[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ކުރަކި ހަންގަނޑު

 

އަޔާޝްގެ މަންމަ އަޔާޝްގެ ކޮއްކޮ ފެންވަރުގެންއައިސް ގައިގައި ލޯޝަން އުނގުޅާ މަންޒަރުފެނުމުން ބަލަހައްޓައިގެން އިނދެ ކޮއްކޮގެ ގައިގައި ފިރުމާލިއެވެ. އަދި އަހާލިއެވެ.

އަޔާޝް: މަންމާ! ކޮއްކޮގެ ފައިވެސް އަތްވެސް ހާދަ އޮމާނޭ. ކީއްވެގެންތޯ އަޅުގަނޑުގެ ހަންގަނޑު އޮމާން ނޫނީ. (ހަތް އަހަރުގެ އަޔާޝް ގައިގައި އަތްކާއްތާލަމުން އަހާލިއެވެ.)

މަންމަ: ދަރިފުޅާ! ލޯޝަން އުނގުޅީމަވެސް ހަންގަނޑު އޮމާންވާނެ.

އަޔާޝް: މަންމާ! އެކަމަކު އަޅުގަނޑު ކޮންމެ ދުވަހަކު ތިންއިރު ފެންވަރައިގެން ލޯޝަން އުނގުޅަމެއްނޫންތޯ. އަދި ބައެއްދުވަސްދުވަހު އެއަށްވުރެންވެސް ގިނައިން އުނގުޅަން. އެކަމަކުވެސް ކޮއްކޮގެ ހަންގަނޑު މާ އޮމާން.

މަންމަ: އެހެންވީމަ ދަރިފުޅު މިކަމަށް ވަރަށް ގިނައިން ވިސްނައިފިން ދޯ.

އަޔާޝް : ލައްބަ.

މަންމަ: ދަރިފުޅާ! ދަރިފުޅު އަޑުއަހަންތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާން ވާންޖެހޭނެޔޭ ބުނާ އަޑު.

އަޔާޝް: ލައްބަ، މަންމާ. އެއީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް.

މަންމާ: ވަރަށް ރަނގަޅު. ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގެ ތެރޭގަ ހިމެނޭކަމެއް އިންސާނުންގެ ގައިގައި ހުންނަ މިކަހަލަ ކަންތައްތަކަށް ޝަކުވާނުކޮށް ރުހިގެން ހުރުމަކީވެސް. އެހެންވީމަ ދަރިފުޅުގެ ހަންގަނޑާ ކޮއްކޮގެ ހަންގަނޑު ތަފާތު ވީމަ އެކަމާ ފިކުރު ނުކުރޭ. ދަރިފުޅު މިހާރުވެސް ކަންތައް ތިކުރާގޮތަށް ރީތިކޮށް ފެންވަރައިގެން ލޯޝަން އުނގުޅާ ތާޒާކޮށް ބެހެއްޓީމަ         ރަނގަޅުވާނެ.

އަޔާޝް: މަންމާ. އަޅުގަނޑުގެ ކުލާހުގެ ބައެއް ކުދިންވެސް އަޅުގަނޑާ ދިމާލަށް ކިޔާނެ އަޔާޝްގެ ހަންގަނޑު ހުންނަނީ އެހެން ގޮތަކަށޭ.

މަންމާ: އެކުދިންނަށް ބުނެދޭތި އެކިކުދިން ހުންނަނީ އެކި ގޮތަށޭ. އަތުގެ ފަސް އިނގިލި ވެސް އެކިމީހުން ތަފާތޭ. ދަރިފުޅުގެ ހަންގަނޑު ކުރަކިވިޔަސް އެކަމާ ދެރަ ނުވާތި. ދަރިފުޅަށް އިނގޭތަ ދުނިޔޭގައި އުޅޭ ލޮލަށް ނުފެންނަ މީހުން، ކަންފަތަށް އަޑު ނުއިވޭ މީހުން، ފައި ނުހުންނަމީހުން، އަތްނުހުންނަ މީހުން. މިހެން ގޮސް މިކަހަލަ ކިތައްމެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުން އުޅޭ. އެހެންވީމަ މިކަންތައްތަކާ އަޅާ ބަލާއިރު ހަންގަނޑު ކުރަކިވުން ނުވަތަ އޮމާން ނުވުން އެއީ ވަރަށް ކުޑަކަމެއްނު ދޯ.

އަޔާޝް: ލައްބަ. މަންމާ. އަޅުގަނޑަށްވެސްއިނގޭ. އަޅުގަނޑުމެން ސްކޫލުން ގެއަށްއަންނައިރު ފެނޭނޫންތޯ އެއްއަތް ނުހުންނަމީހެއް.

މަންމަ: އާނ. ދަރިފުޅުވެސް ހަނދާން ވެއްޖެ ދޯ. އެހެންވީމަ ދަރިފުޅުގެ ހަށިގަނޑުގެ ގުނަވަންތައް ހަމަޔަށް ލެއްވީތި ﷲ އަށް ޝުކުރުކުރޭ. ދަރިފޅުގެ ހަށިގަނޑުގައި ހުރި  އުނިކަންތަކާ ޝަކުވާކުރުމުގެ ބަދަލުގައި ލެއްވި ރަޙްމަތް ހަނދާންކުރުން ބުއްދިވެރި.

އަޔާޝް: ލައްބަ މަންމާ. އަޅުގަނޑަށް ވިސްނިއްޖެ. އިންޝާﷲ ދެން އެކަހަލަ ޝަކުވާ ނުކުރާނަން.

މަންމަ: (އަޔާޝްގެ ބޮލުގައި ފިރުމާލަމުން) ދަރިފުޅަށް ވިސްނުނީތީ މަންމަ ވަރަށް އުފާވެއްޖެ. މަންމަގެ އަބަދުގެ ދުޢާއަކީ ދަރިފުޅަކީ މިންވަރަށް އީމާންވެ، ޝުކުރުކުރާ، އަޚްލާޤު ރަނގަޅު ކުއްޖަކަށްވުން.

މަންމަގެ ހެޔޮދުޢާއާއި އަޔާޝްގެ ކިޔަމަންތެރިކަމުގެ ސަބަބުން އަޔާޝްއަކީ ވަރަށް ބަސްއަހާކިޔަމަންތެރި ކުއްޖެކެވެ. ވަކިންޚާއްޞަކޮށް ކުދިކުދި ކަންތަކާ އަބަދު ޝަކުވާ ކުރުމުގެ ބަދަލުގައި ވިސްނުންތެރި، ޝުކުރުކުރާ ކުއްޖެކެވެ.