[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަޢުދު ބުން މުޢާޛު رضي الله عنه (3)

މުސްލިމުން ހަނގުރާމައަށް ތައްޔާރުވާން ފަށައިފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކާފިރުންގެ ލަޝްކަރު މަދީނާއަށް ހަމަލާދިނުމަށް އަތުވެއްޖެއެވެ. އެއާއިއެކު ތަފާތު ސިފަސިފައިގައި އެކިކަހަލަ ކުރިމަތހިލުންތައް ފެށިއްޖެއެވެ. ސަޢުދުގެފާނު އެކަލޭގެފާނުގެ ކަނޑިއާއި، ލޮންސި ހިއްޕަވައިގެން ހުރެ ޅެންބައިތެއް ވިދާޅުވަމުން ގެންދެވިއެވެ. އޭގައި އެކުލެވިގެންވާ މާނައަކީ މިއެވެ. “މިހަނގުރާމަ ފެށޭނެ ދުވަހަކަށްޓަކައި އަހުރެން ނުހަނު ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ގެންދިޔައީމެވެ. މަރު، އެ އަންނަންވީވަގުތުގައި އަންނައިރު ކިހާ ރީތިހެއްޔެވެ.”

 ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލުންތައް ހޫނުވަމުން ދެއެވެ. މުޝްރިކުންގެ ހަމަލާތަކުގެ ސަބަބުން ސަޢުދުގެފާނުގެ އަތްޕުޅު ނުހަނު ބޮޑަށް ޒަޚަމްވިއެވެ. އެކަލޭގެފާނުގެ ޒަޚަމްތަކުން ހޯސްލާފައި ލޭތައް އޮހޮރެންފަށައިފިއެވެ. އެހެންކަމުން رسول الله صلى الله عليه وسلم އަމުރުކުރެއްވީ އެކަލޭގެފާނަށް ފަރުވާދިނުމަށްޓަކައި އެކަލޭގެފާނުގެ މިސްކިތްކޮޅަށް ގެންދިއުމަށެވެ. މުސްލިމުން މިބައިމީހުންގެ މި ބަޠަލާ رسول الله صلى الله عليه وسلم ގެ މިސްކިތްކޮޅަށް ގެންދިޔައެވެ. އެހެންކަމުން އެކަލޭގެފާނަށް ފަރުވާ ދެވެމުން ދިޔައީ رسول الله صلى الله عليه وسلم އާއި ނުހަނު ކައިރީގައެވެ. އެތާގައި އޮވެ ސަޢުދުގެފާނު މައްޗަށް ބައްލަވައި ﷲ އަށް ދުޢާ ކުރެއްވިއެވެ. ” އޭ އަޅަމެންގެ ވެރި ﷲ އެވެ. ޤުރައިޝުންނާ އެކު ހިނގަމުންމިދާ ހަނގުރާމަ ދިގުލައިގެންދާނަމަ، ތިމަންކަލޭގެފާނު އަދި އިރުކޮޅަކަށް ދުނިޔޭގައި ބަހައްޓަވައި، އެބައިމީހުންނާ ހަނގުރާމަ ކުރުމުގެ ފުރުޞަތު ދެއްވާށިއެވެ. އެހެނީ އިބަ އިލާހުގެ ރަސޫލާއަށް އުނދަގޫކޮށް، އެކަލޭގެފާނަށް ކާފިރުވެ އެކަލޭގެފާނު ރަށުން ބޭރުކޮށްލި މީހުންނާ ހަނގުރާމަކުރުމަށްވުރެ އަހަރެން އެދޭކަމެއްނުވެއެވެ. ނަމަވެސް ހަނގުރާމަ ވަނީ މިހާރު ނިމިފައިކަމުގައި ވާނަމަ، ތިމަންކަލޭގެފާނުގެ ޒަޚަމްތަކުގެ ސަބަބުން ތިމަންކަލޭގެފާނު ޝަހީދަކު ކަމުގައި ލައްވާށިއެވެ. އޭ ﷲ އެވެ! ބަނީ ޤުރައިޟާގެ މީހުންގެ ކިބައިން ބަދަލުހިފިއްޖައުމަށް ދާންދެން ތިމަންކަލޭގެފާނުގެ ފުރާނަ ނުހިއްޕެވުމަށް އިބައިލާހުގެ ކިބައިން ދަންނަވަމެވެ. “

އޭ ސަޢުދުގެފާނެވެ! ﷲ ތިބާއާއި އެކުގައި ވާނެތެވެ! ތިފަދަ ޙާލަތެއްގައި އުޅެ ތިޔަފަދައެއްޗެއް ބުނަންކެރޭނީ ކަލޭގެފާނު ނޫން ފަހެ ކާކަށްހެއްޔެވެ؟

الله سبحانه وتعالى އެކަލޭގެފާނުގެ މިދުޢާ ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ. ކޮންމެއަކަސް ޤުރައިޝުންގެ ލަޝްކަރު ހަނގުރާމައިން ބަލިވެގެން ލިބުނު ދެރައާއި ގެއްލުމާއިއެކު، މައްކާއަށް އެނބުރި ހިނގައްޖެއެވެ.

އެއަށްފަހު ދެން رسول الله صلى الله عليه وسلم އެކަލޭގެފާނުގެ ލަޝްކަރަށް އަމުރުކުރެއްވީ މަދީނާގައި ތިބި ޔަހޫދީންނާ ދިމާކުރުމަށެވެ. އެހެނީ އެބައިމީހުންނަކީ މުސްލިމުންނާ ކުރި މުޢާހަދާއާ ޚިލާފްވެ އެބައިމީހުން ހިތަށްއަރާ ވަގުތެއްގައި މުސްލިމުންނަށް ކެހިދީ ލަނޑުދީ ހަދާ ބައެކެވެ. މުސްލިމުންގެ ލަޝްކަރުގޮސް ޔަހޫދީން ފިލާތިބި ކިއްލާ ވަށާލިއެވެ. ޔަހޫދީން ފަންސަވީސް ދުވަހަށްފަހު މުސްލިމުންގެ މި ހިޞާރުކުރުމަށް ކެތްނުކުވެވިގެން އަމާންދީ އެތަނުން ނުކުމެއްޖެއެވެ. އެބައިމީހުން رسول الله صلى الله عليه وسلم ގެ އަރިހުން އެދުނީ އެބައިމީހުންނާއިމެދު ގޮތެއްނިންމެވުމަށްޓަކައި ސަޢުދުގެފާނަށް ދެންނެވުމަށެވެ. އެހެންކަމުން އެކަލޭގެފާނު އެތަނަށް ޙާޟިރުކުރެއްވުމަށް رسول الله صلى الله عليه وسلم އަމުރުކުރެއްވިއެވެ. ސަޢުދުގެފާނު ވަޑައިގަތުމުން رسول اللهصلىالله عليه وسلم އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “އޭ ސަޢުދެވެ. ބަނީ ޤުރައިޟާގެ މީހުންނާއިމެދު ހަދާނެގޮތެއް ކަލޭގެފާނު ވިދާޅުވާށެވެ.” އެހިނދު ސަޢުދުގެފާނު ވިދާޅުވިއެވެ. ” ތިމަންކަލޭގެފާނު ވިދާޅުވަނީ އެބައިމީހުންގެ ބޮޑުން ޤަތުލުކުރުމަށެވެ. އަދި އެބައިމީހުންގެ ކުޑަކުދިން އަސީރުންގެ ގޮތުގައި ނަގައި، އެބައިމީހުންގެ މުދާތައް މުސްލިމުންގެ މެދުގައި ބަހާލުމަށެވެ.” މިހެނަކްމުން ކަންތައް ކުރެވުނީ މިފަދައިންނެވެ.

ކޮންމެއަކަސް ސަޢުދުގެފާނުގެ ޒަޚަމްތައް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ. އެހެންކަމުން رسول الله صلى الله عليه وسلم އެކަލޭގެފާނުގެ އަރިހަށް އެއްދުވަހަކު ޒިޔާރަތެއްކުރެއްވިއެވެ. އޭރު އެކަލޭގެފާނު ވަނީ މަރަށް ޙާޟިރުވެފައެވެ. އެހިނދު رسول الله صلى الله عليه وسلم އެކަލޭގެފާނުގެ މާތް އުނގުކޮޅުގައި ސަޢުދުގެފާނުގެ ބޯފުޅު ބޭއްވެވިއެވެ. އަދި މިފަދައިން ދުޢާ ކުރެއްވެވިއެވެ. “އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ސަޢުދު ވަނީ އިބައިލާހުގެ މަގުގައި ނުހަނު ހިތްވަރުކޮށްފައެވެ. އެކަލޭގެފާނު އިބައިލާހުގެ ނަބިއްޔާއަށް އީމާންވެއެވެ. ވީމާ ރިވެތިވެގެންވާ ޤަބޫލުކުރެއްވުމަކުން އެކަލޭގެފާނުގެ ފުރާނަފުޅު ޤަބޫލުކުރައްވާށިއެވެ.” رسول الله صلى الله عليه وسلم ގެ މި ދުޢާފުޅަކީ އެކަލޭގެފާނުގެ ފުރާނަފުޅަށް ކިއުއްވި ތަޢުޒިޔާއެއްކަހަލައެވެ. ސަޢުދުގެފާނު އެކަލޭގެފާނުގެ ލޯފުޅު ހުޅުވޭތޯ މަސައްކަތްކުރެއްވިއެވެ. އެއީ އެކަލޭގެފާނަށް އެންމެފަހުން ފެންނަ މޫނަކީ رسول الله صلى الله عليه وسلم ގެ މޫނުފުޅަށް ވޭތޯއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ. ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ތިމަންކަލޭގެފާނު ހެކިވަމެވެ. “

رسول الله صلى الله عليه وسلم އެންމެ ފަހުގެ ބައްލަވާލެއްވުމުން ސަޢުދުގަފާނާ ދިމާލަށް ބައްލަވާލެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. ” އޭ އަބޫ ޢަމްރެވެ. އުފާކުރާށެވެ.”

އަބޫ ސަޢީދުލް ޙުދްރީ رضي الله عنه ވިދާޅުވިއެވެ. ” އަހަންނަކީ ސަޢުދުގެފާނު ވަޅުލުމަށްޓަކައި ވަޅުކޮނުނު މީހަކީމެވެ. ތިމަންމެން ވަޅުގެ ތަންކޮޅެއް ހަމަ ކޮނެލާއިރަށް އެތަނުން ގޮމަކަސްތޫރިވަސް ދުވަންފަށައެވެ. ވަޅުގައި އެކަލޭގެފާނު ބާއްވާތަން ކޮނެ ނިމިއްޖައުމަށްދާންދެން އެވަސް ދުވަދުވާ ހުއްޓެވެ.” ސަޢުދު އަވަހާރަވުމަކީ މުސްލިމުންނަށް ލިބުނު ވަރަށްބޮޑު ހިތާމައެކެވެ. އެބައިމީހުންނަށް ހިތްހަމަޖެހުން ލިބިގެންދިޔައީ رسول الله صلى الله عليه وسلم އެކަލޭގެފާނާ ބެހޭގޮތުން މިފަދައިން ޙަދީޘް ކުރެއްވުމުންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” ސަޢުދުގެފާނު އަވަހާރަވީހިނދު رحمن ވަންތަ އިލާހުގެ ޢަރްޝިކޮޅު ހެލިގަނެގެން ދިޔައެވެ.”     والله أعلم.

_________________________

ސަޢުދު ބުން މުޢާޛު رضي الله عنه (1)

ސަޢުދު ބުން މުޢާޛު رضي الله عنه (2)