[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޒުބައިރު ބުން އަލްޢައްވާމް رضي الله عنه (2)

الزبير بن العوام

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އުޙުދު ހަނގުރާމާގައި ޤުރައިޝުންގެ ލަޝްކަރު ހަނގުރާމައިން ބަލިވެގެން މައްކާއާއި ދިމާއަށް އެނބުރި ދާންފެށުމުން، އެބައިމީހުން ފަހާލުމަށްޓަކައި އެބައިމީހުންގެ ފަހަތުން ދިއުމަށް، ހަތްދިހަ މުސްލިމް ހަނގުރާމަވެރިންގެ މައްޗަށް الزبير އާއި أبوبكر رضي الله عنهما އިސްކުރައްވައި ފޮނުއްވެވިއެވެ. އެއީ އޭގެ ސަބަބުން މުޝްރިކުންގެ ހިތްތަކަށް ބިރުވެރިކަންވަދެ، ދެވަނަ ފަހަރަށް މަދީނާއަށް ހަމަލާދިނުމަށް އަޔަ ނުދިނުމަށްޓަކައެވެ. މުސްލިމުންގެ މި މަދު މީސްކޮޅު ޤުރައިޝުންގެ ބޮޑުލަޝްކަރު ފަހަތުން އެބައިމީހުން ފަހާ ދުއްވައިގަތެވެ.

މުސްލިމުންގެ މީސްކޮޅު މަދުކަމުގައިވިޔަސް ފުރަތަމަ ސަފުގައި الزبير رضي الله عنه އާއި أبوبكر رضي الله عنه ދެއްކެވި ގަދަފަދަ ޖޯޝުގެ ސަބަބުން، މުޝްރިކުންނަށް ހީވެގެން ދިޔައީ އެބައިމީހުންގެ ފަހަތުން މިއަންނަ ގަދަފަދަ ލަޝްކަރަކީ رسول الله صلى الله عليه وسلم ގެ މުޅި ލަޝްކަރުކަމުގައެވެ. އަދި އެބައިމީހުން އެއުޅެނީ އަހަރެމެންގެ މައްޗަށް ގަދަފަދަ ހަމަލާއެއްދިނުމަށް ކަމުގައެވެ. މިހެން ހީކޮށް ޤުރައިޝުންގެ މިބޮޑު ލަޝްކަރު މަދު މުސްލިމުންކޮޅެއް ދެކެ ބިރުން، އެބަމީހުންގެ ދުވެލި މައްކާއާއި ދިމާއަށް ހަލުވިކޮށްފިއެވެ.

ޔަރުމޫކު ހަނގުރާމައިގެ ދުވަހު އައްޒުބައިރު رضي الله عنه ދެއްކެވި ގަދަފަދަ ހިތްވަރުގެ ސަބަބުން އެކަލޭގެފާނު ވެގެންދިޔައީ، އެކަލޭގެފާނު އެކަނިވެސް ބޮޑު ލަޝްކަރެއްފަދަ ބޭކަލަކަށެވެ. ރޫމީންގެ ލަޝްކަރުގައިވާ ގަދަފަދަ ފަރުބަދަތަކެއްފަދަ ފަހުލަވާނުން ފެނި، އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައިވާ މުސްލިމުން ފަހަތަށް ޖެހޭތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން، الله أكبر އޭ ވިދާޅުވެ ރޯމަނުންގެ އެގަދަފަދަ ލަޝްކަރަށް އެކަލޭގެފާނު އެކަނި ވަރުގަދަ ހަމަލާއެއް ދެއްވިއެވެ. އެއަށްފަހު ކުޑަކޮށް ފަހަތަށް ޖެހިލުމަށް ފަހު އެބިޔަލަޝްކަރުގެ ތެރެއަށް ސަފުތައް ފޫއަޅުވަމުން ވެންނެވިއެވެ. އެއަށްފަހު ހިތްވަރުފުޅު ދެރަނުކުރައްވައެވެ. އަދި ފަހަތަށްޖެހިވަޑައި ނުގަންނަވައެވެ.

ﷲ އެކަލޭގެފާނަށް ރުއްސަވާށިއެވެ. އެކަލޭގެފާނަކީ ﷲގެ މަގުގައި ޝަހީދުވުމަށް ލޯބިކުރައްވާ، އެކަމަށް ހިތްވަރުކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ޠަލްޙާ އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ނަންދެއްވަނީ ރަސޫލުންނާއި ނަބިއްޔުންގެ ނަންފުޅުންނެވެ. އެހެނެއްކަމަކު އަހުރެން އަހުރެންގެ ދަރިންނަށް ނަންދީއުޅުނީ ޝަހީދުންގެ ނަންނަމުންނެވެ. އަދި އެބައިމީހުން ޝަހީދުންގެ ގޮތުގައި މަރުގެންނަވާށިއެވެ. “

އެގޮތުން عبدالله بن جهش رضي الله عنه  ޝަހީދުވެވަޑައިގަތުމަށްފަހު އެކަލޭގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެން ދަރިކަލުންނަށް عبدالله އޭ ކިޔާ، ނަންދެއްވިއެވެ. އަދި މުންޛިރު رضي الله عنه  ޝަހީދުވެވަޑައިގަތުމުން ދެން ލިބިވަޑައިގެން ދަރިކަލުންނަށް މުންޛިރުގެ ނަމުން ނަންދެއްވިއެވެ. އަދި ތިންވަނަ ދަރިކަލުންނަށް އުރުވާ އޭ ކިޔާ ނަންދެއްވިއެވެ. އެއީ ޝަހީދުވި ޞަހާބީ އުރުވާ ބުން އަމްރު رضي الله عنه ގެ ނަމުންނެވެ. އަދި ހަމްޒާ ބުން އަބީޠާލިބް رضي الله عنه ޝަހީދުވެވަޑައިގަތުމަށްފަހު، ދެން ލިބިވަޑައިގެން ދަރިކަލުންނަށް ހަމްޒާއޭ ވިދާޅުވިއެވެ. އަދި ޖަޢުފަރު رضي الله عنه  ޝަހީދުވެވަޑައިގަތުމަށް ފަހު އެކަލޭގެފާނުގެ ނަމުންވެސް ބޭފުޅަކަށް ނަންދެއްވިއެވެ. އަދި މުޞްޢަބު ބިން ޢުމައިރާއި ޚާލިދު ބުން ސަޢީދު ޝަހީދުވެވަޑައިގަތުމުން އެދެބޭކަލުންގެ ނަމުންވެސް އެކަލޭގެފާނުގެ ދެބޭފުޅަކަށް ނަން ދެއްވިއެވެ.

އެކަލޭގެފާނުގެ ސިޔަރަތު ބުނާގޮތުން، އެކަލޭގެފާނު ދުވަހަކުވެސް ތަނެއްގެ ގަވަރުނަރުކަން ކުރައްވާފައެއް ނުވެއެވެ. އަދި މީސްތަކުންގެ އަތުން ޓެކްސް ނެގުމުގެ މަސައްކަތްޕުޅު ކުރައްވާފައެއްވެސް ނެތެވެ. އެކަލޭގެފާނު ކުރެއްވިހާކަމަކީ ﷲ ގެ މަގުގައި ޖިހާދުކުރުމެވެ. އެކަލޭގެފާނު އެހެންމީހުންނަށް ބަރޯސާނުވެ އުޅުއްވުމުންނާއި، އަމިއްލަ ނަފްސަށް ކުރައްވާ އިތުބާރުން ދައްކުވައިދެނީ އެކަލޭގެފާނުގެ ހަނގުރާމަވެރި ޝަޙްޞިއްޔަތެވެ. އެއްލައްކަ ހަނގުރާމަވެރިން އެކަލޭގެފާނާ އެކު ހަނގުރާމަކުރެއްވިޔަސް، އެކަނިހުރެ ހަނގުރާމަކުރާ މީހެއްފަދައިން އެކަލޭގެފާނު ފެންނާނެއެވެ. ހަނގުރާމާގައި ނަޞްރުހޯދުމަކީ ހަމައެކަނި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް ފަދައިންނެވެ. އާއެކެވެ. އެކަލޭގެފާނުގެ ހަނގުރާމަވެރި ޝަޙްޞިއްޔަތު އެކަލޭގެފާނުގެ ޘާބިތުވެލެއްވުމާއި އެކަލޭގެފާނުގެ ގަދފަދަކަމުން ފެންނާނެއެވެ.

ހުނައިނު ހަނގުރާމާގައި، އެހަނގުރާމަ ނިމުމަށް ފަހު ހަވާޒިނުގެ ސަރުދާރު އަދި މުޝްރިކުންގެ ލަޝްކަރުގެ ޢަމީރު މާލިކު ބުން ޢައުފް އޭނާގެ ނާކާމިޔާބުވި ލަޝްކަރުގެ ބާކީތިބި މީސްކޮޅާއިއެކު ފިލާތިއްބާ الزبير رضي الله عنه އަށް ފެނިވަޑައިގަތެވެ. މިބައިމީހުން އޭރު ދިޔައީ މުސްލިމުންނަށް ފާރަލަމުންނެވެ. الزبير رضي الله عنه އަށް މިމަންޒަރު ހަމަ ފެނިވަޑައިގަތުމާއިއެކު، ގިނިކަންޏާ އެބައިމީހުންގެ ތެރެއަށް ވަދެވަޑައިގެން އެބައިމީހުންނަށް ގަދަފަދަ ހަމަލާއަކުން ހަމަލާދެއްވައި ބައިބައިކޮށްލިއެވެ.

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް