[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (8)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

4 ވަނަ ނަސޭހަތް: ތިޔަބައިމީހުންގެ ގެތައް ޤިބްލައެއްކަމުގައި ހެދުން

 

މީގެ މާނައަކީ ގެއަކީ އަޅުކަންކުރާތަނެއްގެ ގޮތުގައި ހެދުމެވެ.

ﷲ عز وجل ވަޙީކުރެއްވިއެވެ.

(وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّآ لِقَوْمِكُمَا بِمِصْرَ‌ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ‌ الْمُؤْمِنِينَ) [سورة يونس ٨٧]

މާނައީ: “ތިމަންއިލާހު މޫސާގެފާނާއި، އެކަލޭގެފާނުގެ އަޚް (ހާރޫނުގެފާނު)އަށް ވަޙީކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ ޤައުމުގެ މީހުންނަށް މިޞްރުގައި ގެތައް ހައްދަވާށެވެ. އަދި ތިޔަބައިމީހުންގެ ގެތައް، ޤިބްލައެއްކަމުގައި ހަދައި ނަމާދު ޤާއިމުކުރާށެވެ. އަދި ކަލޭގެފާނު މުއުމިނުތަކުންނަށް އުފާވެރި ޚަބަރު ދެއްވާށެވެ.”

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“އެބައިމީހުންނަށް އަމުރުވެވިގެންވަނީ އެބައިމީހުން ދިރިއުޅޭތަން މިސްކިތްތަކެއް ކަމުގައި ހެދުމަށެވެ.”

އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.

”-ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.- މިކަންވީގޮތަކީ އެބައިމީހުންނަށް ފިރުޢައުނާ އޭނާގެ ޤައުމުގެ މީހުންގެ ފަރާތުން ލިބެމުން ދިޔަ މުޞީބާތްތައް ވަރުގަދަވެ، އެބައިމީހުންނަށް ދަތިކުރެވުމުން، ގިނަގިނައިން ނަމާދުކުރުމަށް އެބައިމީހުންނަށް އެންގެވުނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

(يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ‌ وَالصَّلَاةِ …) [سورة البقرة ١٥٣]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ …”

އަދި ޙަދީޘްގައިވާ ފަދައިންނެވެ.

((كَانَ النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا حَزَبَهُ أَمْرٌ صَلَّى)) [حسنه الألباني في صحيح وضعيف سنن أبي داود ١٣١٩]

މާނައީ: “ނަބިއްޔާ صلى الله عليه وسلم އަށް ބޮޑު ކަމެއް މެދުވެރިވެއްޖެނަމަ އެކަލޭގެފާނު ނަމާދުކުރައްވައެވެ.” (މިހިސާބުން އިބްނު ކަޘީރުގެ ބަސްކޮޅު ނިމުނީއެވެ.)

ގެތަކުގައި އަޅުކަންކުރުމުގެ މުހިންމުކަން މިކަމުން ބަޔާންކޮށްދެއެވެ. އަދި ޚާއްޞަކޮށް ބަލިކަށިކަމުގެ ވަގުތުތަކުގައެވެ. ހަމައެފަދައިން ބައެއް ޙާލަތްތަކުގައި ކާފިރުންގެ ކުރިމަތީގައި ފާޅުގައި ނަމާދުކުރަން މުސްލިމުން ފަސްޖެހޭއިރުއެވެ.

މިމަޤާމުގައި އަޅުގަނޑުމެން މަރްޔަމްގެފާނުގެ މިޙްރާބާ ބެހޭގޮތުން ޛިކުރުކޮށްލާނަމެވެ. އެއީ އެކަމަނާ އެތަނުގައި އަޅުކަންކޮށް އުޅުއްވި ތަނެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

(… كُلَّمَا دَخَلَ عَلَيْهَا زَكَرِ‌يَّا الْمِحْرَ‌ابَ وَجَدَ عِندَهَا رِ‌زْقًا …) [سورة آل عمران ٣٧]

މާނައީ: “… އެކަމަނާގެ އަރިހަށް، މިޙުރާބުގެ ތެރެއަށް ޒަކަރިއްޔާގެފާނު ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަމަނާގެ އަރިހުގައި ރިޒްޤުތައްވާތީ އެކަލޭގެފާނު ދެކެވަޑައިގަނެއެވެ …”

ޞަޙާބީބޭކަލުން رضي الله عنهم ފަރުޟު ނަމާދުތައް ފިޔަވާ އެހެން ނަމާދުތައް އެބޭކަލުންގެ ގެތަކުގައި ކުރެއްވިއެވެ. އަދި އަންނަނިވި ވާހަކައަކީ އެކަމާ ބެހޭގޮތުން އައިސްފައިވާ ވާހަކައެކެވެ.

عَنْ مَحْمُودُ بْنُ الرَّبِيعِ الْأَنْصَارِيُّ، أَنَّ عِتْبَانَ بْنَ مَالِكٍ – وَهُوَ مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ مِمَّنْ شَهِدوا بَدْرًا مِنْ الْأَنْصَارِ – أَنَّهُ أَتَى رَسُولَ اللهِ صَلّى اللهُ عَلَيْهِ وَسَلّمَ، فَقَالَ: يَا رَسُولَ اللهِ! قَدْ أَنْكَرْتُ بَصَرِي وَأَنَا أُصَلِّي لِقَوْمِي، فَإِذَا كَانَتْ الْأَمْطَارُ سَالَ الْوَادِي الَّذِي بَيْنِي وَبَيْنَهُمْ لَمْ أَسْتَطِعْ أَنْ آتِيَ مَسْجِدَهُمْ فَأُصَلِّيَ بِهِمْ، وَدِدْتُ يَا رَسُولَ اللهِ أَنَّكَ تَأْتِينِي فَتُصَلِّيَ فِي بَيْتِي فَأَتَّخِذَهُ مُصَلًّى، قَالَ: فَقَالَ لَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (( سَأَفْعَلُ – إِنْ شَاءَ اللهُ- )). قَالَ عِتْبَانُ: فَغَدَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَأَبُو بَكْرٍ حِينَ ارْتَفَعَ النَّهَارُ فَاسْتَأْذَنَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَذِنْتُ لَهُ، فَلَمْ يَجْلِسْ حَتَّى دَخَلَ الْبَيْتَ، ثُمَّ قَالَ: ((أَيْنَ تُحِبُّ أَنْ أُصَلِّيَ مِنْ بَيْتِكَ؟)) قَالَ: فَأَشَرْتُ لَهُ إِلَى نَاحِيَةٍ مِنْ الْبَيْتِ، فَقَامَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَكَبَّرَ، فَقُمْنَا فَصَفَّفنَا فَصَلَّى رَكْعَتَيْنِ ثُمَّ سَلَّمَ. [رواه البخاري ، الفتح ۱/٥۱٩]

މާނައީ: “މަޙްމޫދު ބުން އައްރަބީޢުލް އަންޞާރިއްޔު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަޞްޙާބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އަންޞާރުންގެ ތެރެއިން ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ބޭކަލެއްކަމުގައިވާ ޢިތުބާން ބުން މާލިކް، ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.

“އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ ލޯ އަނދިރިވާން ފަށައިފިއެވެ. އަދި އަޅުގަނޑުގެ ޤައުމުގެ މީހުންނާއިގެން އިމާމުވެ އަޅުގަނޑު ނަމާދުކުރަމެވެ. ފަހެ ވާރެވެހޭ ހިނދު އަޅުގަނޑާ އެބައިމީހުންނާ ދެމެދުގައިވާ ވާދީގައި ފެންބޮޑުވެއެވެ. އަދި އެބައިމީހުންނާއެކު ނަމާދުކުރުމަށް އަޅުގަނޑަށް އެބައިމީހުންގެ މިސްކިތަކަށް ނުދެވެއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު އަޅުގަނޑުގެ ގޭގައި ނަމާދުކުރުމަށް ވަޑައިގަތުމަށް އަޅުގަނޑު ލޯބިކުރަމެވެ. އޭރުން އެތަން ނަމާދުކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑު ހަދާނަމެވެ.” ވިދާޅުވިއެވެ. ދެންފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

“إِنْ شَاءَ اللَّهُ، ތިމަންކަލޭގެފާނު ތިގޮތަށް ކަންތައް ކޮށްދެއްވާނަމެވެ.”

ޢިތުބާން ވިދާޅުވިއެވެ. ފަހެ ޖެހިގެން އައި ދުވަހު ހެނދުނު ރަސޫލުﷲ صلى الله عليه وسلم އާއި އަބޫބަކުރުގެފާނު ވަޑައިގަތެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم އިޛުނައަށް އެދިވަޑައިގަތުމުން އަޅުގަނޑު އިޛުނަދެއްވީމެވެ. ފަހެ، ގޭތެރެއަށް ވެދެވަޑައިގެން އެކަލޭގެފާނު އިށީނދެ ވަޑައިނުގަންނަވައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“ކަލޭގެފާނު ލޯބިކުރައްވަނީ ގޭގެ ކޮންތާކު ތިމަންކަލޭގެފާނު ނަމާދުކުރެއްވުމަށް ހެއްޔެވެ؟”

ވިދާޅުވިއެވެ.

 ގޭގެ އެއް ފަރާތަށް އަޅުގަނޑު އިޝާރާތްކުރީމެވެ.

ރަސޫލުﷲ صلى الله عليه وسلم ތެދުވެވަޑައިގެން ތަކްބީރު ވިދާޅުވިއެވެ. ފަހެ، އަޅުގަނޑުމެންވެސް އެކަލޭގެފާނުގެ ފަހަތުގައި ތެދުވެ ޞަފު ހަދައިގެން ދެރަކުޢަތްކުރީމެވެ. ދެން އެކަލޭގެފާނު ސަލާމްދެއްވިއެވެ.

_____________________________

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް