[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަޢުދު ބުން މުޢާޛު رضي الله عنه (2)

ކޮންމެއަކަސް މުސްލިމުން ބަދުރުގެ މައިދާނުގައި މުޝްރިކުންނާއި ކުރިމަތިލައި ބޮޑުވެގެންވާ ނަޞްރަކުން ނަޞްރު ހޯދިއެވެ.

އެއަށްފަހު ދެން މުސްލިމުންނާ ކުރިމަތިވީ އުޙުދު ހަނގުރާމައެވެ. އެހަނގުރާމާގައި، ހަނގުރާމާގެ ކުރީކޮޅު މުސްލިމުންނަށް ނުހަނުބޮޑު ނަޞްރާއި ކާމިޔާބު ލިބުނެވެ. ނަމަވެސް ފަރުބަދަމަތީގައި ތިބުމަށް رسول الله صلى الله عليه وسلم އަމުރުކުރެއްވި ދުނިދަނޑިވެރިން، އެކަލޭގެފާނުގެ އެންގެވުމާ ޚިލާފުވުމުގެ ސަބަބުން މުޝްރިކުންގެ ކުއްލި ހަމަލާތަކާއި މުސްލިމުންނަށް ކުރިމަތިލާންޖެހުނެވެ. އެވަގުތުގައިވެސް ސަޢުދު ބުން މުޢާޛު رضي الله عنه، رسول الله صلى الله عليه وسلم ގެ އަރިހުގައި، އެކަލޭގެފާނު ދިފާޢުކުރެއްވުމުގައި ޘާބިތުވެވަޑައިގެން ހުންނެވިއެވެ.

ސަޢުދުގެފާނުގެ ޖެހިލުންކުޑަކަމާއި ހިތްވަރުފުޅު ގަދަކަން އެންމެ ބޮޑަށް ފެނިގެންދިޔަ، އަދި އެހަނގުރާމައެއްގައި އެކަލޭގެފާނުގެ ހަށިކޮޅުން ޒަޚަމްވީ ތަންތަނުގެ ސަބަބުން އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވި ހަނގުރާމައަކީ ޚަންދަޤު ހަނގުރާމައެވެ.

ޚަންދަޤު ހަނގުރާމައަކީ މަދީނާގައި ތިބި ޔަހޫދީން ވެފައިވާ އެއްބަސްވުމަކަށް ބެލުމެއްނެތި މުސްލިމުންނާ ދެކޮޅަށް ރޭވި ނުހަނު ހީލަތްތެރި، މަކަރުވެރި ރޭވުމެއްގެ ނަތީޖާއެވެ. މިބައިމީހުންގެ ބޮޑުން މައްކާއަށް ގޮސް رسول الله صلى الله عليه وسلم އާ ދެކޮޅަށް ނުކުތުމަށް ޤުރައިޝުންނަށް ހިތްވަރުދިނެވެ. އަދި މަދީނާއަށް ހަމަލާދިނުމަށް ޤުރައިޝުން ނުކުމެއްޖެނަމަ، މިބައިމީހުންނަށް ވެވެންއޮތްގޮތަކުން ޤުރައިޝުންނަށް އެހީވާނެކަމަށް ބުނެ އެގްރީމެންޓެއްގައި ސޮއިކޮށް ހަނގުރާމައިގެ ރޭވުންތަށް ރޭވިއެވެ. އަދި މިބައިމީހުން އަނބުރައި މަދީނާއަށް ދިޔަ މަގުމަތީގައި، ޢަރަބީންގެ އެންމެބޮޑު ޤަބީލާކަމަށްވާ ބަނީ ޤަތުފާން ވަންހައިގެ މީހުންނަށްވެސް ނަސޭހަތްދީ އެބައިމީހުން ހައްލައި، ކުރެވެން މިއުޅޭ ހަނގުރާމާގައި އެހީތެރިވެދިނުމަށް އެއްބަސްކުރުވިއެވެ. މިބައިމީހުން ނިންމާފައިއޮތީ ޤުރައިޝުންނާއި ޤަތުފާނުގެ މިބޮޑު ލަޝްކަރު މުސްލިމުންނާ ހަމަލާދިނުމުން، މަދީނާގައި ތިބި ޔަހޫދީންތައްވެގެން މަދީނާގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި ފަސާދަކޮށްލުމަށެވެ.

رسول الله صلى الله عليه وسلم އަށް މިބައިމީހުންގެ މި މަކަރުވެރި ރޭވުން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ޞަޙާބީންގެ ލަފައިގެ ދަށުން މިބައިމީހުންނާ ދެކޮޅަށް ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމާއިގެން މަޝްޣޫލުވެވަޑައިގަތެވެ. އެންމެ ފުރަތަމަވެސް އެކަލޭގެފާނު އަމުރުފުޅުކުރެއްވީ މަދީނާގެ ވަށައިގެން ޚަންދަޤެއް ކޮންނެވުމަށެވެ. އެއަށްފަހު މަދީނާގެ ޤަބީލާއެއްކަމަށްވާ ބަނީ ޤުރައިޟާގެ މީހުން މިހަނގުރާމާގައި ތާޢީދުކުރަނީ ކޮންކަމަކަށްތޯ ޔަޤީންކުރެއްވުމަށްޓަކައި، ސަޢުދު ބުން މުޢާޛާއި ސަޢުދު ބުން ޢުބާދާ، ކަޢުބު ބުން އަސަދުގެ ގާތަށް ފޮނުއްވެވިއެވެ. އެހެނީ ބަނީ ޤުރައިޟާގެ ޔަހޫދީންނާއި، މުސްލިމުންނާ ދެމެދު މާކުރީއްސުރެ ވަނީ މުޢާޙަދާއެއްގައި ސޮއިކުރެވިފައެވެ. ކޮންމެއަކަސް މިދެބޭކަލުން މިބައިމީހުންގެ ބޮޑުންގެ ގާތަށް ދިއުމުން ދިނީ ނުހަނު ހައިރާން ކުރަނިވި ޖަވާބެކެވެ. ނުބައި ނުލަފާ ޔަހޫންދީންތައް ބުންޏެވެ. “އަހަރުމެން މުޙައްމަދާއެކު އެއްވެސް އެގްރީމެންޓެއްގައި ސޮއެއް ނުކުރަމަވެ.”

މަދީނާގެ އަހުލުވެރިން، މިފަދަ ނުރައްކާތެރި ހަނގުރާމައަކަށް ކުރިމަތިކުރުވުމަކީ رسول الله صلى الله عليه وسلم އަށް ނުހަނު އުނދަގޫފުޅުވެ ވަޑައިގެން ކަމެކެވެ. އެހެންކަމުން އެކަލޭގެފާނު ގަސްތުކުރެއްވީ ކޮންމެވެސްގޮތަކުން ބަނީ ޤަތުފާންގެ މީހުން މިހަނގުރާމައިން ދުރުކުރެވޭތޯއެވެ. އޭރުން އިދިކޮޅު ލަޝްކަރުން ދެބައިކޮށްފަ އެއްބައި އުނިވާނެކަމަށްޓަކައެވެ.

މިގޮތުން އެކަލޭގެފާނު ބަނީ ޤަތުފާންގެ ބޮޑުންނާ ބައްދަލުވުމެއް ބޭއްވެވިއެވެ. އަދި ހަނގުރާމާގައި ބައިވެރިނުވާމަތިން މަދީނާގެ ދަނޑުބިމުގެ ތިންބައިކުޅަ އެއްބައި މިބައިމީހުންނަށް ދެއްވާނެކަމަށް ހުށައެޅުއްވިއެވެ. މިބައިމީހުން މިގޮތަށް އެއްބަސްވިއެވެ. ވީމާ މި އެގްރީމެންޓްގައި ކުޑަދުވަސްކޮޅެއްފަހުން ސޮއި ކުރާގޮތަށް ހަމަޖެއްސުނެވެ.

އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ ކުރިން، ޞަޙާބީންނާ މަޝްވަރާކުރެއްވުމަށް އެކަލޭގެފާނު ނިންމެވިއެވެ. އެގޮތުން މަދީނާގެ ދެލީޑަރުންކަމުގައިވާ ސަޢުދު ބިން މުޢާޛު رضي الله عنه އާއި ސަޢުދު ބިން ޢުބާދާ رضي الله عنه ގެ ލަފާފުޅަކަށް އެއްސެވިއެވެ. އެހިނދު އެދެބޭކަލުން ދެންނެވިއެވެ. “ތިޔައީ އަޅުގަނޑުމެންނަށް އިޚްތިޔާރު ލިބިގެންވާ ކަމެއްތޯއެވެ؟ ނުވަތަ ﷲ ތަޢާލާގެ ޙަޟުރަތުން އެކަލޭގެފާނަށް އަމުރުވެވިގެންވާ ގޮތް ތޯއެވެ؟” އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިއީ ތިޔަބައިމީހުންނަށްޓަކައި ތިމަންކަލޭގެފާނަށް ފެނިވަޑައިގެން ޚިޔާރުކުރެއްވި ގޮތެކެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު މިގޮތަށް މިކަންތައްކުރެއްވީ ޢަރަބީން އެބައިމީހުންގެ ލަޝްކަރު އެއްކޮށް އެއްމީހެއްފަދައިން އެކަތިގަނޑަކަށް ހަދައި، ތިޔަބައިމީހުންނާ ހަމަލާދިނުމަށް ތައްޔާރުވެފައިވާ މަންޒަރު ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާތީ، އެބައިމީހުންގެ ލަޝްކަރުގެ ބާރު އުނިކުރެއްވުމަށްޓަކައެވެ.” އެހިނދު ސަޢުދު ބުން މުޢާޛު رضي الله عنه އަށް އެބޭކަލުންގެ އީމާންކަން އިމްތިޙާންކުރެމުންދާކަމުގެ އިޙްސާސެއް ކުރެއްވުނެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އިސްލާމްދީނުގެ ހިދާޔަތް އަހަރެމެންނަށް ލިބުމުގެ ކުރީގައި މުޝްރިކުންގެ ގޮތުގައި ވީއިރުވެސް، ، އަހަރެމެންނާއި އެޔަހޫދީން އަހަރުމެންގެ ދަނޑުބިންތަކުން، އަހަރުމެން ހިތުންރުހުމުން، ނުވަތަ މެޙުމާންދާރީ އަދާކުރުމުގެ ގޮތުން ނުވަތަ ވިޔަފާރިކުރުމުގެ ގޮތުން ދިނިއްޔާ މެނުވީ އެންމެ ކަދުރު އޮށެއްގެ މިންވަރު ކާލުމަށްވެސް އެބައިމީހުން ޚިޔާލަށްވެސް ނުގެނެއެވެ. ވީމާ، الله سبحانه وتعالى އަޅުގަނޑުމެންނަށް ހިދާޔަތްދެއްކެވުމަށްފަހު، އަދި އިސްލާމްދީނާއި ކަލޭގެފާނުގެ ސަބަބުން އަހަރުމެން މާތްކުރައްވައި މަތިވެރިކުރެއްވުމަށްފަހު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފައިސާތައް އެބައިމީހުންނަށް ދޭނީ ކިހިނަކުންތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. އަޅުގަނޑުމެންނަށް މި އެގްރީމެންޓާ ނުލާވެސް މިކަންކުރެވިދާނެއެވެ. އަދި އަހަރެމެންގެ ކަންތައްތައް الله سبحانه وتعالى ހަމަޖައްސަވައިދެއްވައިފުމަށް ދާންދެން އަހަރެމެން އެބައިމީހުންނާ ހަނގުރާމަކުރުންނޫން އެހެންކަމެއް ނުކުރާނޫއެވެ.”

ސަޢުދުގެފާނުގެ މިވާހަކަފުޅު އަޑުއައްސަވައި رسول الله صلى الله عليه وسلم އެކަލޭގެފާނުގެ ނިންމެވުން ހަމަވަގުތުން ބަދަލުކުރެއްވިއެވެ. އަދި ބަނީ ޤަތުފާންގެ ބޮޑުންނަށް، އެކަލޭގެފާނުގެ ޞަޙާބީން މިއެއްބަސްވުމަށް ތާޢީދު ނުކުރައްވާ ވާހަކައާއި، ޞަޙާބީންގެ ނިންމެވުމަށް އެކަލޭގެފާނުވެސް ތާޢިދުކުރައްވާކަމަށް ވިދާޅުވިއެވެ.

________________________

ސަޢުދު ބުން މުޢާޛު رضي الله عنه (1)