[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެވަނަ ފަހަރަށް ޖިމާޢުވުމުގެ ކުރިން ޠާހިރުވުން

urlދީނުގައި ކަނޑައެޅިފައިވާ ގޮތުން އަނބިމީހާއާއެކު ޖިމާޢުވުމަށްފަހު ފެންވެރުމުގެ ކުރިން އަލުންވެސް ޖިމާޢު ވުމަށް ހީކޮށްފިނަމަ ވުޟޫކުރުން ސުންނަތް ވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ

 

إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ يَتَوَضَّأْ بَيْنَهُمَا وُضُوءًا وَفِيْ رِوَايَة وُضُوْءَهُ لِلصَّلاَةِ فَإِنَّهُ أَنْشَطُ فِيْ الْعَوْدِ  (ޞަޙީޙް މުސްލިމް)

މާނައީ: “ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަނބިމީހާއާއި ޖިމާޢު ވެފައި އަލުން ދެވަނަ ފަހަރަށްވެސް އެކަން ކުރުމަށް ޤަސްދު ކުރާނަމަ އެދެމެދު ވުޟޫ ކުރާށެވެ. އެހެން ރިވާޔަތެއްގައި ވަނީ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. އެހެނީ އެކަން ޔަޢުނީ ވުޟޫ ކުރުމަކީ ހަށިގަނޑުގައި ހީވާގިކަން ގަދަވާކަމެކެވެ.” މިއެވެ.

ނަމަވެސް ޥުޟޫ ކުރުމަށްވުރެ އެދެމެދު ހިނައިގަތުން މޮޅެވެ. ފަހެ އަބޫ ރާފިޢު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްދުވަހަކު ބައެއް އަނބިކަނބަލުންގެ ގާތަށް ވަޑައިގަތެވެ. ކޮންމެ އަނބިކަނބަލެއްގެ ގާތަށް ވަޑައިގެންފާވެސް ނާނޭފުޅު ފިއްލަވާފައި އަނެއް އަނބިކަނބަލުންގެ ގާތަށް ވަޑައިގަންނަވައެވެ. އަބޫރާފިޢު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ރަސޫލުﷲ އެވެ. ކޮންމެ ފަހަރަކު ނާނޭފުޅު ފިއްލެވުމުގެ ބަދަލުގައި އެއްފަހަރު (އެންމެފަހު ފަހަރު) ނާނޭފުޅު ފިއްލަވައިފިއްޔާވާނީ ކީއްތޯއެވެ؟ ޙަދީޘް ކުރެއްވީ

“هَذَا أَزْكَى وَأَطْيَبُ وَأَطْهَرُ” (އަބޫދާއޫދު 216)

މާނައީ: “މިގޮތް ޔަޢުނީ ކޮންމެ ޖިމާޢު އަކަށް ފަހަރަކު ފެންވެރުން ޠާހިރު ކަން ބޮޑުވެފައި ރަނގަޅުކަމާ އަދި މާތްކަން ބޮޑެވެ.” މިއެވެ.

އާދެ މި ވާޤިޢާއާއި މެދު އުފެދިދާނޭ ސުވާލަކަށް ޖަވާބެއްގެ ގޮތުން ދަންނަވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންމެހައި ޙަރަކާތް ފުޅުތަކެއް އޮޅުންފިލުވައި ސާފުކުރެއްވުމަށް އަޞްޙާބު ބޭކަލުން ތިއްބަވަނީ ވަރަށްބޮޑަށް ދަހިވެތިވެގެންފައެވެ. ވީމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ނާނޭފުޅު ފިއްލެވި ކޮންމެފަހަރެއް އަބޫރާފިޢަށް އެނގިވަޑައިގަތީ އެގޮތަށް ފަރުވާތެރިވެ ބެއްލެވުމުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ދީނުގެ މިބާވަތުގެ ކަންތައް ފިލުވައި ދެއްވުމުގެ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫރާފިޢުގެ އަރިހު ވިދާޅުވެ ޙަދީޘްކުރެއްވި ކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް މި ޙަދީޘް ރިވާ ކުރެއްވި ރާވީން މިކަމުގެ ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ. މިފަދަ ކިތަންމެކަމެއް އެމަތިވެރި ސީރަތުން ފެންނަން އެބަހުއްޓެވެ. އެއީ ހައްތާވެސް މުޅި އުއްމަތަށް ވާ ބޮޑު ރަޙްމަތެކެވެ. وَاللهُ أَعْلَم