އެއްވެސް މީހަކު ތިޔަބައިމީހުންގެ ތެރެއަކުނުވެއެވެ.” ފަހެ، އެބޭކަލުން (އެބަހީ ޞަޙާބީން) ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެހެންވެއްޖެނަމަ ތިމަންމެން (ޢަމަލުނުކޮށް) އެކަމަށް ބަރޯސާވެގެން ހުންނަންވީތޯއެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ޢަމަލުކުރާށެވެ. ފަހެ، ކޮންމެ މީހަކަށް އެމީހާގެ މަގު ވަނީ ފަސޭހަކުރެވިގެންނެވެ.” ދެން އެކަލޭގެފާނު ކިޔަވާ ވިދާޅުވިއެވެ. ((وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى * وَأَمَّا مَنْ بَخِلَ وَاسْتَغْنَى * وَكَذَّبَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْعُسْرَى)) މާނައީ: “އަދި އެންމެ ހެޔޮބަސް (އެބަހީ ޝަހާދަތުގެ ކަލިމައާއި އެކަލިމައިގެ ސަބަބުން އެނގުން ލާޒިމުކުރާ ކަންކަން) ތެދުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންއިލާހު ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް (އެބަހީ އެއިލާހަށް އަޅުކަންކުރުމުން އެއްކިބާވެ)، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންއިލާހު ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.” (ބުޚާރީ :4947 ، މުސްލިމް: 2647). އެހެންކަމުން، މީސްތަކުންނަށް އޮތީ ﷲ ސުބުޙަނަހޫ ވަތަޢާލާއަށް ތަވައްކުލުކުރުމާއެކު ޢަމަލުކުރުމެވެ. އިންސާނާއަށް ﷲ ވަނީ ދެމަގު ދައްކަވާ ދެއްވާފައެވެ. އޭނާ ޚިޔާރުކުރިމަގަކަށް އެއިލާހު އޭނާއަށް މަގު ފަހިކޮށްދެއްވާނެއެވެ. އަދި އެންމެހާ ކަމެއް ހިނގާހުށީ އެއިލާހުގެ ޢިލްމުފުޅުގެ ދަށުން، އެއިލާހު ޤަދަރުކުރައްވާފައިވާ ގޮތަށެވެ.

މިއީ އެހެން ފިރުޤާތަކާ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންނާ ހުރި ބޮޑު ތަފާތެކެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޢަޤީދާ އާއި އަޙްކާމުގެ މަސްއަލާތަކުގައި ޢަދުލުވެރިކަމާއެކު މެދުމިނުގެ މަގު ޚިޔާރުކުރެއެވެ.

4. ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘް ތަފާތު ނުކުރުން: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘަކީ ޙުއްޖަތެކެވެ. އަދި އެދެވައްތަރު ޙަދީޘް ޢަޤީދާގެ މަސްއަލަތަކުގައާއި އަޙްކާމުގެ މަސްއަލަތަކުގައި ފަރަޤުނުކުރައްވައެވެ. މުތަވާތިރު ޙަދީޘަކީ ޙަދީޘެއްގެ ސަނަދުގެ ކޮންމެ ގިންތިއަކުން އެތައް ރާވީންނެއް ރިވާކުރައްވާފައިވާ، އަދި އެޙަދީޘެއްގައި ދޮގެއް އެކުލެވިގެންވުން މުސްތަޙީލު ޙަދީޘެވެ. އާޙާދު ޙަދީޘަކީ މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ހަދީޘެވެ. ބައެއް ފިރުޤާތަކުގެ މީހުން އާޙާދުޙަދީޘްތައް ރައްދުކުރެއެވެ. ނުވަތަ ޢަޤީދާގެ މަސްއަލަތަކުގައި މިފަދަ ޙަދީޘްތައް ނުނަގައި ފިޤުހުގައި މިހަދީޘްތައް ނަގައެވެ. މިފަދަ ފިރުޤާތަކުގެ މީހުންގެ މިމަގުއޮޅުމުގެ ސަބަބުން ދީނުގެ މުހިއްމު މަސްއަލަތަކާގުޅޭ ވަރަށް ގިނަ ޙަދީޘްތައް ޤަބޫލުނުކޮށް ރައްދުކުރެއެވެ. ނަތީޖާއަކަށްވީ ދީނުގެ ތެރެއަށް އަމިއްލަ ގޮތްތައް ވަދެ މަގުއޮޅިގެން ދިޔުމެވެ.

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން މުތަވާތިރުކޮށް ނުވަތަ އާޙާދުކޮށްނަމަވެސް ޞައްޙަ ޙަދީޘެއް ނަމަ އެއީ އެބައިމީހުންގެ އަރިހުގައި ޙުއްޖަތެކެވެ. އަދި ޢަޤީދާގެ މަސްއަލަތަކުގައިވެސް އަދި ފިޤުހީ މަސްއަލަތަކުގައިވެސް އެއީ ޙުއްޖަތެކެވެ.

5. ޤުރުއާނާއި ސުންނަތަށް ތަބާވުން: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އެންމެ މުހިއްމު އެއްކަމަކީ އެންމެހާ ޙާލަތެއްގައިވެސް ޤުރުއާނަށާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތައް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުމެވެ. މިގޮތުން ޢަޤީދާގެ މަސްއަލަތަކުގެ ތެރެއިން ބައެއް ކަންކަމަކީ، ޚާއްޞަކޮށް ޣައިބުގައިވާ ކަންކަމަކީ އިންސާނުންގެ ބުއްދިއަށް ތަސައްވުރު ނުކުރެވުނުކަމެއްކަމުގައިވީނަމަވެސް ޤުރުއާނާއި ސުންނަތުގައި އެކަން ޘާބިތުވެއްޖެނަމަ ތެދުހިތުން އެކަމެއް ޤަބޫލުކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއާ މަޢުރިފާކޮށް ދެނެގަތުމުގައްޔާއި، މަލާއިކަތުންގެ ޚަބަރުތަކާއި، ކަށްވަޅުގެ ޚަބަރުތަކާއި، އާޚިރަތްދުވަހުގެ ޚަބަރުތަކަކީ އިންސާނުންނަށް ޣައިބުގައިވާ ކަންކަމެވެ. އެފަދަ ކަންކަން ހަމައެކަނި އެނގޭނެގޮތަކީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. އެދެމަޞްދަރުން އަންގަވާ ދެއްވާފައިވާ ޚަބަރެއްގެ އިތުރަށް، އެއިންއެއްވެސް ކަމަކީ އިންސާނާގެ ބުއްދިން ވިސްނައި، އެކަންކަމާމެދު ގޮތް ކިޔޭނޭ ކަންކަމެއް ނޫނެވެ. އިންސާނާގެ ބުއްދިއާއި ވިސްނުމަކީ ފުރިހަމަ އެއްޗެއް ނޫންކަމާމެދު ޚުދު އިންސާނާވެސް އަމިއްލައަށް ހެކިވާނެއެވެ. އެހެންވެއްޖަނަމަ، އިންސާނާގެ ބުއްދިއާއި ވިސްނުމަށް ބަރޯސާވެގެން ކޮންމެ ކަމަކީ، ޚާއްޞަކޮށް އޭނާއަށް ޢިލްމެއްނުވާކަންކަމަކީ، ވަކިގޮތަކަށް ނިންމޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން އަބަދުވެސް ތަބާވަނީ ބާޠިލެއްނުވާ ހައްޤު ފޮތް ޤުރުއާނަށާއި ސުންނަތަށެވެ. އެކަމަކީ އިންސާނާގެ ބުއްދިއާއި ވިސްނުމަށް ނުގެނެވޭފަދަ ކަމެއްކަމުގައި ވީނަމަވެހެވެ.

އިސްވެމިދިޔައީ އެހެން ފިރުޤާތަކުގެ އަހުލުވެރިންނާ ޚިލާފަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ގެންގުޅޭ ބައެއް ޚާއްޞަ، މުހިއްމުކަންތައްތަކެވެ.