[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޒުބައިރު ބުން އަލްޢައްވާމް رضي الله عنه (1)

الزبير بن العوام

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އައްޒުބައިރު  رضي الله عنه އާ ބެހޭގޮތުން ވާހަކަދައްކާނަމަ ޠަލްޙާ رضي الله عنه ގެ ނަންފުޅު ޛިކުރުނުކޮށް ދިއުމަކީ ވަރަށްވެސް ނާދިރުކަމެކެވެ. އަދި ހަމައެފަދައިން ޠަލްޙާ رضي الله عنه އާ ބެހޭގޮތުން ވާހަކަ ދައްކާނަމަ އައްޒުބައިރު  رضي الله عنه ގެ ވާހަކަވެސް ލާޒިމެއްގެ ގޮތުގައި އަންނާނެއެވެ.

އެދެބޭފުޅުންނަކީވެސް ޢާއިލީގޮތުން رسول الله صلى الله عليه وسلم އާއި ގުޅުންހުރި ދެބޭފުޅުންނެވެ. ޠަލްޙާ رضي الله عنه، رسول الله صلى الله عليه وسلم އާ ގުޅެނީ މުއްރާ ބުން ކަޢުބް އާ ހަމައިންނެވެ. އަދި އައްޒުބައިރު  رضي الله عنه ގުޅެނީ ޤުސައްޔު ބުން ކިލާބު އާ ހަމައިންނެވެ. އަދި މީގެއިތުރުން އެކަލޭގެފާނުގެ މަންމާފުޅު ޞަފިއްޔާއަކީ رسول الله صلى الله عليه وسلم ގެ ބައްޕަފަރާތު ބޮޑުދައިތައެވެ.

طلحة رضي الله عنه އާއި الزبير رضي الله عنه އަކީ އެދެބޭކަލުންގެ ދިރިއުޅުއްވުމުގައި ދިމާވާ ކަންތައްތަކުގައި ވަރަށްވެސް އެއްގޮތް ދެބޭފުޅުންނެވެ. އަދި މިދެބޭފުޅުންނަކީވެސް އިސްލާމްދީނަށް އެންމެފުރަތަމަ ވަދެވަޑައިގެން ބޭފުޅުންގެތެރެއިން ހިމެނިވަޑައިގެންނަވާ ދެބޭފުޅުންނެވެ. އަދި ނިކަން ބައްލަވާށެވެ. އެދެބާކަލުންނަކީ ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ލިބޭނޭކަމުގެ އުފާވެރި ޚަބަރު ދެއްވި ދިހަ ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ދެބޭކަލުންނެވެ. އަދި އެދެބޭކަލުންނަކީ عمر رضي الله عنه އަށްފަހު ޚަލީފާއަކު ހޮވުމުގެ މަސްޢޫލިއްޔަތުގައި ހޮއްވެވި ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ދެބޭކަލުންނެވެ.

الزبير رضي الله عنه ގެ ވާހަކައަށް ބަލާއިރު، އެކަލޭގެފާނަކީ އިސްލާމްވެވަޑައިގަތުމުގައި އަވަސްވެވަޑައިގެން ބޭކަލެކެވެ. އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެން ހަތް ބޭކަލުންގެތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަންނަވައެވެ. މިހެންވެ އެކަލޭގެފާނަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެން ބޭކަލުންނާ އެކީ ދާރުލް އަރުޤަމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭކަލެކެވެ. އިސްލާމްދީނުގެ ހިދާޔަތުން އެކަލޭގެފާނަށް ހިދާޔަތު ލިބިވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ އެންމެ ފަނަރަ އަހަރެވެ.

އެކަލޭގެފާނަކީ ކުޑައިރުއްސުރެވެސް އަސްދުއްވުމުގައި ކުޅަދާނަ ވަރުގަދަ ފަހުލަވާނެކެވެ. ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އިސްލާމްދީނުގެ ޙައްޤުގައި ފުރަތަމަ އުފުލުނު ކަނޑިއަކީ އައްޒުބައިރު  رضي الله عنه ގެ ކަނޑިކޮޅެވެ.

އައްޒުބައިރު  رضي الله عنه އަކީ އެކަލޭގެފާނުގެ ޤަބީލާގައި ޤަދަރުވެރި ބޭކަލެއްކަމުގައި ވިޔަސް ޤުރައިޝުންގެ އުނދަގުލާއި ދުއްތުރާތަކާއި އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނަށް އަނިޔާކުރުމުގައި އެންމެ އިސްކޮށް އުޅުނީ ޚުދު އެކަލޭގެފާނުގެ ބޮޑުބޭބެއެވެ. އޭނާ އެކަލޭގެފާނު ރަޖައެއްފަދަ އެއްޗަކަށް ލައި އޮޅާލުމަށްފަހު އެކަލޭގެފާނު ނޭވާ ހާސްވަންދެން އަލިފާނުން އެއަށް ހޫނު ކުރެއެވެ. އަދި ބުނެއެވެ. “ކަލޭގެފާނު މުޙައްމަދުގެ ކަލާނގެއަށް ކާފިރުވާށެވެ. އޭރުން އަހުރެން މިއަނިޔާކުރުން ހުއްޓާލާނަމެވެ. ޒުވާން ޞަޙާބީ، އެކަލޭގެފާނުގެ ބޮޑުބޭބެގެ މިކުފުރުގެ ބަސްތަކަށް ހަރުކަށިކަމާއެކު ތަޙައްދީ ކުރައްވަމުން ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ދެން ތިމަންކަލޭގެފާނު ޝިރުކުގެތެރެއަށް އެނބުރި ނުދާނަމެވެ.”

އައްޒުބައިރު  رضي الله عنه އަކީ ޙަބުޝްކަރަޔަށް މުސްލިމުން ކުރި ހިޖުރައިގައިވެސް ބައިވެރިވެވަޑައިގެން ބޭކަލެކެވެ. އެއަށްފަހު އެކަލޭގެފާނު ވަޑައިގަތީ މަދީނާއަށެވެ. އެކަލޭގެފާނު رسول الله صلى الله عليه وسلم ގެ އަރިހުގައި އެއްވެސް ހަނގުރާމައެއް ބައިވެރިވެވަޑައިނުގެން ދޫނުކުރައްވައެވެ. ހަށިކޮޅަށް ލިބިލައްވާފައިވާ ޒަޚަމްތަކުގެ ސަބަބުން އެމާތް ހަށިކޮޅުގައި ލާފައިވާ ލަކުނުތައް ވަރަށްވެސް ގިނަގުނައެވެ. އެލަކުނުތައްވެސް ރަމްޒުކޮށްދެނީ އެކަލޭގެފާނުގެ ހިއްވަރުފުޅުގަދަކަމާއި، ދީނަށްޓަކައި ވެވަޑައިގެން ޤުރުބާނީއެވެ.

އެކަލޭގެފާނުގެ ހިއްވަރުފުޅުގަދަކަމުގެ މި ނިޝާންތައް ދެކިވަޑައިގެންނެވި އެކަލޭގެފާނުގެ އެކުވެރިޔަކު އެމަންޒަރު ސިފަކޮށްދެއްވިގޮތް އަޑުއަހާލަމާތޯއެވެ. އެ އެކުވެރިޔާ ވިދާޅުވިއެވެ. “ކަނޑީގެ ޒަޚަމްތަކުގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުގައި ލާފައިވާ ގިނަގުނަ ލަކުނުތައް ތިމަން ދެކުނީމެވެ. އެކިއެކި ގޮތްގޮތަށް އެކަލޭގަފާނުގެ މޭފުޅުގައި ލާފައިވާ ލަކުނުތައް ހީވަނީ ހެދިފައިވާ ހޮއިތަކެއް ހެންނެވެ. އަހުރެން ބުނީމެވެ. ”ކަލޭގެފާނުގެ ހަށިކޮޅުގައި ތިވަނީ ތިމަންނާ ދުވަހަކުވެސް ނުދެކޭ ނިޝާންތަކެކެވެ.” ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނުގެ ހަށިކޮޅުގައި ލާފައިމިވާ ކޮންމެ ލަކުނަކީ ﷲ ގެ މަގުގައި އަދި رسول الله صلى الله عليه وسلم ގެ އަރިހުގައި ވަނިކޮށް ލާފައިވާ ލަކުނުތަކެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް