[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިސްމި އިން ފެށުން – ތިން އަޞްލުގެ ޝަރަޙަ 5

މަތަނުގެ ތަރުޖަމާ

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

ދުނިޔޭގައި އަޅުތަކުންގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސްވެގެންވާ، އަދި މުއުމިނުންނަށް ޚާއްޞަގޮތެއްގައި ޤިޔާމަތްދުވަހުން ރަޙްމަތް ވާޞިލްކޮށްދެއްވާ، އިލާހު(ﷲ)ގެ އިސްމުފުޅުގެ ބަރަކާތުން ވާގިއެދި ފަށަމެވެ.

 ޝަރަޙަ

ލިޔުންތެރިޔާ ރަޙިމަހުﷲ މިރިސާލާ ފައްޓަވާފަވަނީ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ އިންނެވެ. އެއީ ކީރިތި ޤުރުއާނަށާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އިޤްތިދާވުމުގެ ގޮތުންނެވެ. އެހެނީ ކީރިތި ޤުރުއާން ލިޔެފައިވާ މުޞްޙަފު ފެށިފައިވަނީ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ އިންނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު އެކި އެކި ރަސްރަސްކަލުންނަށާއި އަމީރުންނަށް ފޮނުއްވެވި އެކިއެކި ފަތްކޮޅުތަކާއި(ސިޓީތަކާއި) އެކަލޭގެފާނު ލިޔުއްވި ލިޔުންތައް ފައްޓަވާފައިވަނީ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ އިންނެވެ. ޞަޙީޙުލް ބުޚާރީގެ (ވަޙީ ބާވައިލައްވަން ފެއްޓެވުމުގެ ވާހަކަ ނަންގަތް ބާބު) ގައި އައިސްފައިވެއެވެ. ” بسم الله الرحمن الرحيم مِنْ محمد عبدالله ورسوله إلى هرقل عظيم الروم … “[13] ‘ރަޙްމާންވަންތަ، ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެ ކިބައިން ރޫމީންގެ ވެރިޔާ ހިރަޤުލްއަށް…..’

 ސުލައިމާނު ޢަލައިހިއްސަލާމް ސަބާގެ ރާނީ ބަލްޤީސްއަށް ލިޔުއްވިއިރު ފެއްޓެވީވެސް بِسْمِ اللهِ الرَّحْمَنِ الرَّحِيمِ އިންނެވެ. قَالَتْ يَا أَيُّهَا الْمَلَأُ إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ * إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ * أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ -النمل: ٢9–31 ‘އެކަމަނާ ބުންޏެވެ. އޭ ޤައުމުގެ ބޮޑުންނޭވެ! ހަމަކަށަވަރުން، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ. * އެއީ، ހަމަކަށަވަރުން، ސުލައިމާން(ޢަލައިހިއްސަލާމް)ގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށަމެވެ.* ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، އިސްލާމްވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!’

 އެހެންކަމުން بِسْمِ اللهِ الرَّحْمَنِ الرَّحِيمِ އިން ފެށުމަކީ އެއީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެކެވެ. އަދި އެއީ އިތުރު އެކަލޭގެފާނުގެ ކުރީގެ ރަސޫލުންގެ ސުންނަތެއްވެސް މެއެވެ.

 بِسْمِ اللهِ الرَّحْمَنِ الرَّحِيمِ މި ޢިބާރާތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތިން ނަންފުޅު ހިމެނިގެންވެއެވެ. އެއީ ﷲ، އައްރަޙްމާން، އަދި އައްރަޙީމެވެ.

 ﷲ މިލަފްޡު ނެގިފައިވަނީ އިލާހު މިލަފްޡުންނެވެ. އޭގެ މާނައަކީ ނިކަމެތިކަމާއެކު އެފަރާތަކަށް ރައްކާތެރިކަމަށް އެދެވޭ ފަރާތެވެ. ނުވަނަ އަޅުކަމުގެ ގޮތުން އެފަރާތަކަށް ލެނބެވޭ ފަރާތެވެ.

 އައްރަޙްމާންއަކީ ހުރިހާ މަޚްލޫޤުންގެ މައްޗަށް އެފަރާތުގެ ރަޙްމަތް ތަނަވަސްވެގެންވާ ފަރާތެވެ. މިއީ ހަމައެކަނި ﷲ ސުބްޙާނަހޫ ތަޢާލާއަށް ޚާއްޞަވެގެންވާ ނަންފުޅެކެވެ. ކީރިތި ޤުރުއާނުގައި މިނަންފުޅު ތަކުރާރުވެފައިވެއެވެ. ވަޙީކުރެއްވިއެވެ. الرَّحْمَنُ عَلَى الْعَرْشِ اسْتَوَى– طه ٥ ‘އައްރަޙްމާން ޢަރުޝިއަށް އިސްތަވާވެވޮޑިގަންނަވައިފިއެވެ.’ އަދިވެސް ވަޙީކުރައްވާފައިވެއެވެ. وَإِذَاقِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَاالرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورًا– الفرقان:  ٦٠ ‘އަދި އައްރަޙްމާން (ރަޙްމާންވަންތަ އިލާހު) އަށް ތިޔަބައިމީހުން ސަޖިދަކުރާށޭ އެބައިމީހުންނަށް ބުނެވުނު ހިނދު އެބައިމީހުން ބުންޏެވެ. އައްރަޙްމާން (ރަޙްމާންވަންތަ އިލާހު) އަކީ ކޮންފަރާތެއްހޭ؟ ކަލޭގެފާނު އަހަރެމެންނަށް އަމުރުކުރައްވާ އެއްޗަކަށް އަހަރެމެން ސަޖިދަކުރާނޫ ހެއްޔެވެ؟ އަދި އެބައިމީހުންގެ ނަފުރަތު ދިޔައީ އިތުރުވެގެންނެވެ.’

 އައްރަޙީމް އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅެކެވެ. އިޠްލާޤުކުރެވެނީ އެއިލާހުގެ އަޅުތަކުންގެ ތަކުންގެ ތެރެއިން އެއިލާހު ބޭނުންވެވޮޑިގެންވާ އަޅަކަށް ލައްވާ ރަޙްމަތެވެ. ޤިޔާމަތްދުވަހުގައި އެއިލާހަށް އީމާންވީ މީހުންނަށް އެއިލާހު ލައްވާ ޚާއްޞަ ރަޙްމަތް ހިމެނެނީ މީގެތެރޭގައެވެ.

 އައްރަޙީމް މި ލަފްޒު ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން އައިސްފައިވެއެވެ. ވަޙީކުރައްވާފައިވެއެވެ. يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ- العنكبوت- 21 ‘އެއިލާހު އިރާދަކުރައްވާ އަޅަކަށް ޢަޛާބު ދެއްވައެވެ. އަދި އެއިލާހު އިރާދަކުރައްވާ އަޅަކަށް ރަޙުމަތް ލައްވައެވެ. އަދި ތިޔަބައިމީހުން އެނބުރި ދާހުށީ އެއިލާހުގެ ޙަޟްރަތަށެވެ.’

 އެހެން އާޔަތެއްގައި ވެއެވެ. وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا-الأحزاب 34 ‘އަދި އީމާންވިމީހުންނަށް ރަޙީމްވަންތަ އިލާހަކު ކަމުގައި އެއިލާހުވިއެވެ.’

 އައްރަޙްމާން މި ލަފްޒު ހަމައެކަނި ﷲ އަށް ނިސްބަތްކުރެވުނު ކަމުގައިވިޔަސް ރަޙީމް މިބަސްފުޅު އެއިލާހުގެ ބައެއް މަޚްލޫޤުން ޞިފަކުރުމުގައިވެސް ބޭނުންކުރެވެއެވެ. ވަޙީކުރެއްވިއެވެ .لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ–التوبة128 ‘ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށްވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެމައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. އީމާންވީމީހުންނަށް ނުހަނު އޯގާވެރި، ރަޙްމުހުރި ބޭކަލެކެވެ.’

 އަހަރެމެން ކުރާ ހުރިހާ ރަނގަޅުކަމެއް ކުރަން ފަށާއިރު ބިސްމިއިން ފެށުމަކީ އެކަމުގައި ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އެއީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެއް ދިރުވުންވެސް މެއެވެ.

=ނުނިމޭ=

13 –  “صحيح البخاري ” : (رقم 7) ، “صحيح مسلم” : (رقم 1773) ، من حديث ابن عباس – رضي الله عنهما