[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދައާގުޅޭ ޢިލްމީ ޚަޒާނާއިން (2)

7. އަލަށް އިސްލާމްވި މީހަކު، އެމީހާގެ ކުފުރުގެ ދުވަސްތަކުގައި ދޫކޮށްފައިވަ ފަރުޟުރޯދަތައް ޤަޟާކުރަންޖެހޭނެ ހެއްޔެވެ؟

އަލަށް އިސްލާމްވާމީހާ، އެމީހާގެ ކުފުރުގެ ދުވަސްތަކުގައި ދޫކޮށްފައިވާ ފަރުޟުރޯދަތައް ޤަޟާކުރުން ލާޒިމުވެގެންނުވެއެވެ. އެކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ((قُلْ لِلَّذِينَ كَفَرُوا إِنْ يَنتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ)) (الأنفال: 38) މާނައީ: “ކާފަރުވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުން (ކާފަރުކަން) ހުއްޓާލައިފިނަމަ، އެބައިމީހުންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ.” އަދި ޢަމްރު ބުން އަލްޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. فَلَمَّا جَعَلَ اللهُ الْإِسْلَامَ فِي قَلْبِي أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُلْتُ: ابْسُطْ يَمِينَكَ فَلْأُبَايِعْكَ، فَبَسَطَ يَمِينَهُ، قَالَ: فَقَبَضْتُ يَدِي، قَالَ: ((مَا لَكَ يَا عَمْرُو؟)) قَالَ: قُلْتُ: أَرَدْتُ أَنْ أَشْتَرِطَ، قَالَ: ((تَشْتَرِطُ بِمَاذَا؟)) قُلْتُ: أَنْ يُغْفَرَ لِي، قَالَ: ((أَمَا عَلِمْتَ أَنَّ الْإِسْلَامَ يَهْدِمُ مَا كَانَ قَبْلَهُ؟))(مسلم: 121) މާނައީ: “ފަހެ، ތިމަންގެ ހިތުގައި ﷲ އިސްލާމްކަން ލެއްވިހިނދު، ތިމަން ނައްބިޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައީމެވެ. ފަހެ ތިމަން ދެންނެވީމެވެ. ކަލޭގެފާނުގެ ކަނާއަތްޕުޅު ދައްކަވާށެވެ. ތިމަން ކަލޭގެފާނަށް ބައިޢަތުހިފާހުށީމެވެ. ފަހެ، އެކަލޭގެފާނުގެ ކަނާއަތްޕުޅު ދެއްކެވިއެވެ. ޢަމްރު ވިދާޅުވިއެވެ. ފަހެ، ތިމަން، ތިމަންގެ އަތް ލައްޕާލީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އޭ ޢަމްރުއެވެ! ތިބާއަށް ވީ ކީއްތޯއެވެ؟” (އެބަހީ: ބައިޢަތު ހިފުމަށް ފަސްޖެހުނީ ކީއްވެތޯއެވެ؟) ޢަމްރު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ތިމަން ބޭނުންވީ ޝަރުޠެއް ކުރާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިބާ ޝަރުޠުކުރަން ބޭނުންވަނީ ކޮންކަމަކަށްތޯއެވެ؟” ތިމަން ދެންނެވީމެވެ. ތިމަންނައަށް ފާފަފުއްސެވުމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން އިސްލާމްދީނަކީ އެކަމުގެކުރިން ކޮށްފައިވާ ކަންތައްތައް ނެތިކޮށްލާކަމެއްކަން ތިބާއަށް އެނގިގެންނުވޭތޯއެވެ؟”

ހަމައެފަދައިން، އަލަށް އިސްލާމްވާމީހާ، އެމީހާގެ ކުފުރުގެ ދުވަސްތަކުގައި ދޫކޮށްފައިވާ ފަރުޟުރޯދަތައް ޤަޟާކުރުން ލާޒިމުވެގެންނުވާކަމަށް އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ.(1)

 

8. ރަމަޟާންމަހުގެ ތެރޭގައި މީހަކު އަލަށް އިސްލާމްވެއްޖެނަމަ، އެމަހުގެ ކުރިން ގެއްލިފައިވާ ރޯދަތައް ޤަޟާކުރަންޖެހޭނެތަ؟

ރަމަޟާންމަހުގެ ތެރޭގައި މީހަކު އަލަށް އިސްލާމްވެއްޖެނަމަ، އެމަހުގެ ކުރިން ގެއްލިފައިވާ ރޯދަތައް ޤަޟާކުރަން އެމީހާގެ މައްޗަށް ލާޒިމުވެގެންނުވެއެވެ. މިއީ ހަތަރު މަޛްހަބު އިއްތިފާޤުވެފައިވާ މަސްއަލައެކެވެ.(2) އެއީ ޙަނަފިއްޔާއާއި، މާލިކިއްޔާއާއި، ޙަންބަލިއްޔާއިންނާއި، އަދި ޝާފިޢީންގެ އެންމެ ޞައްޙަ ބަސްފުޅެވެ.(3) ދަލީލަކީ ކުރީ ސުވާލުގައި ބަޔާންވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ((قُلْ لِلَّذِينَ كَفَرُوا إِنْ يَنتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ)) (الأنفال: 38) މާނައީ: “ކާފަރުވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުން (ކާފަރުކަން) ހުއްޓާލައިފިނަމަ، އެބައިމީހުންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ.”

 

9. ރަމަޟާންމަހުގެ ތެރޭގައި މީހަކު އިސްލާމްވެއްޖެނަމަ، އެމަހުގެ ބާކީ އޮތް ރޯދަތައް އެމީހާ ހިފަންޖެހޭނެތޯއެވެ؟

ރަމަޟާންމަހުގެ ތެރޭގައި މީހަކު އިސްލާމްވެއްޖެނަމަ، އެމަހުގެ ބާކީ އޮތް ރޯދަތައް އެމީހާ ހިފަންޖެހޭނެއެވެ. މިކަމުގެ ދަލީލަކީ ޢިލްމުވެރިންގެ އިޖުމާޢުއެވެ. އިބްނު ޤުދާމާއާއި އައްޝަޥްކާނީ ވަނީ މިއިޖުމާޢު ނަޤުލުކުރައްވާފައެވެ.(4)

 

10. ރަމަޟާންމަހުގެ ދުވާލުވަގުތު އިސްލާމްވެއްޖެމީހާ، އެދުވަހެއްގެ ބާކީ ބައިގައި އިމްސާކު ކުރަންޖެހޭނެތޯއެވެ؟ އަދި އެދުވަސް ޤަޟާކުރަންޖެހޭނެ ތޯއެވެ؟

ރަމަޟާންމަހުގެ ދުވާލުވަގުތު އިސްލާމްވެއްޖެމީހާ، އެދުވަހެއްގެ ބާކީ ބައިގައި އިމްސާކު ކުރުން ލާޒިމުވެގެންވެއެވެ. އަދި އަލުން އެދުވަސް ޤަޟާކުރުމެއްނުވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ ބަސްފުޅެވެ.(5) އަދި އިބްނު ޢުޘައިމީން އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.(6)

މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގެ ޢާއްމު ޙުކުމެވެ. ((فَمَنْ شَهِدَ مِنْكُمْ الشَّهْرَ فَلْيَصُمْهُ)) البقرة: 185 މާނައީ: “ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރު ދެކެފިމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!”. އެހެނީ، ކާފިރަކު އިސްލާމްވުމުން އެމީހަކު އެވަނީ އެމަސްދެކުނުމީހުންގެ ތެރެއިންނެވެ. އެހެންކަމުން، އިމްސާކުކުރުން އެމީހާގެ މައްޗަށް ވާޖިބުވާނެއެވެ.

އަދި ސަލަމަތު ބިން އަކުވަޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ((أَمَرَ النَّبِيُّ صلّى الله عليه وسلّم رَجُلًا مِنْ أَسْلَمَ أَنْ أَذِّنْ فِي النَّاسِ أَنَّ مَنْ كَانَ أَكَلَ فَلْيَصُمْ بَقِيَّةَ يَوْمِهِ وَمَنْ لَمْ يَكُنْ أَكَلَ فَلْيَصُمْ فَإِنَّ الْيَوْمَ يَوْمُ عَاشُورَاءَ))(البخاري: 2007، مسلم: 1135) މާނައީ: ” ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މީސްތަކުންގެ ތެރޭގައި ގޮވާލެއްވުމަށް އަސްލަމްވަންހައިގެ ބޭކަލަކަށް އަމުރުކުރެއްވިއެވެ. ހަމަކަށަވަރުން ކައިގެން ހުރެއްޖެމީހާ ދުވަހުގެ ބާކީބައިގައި ރޯދަހިފާށެވެ. އަދި ނުކައިހުރެއްޖެމީހާ ރޯދަހިފާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެދުވަހަކީ ޢާޝޫރާދުވަހެވެ.” މިޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ ޞަޙާބީންނަށް ދުވާލުގައި އިމްސާކުކުރަން އަމުރުކުރައްވާފައެވެ. އަދި ޤަޟާކުރާކަށް އަމުރުނުކުރައްވައެވެ. އެހެނީ، މަދީނާއަށް ހިޖުރަކުރެއްވި ކުރީކޮޅުގައި ޢާޝޫރާދުވަހު ރޯދަހިފުން ވަނީ ވާޖިބުކަމެއްގެ ގޮތުގައެވެ.

 

11. މުރުތައްދުވެފައިވާ މީހަކު އަލުން އިސްލާމްވެއްޖެނަމަ، އެމީހާގެ މުރުތައްދު ދުވަސްވަރު ދޫކޮށްފައިވާ ރޯދަތައް ޤަޟާކުރަންޖެހޭނެތޯއެވެ؟

މުރުތައްދުވެފައިވާ މީހަކު އަލުން އިސްލާމްވެއްޖެނަމަ، އެމީހާގެ މުރުތައްދު ދުވަސްވަރު ދޫކޮށްފައިވާ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ. މިއީ ޙަނަފީ މަޛްހަބާއި، މާލިކީ މަޛްހަބާއި، ޙަންބަލީ މަޛްހަބުގެ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.(7)

މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ((قُلْ لِلَّذِينَ كَفَرُوا إِنْ يَنتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ)) (الأنفال: 38) މާނައީ: “ކާފަރުވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުން (ކާފަރުކަން) ހުއްޓާލައިފިނަމަ، އެބައިމީހުންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ.” އެހެނީ، މިއާޔަތުގެ ތެރެއަށް ކާފަރުލްއަޞްލީ (އެބަހީ: އަޞްލު ކާފަރުންނާ) އާއި މުރުތައްދުވެފައިވާމީހުން ވަންނަހުށްޓެވެ.(8)

އަދި ހަތްވަނަ ސުވާލުގައި ބަޔާންވެދިޔަ ޢަމްރު ބުނުލްޢާޞް ރަޟިޔަﷲ ޢަންހުގެ ޙަދީޘުން މިކަމަށް ދަލީލުލިބެއެވެ. އަދި ހަމައެފަދައިން، އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި މުރުތައްދުވުމަށްފަހު އިސްލާމްވި މީހުންނަށް، އެބައިމީހުން ދޫކޮށްފައިވާ ރޯދަ ޤަޟާކުރުމަށް ޞަޙާބީ ބޭކަލުން އަމުރުކުރައްވާފައެއްނުވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްފަހު، ﷲގެ ޝަރީޢަތް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލުންނަކީ އެބޭކަލުންނެވެ.

 

12. ރޯދައަށް ހުރެފައި މުރުތައްދުވީމީހާގެ ރޯދައިގެ ޙުކުމަކީ ކޮބާ؟

ރޯދައަށް ހުރެފައި މުރުތައްދުވެއްޖެނަމަ، އެމީހާގެ ރޯދަ ބާޠިލުވާހުށްޓެވެ. އަދި އެމީހާ އަލުން އިސްލާމްވުމަށްފަހު އެރޯދަ ޤަޟާކުރަންޖެހޭނެއެވެ.

ޢިލްމުވެރިން ވަނީ މިކަމުގެ މައްޗަށް އިޖުމާޢު ނަޤުލުކުރައްވާފައެވެ. އިޖުމާޢު ނަޤުލުކުރައްވާފައިވާ ބޭކަލުންގެ ތެރޭގައި އިބްނު ޤުދާމާ އާއި އަންނަވަވީ ވެއެވެ.(9)

_________________________

(1) مجموع الفتاوى: (22/ 46).

(2) الجامع لأحكام القرآن للقرطبي: (2/ 300)، الإنصاف للمرداوي: (3/ 282).

(3) المبسوط للسرخسي: (3/ 74)، التاج والإكليل للمواق: (2/ 413)، المجموع للنووي: (6/ 252)، الفروع لابن المفلح: (4/ 429).

(4) المغني لابن قدامة: (3/ 162)، نيل الأوطار للشوكاني: (4/ 200).

(5) المبسوط للسرخسي: (3/ 74).

(6) مجموع فتاوى ورسائل العثيمين: (19/ 97).

(7) البحر الرائق لابن نجيم: (5/ 137)، الكافي لابن عبد البر: (2/ 1090)، الإنصاف للمرداوي: (1/ 391).

(8) الفتاوى الكبرى لابن تيمية: (2/23).

(9) المغني لابن قدامة: (3/ 24)، المجموع للنووي: (6/ 347).

____________________________

ރޯދައާގުޅޭ ޢިލްމީ ޚަޒާނާއިން (1)