[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށްވަޅުގެ ތިންސުވާލު – ތިން އަޞްލުގެ ޝަރަޙަ 3

ކަށްވަޅުގެ ތިންސުވާލު

ކަށްވަޅުގެ ތިން ސުވާލާބެހޭ މަޢުލޫމާތުކޮޅެއް ޝަރަހާގައި މިގެނެސްދެނީ މި ރިސާލާ ބިނާކުރައްވާފައިވަނީ އެތިން ސުވާލުގެ ޖަވާބުގެ މައްޗަށް ކަމުގައިވާތީއެވެ.

ކަށްވަޅުގެ ފިތުނަވެރިކަން، ކަށްވަޅުގެ ޢަޛާބާއި ނިޢުމަތް އަދި ދެމަލާއިކަތުންގެ ސުވާލުކުރެއްވުމަކީ އެކަންކަމާމެދު ސުންނަތްޖަމާޢަތުގެ އަހުލުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ކަންކަމެވެ. އެއީ ކީރިތި ޤުރުއާނުންނާއި މޫރިތި ސުންނަތުން އެކަންކަމުގެ ދަލީލު ސާބިތުވެގެންވާކަމަށްޓަކައެވެ.

ކަށްވަޅުގައި ފިތުނަވެރިކަން (އިމްތިޙާންކުރެއްވުން) ކުރިމަތިލާންޖެހޭނެކަމުގެ ދަލީލަކަށް ޢިލްމުވެރިން ކީރިތި ޤުރުއާނުގެ މިލިޔާ އާޔަތް، ގެންނަވާފައިވެއެވެ.  يُثَبِّتُ اللَّهُ الَّذِينَ آَمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآَخِرَةِ (إبراهيم 28) ‘ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ސާބިތުވެގެންވާ ޙައްޤުބަހުން އީމާންވީ މީހުންނަށް ﷲ ސާބިތުކަން ދެއްވަތެވެ.’

މިއާޔަތުގައި ﷲ އީމާންވީ މީސްތަކުން އާޚިރަތުގައި ސާބިތުކުރައްވާ ވާހަކައަކީ ކަށްވަޅުގައި ސުވާލުކުރެވެމުންދާއިރު ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުން ރަނގަޅު ޖަވާބުގެ މަތީގައި ސާބިތުކުރައްވާ ވާހަކަކަމަށް މިއާޔަތުގެ ތަފްސީރުގައި ބަޔާންވެގެންވެއެވެ. (1)

ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. ދުނިޔޭގެ ޙަޔާތުގައި ޘާބިތުކުރެއްވުމަކީ ހެޔޮކަމާއި ޞާލިޙް ޢަމަލުގައި ޘާބިތުކުރެއްވުމެވެ. އާޚިރަތުގައި ޘާބިތުކުރެއްވުމަކީ ކަށްވަޅުގެ ސުވާލުގެ ވަޤުތުގައި ޘާބިތުކުރެއްވުމެވެ. (2)

ކަށްވަޅަކީ އާޚިރަތުގެ މަންޒިލްތަކުގެ ތެރެއިން ފުރަތަމަ މަންޒިލެވެ. ކަށްވަޅުގެ ފިތުނައިން ސަލާމަތްވެއްޖެނަމަ އާޚިރަތުގެ ދެންހުރި މަންޒިލުތައް ފަސޭހަވެގެންވާހުއްޓެވެ. ކަށްވަޅުގެ ފިތުނައިގެ މަންޒިލުން ނަޖާ ނުވި ނަމަ އާޚިރަތުގެ ބާކީ ހުރި މަންޒިލުތައް އޭނާގެ މައްޗަށް ތުރާވެގެންވާ ހުއްޓެވެ.

عَنْ الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْمُسْلِمُ إِذَا سُئِلَ فِي الْقَبْرِ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ فَذَلِكَ قَوْلُهُ { يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ } (3) އަލްބައްރާއު ބިން ޢާޒިބްގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ‘މުސްލިމަކާ ކަށްވަޅުގައި ސުވާލުކުރެވިއްޖެނަމަ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންކުރެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އޭނާ ހެކިވާނެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅުގައި ވާފަދައިންނެވެ. “ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ސާބިތުވެގެންވާ ޙައްޤުބަހުން އީމާންވީ މީހުންނަށް ﷲ ސާބިތުކަން ދެއްވަތެވެ”‘

ޤަބްރުގައި އިންސާނާއާ ފިތުނަވެރިކަން ކުރިމަތި ކުރެވޭނެކަމަށް ދަލީލުކުރާ ޙަދީޘްތައް މުތަވާތިރުކޮށް އައިސްފައިވެއެވެ. (4)

އޭގެތެރެއިން އަސްމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ ޙަދީޘްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِنَّهُ قَدْ أُوحِيَ إِلَيَّ أَنَّكُمْ تُفْتَنُونَ فِي قُبُورِكُمْ مِثْلَ أَوْ قَرِيبًا مِنْ فِتْنَةِ الدَّجَّالِ (رواه البخاري (184) ومسلم (905))  ‘ހަމަކަށަވަރުން ދައްޖާލުގެ އިމްތިޙާނުފަދަ އިމްތިޙާނަކުން ނުވަތަ އެއާ ކައިރިކުރާ އިމްތިޙާނަކުން ތިޔަބައިމީހުން ތިޔަބައިމީހުންގެ ކަށްވަޅުތަކުގައި އިމްތިޙާންކުރެވޭނެކަމަށް ތިމަންކަލޭގެފާނަށް ވަޙީ އިއްވެވިއްޖެއެވެ.’

ފަހެ ދައްޖާލުގެ އިމްތިޙާނަކީ އެންމެ ބޮޑު އިމްތިޙާނެވެ. ކަށްވަޅުގެ އިމްތިޙާނު ދައްޖާލުގެ އިމްތިޙާނާ އެއްފަދަކުރައްވާފައިވުމުން ނުވަތަ އެއާ ކައިރިކުރާ އިމްތިޙާނަކުން އިމްތިޙާންކުރައްވާ ވާހަކަ މި ޙަދީޘްގައި އައިސްފައިވުމުން ކަށްވަޅުގެ އިމްތިޙާނުގެ ނުރައްކާތެރިކަމާއި އެކަމުގެ ބޮޑުކަން ދޭހަވެއެވެ.

އެހެން ޙަދީޘެއްގައި ވެއެވެ. عَنْ هَانِئٍ مَوْلَى عُثْمَانَ قَالَ: سَمِعْتُ عُثْمَانَ بْنِ عَفَّانَ رَضِيَ اللَّهُ عَنْهُ يَقُولُ: مَرَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم بِجِنَازَةٍ عِنْدَ قَبْرٍ وَصَاحِبُهُ يُدْفَنُ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم: «اسْتَغْفِرُوا لِصَاحِبِكُمْ وَسَلُوا اللَّهَ لَهُ التَّثْبِيتَ فَإِنَّهَ الْآنَ يُسْأَلُ (5) ޢުޘްމާނު ރަޟިޔަﷲ ޢަންހުގެ މައުލާ (އަޅު) ހާނީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ޢުޘްމާނު ރަޟިޔަﷲ ޢަންހު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. ޖަނާޒާއެއް ހިނގަމުންދިޔަ ވަޤުތު މައްޔިތަކު ވަޅުލުމުގެ ކަންތައްކުރަމުންދިޔަ ބައެއްގެ ކައިރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ އެކުވެރިޔާގެ ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދޭށެވެ. ހަމަކަށަވަރުން އޭނާއާ މިހާރު އެބަސުވާލުކުރެވެއެވެ.”

މި ޙަދީޘްގައި އައިސްފައިމިވާ ސުވާލުކުރެވުމުގެ މުރާދަކީ ކަށްވަޅުގެ ތިންސުވާލު ކުރެވުމުގެ ވާހަކައެވެ.

(ނުނިމޭ)

 *************************************************************

1- تفسير القرآن العظيم لابن كثير ، المجلد الثامن, طبعة دار عالم الكتب ص 199

2- تفسير القرآن العظيم لابن كثير ، المجلد الثامن, طبعة دار عالم الكتب ص 211

3- صحيح البخاري، كتاب التفسير باب يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ

4- انظر شرح الطحاوية لابن أبي العز, إثبات عذاب القبر للبيهقي, الروح لابن القيم, أهوال القبور لابن رجب الحنبلي, وقطف الأزهار في كشف الأسرار للسيوطي

5- رواه أبو داود 3221 والبراز 445 والحاكم 1/370  وصححه من حديث عثمان بن عفان وقال النووي في الخلاصة 2/1028 والأذكار ص 236 إسنادة حسن, وحسنه ابن حجر كما في الفتوحات الربانية 4/193