[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދުގެ އަހުލުވެރިން

ތަވްޙީދަށްވުރެ، މާތް މަތިވެރި، ފައިދާތައް ގިނަ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔަބަކީ ތަވްޙީދުގެ މޭވާތަކުގެ ތެރެއިން މޭވާއެއްކަމުގައި މެނުވީ ނުވެއެވެ. ތަވްޙީދުގެ އަހުލުވެރިން ގިނަވެއްޖެނަމަ އުޚުވަތްތެރިކަމާއި، އަމަންއަމާންކަން ފެތުރިފައިވާ މުޖުތަމަޢަކަށް އެތަންވެގެންދެއެވެ.

އެހެންކަމުން ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބިންމަތީގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުވެގެންދަނީ، ﷲއެއްކައުވަންތަކޮށް، އެއިލާހާއި، އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމުންކަން، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޙާލަތަށް ނަޒަރު ހިންގައިލި ކޮންމެމީހަކަށްމެ އެނގިގެންދާނެއެވެ. އަދި ބިންމަތީގައި ނުބައިކަންތައް ފެތުރި، ފިތުނަފަސާދައުފެދި، ޢަދުއްވުންނަށް ގަދަކަން ލިބިގެންދަނީ، ﷲފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކޮށް، އެއިލާހާއި، އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ނުކިޔަމަންތެރިވުމުގެ ސަބަބުންކަން އެނިގެންދާނެއެވެ. މިކަންތަކާމެދު ފުންނަޒަރަކުން ވިސްނައިފި މީހަކަށް، އޭނާގެ އަމިއްލަނަފްސުންވެސް މިކަމުގެ ޙަޤީޤަތް ފެނިގެންދާނެއެވެ.”

ތަވްޙީދުގެ އަހުލުވެރިޔާ ހުރިހާކަމެއްގައިވެސް އިޚްލާޞްތެރިވާނެއެވެ. އޭނާ ކޮންމެކަމެއްވެސް ކުރާނީ ﷲއަށްޓަކައެވެ. ވަޒީފާއެއް އަދާކުރިކަމުގައިވިއަސް އޭނާ ފަރުވާބަހައްޓާނެއެވެ. އެހެނީ އަމާނާތްތެރިކަމަކީ ﷲ ލޯބިވެވޮޑިގަންނަވާ ޞިފައެއްކަން އެނގުމުން، އެކަމުންވެސް އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލުކުރެވޭތޯ އޭނާ ބަލާނެއެވެ. މީހަކަށް އެއްޗެއް ދިންކަމުގައިވިއަސް ފޮރުވިފައިވާ އެހެން ބޭނުންތަކެއް އޭނާގެ ނޯންނާނެއެވެ. ހުރިހާ ޢަމަލެއްގައިވެސް އިޚްލާޞްތެރިވެ ﷲތަޢާލާގެ ރުހިވޮޑިގަތުން ޙާޞިލުކުރެވޭތޯ އޭނާ ގަދައަޅައި މަސައްކަތްކުރާނެއެވެ. ނަތީޖާއަކަށްވަނީ އެފަދަ މީހުންނާ މަސްއޫލިއްޔަތުތައް ހަވާލުކުރެވުމުން މުޖުތަމަޢުތައް އިޞްލާޙުވެގެންދިއުމެވެ.

މިއާއިޚިލާފަށް، ތަވްޙީދުގެ އަހުލުވެރިންނޫން މީސްމީހުންނާ ކަންތައްތައް ހަވާލުވުމުން މުޖުތަމަޢުތައް ދާނީ ހަލާކުވަމުންނެވެ. އެހެނީ އޭނާ އެއްވެސް ކަމެއްގައި އިޚްލާޞްތެރިއެއް ނުވާނެއެވެ. ދުނިޔަވީ ކޮންމެވެސް ފައިދާއެއް ޙާޞިލުކުރަން މެނުވީ އޭނާ އެއްވެސްކަމެއް ނުކުރާނެއެވެ. މީހަކަށް ނުފެންނަތަނެއްގައި ކިތަންމެބޮޑު ޙަރާމްކަމެއް ކުރުމަކަށްވެސް އޭނާ ފަސްނުޖެހޭނެއެވެ. ސަބަބަކީ، ހުރިހާކަމެއް ބައްލަވާވޮޑިގެންވާ އެއްކައުވަންތައިލާހަކު ވާކަމާއި، އެއިލާހު، ހުރިހާކަމަކާމެދު ސުވާލުކުރައްވާނެކަން އޭނާގެ ވިސްނުމަކު ނުވާނެއެވެ.