[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 25 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

KALIMAA

قَالَ اللَّهُ تَعَالَى: الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الأمْنُ وَهُمْ مُهْتَدُونَ (الأنعام: ٨٢)
އީމާންވެ، އެބައިމީހުންގެ އީމާންކަން އަނިޔާއަކާއި، (އެބަހީ: ޝިރުކަކާއި) މަސްހުނި ނުކުރި މީހުން ދަންނައެވެ. އަމާންކަން ލިބިގެންވާ މީހުންނަކީ އެބައިމީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނަކީވެސް ހަމައެބައިމީހުންނެވެ.
___________________________________
ޝަރަޙަ

އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް ރަޙިމަހުﷲ، މިބާބު ފައްޓަވާފައިމިވަނީ، އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ޤައުމުގެމީހުންނާ ކުރެއްވި ބަހުސް ބަޔާންކުރެއްވުމަށްފަހު، ﷲތަޢާލާ ވަޙީކުރައްވާފައިވާ އާޔަތުންނެވެ.

އިބްރާހީމް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން އަޅުކަންކުރަމުން އައީ ތަރިތަކަށެވެ. އެހެންކަމުން ﷲތަޢާލާ، އެއިލާހުގެ ޚަލީލު އިބްރާހީމް ޢަލައިހިއްސަލާމް، އެބައިމީހުންނަށް ތަވްޙީދަށް ގޮވައިލެއްވުމަށްޓަކައި ފޮނުއްވެވިއެވެ. އޭރު، ﷲއެއްކައުވަންތަކުރާ އެއްވެސްބަޔަކު އެބައިމީހުންގެ ތެރޭގައި ނުވެއެވެ. އެއެންމެންވެސް އަޅުކަންކުރަމުން އައީ ﷲތަޢާލާ ފިޔަވައި އެހެންފަރާތްތަކަށެވެ.

ބައްޕައާއި ޤައުމުގެ މީހުން ބުދުތަކަށް އަޅުކަންކުރާތީ، ތުއްޕުޅުއިރުވެސް އެކަލޭގެފާނު އެކަމާ ދެކޮޅުހައްދަވައެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ آتَيْنَا إِبْرَاهِيمَ رُشْدَهُ مِنْ قَبْلُ وَكُنَّا بِهِ عَالِمِينَ (٥١) إِذْ قَالَ لأبِيهِ وَقَوْمِهِ مَا هَذِهِ التَّمَاثِيلُ الَّتِي أَنْتُمْ لَهَا عَاكِفُونَ (الأنبياء: ٥٢-٥١) “އަދި ހަމަކަށަވަރުން، ނަބީކަން ހަވާލުކުރެއްވުމުގެ ކުރިން، އިބްރާހީމްގެފާނަށް، ތިމަންއިލާހު ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަންއިލާހު މޮޅަށްދެނެވޮޑިގެންވަމެވެ. ބައްޕާއަށާއި، ޤައުމުގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަމުންދާ މިބުދުތަކަކީ ކޮން އެއްޗެއްހެއްޔެވެ؟

ﷲތަޢާލާ އެކަލޭގެފާނަށް އެއިލާހުގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ ތަފާތު ހެކިތައްދެއްކެވިއެވެ. އެއީ، އެއިލާހުގެ އެއްކައުވަންތަކަން އެކަލޭގެފާނަށް ޔަޤީންކޮށްދެއްވުމުގެ ގޮތުންނެވެ. މިކަންތައް އެނގިވަޑައިގަތުމުން، ޤައުމުގެ މީހުންނަށް ﷲގެ އެއްކައުވަންތަކަމަށް ދަޢުވަތުދެއްވަން އެކަލޭގެފާނު ފެއްޓެވިއެވެ. އެކިގޮތްގޮތުން އެމީހުންނަށް ﷲތަޢާލާގެ އެއްކައުވަންތަކަމުގެ ހެކިތައް ބަޔާންކޮށްދެއްވިއެވެ. އެމީހުން އަޅުކަންކުރަމުން އަންނަ އެއްޗިއްސަކީ އަޅުކަންކުރުން ޙައްޤުވާ އެއްޗެހިތަކެއް ނޫންކަން ބަޔާންކޮށްދެއްވިއެވެ.

މިގޮތުން އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިސްނައިދެއްވުމަށްޓަކައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅު ބަޔާންކުރައްވައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَلَمَّا جَنَّ عَلَيْهِ اللَّيْلُ رَأَى كَوْكَبًا قَالَ هَذَا رَبِّي فَلَمَّا أَفَلَ قَالَ لا أُحِبُّ الآفِلِينَ (الأنعام: ٧٦) ” ދެންފަހެ، ރޭގަނޑުގެ އަނދިރިކަން އެކަލޭގެފާނުގެ މައްޗަށް ފެތުރުނުހިނދު، އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގެން (އެކަލޭގެފާނުގެ ޤައުމަށް) ވިދާޅުވިއެވެ. (ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރައްބެވެ. ދެންފަހެ، އެތަރި އޮއްސުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޮއްސިފުހިދާ ތަކެއްޗަކަށް އަހުރެން ލޯތްބެއްނުކުރަމެވެ.” މިހެން އެކަލޭގެފާނު ވިދާޅުވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެތަރިތަކަކީ އެއީ އަޅުކަން ޙައްޤުވެގެންވާ އެއްޗެއް ނޫންކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ.

ހަމަމިފަދައިން، ހަނދު އަރައިގެން އަންނަތަން ފެނިވަޑައިގެންނެވުމާއެކުވެސް އެކަލޭގެފާނު ވިދާޅުވިއެވެ. هَذَا رَبِّي فَلَمَّا أَفَلَ قَالَ لَئِنْ لَمْ يَهْدِنِي رَبِّي لأكُونَنَّ مِنَ الْقَوْمِ الضَّالِّينَ (الأنعام: ٧٧) “(ތިޔަބައިމީހުން ހީކުރާގޮތުގައި) މިއީ އަހުރެންގެ ވެރިރައްބެވެ. ދެންފަހެ، އެ ހަނދު އޮއްސިފުހުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންގެ ވެރިރައްބު ތެދުމަގުގައި އަހުރެން ޘާބިތު ނުކުރެއްވިނަމަ، މަގުގެއްލި، ފުރެދިގެންވާ މީހުންގެ ތެރެއިން އަހުރެން ވެއްޖައީސްކަން ކަށަވަރެވެ.” އަދި އެއަށްފަހު އިރު އަރައިގެން އަންނަތަން ފެނިވަޑައިގަތުމުންވެސް އެކަލޭގެފާނު ވިދާޅުވިއެވެ. هَذَا رَبِّي هَذَا أَكْبَرُ فَلَمَّا أَفَلَتْ قَالَ يَا قَوْمِ إِنِّي بَرِيءٌ مِمَّا تُشْرِكُونَ (الأنعام: ٧٨) “(ތިޔަބައިމީހުން ހީކުރާ ގޮތުގައި) މިއީ އަހުރެންގެ ވެރިރައްބެވެ. (ހަނދަށްވުރެން) މި، މާބޮޑެވެ. ދެންފަހެ، އެ އިރު އޮއްސުނުހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ޝަރީކުކޮށް ތިޔައުޅޭ (ބުދުތަކާއި، އިރު ހަނދުފަދަ) ތަކެތިން، ހަމަކަށަވަރުން، އަހުރެން ބަރީއަވެގެންވަމެވެ.إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ (الأنعام: ٧٩) “ހަމަކަށަވަރުން އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ފަރާތަށް (ﷲއަށް) އަހުރެންގެ މޫނު ކުރިމަތިކޮށްފީމެވެ. (އެބަހީ: އެފަރާތަށް ތިމަންކަލޭގެފާނު ކިޔަމަންތެރިވެއްޖައީމެވެ.) އަދި މުޝްރިކުންގެ ތެރެއިން އަހުރެން ނުވަމެވެ.

އިރުހަނދާއި ތަރި އެއީ އިލާހުންތަކެއް ނޫންކަން، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިސްނޭނެފަދަ ގޮތަކަށް ބަޔާންކޮށްދެއްވުމަށްފަހު، އެކަލޭގެފާނު އެއްއެއްޗެހިން ބަރީއަވެގެންވާކަން ބަޔާންކޮށްދެއްވިއެވެ. އަދި އެކަލޭގެފާނު އިމާންވެވަޑައިންގަންނަވަނީ އުޑުތަކާއި ބިމުގެ ވެރިއިލާހަށްކަން އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި އަޅުކަންކުރުން ޙައްޤު ހަމައެކަނި ފަރާތަކީ އެއިލާހުކަންވެސް ބަޔާންކޮށްދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުން، މިކަންތައް ޤަބޫލުކުރުމުގެ ބަދަލުގައި، އެކަލޭގެފާނާއި ދެކޮޅުވެރިވެ ބަހުސްކުރަން ފެށިއެވެ. މިގޮތުން އެކަލޭގެފާނުގެ ބައްޕަ ދެއްކިވާހަކަތައް، ﷲ ތަޢާލާ ކީރިތިޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. قَالَ أَرَاغِبٌ أَنْتَ عَنْ آلِهَتِي يَا إِبْرَاهِيمُ لَئِنْ لَمْ تَنْتَهِ لأرْجُمَنَّكَ وَاهْجُرْنِي مَلِيًّا (مريم: ٤٦) ” އޭނާ ބުންޏެވެ. (އެބަހީ: އިބްރާހީމްގެފާނުގެ ބައްޕަ ބުންޏެވެ) އޭ އިބްރާހީމްއެވެ! ތިމަންގެ އިލާހުންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހުރެންނާ ދުރުވެގަންނާށެވެ!

އެބައިމީހުންގެ މިވާހަކަތަކަށް ރައްދުދެއްވަމުން އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅު ބަޔާންކުރައްވައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَحَاجَّهُ قَوْمُهُ قَالَ أَتُحَاجُّونِّي فِي اللَّهِ وَقَدْ هَدَانِي وَلا أَخَافُ مَا تُشْرِكُونَ بِهِ إِلا أَنْ يَشَاءَ رَبِّي شَيْئًا وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا أَفَلا تَتَذَكَّرُونَ (٨٠) وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلا تَخَافُونَ أَنَّكُمْ أَشْرَكْتُمْ بِاللَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانًا فَأَيُّ الْفَرِيقَيْنِ أَحَقُّ بِالأمْنِ إِنْ كُنْتُمْ تَعْلَمُونَ (الأنعام: ٨١-٨٠) ” އެކަލޭގެފާނުގެ ޤައުމުގެމީހުން (ﷲގެ އެއްކައުވަންތަކަމާމެދު) އެކަލޭގެފާނާ ޖަދަލުކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲއާމެދު ތިމަންކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ އެއިލާހުވަނީ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާފައެވެ. ތިޔަބައިމީހުން އެއިލާހަށް ޝަރީކުކޮށްއުޅޭ ތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުންގެ ވެރިރައްބު އިރާދަކުރައްވައިފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުންގެ ވެރިރައްބުގެ ދެނެވޮޑިގަތުން ހުރިހައި ތަކެއްޗަކަށް ތަނަވަސް ވެގެންވެއެވެ. ތިޔަބައިމީހުން ފަހެ، (ތިމަންކަލޭގެފާނު މިބަޔާންކޮށްދެއްވި ކަންތަކުން) ޢިބްރަތް ޙާޞިލުކޮށް ނަޞީޙަތް ލިބިނުގަންނާނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން (ﷲއަށް) ޝަރީކުކުރި ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދައަކުންހެއްޔެވެ؟ އަދި ހަމަކަށަވަރުން އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެފަދަ އެއްވެސް ޙުއްޖަތެއް ދަލީލެއްނުވާ ތަކެތި ﷲއާއި ބައިވެރިކޮށް ޝަރީކުކުރާކަށް ތިޔަބައިމީހުން ބިރެއްނުގަނެއެވެ. ފަހެ (ތިޔަމައިމީހުންނާއި ތިމަންކަލޭގެފާނާ) ދެބައިމީހުންކުރެ، (ޢަޛާބުން ސަލާމަތްވެ) އަމާންކަން ލިބުން ޙައްޤުކަންބޮޑީ، ކޮންބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!)

އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް ރަޙިމަހުﷲ މިތަނުގައި ގެންނަވާފައިމިވަނީ މި އާޔަތްތަކަށް ފަހު ﷲތަޢާލާ އަންޢާމް ސޫރަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅެވެ. އެބަސްފުޅުގައި އައިސްފައިވަނީ އިސްވެދިޔަ އާޔަތުގައި އިބްރާހީމް ޢަލައިހިއްސަލާމް ކުރައްވާފައިވާ ސުވާލުގެ ޖަވާބެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްވެ އަމާންކަން ލިބިގެންދާނީ ކޮންބައެއްކަމެވެ. الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الأمْنُ وَهُمْ مُهْتَدُونَ (الأنعام: ٨٢) “އީމާންވެ، އެބައިމީހުންގެ އީމާންކަން އަނިޔާއަކާއި، (އެބަހީ: ޝިރުކަކާއި) މަސްހުނި ނުކުރި މީހުން ދަންނައެވެ. އަމާންކަން ލިބިގެންވާ މީހުންނަކީ އެބައިމީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނަކީވެސް ހަމައެބައިމީހުންނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ، މިއާޔަތަކީވެސް އިސްވެދިޔަ އާޔަތްތައްފަދައިން، އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވެފައިވާ ބަސްފުޅު ޙިކާޔަތުކުރައްވައި ﷲތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްކަމުގައެވެ. އޭގެ މާނައަކީ، “ފަހެ (ތިޔަމައިމީހުންނާއި ތިމަންކަލޭގެފާނާ) ދެބައިމީހުންކުރެ، (ޢަޛާބުން ސަލާމަތްވެ) އަމާންކަން ލިބުން ޙައްޤުކަންބޮޑީ، ކޮންބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!)” މިފަދައިން ސުވާލުކުރެއްވުމަށް ފަހު އެއަށް ޖަވާބުދެއްވީވެސް އިބްރާހީމްގެފާނެވެ. ﷲތަޢާލަ މިއާޔަތުގައި ބަޔާންކުރައްވާފައިމިވަނީ އެކަލޭގެފާނު ދެއްވި ޖަވާބެވެ.

ނަމަވެސް، އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ، އިބްރާހީމް ޢަލައިހިއްސަލާމްގެ ސުވާލު ބަޔާންކުރެއްވުމަށްފަހު، މިތަނުގައި އެއިލާހު ގެންނަވާފައިމިވަނީ އިބްރާހީމް ޢަލައިހިއްސަލާމްގެ ބަސްފުޅެއް ނޫންކަމުގައެވެ.

ކޮންމެއަކަސް، އިބްރާހީމް ޢަލައިހިއްސަލާމްގެ ބަސްފުޅެއް ކަމުގައިވިއަސް، އަދި އެކަލޭގެފާނުގެ ބަސްފުޅެއް ކަމުގައިނުވިއަސް، މިކަމުގައި މައްސަލައެއް ނުވެއެވެ. ސަބަބަކީ، އިބްރާހީމް ޢަލައިހިއްސަލާމްގެ ބަސްފުޅަކަށްވިއަސް، އެކަލޭގެފާނު ވާހަކަފުޅުދެއްކެވީ ﷲތަޢާލާ އެކަލޭގެފާނަށް އެންގެވި ގޮތަށެވެ. އެހެންކަމުން މި ދެގޮތަށް ބެލިއަސް އެއީ ﷲގެ ޙަޟްރަތުން އައި ޖަވާބެކެވެ.

  • މިއާޔަތާއި، މިބާބާއި އޮތްގުޅުމަކީ ކޮބާ؟

މިއާޔަތާއި މިބާބާއި އޮތް ގުޅުން ވަރަށް ސާފެވެ. އެހެނީ މިއާޔަތުގައި ބަޔާންވެފައިމިވަނީ ތަވްޙީދުގެ އަހުލުވެރިއެއްކަމުގައި ވުމުގެ މާތްކަމެވެ. ހިދާޔަތު ލިބިގެންވާ، އަދި އަމާންކަން ލިބިގެންވާ މީހެއްކަމުގައި އެމީހާ ވާނެކަމެވެ. އަދި މީގެ އިތުރުން، އެތަނެއްގެ އަހުލުވެރިންނަކީ ތަވްޙީދުގެ އަހުލުވެރިންތަކެއް ކަމުގައި ވެއްޖެނަމަ، އެތަނެއްގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން އޮންނާނެކަންވެސް މިއާޔަތުން އެނގިގެންދެއެވެ.

މިފިލާވަޅުގެ ސުވާލުތައް

1-އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ދެމެދުގައި ކުރެވުނީ ކޮން ބަހުސެއް؟

2-ޢަޛާބުން ސަލާމަތްވެ އަމާންކަން ލިބޭނީ ކޮންބަޔަކަށް؟

3-އަޅުގަނޑުމެން ޝަރަޙަކުރަމުން މިދަނީ ކޮން ބާބެއް؟ އަދި މިބާބުގައި ބަޔާންވެފައިވާ އާޔަތާއި، މިބާބާއި އޮތް ގުޅުމަކީ ކޮބާ؟

4-މި ބާބުގައި ބަޔާންވެފައިވާ އާޔަތަކީ އެއީ އިބްރާހީމްގެފާނުގެ ބަސްފުޅެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފު ތަފްޞީލާއެކު ބަޔާންކުރޭ!

ނުނިމޭ

____________________________________

ކުރީގެ ބައިތައް