[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޒުބައިރު ބުން އަލްޢައްވާމް رضي الله عنه (3)

الزبير بن العوام

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

رسول الله صلى الله عليه وسلم، އައްޒުބައިރު رضي الله عنه  އަށް ތަޢުރީފުކުރައްވާ މިންވަރާއި، އެކަލޭގެފާނުދެކެ ވެލައްވާ ލޯބިފުޅު ވަރަށްވެސް ބޮޑެވެ. އެއްފަހަރަކު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” ހަމަކަށަވަރުން ކޮންމެ ނަބިއްޔަކަށްވެސް حواري އެއް ވެއެވެ. ތިމަންކަލޭގެފާނުގެ حواري އަކީ زبير بن العوام އެވެ. ” [1]

އެކަލޭގެފާނު ޚާއްޞަވަނީ އެކަލޭގެފާނަކީ ހަމައެކަނި رسول الله صلى الله عليه وسلم ގެ ދެބެންގެ ދެދަރި ބޭކަލަކަށްވާތީ ނުވަތަ އަސްމާ ބިންތި އަބޫބަކުރު ގެ ފިރިކަލުންނަށް ވާތީއެއްނޫނެވެ. އެހެނެއްކަމަކު، އެކަލޭގެފާނަކީ ހިއްވަރުފުޅުގަދަ، ޖެހިލުންކުޑަ، ކެރޭ،ދީލަތިފުޅު އަދި ތަޤުވާވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޖާނާއި މާލުން ﷲގެ މަގުގައި ޤުރުބާންވެވަޑައިގެން ބޭފުޅެކެވެ.

އެކަލޭގެފާނު އުޅުއްވީ އަބުރުވެރި ދިރިއުޅުއްވުމެކެވެ. އެކަލޭގެފާނުގެ މާތް ޞިފަތައް ނުހަނު ގިނަގުނައެވެ. އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަކަމާއި، އެކަލޭގެފާނުގެ ދީލަތިފުޅުކަމަކީ ގުޅިލާމެހިފާއިވާ ދެކަންތަކެވެ. އެކަލޭގެފާނަކީ ކާމިޔާބު ވިޔަފާރިއެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެކަލޭގެފާނު އެއިން ލިބިވަޑައިގެން ހުރިހާއެއްޗެއް ހޭދަކުރެއްވީ الله سبحانه وتعالى ގެ މަގުގައެވެ. އެކަލޭގެފާނު ﷲ އަށް ކުރައްވާ އިތުބާރަކީ އެކަލޭގެފާނުގެ ދީލަތިފުޅުކަމާއި، ހިތްވަރުފުޅުގަދަކަމުގެ ސިއްރެކެވެ.

ޖަމަލު ހަނގުރާމައިގެ ދުވަހު އެކަލޭގެފާނަށް ހަނގުރާމަޔާއި ދުރުހެލިވެވަޑައިގެން ހުންނެވުން އެއީ އެންމެ ރަނގަޅު ގޮތެއްކަމުގައި ވިސްނިވަޑައިގެން އެގޮތަށް ނިންމެވިއެވެ. ނަމަވެސް މުޖުތަމަޢުގައި ފިތުނަފަސާދަ އުފެއްދުމަށް ފެންބޮވައިގެންފައިވާ ޖަމާޢަތެއް އެކަލޭގެފާނުގެ ފަހަތަކުން ނުނެއްޓުނެވެ. އެންމެ ފަހުން އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް ހައްދުފަހަނައަޅާފައިވާ ނުލަފާ މީހަކު އައިސް އެކަލޭގެފާނު ޝަހީދުކޮށްލީއެވެ.

މިނުލަފާ ޤާތިލު ދެން ދިޔައީ ޢަލީގެފާނުގެ އަރިހަށެވެ. އޭނާ ހީކުރީ އައްޒުބައިރު رضي الله عنه ގެ މަރުގެ ޚަބަރުލިބިވަޑައިގެން އަދި އެކަލޭގެފާނު އަތުން ގެނައި ކަނޑި ޢަލީގެފާނަށް ދެއްވުމުން އެކަލޭގެފާނު އެކަމާ އުފާފުޅު ކުރައްވާނެކަމަށެވެ. ނަމަވެސް علي رضي الله عنه އަށް ޒުބައިރުގެފާނުގެ ޤާތިލް އައިސް ހުރިކަން އެނގިވަޑައިގަތުމުން ވިދާޅުވިއެވެ. ” ޞަފިއްޔާގެ ދަރިކަލުންގެ ޤާތިލަށް ނަރަކަ ހުރިކަމުގެ އިޢުލާން ކުރާށެވެ. ” އަދި އެކަލޭގެފާނަށް الزبير ގެ ކަނޑިކޮޅު ފެނިވަޑައިގަތުމުން އޭގައި ބޮސްދެއްވައި ވިދާޅުވިއެވެ. ” ކަނޑިއެކެވެ. އެކަނޑީގެ ސާހިބާ رسول الله صلى الله عليه وسلم ގެ ހިތާމަތައް އެތައް ދުވަހެއް ވަންދެން ދުރުކުރިއެވެ. “

އަހުރެމެން އައްޒުބައިރު رضي الله عنه އާ ބެހޭގޮތުން ދައްކަމުން މިއައި ވާހަކަ ނިންމާލުމަށްޓަކައި އިމާމް علي رضي الله عنه ގެ މިބަސްފުޅަށްވުރެ ރަނގަޅީ ވަކި ކޮން ބަސްފުޅެއް ހެއްޔެވެ؟

رسول الله صلى الله عليه وسلم ގެ މާތް ޞަޙާބީއަށް ސަލާމާއި ﷲ ގެ ރުއްސެވުން ލައްވާށިއެވެ.

____________________________-

[1] حواري: އަކީ އެމީހެއްގެ ގާތުގައި އެންމެ ޚާއްޞަ މީހުންނެވެ.

= ނިމުނީ=

މިލިޔުމުގެ އެހެނިހެން ބައިތައް