[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޝައްވާލުމަހުގެ ހަރޯދައާއި، ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގެ ރޯދައަށް އެކީ ނިޔަތް ގަނެ، އެއްދުވަސްތަކެއްގައި ހިފުން

ޝައްވާލުމަހުގެ ހަރޯދައިގެ ތެރެއިން ތިން ރޯދަ، އަލްބީޟުގެ(ހަނދުމަހުގެ 13 14 15 ވަނަވަދުވަހުގެ) ރޯދައާ، އެއްނިޔަތެއްގައި ހިފައިފި މީހަކަށް އެކަމުގެ މާތްކަން ޙާޞިލުވާނެ ހެއްޔެވެ؟

އަޅުގަނޑުމެންގެ ޝައިޚު ޢަބްދުލްޢަޒީޒު ބުން ޢަބްދުﷲ ބުން ބާޒް رحمه الله އާ މިކަމާ ބެހޭ ގޮތުން ސުވާލުދެންނެވީމެވެ. ފަހެ ޖަވާބުގައި ޝައިޚު ވިދާޅުވީ:

އޭނާއަށް [އެކަމުގެ ޘަވާބު ލިބޭނެކަމަށް] އުންމީދުކުރެވެއެވެ. އެހެނީ އޭނާ ޝައްވާލުމަހުގެ ހަރޯދަ ހިފައިފިއެވެ. ހަމަ އެފަދައިން ހަމަކަށަވަރުން އޭނާ އަލްބީޟުގެ (ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގެ) ރޯދަ ހިފައިފިއެވެ. އަދި ﷲ ގެ ފަޟްލުވަންތަކަން ތަނަވަސްވެގެންވެއެވެ.

އަދި ހަމަ މިމައްސަލާގައި ފަޟީލަތުއް ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله، އަޅުގަނޑަށް އަންނަނިވި ޖަވާބުދެއްވިއެވެ:
އާނއެކެވެ. ޝައްވާލުމަހުގެ ހަރޯދަ ހިފުމުން އަލްބީޟުގެ (ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގެ) ރޯދަ އޭނާގެ ކިބައިން އަދާވީއެވެ. އެއީ އަލްބީޟުގައި (ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގައި) ރޯދަ ހިފިނަމަވެސް ނުވަތަ އޭގެ ކުރިން ނުވަތަ ފަހުން ހިފިނަމަވެސްއެވެ. އެހެނީ އޭނާ މަހުގެ ތިން ދުވަހު ރޯދަ ހިފިމީހުންގެ ތެރެއިން ހިމެނުނީއެވެ. އަދި ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ކޮންމެ މަހަކުވެސް ތިން ދުވަހެއްގައި ރޯދަ ހިއްޕަވައެވެ. ރޯދަ ހިއްޕަވަނީ މަހުގެ ކުރީކޮޅުގައިތޯ ނުވަތަ މެދުތެރޭގައިތޯ ނުވަތަ ފަހުކޮޅުގައިތޯ އެކަލޭގެފާނު ފަރުވާލެއް ނުބަހައްޓަވައެވެ.” [1]

އެއީ ރަވާތިބު ސުންނަތްކުރުމުން ތަޙިއްޔަތުލް މަސްޖިދު އަދާވުންފަދަކަމެކެވެ. ފަހެ މީހަކު މިސްކިތަށްވަދެ ރަވާތިބު ސުންނަތެއް ކޮށްފިނަމަ އޭނާއަށް ތަޙިއްޔަތުލް މަސްޖިދު އަދާވީއެވެ…

والله أعلم .

އައްޝައިޚު މުޙައްމަދު ޞާލިހު އަލްމުނައްޖިދު

_____________________________

މިފަތުވާގެ އަޞްލު ބައްލަވާ:  ލިންކު1 (އިނގިރޭސި)، ލިންކު2 (ޢަރަބި)

[1] މިތަނުގައި އިޝާރާތް ކުރައްވަނީ އަންނަނިވި ޙަދީޘަށެވެ.

ޢާއިޝާ رضي الله عنها އާ ސުވާލު ދެންނެވުނެވެ.

أَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ ثَلَاثَةَ أَيَّامٍ مِنْ كُلِّ شَهْرٍ؟ قَالَتْ: «نَعَمْ»، قُلْتُ مِنْ أَيِّهِ كَانَ يَصُومُ؟ قَالَتْ: «كَانَ لَا يُبَالِي مِنْ أَيِّهِ صَامَ» [رواه الترمذي وصححه الألباني]

މާނައީ:  ރަސޫލުﷲ صلى الله عليه وسلم ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިއްޕަވާ ހެއްޔެވެ؟” އެކަމަނާ ދެންނެވިއެވެ. “އާއެކެވެ.” (ޙަދީޘް ރިވާކުރެއްވި ރާވީ) އެކަމަނާއަށް ދެންނެވިއެވެ. ރޯދަ ހިއްޕެވީ މަހުގެ ކޮން ދުވަސްތަކެއްގައި ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. “ކުރީ ކޮޅުގަތޯ ފަހު ކޮޅުގައިތޯ ނުވަތަ މެދު ތެރޭގައިތޯ ހިއްޕަވަނީ މާ ބޮޑަށް ނުބައްލަވައެވެ.”