[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒިނޭކުރުން

މާތްވެގެންވާ އިސްލާމްދީން އެކަންކަމަށް އަމުރުކުރެއްވި ކަންކަމަށް ފަސްޖެހުމުން އެދީން އެކަންކަން ނަހީ ކުރެއްވި ކަންކަމުން ދުރުހެލިނުވެ މިދުނިޔޭގެ ދިރިއުޅުމަކީ އެގޮތަކުން މިގޮތަކުން ގެންގޮސް ނިންމާލަނިކޮށް އެންމެ ރަނގަޅު ވެދާނޭ ކަމެކޭ އެއްބަޔަކަށް ވިސްނެމުންދާކަމީ ކޮޅެއްނެތްހައި ހިތާމަވެރިކަމެކެވެ. މާތްރަސްކަލާނގެ ނަހީ ކުރެއްވި ކަންތަކުގެ ތެރެއިން އެންމެ ނުބައި، އެންމެ ނުރައްކައު، އެންމެ ސުންޕާ އެއްކަމަކީ ފިޠުރަތުގެ ސުންނަތް ގޮތާއި ޚިލާފަށް އިންސާނަކު އުފެދިދާނެގޮތެއް މެދުވެރި ކުރުމެވެ.

ކައިވެނީގެ ޙަލާލު ގުޅުމާއި ނުލައި، އަންހެނަކާއި ފިރިހެނަކާއި ދެމީހުން ޝަހުވާނީ އުފާވެރިކަން އޭގެ ޠަބީޢީ ގޮތުން ލިބިގަތުމެވެ. ޢާއިލީ ދިރިއުޅުމެއްގެ މަތިވެރި މަސްއޫލިއްޔަތު ބޮލު އެޅުމާއި ނުލައި “ތަނާސުލީ ކުޅިއަށް ބޭނގު ލުމެވެ” ދުލަށް ބަރު ނަމަވެސް މިއަށްވުރެ އެނގުން ފަސޭހަ ޢިބާރާތަކުން ދަންނަވާނަމަ “ޒިނޭ ކުރުމެވެ.” ޒިނޭގެ ނުބައި ކަމާއި، އޭގެ ނުރައްކާތެރި ކަމާއި ސުންޕާ ކަމަށްޓަކައެވެ. ޒިނޭގެ ޢިމްރާނީ ޤަވާޢިދަށް ހުރި ޖިނާޢަތަށްޓަކައެވެ. ޒިނޭގެ ދެފަރާތަށް ހަމަތަކުގެ ކުރިމަތީގައި ހުރި ފަޟީޙަތަށްޓަކައެވެ. ޒިނޭގައި، އިންސާނިއްޔަތަށްހުރި ޙުރުމަތް ކުޑަކަމަށްޓަކައެވެ. ލޯބީގެ މަޒުހަބުގައި ޒިނޭއަށްހުރި ލަޢުނަތަކަށްޓަކައެވެ. އިލާހީ ދީން އެދީނަށް ގޮވައިލެވުނު އެންމެ ފުރަތަމަ އިންސާނާއިން ފެށިގެން، އެދީނުގެ ބަލާޣު އިވުނު އެންމެ ފަހު މީހަކަށް ދާންދެން، ޒިނޭ ކުރުން ނަހީ ކުރެއެވެ. އޭގެ މުޤައްދިމާތަކާއި ބެހުން މަނާ ކުރެއެވެ. ޒިނޭގެ ކުށްވެރިޔާއަށް، އޭގެ ނުބައިކަން ވިސްނޭވަރުގެ ޢުޤޫބާތް ކަނޑައަޅައެވެ.

މިއަދުގެ އިސްލާމީ ޤާނޫނު ޒިނޭއިން މަނަޢަވެގަތުމަށް އިންސާނުންނަށް އަމުރު ކުރަނީ، އާދައިގައި އެކަނި ޤާނޫނީ މާއްދާއަކަށް ބާރުލާ ގޮތަށްވުރެ ޚާއްޞަ ގޮތެއްގައެވެ. އެމާއްދާގެ މައުޟޫއަށް ވައުޒާއި ނަޞީޙަތުންވެސް ލެވޭން އޮތްހައި ބާރެއް ލާފައެވެ. وَلَا تَقْرَبُوا الزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا- الإسراء 32 ޔަޢުނީ ތިޔަބައިމީހުން ޒިނޭއާއި ގާތްވެސް ނުވާށެވެ! ޒިނޭއަކީ ޙަރާމް ކަންތަކުގެ ތެރެއިން ހުތުރުކަން ބޮޑުވެގެންވާ ނުބައި ކަމެކެވެ. އޭގެ މަގަކީ، މަގުތަކުގެ ތެރެއިން ނުބައިކަން ބޮޑުވެގެންވާ ނުރައްކާތެރި މަގެކެވެ.  

ކަމަކާއި ގާތްނުވާން އެންގެވުމަކީ، އެކަން ނުކުރާން އެންގެވުމަށްވުރެ އިތުރަށް، އެކަމާބެހޭ އެތަށް ކަމަކުން، ދުރުހެލިވާންވެސް އެންގެވުމެކެވެ. ޒިނޭއާއި ގާތްވުމަކީ، ޙަލާލުނެތް ފިރިހެނަކު އޭގެ އަންހެނަކާ ކައިރިވުމެވެ. ޙަލާލުނެތް އަންހެނަކު އޭގެ ފިރިހެނަކާއި ގާތްވުމެވެ. ޝަހުވާނީ ހޫނުކަން އުފައްދާގޮތުގައި އޭގެ އެކަކު އަނެކަކަށް ބަލައިލުމެވެ. ހީލުމެވެ. ބަހެއްބުނުމެވެ. ސަލާމް ކުރުމެވެ. މީޢާދެއް ކަނޑައެޅުމެވެ. ބައްދަލުވުމެވެ.

ޝައްކެއް ވަސްވާހެއްނެތެވެ. ވަސްމީރު މާކޮށްޓެއްގެ ނުވަތަ ރަހަމީރު މޭވާ ކޮށްޓެއްގެ ވަށައިގެން ހިނގާން ފަށައިގެންފި މީހާ އޭގެ މަލެއްގައި ނުވަތަ މޭވާއެއްގައި ޖެހުން ކައިރިވެގެންވެއެވެ. مَنْ حَالَ حَولَ الحِمَى يُوشِكُ أَنْ يَقَعَ فِيْهِ “ނަހީވެގެންވާ ގަހެއްގެ މޭވާއިން، ރައްކައުތެރި ވެވޭނީ، ވީހައި ވަރަކަށް ގަހާއި ދުރުހެލި ވެގެންނެވެ.”

ޒިނޭގެ ނުބައި ކަމާއި އޭގެ ސުންޕާ ކަމޭތޯއެވެ؟ ޒިނޭއަށް އަރައިގަންނަމީހާ، ނުވަތަ އެކަމުގައި ބައިވެރިވާ ދެމީހުން އެހުއްދަ ކުރަނީ، ބަލައި ބޮޑު ކުރުމުގެ ޒިންމާ ދާރުކަން އުހުލާނޭ ބަލަދުވެރިޔަކު ނެތްގޮތުގައި، އިންސާނަކު ދުނިޔެއަށް އުފެއްދުން ނޫންތޯއެވެ؟ ޢާއިލީ ގުޅުމުން އެއްވެސް ނަސަބަކާއި ގުޅިގެންނުވާ، އެކަނިވެރި ނިކަމެއްޗެއް ވުޖޫދަށް ގެނައުމެއް ނޫންތޯއެވެ؟ ޖަމާޢަތުގެ ކުރިމަތީގައި ހަމަތައް ނިޔާކުރާ ގޮތުން އަބަދު ލަދުން ރަކިވެފައި، އަދި، މޮޅިން ރޮވިރޮވި ހުންނާނޭ ކުއްޖަކު ޙަޔާތުގެ މާރުކޭޓަށް ދޫކޮށްލުމަށް ނޫންތޯއެވެ؟

މިހެން ކަމަށްވާނަމަ، މިމާތްވެގެންވާ، އިންސާނީ ނަވްޢަށް ޒިނޭގެ ދެމީހުންނަށް އެކުރެވޭ ޖިނާޢަތުގެ މިންވަރަކީ ކޮބައިތޯއެވެ؟ ދުނިޔޭގެ ޢިމްރާނިއްޔަތަށް އެދެމީހުން އެޚިޔާނާތްތެރިވާ ޚިޔާނާތުގެ ވަޒަން ކުރެވޭނެތޯއެވެ؟

އާދޭހެވެ! އާދޭހެވެ! ގެއްލުމުގެ ކޮޅެއްނެތެވެ. ޒިނޭގެ ފިރިހެނާ، ޒިނޭއިން އުފެދުނު ދަރި، ދަރިއެއް ކަމަށް ޤަބޫލުކޮށްގެން ދުނިޔޭގެ ލޮލަށް ޙަޤީޤަތާއި ޚިލާފު މަންޒަރެއް ދައްކައިލިޔަސް، މާތްރަސްކަނލާގެ ދީނުގައި އެއީ އެމީހާގެ ދަރިއެއްނޫންކަމާއި މެދަކު އެއްވެސް އޮޅުމެއް ނެތެވެ. ދަރިއެއްކަމަށް ބޭރުފުށުން ޤަބޫލުކޮށްގެން، އެހުރި ޤަބޫލު ކުރުމަކީ، އަބަދަށްޓަކައި ފާފަވެރިވުމެކެވެ. އެކުއްޖާއަށް ދަރިފުޅެކޭ ހިތުމީވެސް، އަދި ދަރިފުޅެކޭ ކިޔުމީވެސް އިންތިހާ ދަރަޖައިގެ ފާފައެކެވެ. އެކުއްޖާގެ ކިބައިން ދަރިއެއްގެ އެއްވެސް ހޭހަނެއް ލިބިގަތުމީ ކަނޑައެޅިގެންވާ ބޮޑު އަނިޔާއެކެވެ. ފާފަތަކުގެ ތެރެއިން އަރައިހުރި ފާފައެކެވެ. އެފަދަ ކުއްޖަކު މީހަކާއި އިނުމަށް ޒިނޭގެ ވެރިޔާ ވަލީދިން ކަމުގައި ވިޔަސް، އެވަލީގެ ކައިވެންޏާއި، އެކައިވެނީގެ މައްޗަށް އުފެދެމުންދާ ދަރީންގެ ޙައްޤުން ޒިނޭގެ ވެރިޔާ ފާފަވެރިވަމުން ދާނީ އަބަދަށްޓަކައެވެ. ފަހުގެ ސަލާމަތް ލިބުން ވަރަށްވެސް ދުރު ގޮތެއްގައެވެ.

ޒިނޭއިން އުފެއްދި ދަރި ކޮންމެވެސް މަގަކުން އެހެން މީހެއްގެ ދަރިއެއްކަމަށް ހަމަޖެހޭނެ ގޮތެއް މެދުވެރިވެއްޖެނަމަ، ބަފައިނޫން މީހަކަށް އެދަރި ނިސްބަތް ކުރި ކަމުގެ މައްޗަށް ތަރުތީބުވަމުން ދާނޭ ނުރަނގަޅު ކަންތަކާއި، ނުބައި ފާފަވެރިކަން ކުރީން ދެންނެވި ކަންކަމަށްވުރެ ނުބައި ކަމުގައި އަރާހުއްޓެވެ.

އެމީހާގެ ނޫން ދަރިއަކަށް ދަރިއެއްގެ ގޮތުން ޚަރަދު ކުރަނީއެވެ. ދަރީގެ މުދައު ބަފައިނޫން މީހަކަށް، ބަފައިގެނަމުން ވާރުތަ ވަނީއެވެ. ބަފައިނޫން މީހެއްގެ ބަލަދު، ބަފައިގެ ނަމުން އެކުއްޖާއަށް އަރަނީއެވެ. ބަފައިނޫން މީހަކު ދަރިނޫން ކުއްޖެއްގެ ވަލީ، ދަރީގެ ގޮތުގައި ދެނީއެވެ. ބަފައިނޫން މީހެއްގެ ދަރީންގެ ވަލީއާއި ބަލަދު ދުރުހިލޭ ކުއްޖަކަށް، ބަފައިގެ ދަރީގެ ގޮތުގައި އަރަނީއެވެ. މިކަހަލަ އެމައްޗަށް ފާފަވެރި ވުމާއި، ދެދުނިޔޭގެ ލަޢުނަތް ލިބުންހުރި އެތައް އެތައްކަމެއްގެ ނިމުމެއްނެތް ސިލްސިލާގެ ބޮޅުފައްޗެއް ފާސިދު ކަމުން އަމުނާން ފެއްޓި ދެމީހުންގެ ޙާލުގެ ނުރައްކައު ކަމާއެވެ.

ބައެއް މައިން ޒިނޭގެ ފަޟީޙަތަށްޓަކައި ދަރިޔަށްކުރާ ޖިނާޔަތުގެ ބާވަތްތަށް އެނގި ފައުޅުވެގެންވެއެވެ. އަދި ބައެއް މައިން އެކަނިމާއެކަނި ޒިނޭގެ ދަރިޔާއިގެން ބިކަ ހިނގާ ހިނގުން ވަންހަނާވެގެން ނުވެއެވެ. ޒިނޭގެ ދަރި އެއަމަޔަށް ނިސްބަތްވާ ގޮތުން ދަރިޔާއިގެން ހިނގާ ހިނގުމުން، ދަރީގެ ޙާލުގެދޫ އަމާގެ ފާފަވެރިކަން މައްޗަށް އަބަދަށްޓަކައި ކުރާ ފުރައްސާރަ، ސަރީޙައެވެ. ޒިނޭގެ ދަރި ނިކަމެތި ކަމުގެ ކޮޅުނެތްކޮޅުގައި، ބަފައެއް ނެތުމުގެ ޙައްޤުން ނިކަމެތި ކަމުގެ ދަރަޖަތައް ފަހަނަޅަމުން ދާއިރު އެދަރި، ޙަރާމް ގޮތުގައި އުފެދުން ހުއްދަކުރި، ދެމީހުންގެ ނަމުގައި ލިޔެވެމުންދާނޭ ލިޔުމުގެ ފަތް އެމީހުންގެ ކަރުގައި، އެލުވައި ލެވޭނޭ ދުވަސް މާކަދުރެއްގައި ނުވެއެވެ.

ޒިނޭއަށްވުރެ ރޯދި ބަރަކާތް ކުޑަކުރާ ކަމެއް ނެތްކަމުގައި، އިތުރު ނަބީ ކަލޭގެފާނު ޙަދީޡް ކުރައްވައިފައި ވެއެވެ. ޒިނޭ ގިނަވެއްޖެ ތަނަކު، ރޯދި ބަރަކާތް ކުޑަވެފައި ބަލާ ބަލިމަޑުކަން ގިނަވަމުންދާކަމީ އެނގެމުންދާ ތަޖުރިބާއެކެވެ.

ޙަލާލުގެ ގޮތުގައި އޭގެ ވަޒަނުން ތަނާސުލުގެ މަގުން ދެމަފިރިން ބައްދަލުވުމަކީ، އެކަނި އުފަލެއްނޫނެވެ. ނުހަނު މަތިވެރި ސިއްޙީ ފައިދާ ތަކުން ފުރިގެންވާ ކަމެކެވެ. އަދި އަޚްލާޤީ ބަލިތަކުގެ ނެތްފަދަ ބޭހެކެވެ. މިއާއި ޚިލާފަށް ޙަރާމް ގޮތުގައި އަންހެނަކާއި ފިރިހެނަކާއި، އެރޮނގުން ބައްދަލުވުމީ އުފަލެއްވެސް ނޫނެވެ. އެއްވެސް މަޢުނައެއްނެތް ބަހީމީ ކަމެކެވެ. ބުނަންވެސް ނޭނގޭފަދަ ނުބައި ބަލިތައް ވާރުތަ ކުރާ ކަމެކެވެ. ބަދު އަޚްލާގީ ބަލިތަކުގެ ނުބައި ފަނިތައް އުފައްދާ ކަމެކެވެ.

ޝައްކެއްނެތެވެ. ފިރިހެނުންނާ ފިރިހެނުން ގުޅުން ހިންގުމަކީ، އިންސާނީ ޠަބީޢަތާއި ހަމަ މުޅިން އިދިކޮޅު ކަމެކެވެ. ޢިމްރާނީ ޤާނޫނުގެ އެންމެބޮޑު ދުޝްމަނެވެ. ފާފަވެރިކަމުގެ ކޮޅެއްނެތް ކަމެކެވެ. މިކަމުގެ ހެއްކަކަށްވެސް ބޭނުމެއްނުވެއެވެ.

ޒިނޭގެ ޙައްދަކީ، ދުވަހަކުވެސް މީހަކާ ނުއިންނަ މީހަކުނަމަ، ސަތޭކަ އެތިފަހަރުން ބާރަށް ތަޢުޒީރު ކުރުމެވެ. އަދި އަހަރަކަށް އަރުވައިލުމެވެ. ކުރީން މީހަކާއި އިނދެފައި ހުރި މީހަކުނަމަ ރަޖަމު ކުރުމެވެ. ރަޖަމު ކުރުމަކީ، ދީނުގައި ކަނޑައެޅިފައިވާ މަގުން މަރައިލުމެވެ.  

ޒިނޭގެ މައްސަލަ ކުރިއަރަމުން އަންނަނީ ބިރު ގަންނަންވީ ދަރަޖައަކަށެވެ. މިދުވަސްވަރުގައި ރޯދި ބަރަކާތް ކުޑަވަމުންދާކަމީ، މެންދުރުގެ އިރަށްވުރެ ފައުޅުކަމެކެވެ. ޒިނޭގެ ކަންތަކުން އޭގެ ކުށްވެރިން ނަހީނުވާނަމަ ދީނުގައި އޮތް މަގުން ޒިނޭ ކުރާ މީހުނަށް، ޢުޤޫބާތް ދެވޭން ފަށައިފާނޭކަން ދިވެހި ދަރިންނަށް އަޅުގަނޑު ހަނދާން ކޮށްދެމެވެ.

މީގެ ފަހުގައި ޒިނޭގެ ޙައްދު ޖަހާނީ މާތް ކަލާނގެ ވަޙީގެ މިއާޔަތް ނިޔާކުރާ މަގުންނެވެ. އާދޭހެވެ! الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنْ الْمُؤْمِنِينَ-ނޫރު ސޫރަތް 2

“ޒިނޭކުރާއަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހެއްގެގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ. އަދި ﷲ އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާން ވާކަމުގައިވަނީނަމަ، ﷲ ގެ ޙުކުމްތަންފީޒުކުރުމުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުންނުބަހައްޓާހުށިކަމެވެ. އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެބަޔަކު ދެކޭހުށިކަމެވެ.”

 =ސަރުކާރުގެ ޚަބަރު، 1 ޝައްވާލު 1371 އިން ނަގާފައި=